ކާމިޔާބު މީހަކަށް ވުމަކީ ކޮންމެ ކުއްޖެއްގެވެސް އުއްމީދެކެވެ. ކުރާ ކޮންމެ ކަމެއްގައިވެސް ކާމިޔާބީއާއި ހަމައަށް ވާސިލުވުމަކީ ކޮންމެ ކުއްޖެއް ވެސް ދެކޭނެ ހުވަފެނެކެވެ. ރެޔާއި ދުވާލު ކުރާ ބުރަ މަސައްކަތުގެ ނަތީޖާ ފޮނި ވުމަށް ކޮންމެ ކުއްޖަކުވެސް ބޭނުން ވާނެއެވެ. ގަބޫލު ކުރަންޖެހޭ ހަޤީޤަތަކީ ކާމިޔާބީ އަކީ ކުރެވޭ ބުރަ މަސައްކަތުގެ ފޮނި މޭވާ ކަމެވެ. އޮހޮރިގެން ދިޔަ ދަލުގެ އަގު ކަމެވެ. އުނދަގޫ ރާސްތާއެއް ކަޑައްތުކުރެވި، އުފާވެރި މަންޒިލެއްގައި ކުރެވޭ ބަނދަރު ކަމެވެ. އެ އުފާވެރި މަންޒިލަށް ވާސިލުވުމަށް ކަޑައްތުކުރަންޖެހޭ މަގު އެންމެނަށް އެއްގޮތެއް ނުވާނެއެވެ. މިހެންވުމުގެ ސަބަބުން ރާސްތާ ކަޑައްތުކުރުމަށް ކުރާ މަސައްކަތްތައްވެސް އެއްގޮތް ނުވެދާނެކަން ގަބޫލުކުރަން ޖެހެއެވެ.
ކާމިޔާބީއާއި ހަމައަށް ވާސިލުވުމަށް ކުރަންޖެހޭ އެންމެ މުހިންމު އެއްކަމަކީ އެކަމަށް ހިތުގެ އަޑިން އެދުމެވެ. ސާފު ހިތަކުން އެދިގެން ކުރާ މަސައްކަތް ތަކުގައި މާތް ﷲ ބަރަކާތް ލައްވަވާނެއެވެ. ހަމަ އެހެންމެ ނަމާދަށް ރައްކާތެރިވުމާއި ގިނަ ގިނައިން ކާމިޔާބު ދެއްވުމަށް އެދި ދުއާ ކުރުމަކީ ވެސް ކާމިޔާބަށް ވާސިލުވުމަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމެކެވެ. ނަމާދު ކުރުމުގެ އިތުރުން ކޮންމެ ދުވަހަކުވެސް ކީރިތި ޤުރުއާނުން ކޮންމެވެސް މިންވަރެއް ކިޔެވުމަކީ ވެސް މުހިންމުކަމެކެވެ. ދީނީ އަޅުކަންތަކާއި ގާތްވުމަކީ އެކުއްޖެއްގެ ހިތް އަލިވުމަށް މަގުފަހި ކޮށްދޭ ކަމެކެވެ. މި ކަންކަމަކީ އަޅުގަނޑުމެން މުސްލިމުނަށްވީތީވެސް ކޮންމެހެން ކުރަންޖެހޭ ކަންކަންވެސްމެއެވެ.
ދުޢާ ކުރުމާއި އެއްވަރަށް އެ އެދޭ ކަމެއް ހާސިލު ކުރުމަށް ގަދައަޅާ މަސައްކަތްކުރަން ޖެހޭނެއެވެ. ދެއަތް މައްޗަށް އުފުލާ "ދެއްވާންދޭ، ދެއްވާންދޭވެ" އެކަނި ކިޔުމަކުން ވާނެ ފައިދާއެއް ނޯންނާނެއެވެ. އެހެންކަމުން ދުއާ ކުރުމުގެ އިތުރަށް އެކަން ހާސިލު ކުރުމަށް މަސައްކަތް ކުރަން ޖެހެއެވެ. އިސްލާމްދީނުގައިވެސް ކަމެއް ހާސިލު ކުރަން ބޭނުންވާނަމަ ސަބަބު ތަކުގައި ހިފުމަށް ވަނީ އަންގަވާފައެވެ. އެކަން ހާމަވާ އެތަކެއް ހަދީޘް ތަކާއި އާޔަތްތައް ޤުރުއާނުގައި އައިސްފައިވެއެވެ. ތައުބާ ސޫރަތުގެ 105 ވަނަ އާޔަތުގެ މާނައިގައި ވެއެވެ: {ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން عمل ކުރާށެވެ! ފަހެ، ތިޔަބައިމީހުންގެ عمل ތައް اللَّه ދެކެވޮޑިގެންވާނެތެވެ. އަދި އެކަލާނގެ رسول އާވެސް މެއެވެ. އަދި مؤمن ތަކުންވެސް މެއެވެ. އަދި ނުފެންނަ ކަންތަކާއި، ފެންނަ ކަންތައް ދެނެވޮޑިގެންވާ ރަސްކަލާނގެ حضرة އަށް ތިޔަބައިމީހުން ރައްދުކުރައްވާ ހުށްޓެވެ. ދެން ތިޔަބައިމީހުން ކޮށްއުޅުނު عمل ތަކުގެ خبر ތިޔަބައިމީހުންނަށް އެކަލާނގެ އަންގަވާނެތެވެ.}
ދަރިވަރުން ދުވަހުން ދުވަހަށް ފިލާވަޅުތައް ހެދުމަށާއި ކުރިން ދެވިފައިވާ ފިލާވަޅުތައް މުތާލިއާ ކުރުމަށް އެކަށީގެންވާ ވަގުތު ދޭން ވާނެއެވެ. އިމްތިހާނަށް ތައްޔާރުވާ ދަރިވަރެއްނަމަ، ރިވިޝަން ކަރުދާސްތައް ހެދުމާއި އެހެނިހެން ފަރިތަ ކުރުންތަކަށް ވަގުތު ދޭންވާނެއެވެ. ރޭވުންތެރިކަމާއި އެކު މި މަސައްކަތްތައް ކުރަމުންދާއިރުވެސް އަމިއްލަ ނަފްސަށް ވަގުތު ކޮޅެއް ހުސްކޮށްލުމަކީ މުހިންމު ކަމެއް ކަމުގައި ދެކެން ވާނެއެވެ. އެ ގޮތުން ހިތްހަމަ ޖައްސާލާ ސިކުނޑި ތާޒާ ކޮށްލުމަށް އެކަށީގެންވާ ވަގުތު ހޭދަ ކުރަން ހަނދާނުގައި ބަހައްޓަން ޖެހޭނެއެވެ.

މަންމަމެން އަބަދުވެސް ބުނާ ވާހަކައެއް އޮވެއެވެ. އިލްމަކީ ހިތުން ހިތަށް ފޮނުވޭ ނޫރެކެވެ. އެހެންވީމާ މުދައްރިސުންނަށް އިހުތިރާމު ކުރާށެވެ. މުދައްރިސުން ހިތްހަމަ ނުޖެހޭފަދަ ކަމެއް ނުކުރާށެވެ. އެފަދަ ކަމެއްގެ ސަބަބުން އެ ދޭތެރެއަށް ހުރަހެއް އެޅިއްޖެނަމަ ދަސްކުރުމަށް އުނދަގޫ ވާނެއެވެ. ހިތާއި ހަމައަށް އިލްމުގެ ހުޅުކޮޅު ފޯރުމަށް އުނދަގޫވެގެންދާނެއެވެ. އެހެންކަމުން ކާމިޔާބު ދަރިވަރަކަށްވާން ބޭނުން ނަމަ މުދައްރިސުންނަށް ހައްގުވާ އިހުތިރާމު އަދާ ކޮށްދޭން ޖެހެއެވެ. ތިމާ އަށް ކިތަންމެ ކުޑަ އެއްޗެއް ދަސްކޮށްދޭ ފަރާތަކީވެސް އެދުރެއް ކަމަށްދެކި، އެފަރާތަށް އަދާ ކުރަންޖެހޭ ފުރިހަމަ އިހުތިރާމު އަދާ ކުރަންވާނެއެވެ.
މީހަކު ކަމެއް ހާސިލުކުރުމުން "އެއީ ފަސޭހަ ކަމެއް، މަށަށްވެސް ތިކަން ވާނެ" މިފަދަ އަޑުތައް އިވޭ ފަހަރު މަދެއް ނޫނެވެ. އެފަދަ ބަސްތައް ބުނާ ފަރާތްތަކަށް ހީވެފައި އޮންނަނީ، ކަމެއް ހާސިލު ކުރުމަކީ ފަސޭހަ ކަމެއް ކަމުގައެވެ. ނޫނެކެވެ. ކަމެއް ހާސިލު ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެއީ އެތައް ދުވަހެއް ނުވަތަ ބައެއް ފަހަރު އެތައް އަހަރެއްގެ މަސައްކަތެވެ. އޮހޮރިގެން ދިޔަ އެތައް ކަރުނަ އަކާއި ގުރުބާން ކުރި އެތައް ރެއެއްގެ ނިންޖެވެ. ދެން ނުވާނެ ކަމަށް ހީވެ އެކަމުން އަތް ދޫކޮށްލެވޭ ފަހަރުވެސް އާދެއެވެ. ނަމަވެސް އެފަދަ ހާލަތުގައިވެސް އާއުއްމީދަކާއި އެކު އަނެއްކާވެސް ތެދުވެ ހިނގައިގަތުމަށްވެސް ، ކާމިޔާބަށް ކުރާ ދަތުރުގައި ދަސް ވެގެން ދެއެވެ. އެންމެންވެސް ދަންނަންޖެހޭ ހަގީގަތަކީ ކާމިޔާބީ އަކީ ރޭވެފައި އަލިވާއިރު ހާސިލުވާނެ އެއްޗެއް ނޫންކަމެވެ.