އާރޓިކަލް 3 : ދަރިވަރަކަށް ލިބޭ ޢިލްމަކާއިއެކު އެއަށް ޢަމަލުކުރުމުގައި ދެމިހުރުން

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

ކޮންމެ ދަރިވަރަކީ ކޮންމެ ދުވަހަކުވެސް އެތަކެއް ޢިލްމުތަކެއް ޙާޞިލުކުރަމުންދާ ކުއްޖެކެވެ. ނަމަވެސް ބައެއް ދަރިވަރުންގެ ކިބައިން ފެންނަނީ މިޢިލްމުގެޚަޒާނާ އޭނާގެ ވިސްނުމާއި ސިކުޑީގައި ރައްކާތެރި ކުރުމަށްފަހު އެމާތް ޢިލްމަށް ހިތުގައި ލޯތްބެއް އަށަނުގަންނަ މަންޒަރެވެ. ނުވަތަ އެލޯބި އަށަގަންނެވުމަށްޓަކައި ގުނަވަންތަކުން އެއެނގުނު އެއްޗަކަށް ޢަމަލުކޮށް އޭނާގެ ހަށިގަނޑުގައި އެއާދަ ހަރުލައްވަން މަސައްކަތް ނުކުރާތަނެވެ. މިކަމުގެ ސަބަބުން އެޢިލްމެއްގެ ބޭނުން ނުހިފި ބޭކާރު އެއްޗެއްގެ ގޮތުގައި ވެގެންދެއެވެ. ނުވަތަ މަޑުމަޑުން ފޭދެމުންގޮސް އެއެނގުނު އެއްޗެއް އެއްކޮށް ނެތިގެން ދަނީ އޭނާގެ ޙަޔާތަށް އެއިން އެއްވެސް ބޭނުމެއް ނުހިފޭގޮތުގައެވެ.

ކޮންމެ ދަރިވަރަކަށްވެސް ލިބޭ ޢިލްމު އޭނާއަށް ބުނެދެނީ އެއީ އެއަށް ޢަމަލުކުރަންޖެހޭ ހެޔޮކަމެއްގެ ގޮތުގައެވެ. ނުވަތަ އެކަމަކުން ދުރުހެލިވުމަށް އެނގިގެންދިޔަ ތިމާގެ ދުނިޔެއާއި އާޚިރަތަށް ގެއްލުން ދެނިވި ކަމެއްގެ ގޮތުގައެވެ. ވީމާ އަހަރުމެންގެ ސިކުނޑީގައި މިއުފުލާ ފޮތްތަކަކީ، ﷲ އޭނާއަށް ދެއްވި ހިތާއެކު، އެއިން ބޭނުންހިފޭ އެއްޗަކަށް ހެދުމަށް ގަދައަޅާ މަސައްކަތް ކުރަމާއެވެ! އެހެންނޫނީ އަހަރުމެންނެކޭ އިސްވެދިޔަ، މާތްﷲ އެއުންމަތްތަކަކަށް ފޮތް ބާވައިލެއްވި އުންމަތްތަކުގެ މީހުންނެކޭ ތަފާތެއްނެތެވެ. އަދި ޖަނަވާރެއްގެ ބުރަކަށްޓަށް ފޮތްތަކެއް އަރުވައިގެން ދަތުރުކުރުމެކޭ އެއްފަދަވެގެން ހިނގައިދާނެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿ مَثَلُ الَّذِينَ حُمِّلُوا التَّوْرَاةَ ثُمَّ لَمْ يَحْمِلُوهَا كَمَثَلِ الْحِمَارِ يَحْمِلُ أَسْفَارًا ﴾ سورة الجمعة: 5

މާނައީ: [ތައުރާތަށް ތަބާވުމަށް އަމުރުކުރެވުނު މީހުން، ނަމަވެސް އެކަން އަދާނުކުރެވުނު މީހުންގެ މިސާލަކީ ގިނަގުނަ ފޮތްތަކެއް އުފުލާ ހިމާރެއްގެ މިސާލެވެ.]

ތައުރާތަށް ތަބާވާން އަމުރުކުރެވުނީ ޔަހޫދީންނަށެވެ. ޔަހޫދީންނަށް މުޙައްމަދު صلى الله عليه وسلم އާބެހޭ ފުރިހަމަ މަޢުލޫމާތު އެތައުރާތުގައި ދެވުމަށް ފަހުގައިވެސް މުޙައްމަދު صلى الله عليه وسلم އަށް އެބައިމީހުން އީމާންނުވިއެވެ. ތަބައެއްނުވިއެވެ. އެތައުރާތަކަށް އެމީހުން ޢަމަލު ނުކުރިއެވެ. އެހެންކަމަށްވުމާއެކު މާތްﷲ އެމީހުން އެސިފަކުރެއްވީ ފޮތްތަކެއް އުފުލާ ހިމާރުގެ މިސާލެވެ. ހިމާރަކީ އޭގެ މަތީގައި ކިތަންމެ ގިނަފޮތްތަކެއް އުފުލިނަމަވެސް އެއިން އެއްޗެއް ނުވިސްނޭނެ، އެއެއްޗެއް އޭގެ ބުއްދިއަށް އޮޅުންވެސް ނުފިލާނެ އެއްޗެކެވެ. މިކަމުން ދޭހަވަނީ އެޢިލްމަކަށް ޔަޤީންކަން އޮންނަ ވަޙީގެ ޢިލްމު ތިބާއަށް އެނގުމަށް ފަހުގައި އެކަމަކަށް ފުރިހަމައަށް އީމާންވެ އެކަން ހިތުގެއަޑިން ޤަބޫލުކޮށް އެއަށް ޢަމަލުކުރުމުގެ މުހިންމުކަމެވެ. އަދި އެއެއްޗަކަށް ޢަމަލުނުކޮށް ދޫކޮށްލުމުގެ ނުބައިކަމެވެ. ކީރިތި ޤުރުއާނާއި ޞައްޙަ ސުންނަތުން ލިބޭ ކޮންމެ ޢިލްމަކީ ޔަޤީންކަމުގެ ޢިލްމެކެވެ. ވުމާއެކު އެއިން މަޞްދަރަކުން ހެޔޮކަމެއް އެނގިއްޖެނަމަ އެއަށް ޢަމަލުކުރުމެވެ. އެއިން އެކަމަކީ ނުބައިކަމެއްކަން އެނގޭ ކޮންމެ ކަމަކުން ދުރުހެލިވުމެވެ.

ވީމާ ކޮންމެ ދަރިވަރަކުވެސް ފަރުޟު ފަސްނަމާދުގެ ފުރިހަމަ ޢިލްމު ލިބުމަށްފަހު އެކަން އަދާނުކުރުން އެވާނީ ކޮންފަދަ ނުބައިކަންބޮޑު ކަމަކަށްހެއްޔެވެ؟ މައިންބަފައިންނަށް ހެޔޮކޮށްހިތުމާއި، ޢިލްމު އުނގެނެން ގަދައަޅާ މަސައްކަތް ކުރުމާއި، ތެދުބަހުން ވާހަކަދެއްކުމާއި، ބޮޑެތިމީހުންނަށް ކަމޭހިތުމާއި، ނިކަމެތިންނަށް އަޅާލުމާއި ޙަލާލު ކާބޯތަކެތި ކެއުމާއި އަމިއްލަ ޞިއްޙަތު ސަލާމަތުން ބެހެއްޓުމަށް ފަރުވާތެރިވުމާއި، ތިމާގެ އެކުވެރި އަޚާއަށާއި އަވައްޓެރިޔާއަށް އިޙްސާންތެރިވުމާއި، މިއެންމެހައި ކަމެއްގެ މާތްކަމާއި މަތިވެރިކަމުގެ ފުރިހަމަ ޢިލްމު އެނގުމަށްފަހު އެއަށް ޢަމަލު ނުކުރުން ނުވަތަ އެކަންކަމާ ފުށޫއަރާ ގޮތަށް ޢަމަލުކުރުން ވާނީ ކޮންފަދަ ކަމަކަށްތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލުން މުހިންމެވެ!

އަދި ހަމައެފަދައިން ނަމާދު އެޅުމާއި، ޤުރުއާން ނުކިޔެވުމާއި، ދޮގުހެދުމާއި، މަކަރުހަދާ އޮޅުވާލުމާއި، ޓެސްޓުތަކުގައި ކޮޕީކުރުމާއި، މައިންބަފައިންނަށް ނުކިޔަމަންތެރިވުމާއި، އެކުވެރިންނަށް ގޯސްކޮށް ހިތުމާއި، އެހެންމީހުންނަށް ޖެއްސުންކޮށް މަލާމާތްކޮށް ދެރަކޮށްހިތައި ހިތުގައިޖައްސާ ހަނގާ ކުރުމާއި، ވާއަތުން ތަކެތި ކެއުމާއި ބުއިމާއި، ވިޔާނުދާ ރަޙްމަތްތެރިންނާއެކު އުޅުމާއި، ޙަލާލުނޫން ނުވަތަ ޞިއްޙަތަށް ގެއްލުންހުރި ތަކެތި ކައިބޮއި ހެދުމާއި، ތިމާއަށްވުރެ ބޮޑެތިމީހުންނަށް އިޙްތިރާމް ނުކުރުމާއި، ދެޖިންސުގެ ދެމެދުގައި ހިންގާ ފާޙިޝް އެންމެހައި ޢަމަލުތަކާއި، ވަގުތުތައް ބޭކާރުކުރުމާއި މިފަދަ އެންމެހައި ފާފަތަކުގެ ނުބައިކަން އެނގި އެކަމުގެ ޢިލްމާއި ޙުކުމްތައް އެނގުމަށްފަހު، ޢަމަލުން އެކަންކަން ނުފެނުމުގައި ހުރި ނުބައިކަމާއި މެދު ރަނގަޅަށް ވިސްނާލުން ހުއްޓެވެ! މިފަދަ އެންމެހައި ކަންކަމުން ދުރުހެލި ނުވެވޭނަމަ އެޢިލްމެއްގެ ފައިދާއަކީ ކޮބައިހެއްޔެވެ؟ އަދި އެއަކުން ނަރަކައިން ސަލާމަތްކޮށްދޭނޭ އެއްވެސް ކަމެއް ނުވިތަނުގައި، އޭގެ ސަބަބުން އެއްޗެއް ނޭނގޭ މީހަކަށްވުރެ އެފަދަމީހެއްގެ ނުބައިކަން ބޮޑުވެގެން ދިޔައީނޫންހެއްޔެވެ؟

މިޒަމާނުގައި ޢިލްމު އުނގެނޭ ބައެއް ޒުވާނުންގެ ދުލުގެ ޝަކުވާއަކަށްވެފައިވަނީ އެއްޗެހި ރަނގަޅަށް ދަސްނުވާ ވާހަކައާއި ދަސްކުރާ އެއްޗެހި އަވަހަށް ހަނދާނުން ފިލައިގެންދާ ވާހަކައެވެ. އޭގެ ޖަވާބު ޤުރުއާނުން ލިބެން އޮތްގޮތުގައި، މާތް ﷲ ޢިލްމު އޭގެ ފައިދާހުރި ގޮތުގައި ދެއްވަނީ ތަޤްވާވެރީންނަށެވެ. ތަޤްވާވެރިއަކީ ޢިލްމު އުނގެނި އެޢިލްމަކަށް ޢަމަލު ކުރާމީހާއެވެ. މާތްﷲ ވަޙީކުރެއްވިއެވެ:  ﴿ وَاتَّقُوا اللَّهَ وَيُعَلِّمُكُمُ اللَّهُ﴾ البقرة: 282  މާނައީ: [އަދި ﷲ އަށް ތަޤްވާވެރިވާށެވެ! އަދި ﷲ ތިޔަބައިމީހުންނަށް ޢިލްމު އުނގަންނަވައި ދެއްވާނެތެވެ.]

ޢަލީ رضي الله عنه ވިދާޅުވިއެވެ: ((هَتَفَ العِلْمُ بِالعَمَلِ فِإِنْ أَجَابَ وَإِلاَّ ارْتَـحَلَ)) މާނައީ: [ޢިލްމު އެއަށް ޢަމަލުކުރުމަށް ގޮވާލައި ބާރުއަޅައެވެ. ފަހެ އެގޮވާލުމަށް އިޖާބަނުދީފިނަމަ އެޢިލްމު އޭނާއާއި ވަކިވެގެން ދެއެވެ.]

އިބްނުލް ޤައްޔިމް "އަލްޖަވާބުލްކާފީ" މިފޮތުގައި ވިދާޅުވިއެވެ: "ޢަމަލަކާއި ނުލައި ޢިލްމުން ފައިދާ ކުރާނަމަ އަހުލުކިތާބީންގެ (ޔަހޫދީންނާއި ނަޞާރާއިންގެ) ޢިލްމުވެރިންނަކީ ނުބައިބައެއްގެ ގޮތުގައި ﷲ تعالى ސިފަ ނުކުރެއްވީހެވެ. އަދި އިޚްލާޞްތެރިކަމެއް ނެތި ކުރެވޭ ޢަމަލުން ފައިދާއެއް ކުރާނަމަ، މުނާފިޤުންނަކީ ނުބައިބައެއްގެ ގޮތުގައި ﷲ تعالى ސިފަ ނުކުރެއްވީހެވެ.]

ނިންމާލަމުން އަޅުގަނޑުގެ ދުޢާއަކީ މިބަރަކާތުން ފުރިގެންވާ ދީނީ ޢިލްމަށް ޢަމަލުކުރުމުގެ ހެޔޮ ތައުފީޤު މިއަޅާއަށާއި ތިޔަ ލޮބުވެތި ހުރިހައި ދަރިވަރުންނަށާއި އަދި އެންމެހައި މީސްތަކުންނަށް، ދެއްވުމެވެ! އާމީން

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

 

ކިޔުންތެރިންގެ ޚިޔާލުތައް

  1. ތައުފީގު ސާރ ގެ ކޮންމެ ލިއުމެއްވެސް ވަރަށް ފުރިހަމަ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *