އަޙްމަދިއްޔާއަކީ ދަރިވަރުންގެ ކިޔެވުމަށް ގަދައަޅާ މަސައްކަތް ކޮށްދޭ ސްކޫލެއް

އެންމެހާ ޙަމްދު ޘަނާއާއި ތަޢުރީފް ޙައްޤުވެގެންވަނީ ޢިލްމު އުނގެނުމަކީ މުޤައްދަސް އަޅުކަމެއް ކަމުގައި ލެއްވި ކީރިތިވަންތަ ﷲމާތް ސުބުހާނަހޫ ވަތަޢާލާއަށް. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ މިއުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު (ޞ.ޢ.ވ)އަށް. މިޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އިތުރު އާލުންނާއި މިތުރު ސަހާބީން ހިމަނާ ޝާމިލްކުރަން.

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޙިކުމަތްތެރި ޕްރިންސިޕަލް، އަލްފާޟިލް މުޙައްމަދު ރަޝީދު، ސީނިޔާ މެނޭޖްމަންޓްގެ އެންމެހާ މެންބަރުން، ނިޔަނެތި މުދައްރިސުން، އަދި މި އެސެމްބްލީގައި ބައިވެރިވާ އެކުވެރި ދަރިވަރުން. އައްސަލާމް ޢަލައިކުމް.

އަޅުގަނޑުގެ އެންމެ އިސް ވާޖިބެއްގެ ގޮތުން، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ 39 ވަނަ އަހަރީ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ މަދަރުސާގެ އިސްވެރިންނަށާއި، އެންމެހާ މުދައްރިސުން އަދި ލޮބުވެތި ދަރިވަރުންނަށް އަރިސްކުރަން.

އަޙްމަދިއްޔާ އިންޓަރނޭޝަލް ސްކޫލުގެ 39 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަ ކުރެވެމުންދާއިރު، އަޅުގަނޑުގެ ހިތުގައި ވަރަށް ގިނަ ޝުޢޫރުތަކެއް ދަނީ އުފެދެމުން. އަޙްމަދިއްޔާގައި މިހޭދަކުރެވުނު މަދު ދުވަސްކޮޅުގެ ތެރޭގައި އަޅުގަނޑަށް ވަނީ ކިޔެވުމާއި ގުޅުންހުރި ކަންކަމުގެ އިތުރުން، މަދަރުސާގެ އެކި އެކި މުދައްރިސުންގެ އެހީތެރިކަމާއިއެކު އެތައް ހުނަރުތަކެއް ކުރިއެރުވިފައި. އަޅުގަނޑެކޭ އެއްފަދައިން އެހެން ކުދިންގެ ހިތުގައިވެސް މިޝުޢޫރުތައް ހިނގާނޭކަން ޔަގީން. މަދަރުސީ ހަޔާތުގެ އެންމެ ފަހު ދުވަސްތައް މިއަދު ގުނަމުން ދާއިރު، މަދަރުސީ ދައުރުގެ ފޮނި ހަނދާންތަކާއި އެދުރުންގެ ލޭފަވެތި ނަސޭހަތުގެ ބަސްތައް ހިތުތެރޭގައި އަބަދުވެސް އެނބުރެމުންދޭ. އަޙްމަދިއްޔާގައި ތައުލީމް ހާސިލްކުރުމަށް ނިންމި ނިންމުމަކީ މިއަދު އަޅުގަނޑު އެނިންމުމަކާއި މެދު ނުހަނު އުފާކުރާ ނިންމުމެއް. މަދަރުސީ ހަޔާތުގެ ފޮނި މީރުކަން މި ހިޔަލުގައި ހޭދަކުރި ދުވަސްތަކުގެ ތެރޭގައި އަޅުގަނޑަށް ހަމަ ޔަގީނުންވެސް ލިބިގެން ގޮއްސި. އަޙްމަދިއްޔާގެ މުދައްރިސުންނަކީ އަޅުގަނޑުގެ ދެވަނަ މައިންބަފައިން. މަދަރުސާއަކީ އަޅުގަނޑުގެ ދެވަނަ ގޭ. ދަރިވަރުންނަށް މިފަދަ އުފާވެރި، އަދި ކިޔެވުމަށް އެކަށޭނަ މާހައުލެއް ފޯރުކޮށްދެއްވާ ކަމަށްޓަކާ، މިހިޔަލުގައި ތައުލީމް ހާސިލްކުރާ އެންމެހާ ދަރިވަރުންގެ ފަރާތުން، މި މުނާސަބަތުގައި މަދަރުސާއަށް ހިތުގެ އިޚްލާސްތެރިކަމާއިއެކު ޝުކުރު ދަންނަވަން.

ޝައްކެއްވެސް ނެތް ގޮތުގައި، ދުނިޔެއަށް ކުރިމަތިވެފައި މިވާ ދަތި އުނދަގޫ ހާލަތުގެ ތެރެއިން، މިއަދު ހުރިހާ ދަރިވަރުން، އަދި ސްކޫލަށްވެސް މިވަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ. މިދިޔަ އަހަރުގެ ގިނަ ދުވަސްތަކެއް ދަރިވަރުން މަދަރުސާއަށް ހާޒިރު ނުވެ ހޭދަކުރަން ޖެހުމުގެ ސަބަބުން، ކުދިންގެ ކިޔެވުމަށް ވެސް ވަރަށް ބޮޑެތި އުނދަގޫ ތަކަކާއި ކުރިމަތިލާން ޖެހުނު. މިއުނދަގޫ ހާލަތުގައިވެސް އަޅުގަނޑުމެންގެ ކިޔެވުމުގެ ކަންކަމުގައި މަދަރުސާގެ ލޮބުވެތި މުދައްރިސުން ވަރުބަލިކަމެއް ނެތި ވެދެއްވި އެހީތެރިކަމަށް މި މުނާސަބު ވަގުތުގައި ހިތުގެ އެންމެ ފުން މިނުން ފަށްފަށުން ޝުކުރު ދަންނަވަން. ޝައްކެއްވެސް ނެތް ގޮތުގައި މަދަރުސާގެ ލޮބުވެތި ޕްރިންސިޕަލާއި، ސީނިޔާ މެނޭޖްމަންޓްގެ ލަފަޔާއި އެހީތެރިކަމާއި ނުލާ އަޅުގަނޑުމެންނަށް މިދަތި ހާލަތުގައި މިފަދައިން އިންތިޒާމްތައް ހަމަޖެހިގެން ނުދިޔައީސް. އެހެންކަމުން މަދަރުސާގެ ލޮބުވެތި ޕްރިންސިޕަލަށާއި ސީނިޔާ މެނޭޖްމަންޓަށް ފަށްފަށުން ޝުކުރު ދަންނަވަން.

އަހްމަދިއްޔާއަކީ އެހެން ސްކޫލްތަކާއި ޚިލާފަށް ދަރިވަރުންގެ ކިޔެވުމަށް ގަދައަޅާ މަސައްކަތް ކޮށްދޭ ސްކޫލެއްގެ ގޮތުގައި އަބަދުވެސް އޮންނަނީ ފާހަގަވެފައި. އަޅުގަނޑު އެކްސްޓްރާ ކްލާސްތަކާއި އަދި މިނޫނަސް ސްކޫލްގެ ރަސްމީ ގަޑީގެ ބޭރުން އެތައް ވަގުތުތަކެއް ދަރިވަރުންނަށްޓަކާ އަހްމަދިއްޔާގެ މުދައްރިސުން ހޭދަކުރަމުން ގެންދޭ. އަހްމަދިއްޔާގެ އެންމެހާ މުދައްރިސުންނަކީވެސް ދަރިވަރުންގެ ކުރިއެރުމާއި ލާބައަށްޓަކާ ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ހީވާގި މުވައްޒަފުންތަކެއް ކަމީ އަޅުގަނޑުމެން ދަރިވަރުން ނުހަނު އުފަލާއިއެކު ބަލައިގަންނަ ކަމެއް. ތިޔަ މުދައްރިސުން އަޅުގަނޑުމެންނަށްޓަކާ ތިޔަ ކޮށްދެއްވާ އިޚުލާސްތެރި މަސައްކަތްތަކަކީ މިފަދަ މުނާސަބަތެއްގައި ދުލުން ބުނެލާ ބަސްތަކަކުން ޝުކުރު އަދާކުރެވޭނޭ މަސައްކަތްތަކެއް ނޫން. ޝުކުރިއްޔާ ލޯބިވާ މުދައްރިސުން.

އަހްމަދިއްޔާއަކީ ކިޔެވުމުގެ އިތުރުން، އިތުރު ހަރަކާތްތަކުގައިވެސް ދަރިވަރުންނަށް ފަހި ފުރުސަތުތަކެއް ފަހި ކޮށްދޭ މަދަރުސާއެއް. ކުޅިވަރު މުބާރާތްތަކާއި، އަދަބީ އެކި އެކި މުބާރާތްތަކުން ފެށިގެން ޤުރުއާން މުބާރާތްތަކުގެ އިތުރުންވެސް އެކި އެކި ހަރަކާތްތަކުގައި ޤައުމީ ފެންވަރުގަޔާއި، ސްކޫލް ފެންވަރުގައި ވާދަކުރުމުގެ ފުރުސަތު އަހްމަދިއްޔާއިން އަބަދުވެސް ފަހިކޮށްދޭ. މީގެ އިތުރުން ބައިނަލްއަގުވާމީ އެކިއެކި ހަރަކާތްތަކުގައިވެސް އަޙްމަދިއްޔާގެ ދަރިވަރުން އެކިފަހަރު މަތިން ތަމްސީލުކުރަމުން ގެންދޭ. އަޙްމަދިއްޔާގެ ދަރިވަރުން ބައިވެރިވާ ކޮންމެ ހަރަކާތެއްގައިވެސް، ދަރިވަރުންގެ ހުނަރުތައް ކުރިއެރުވުމުގެ ގޮތުން ރަނގަޅު ފެންވަރުގެ ކޯޗުންނާއި ޓްރެއިނަރުންގެ އެހީތެރިކަން ސްކޫލުން ހޯދައިދޭކަމީ، އިތުރު ހަރަކާތްތަކަށް ސްކޫލުންދޭ އިސްކަން، އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ހާމަވެގެންދާ ކަމެއް. އަޅުގަނޑުމެންގެ ހުނަރުތައް ކުރިއެރުވުމުގައި ސްކޫލުން ތިޔަ ވެދެއްވާ އެހީތެރިކަން ނުހަނު އުފަލާއިއެކު ފާހަގަކޮށް ހުރިހާ ދަރިވަރުންގެ ފަރާތުން ވަރަށް އިޚްލާސްތެރި ޝުކުރެއް އަރިސްކުރަން.

ލޮބުވެތި ޕްރިންސިޕަލް. ދަރިވަރުންގެ ލާބައާއި މަންފާއަށްޓަކާ ކުރިޔަށް ގެންދެވޭ ކޮންމެ ކަމެއްވެސް، ވަރަށް ގާތުން ބައްލަވާ، ސަރގެ ހިކުމަތްތެރި އިރުޝާދުތައް ދެއްވާތަން އަޅުގަނޑުމެންނަށް އަބަދުވެސް ފެނޭ. ސަރ އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ، ކިޔެވުމާއި އަދި އިތުރު ހަރަކާތްތަކުގައިވެސް ދަރިވަރުންނަށް ކާމިޔާބީ ހޯއްދަވައިދެއްވުމުގައި ވަރަށް ގާތުން މަސައްކަތްކުރާ މަދަދުގާރެއްގެ ގޮތުގައި. އެހެންކަމުން މި މުނާސަބު ވަގުތުގައި ލޮބުވެތި ޕްރިންސިޕަލް، އަލްފާޟިލް މުޙައްމަދު ރަޝީދަށް ހިތުގެ އިޚުލާސްތެރި ޝުކުރާއި މުބާރިކު ބާދީ އަރިސްކުރަން.

އަޅުގަނޑުގެ ވާހަކަ ކޮޅު ނިންމާލަމުން، އަދިވެސް އެއްފަހަރު، ސްކޫލްގެ 39 ވަނައަހަރުގެ އަހަރީ ދުވަހުގެ ހެޔޮ އެދުމާއި ޔަހުނިޔާ އެންމެހާ ބޭފުޅުންނަށް އަރިސްކުރަން. އަޅުގަނޑުގެ ދުޢާއަކީ އަޙްމަދިއްޔާއަށް އަދަށް ވުރެ ފެހި ފާގަތި މާދަމާއެއް މިންވަރު ކުރެއްވުން.

ވައްސަލާމް ޢަލައިކުމް ﷲ ވަރަޙްމަތު ވަބަރަކާތުހު.

އެޑިޓަރުގެ ނޯޓު: މިއީ، އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަށް 39 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން 21 ފެބްރުއަރީ 2021 ގައި އަޙްމަދިއްޔާ ގައި ބޭއްވި ޚާއްޞަ އެސެމްބްލީ ގައި ސްކޫލްގެ ހަޔަރ ސެކަންޑަރީ ސްކޫލް ކެޕްޓަން މުޙައްމަދު އަޔާޝް ޢަލީ 12 އެޗް ދައްކާފައިވާ ވާހަކަ ކޮޅެވެ.