ލީމް

ފަޒާގައި ހިފާފައިވަނީ މަޑު ފިނިކަމެކެވެ. ދަންވަރު ވާރޭ ވެހުނުކަން މަގުތައް މަތީގައި ހެދިފައިހުރި ފެންގަނޑުތަކުން ހާމަކޮށްދެއެވެ. އަރައިގެން އައި އިރާއެކު، މާލޭގެ މަގުތައްވަނީ ހަލަބޮލިވާން ފަށާފައެވެ. ކުދި ކުޅަނދުރުތަކެއް އޭތީގެ މަންޒިލަށް ދަތުރުކުރަން ފަށާހެން ވަޒީފާތަކަށްދާ މީހުން އެމީހަކު ވަޒީފާއަދާ ކުރާ ތަނަކަށް ދާން މިސްރާބު ޖަހާފައިވާއިރު ، ސްކޫލަށްދާ ކުދިންތައްވެސް އެކުދިންގެ ބެލެނިވެރިންނާއެކު އެ ކުއްޖަކު ކިޔަވާ ސްކޫލަށްދެވޭތޯ މިސްރާބު ޖަހަމުންދެއެވެ. ބައެއް ކުދިންގެ މޫނުމަތިން ފެންނަމުންދަނީ އުޖާލާކަމެވެ. އަދި އަނެއްބައި ކުދިން ނިދި މޫނާއެކު ސްކޫލަށްދާން މިސްރާބު ޖަހަމުންދެއެވެ. މުޅި މަގުމަތި އޮތީ ހަލަބޮލިވެފައެވެ. އެހެންމީހުންނެކޭ އެއްފަދައިން ލީމްވެސް ތައްޔާރުވަމުންދިޔައީ އޭނާގެ މަންޒިލަށް ގަޑިއަށް ދެވޭތޯއެވެ.

އިރު އިރުކޮޅާ ކުރިމަތީގައި ހުރި ގަޑިއަށް ނަޒަރު ހިންގާލައެވެ. އަވަސް ކުރަމުން ދިޔަ ހަރަކާތްތަކަށް ނިމުމެއް އައީ ކައިރީގައި އޮތް ފޯނު ރިންގުވާން ފެށުމުންނެވެ. މަޑުމަޑުން ކުސްތަޅާލަމުން ފޯނު ނެގީ ލީމްގެ "ބެސްޓްފްރެންޑް" ގުޅާތީއެވެ. ފޯނު "ލައުޑް ސްޕީކަރަށް" ލަމުން ކުރަމުންދިޔަ މަސައްކަތަށް އަނެއްކާވެސް މަސްޣޫލުވިއެވެ. މިއަދަކީ ލީމް ވަޒީފާގެ އިންޓަވިއުއަށް ދާން އޮތް ދުވަސްކަމުން އޭނާގެ އެންމެ ގާތް ރަޙުމަތްތެރިޔާ މިއޮއް ފަދަ ހެނދުނުވެސް އެ ގުޅާލީ ލީމްއަށް "ގުޑް ލަކް" ކިޔުމަށެވެ. މާގިނައިރު ވާހަކަދައްކަން ނުތިބެ އޭނާ ފޯނު ބޭއްވިއެވެ. ލީމް ހިތްހަމަޖެހޭ ވަރުވުމުން އެންމެ ފަހު ކަމަކަށް ޑްރެސިން ޓޭބަލްގައި ހުރި ސެންޓްފުޅިން ގަޔަށް ސެންޓް ބުރުވާލިއެވެ. އަދި ކޮނޑުގައި ދަބަސް އަޅުވާލައިގެން ގެއިން ނިކުންނަމުން އިންޓަވިއުގައި ބޭނުންވާނެ މުހިންމު ހުރިހާ ލިޔުމެއް ހުރިތޯ ފަހު ފަހަރަށް ބަލައިލިއެވެ.

ކަނޑު ނޫކުލައިގެ ބްލޭޒާއަކާއިއެކު އެއާ ގުޅޭ ގޮތަށް ތިރިން ލައިފައިވާ އޮފީސް ޕޭންޓްސް ގެ ސަބަބުން ކިތަންމެހައިވެސް އޭނާގެ ޝަޚުޞިއްޔަތު ފުރިހަމަކަމަށް ދައްކައެވެ. ގުދުރަތުން ލީމްއަށް ލިބިފައިވަނީ އާދަޔާޚިލާފު ރީތިކަމެކެވެ. ދޮން ހަށިގަނޑެކެވެ.  މުށި ކުލައިގެ ބޮޑު ދެ ލޮލުގައި ހިޔާއަޅަމުންދިޔައީ ދިގު އެސްފިޔަތަކެކެވެ. ކުޑަ ނޭފަތަކާއި ފިޔާތޮށި ކުލައިގެ އެ ރީތި ތުންފަތުގެ ޖާދުލުގައި ހަމަ ކޮންމެ މީހަކުވެސް ޖެހޭހާ ފުރިހަމައެވެ. ރާޅު ބާނި އިސްތަށިގަނޑުން އިތުރު ފުރިހަމަކަމެއް އެ ސޫރައަށް ލިބިފައިވެއެވެ. ލީމް ފެންނަ ކޮންމެ މީހަކުމެ ފުރަތަމަ ނަޒަރުން އެ ސޫރަދެކެ ލޯބިވެވޭނެކަން ޔަގީނެވެ. އަވަސް ފިޔަވަޅުތައް އަޅަމުން ދިޔަ ލީމްއަށް އެތައް ބައެއްގެ ނަޒަރު ހުއްޓެމުންދިޔަކަން އެނގޭ ހާލު އެކަންކަމަށް ސަމާލުކަމެއް ނުދީ ލީމްގެ މަންޒިލަށް ދެވޭތޯ އަވަސްއަވަހަށް ހިނގަމުން ދިޔައެވެ. ލީމްގެ ފިޔަވަޅުތަކަށް ހުއްޓުމެއްއައީ އޭނާގެ މަންޒިލާ ހަމައަށް އާދެވުމުންނެވެ. އަތުގައިވާ މުށި ކުލައިގެ ގަޑިއަށް އަވަސް ނަޒަރެއް ދިނުމަށްފަހު ލީމް ހިނިތުންވެލީ ގަޑިޖެހުމުގެކުރިން އާދެވުމުންނެވެ. ފޯނުގެ ސްކްރީނުން މޫނު ބަލައިލަމުން، ކުރިމަތީގައި ހުރި ބޮޑު އިމާރާތަށް ނަޒަރު ހިންގާލަމުން އިމާރާތުގެ އެތެރެއަށް ލީމް ވަނީ ފަރި ހިނގުމެއްގައެވެ.

އެއްވެސް ފަސްޖެހުމެއްނެތި ، ހަލުވިކަމާއެކު ގޮސް އެ އިމާރާތުގެ ރިސެޕްޝަންގައި އިން ކުއްޖާ ގާތުގައި އިންޓަވިއު އޮތް ތަން އޮޅުންފިލުވުމަށްފަހު އޭނާއާ އެދިމާއަށް މިސްރާބުޖެހީ މި ދެވެނީ ކޮންތާކަށްކަން ނޭނގިއެވެ. ކުރިމަތިވާން އޮތް ކޮޅިގަނޑުގެ ހުރި ބާރުގަދަކަން ނޭނގިއެވެ. ކުރިމަތިލާން މިއުޅެނީ ކާކާކަން ނޭނގޭހާލުއެވެ. މި ކުންފުންޏަކީ ކޮންބައެއްގެ ތަނެއްކަން އެނގޭނަމަ ލީމް އެތަނަށް އިންޓަވިއުއަށް ނައިސްކަން ޔަޤީނެވެ. އިންޓަވިއުކުރަން ހަމަޖެހިފައިވަނީ ތަނަވަސް ބޮޑު ހޯލެއްގައެވެ. ބެހެއްޓިފައިވާ ފުރިހަމަ ފަރުނީޗަރުތަކުން ތަނަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވެއެވެ.

އިންޓަވިއުގެ ބައިވެރިން އިށީންނަން ހަމަޖެހިފައިވާ ތަނުން ގޮނޑިއެއްގައި ލީމްވެސް އިށީނެވެ. އޭސީގެ ފިނިގަދަކަމުން މުޅި ތަނަށް ވެރިވެފައިވަނީ އާދަޔާޚިލާފު ފިނިކަމެކެވެ. ވަގުތު ކުޑަތަންވަމުން ދިޔަހެން ލީމްގެ ހިތް އަވަސްވަމުންދިޔައެވެ. އަބަދުވެސް ހާސްވެ ކަންބޮޑުވެއްޖެނަމަ އަތުގެ އިނގިލަތަކާ ކުޅުމަކީ ލީމްގެ އާދައެކެވެ. މާގިނައިރުތަކެއް ނުވެ ލީމްގެ ނަންބަރު ޖެހިއްޖެއެވެ. ފުން ނޭވައެއް ލުމަށްފަހު ހެދުން ރީތިކޮށްލަމުން އިންޓަވިއުކުރެވޭ ތަނަށްދާން ހިނގައިގަތްއިރު ލިބިފައިވާ ހާސްކަންވަނީ ނުތަނަވަސްކަމަކަށް ބަދަލުވެފައެވެ. އިންޓަވިއުކުރެވޭ ފަރާތްތަކާ ލީމް ކުރިމަތިލީ އެ ރީތި ތުންފަތުން އެންމެ ފުރިހަމަ ހިނިތުންވުމެއް ދައްކަމުންނެވެ. އެއީ ލިބިފައިވާ ހިތްނުތަނަވަސްކަން އިންޓަވިއު ޕެނަލްގައި ތިބި މީހުނަށް ސިއްރު ކުރުމަށްޓަކައެވެ. ލީމްއާ ކުރެވެމުންދާ ސުވާލުތަކަށް އޭނާ ޖަވާބުދެމުންދިޔައީ ފުރިހަމަ އިތުބާރާއެކުއެވެ.

ކޮންމެއަކަސް  15 ވަރަކަށް މިނެޓަށް ދެމިގެންދިޔަ އިންޓަވިއު ނިމި އެތަނުން ނިކުންނަށް ލީމް ހިނގައިގަތް ނަމަވެސް އެތަނުން އެކަކު ބުނި ނަމަކުން ލީމްއަށް ހުރިތަނުން ގުޑިވެސްނުލައި ހުންނަން މަޖުބޫރުވިއެވެ. އަދި ބޭއިޚްތިޔާރުގައި ފަހަތަށް ބަލައިލެވުނެވެ. އިވުނު ނަމުގެ ސަބަބުން އެ ރީތި ދެލޮލުގެ ތެރޭގައި ކަރުނަތައް ބޮނޑިވެގަތެވެ. އަނގައިން މަޑު އާހެއް ނުކުތެވެ. އެހެންނަމަވެސް ހުރެވުނުތަން ހަނދާންވެ އެ ލޮލުގެ ތެރެއަށް ބޮނޑިވެގަތް ކަރުނަތައް ހިންދާލައި ތުންފަތުގައި ދަތްއަޅާލަމުން  އެތަނުން ނުކުންނަށް ލީމްއަށް ހިނގައިގަނެވުނެވެ. ލީމްގެ ހިތުގައިވަނީ ހައިޖާނުގަނޑެއް އުފެދިފައެވެ. މުޅި މީހާ ތުރުތުރުލަނީއެވެ. ހިތުގައި އުފެދިފައިވާ އިޙްސާސްތައް ކޮންޓްރޯލްކުރަން ލީމް ބޭނުންވެއެވެ. ލީމްގެ ބަސްނާހާ ހިތަށް ވިސްނައިދޭން ބޭނުންވީ އެއީ ހީވި ހީވުމެއްކަމުގައެވެ. އެ "ނަން" ކިޔާ އެތައްބަޔަކު މި ދުނިޔޭގައި އުޅޭނެކަން ލީމް ހިތަށް ވިސްނައިދިނެވެ.

އެ ޚިޔާލުތަކުގައި ހުރެ ލީމް ދިރިއުޅޭ މަންޒިލް ފަހަނައަޅާ ދިޔައިރުވެސް ނޭނގުނެވެ. ހޭވެރިކަންވެ އެ ޚިޔާލުތައް ދުރަށްލައި ގެއަށް އައުމަށް ލީމް މިސްރާބުޖެހިއެވެ. މާ ގިނަ އިރެއްނުވެ ލީމްގެ މަންޒިލަށް އާދެވިއްޖެއެވެ. ގެޔަށްވަދެ ތާޒާވެލަމުން ލައިގެން ހުރި އޮފީސް ހެދުން ބާލައި ގަޔަށް ދޫ ބޮޑު ޓީޝާޓެއް ލީމްގެ ގަޔަށް މަހާލިއެވެ. އިންޓަވިއު ރޫމުން އެ އިވުނު ނަމުގެ ސަބަބުން ލީމްގެ މުޅި ދުވަސް ޚަރާބުވީއެވެ. އެ ޚިޔާލުގައި ލީމްއަށް އޮތްވާ ނިދުނެވެ. ދެން ހޭލެވުނީ އަސުރުވާން އުޅެނިކޮށްނެވެ. ހޭލާގޮތަށް ފޯން ބަލައިލުމަކީ ލީމްގެ އާދައެކެވެ. ފޯނަށް އައިސްފައިވާ އީމެއިލް "ނޯޓިފިކޭޝަން" ފެނި ލީމްގެ ހިތް ބާރަށް ތެޅިގަތެވެ.  އެހީ މިއަދު ލީމް އިންޓަވިއުއަށް ދިޔަ ތަނުން ކޮށްފައިވާ މެއިލްއެއްކަން އެނގި އިތުރު ހާސްކަމެއް ލިބުނެވެ. މިހާ އަވަހަށް އެ މެއިލް ކުރީ ވަޒީފާ ނުލިބޭވާހަކަ އެންގުމަށްކަން ލީމްއަށް ހީވިއެވެ. ދިރިއުޅުމުގައި ދިމާވި ކަންތައްތަކުގެ ސަބަބުން ކަންކަމާމެދު ހާސްވެ ކަންބޮޑުވުމަކީ ލީމްއަށް ވާގޮތެކެވެ. ތެޅިތެޅި އޮތް ހިތަކާއެކު އެ މެއިލް ލީމް ހުޅުވާލިއެވެ. ގޭގެ ވައިފައި ސްލޯކަމުން މެއިލްގައި ލިޔެފައިވާ އެއްޗެއް ލޯޑެއްނުވެއެވެ. މިކަމުގެ ސަބަބުން ލީމްއަށް އިތުރު މޮޅިވެރިކަމެއް ލިބުނެވެ. ލީމްއަށް ހިތާހިތުން ޝަކުވާ ކޮށްލެވުނެވެ. އޭނަގެ ހާލާމެދުގައެވެ. އެ ވަޒީފާ އޭނާ ނުހަނު ބޭނުމެވެ.

މާގިނައިރުތަކެއް ނުވެ މެއިލްގައި ލިޔެފައި އޮތް އެއްޗެއް ފެންނަ ވަރުވިއެވެ. އެ ލިޔުން ފެނި ލީމްގެ ދެލޯ ބޮޑުވެގެންދިޔައެވެ. ވާނީވެސް އެހެންތާއެވެ. ލީމްއަށް ވަޒީފާ ލިބުނީއެވެ. ލިބުނު އުފާވެރިކަމުން ލީމްގެ ރީތި ކުދި ދަތްތައް ފެންނަ ވަރަށް އެ މޫނަށް ބޮޑު ހިނިތުންވުމެއް ގެނުވިއެވެ. ލީމްގެ އެތަކެއް އުއްމީދުތަކެއް ، އެތަކެއް ހުވަފެންތަކެއް މި ވަޒީފާއާއި ގުޅިފައިވެއެވެ. މި މެއިލްގައި ލީމްއަށް ވަޒީފާ ލިބިފައިވާ ކަމާއި މާދަމާ ވަޒީފާއަށް ނިކުންނަށްވެސް އަންގާފައިވެއެވެ. ލިބުނު ޚަބަރު އެންމެ ފުރަތަމަވެސް ހިއްސާކުރަން ލީމް ބޭނުންވީ އޭނާގެ އެންމެ ގާތް އެކުވެރިޔާއާއެވެ. ވަޒީފާ ލިބިފައިވާ ވާހަކަ ބުނިއިރު ހީވަނީ ދެއީދު އެއްފަހަރާ ލައިގެން އުޅޭ މީހެއްހެންނެވެ.

އަރައިގެންއައި އިރާއެކު ، ލީމް ހުރީ ވަޒީފާއަށް ދާން ތައްޔާރުވާށެވެ. ވަޒީފާގެ ފުރަތަމަ ދުވަސްކަމުން ކޮންމެހެންވެސް ގަޑިއަށްދާން ލީމް ބޭނުންވެއެވެ. ލޯގަނޑުން އެ ސޫރައަށް ބަލާލަމުން ހިތްހަމަޖެހޭވަރުވުމުން ގެއިން ނުކުންނަށް ލީމް ހިނގައިގަތެވެ. އަދި ޓެކްސީއެއް ނަގައިގެން އޭނާ ވަޒީފާއަދާކުރާ ތަނަށް ދިޔައެވެ. ލީމްގެ ފުރަތަމަ ދުވަސްކަމުން ކުޑަކޮށް ހިތް ނުތަނަވަސްވެފައި ވެއެވެ. ލީމްއާއިއެކު އައިސް އޭނާގެ ޑިޕާޓްމެންޓްގެ ވެރިޔާ ލީމްގެ މަސައްކަތްތައް ބުނެދީ ، މަސައްކަތްކުރަންވީ ތަންވެސް ބުނެދީހެދިއެވެ. ލީމް މަސައްކަތްކުރަންވީ ތަނަށް އައިސް ރަނގަޅަށް ހަމަޖެހިވެސް ނުލެވެނީސް ކައިރިން އިވުނު އަޑަކީ ދުވަހަކުވެސް އެ އަޑުމަތިން އޭނާ ހަނދާން ނުނެތޭނެ އަޑެކެވެ. ލީމްގެ ހަށިގަނޑުގެ ކޮންމެ ނާރެއްގައިވެސް ދައުރުވަމުންދަނީ އެ ސޫރައެވެ. ބޭއިޚްތިޔާރުގައި ލީމް އިސްއުފުލާ ބަލައިލިއިރު ކުރިމަތީގައި ހުރީ ދެވަނަ އެހެންމީހެއްނޫނެވެ. އެ ހިތުގެ ހިތްހަމަޖެހުމެވެ. އެމީހަކަށްޓަކައި އެތަކެއް ކަރުނައެއް އެ ރީތި ދެލޮލުން ބޭލި އިންސާނާއެވެ. އެ ކަސްރަތީ ހަށިގަނޑަކީ ލީމްގެ ހިތުގެ ފިނިކަމެވެ. އެ ފަންއިސްތަށިގަނޑާއި ، އެ ރީތި ތުނބުޅި ބަހައްޓާފައިވަނީ އެއިރެކޭވެސް އެއްގޮތަށް ލީމްއަށް އެންމެ ކަމުދާހެންނެވެ. މިއަދުވެސް އެ ފިރިހެންވަންތަ ސޫރައިގެ ރީތިކަމަށް ބަދަލެއް ނާދެއެވެ. ކުރިން ކޮނޑާހަމައަށް އޮންނަ އިސްތަށިގަނޑު ކޮށާލެވިފައިވާތީ އިތުރަށް ރީތިހެންވެސް ލީމްއަށް ހީވެއެވެ.

ލީމްގެ ބޮޑު ދެލޮލުތެރޭގައި ވިދައިގަތް ކަރުނަތައް އެ ރީތި ކޯތާފަތް މައްޗަށް އޮހޮރެންފެށީ އޭނާގެ އިޚްތިޔާރެއްނެތިއެވެ. މި މަންޒަރު ފެނި އެ ޒުވާނާއަށްވެސް ނުހަނު އަސަރުކޮށްފިއެވެ. ލީމްއަށް އޭނައާ ދިމާއަށް ބަލަން ހުރެވުނީއެވެ. ޝަކުވާތައް އެ ހިތުގައި ބޮއްސުންލާވަރަށް އެބަހުއްޓެވެ. އެގޮތުގައި ތިއްބާ މާޒީގެ ޞަފްޙާތަކަށް ދެމީހުންގެ ހިތްވެސް ދަތުރުކުރަންފެށިއެވެ.

އެއީ މީގެ 3 އަހަރުކުރިއެވެ. ދެމީހުންވެސް އުޅުނީ ކޮލެޖްގައެވެ. އެއްވެސް ޚިޔާލެއް ފިކުރެއްނެތި ދުވަސްތައް ހުސްކުރަމުންދިޔައީ ޒުވާންކަމުގެ ޖޯޝްގައެވެ. އީނަމްއަކީ މުޅި ކޮލެޖްގައިވެސް އެންމެ ނަންހިނގާ ޒުވާނާއެވެ. އެތައް އަންހެންކުދިންނެއް އެ ރީތި ކަމުގެ ޖާދޫގައި ޖައްސަމުން ދިޔައެއްކަމަކު އޭނައަކީ މުޅި ކޮލެޖްގައިވެސް ހުރި އެންމެބޮޑު "ޕްލޭ ބޯއީ" އެވެ. ލީމްއާ އީނަމްއާ އުޑާ ބިމާހާ ތަފާތެވެ.

ލީމްއަކީ ކިޔެވުމަށް މޮޅު މަޑުމައިތިރި ޒުވާނެކެވެ. ފިރިހެންކުއްޖަކާ ވައި އެޅެންވެސް ލީމް ބޭނުމެއް ނުވެއެވެ. ނަމަވެސް އެ ކުއްޖާވެސް އީނަމްގެ އަވާގައިޖެހެން ނެގީ މަދު ދުވަސްކޮޅެކެވެ. ލީމްގެ ރައްޓެހިން ދިން ނަސޭހަތަށް ބީރުކަންފަތެއްދިނީ އީނަމް ދެކެ ވެވުނު މަތިވެރި ލޯބީގެ ސަބަބުންނެވެ. އީނަމްއަކީ އަންހެންކުދިންނާ ރައްޓެހިވެފައި ބޭނުންފުދުމުން އެ ކުދިންނަށް ދޯކާދީ އުޅުނު ޒުވާނެކެވެ. ލީމްއަށް އެކަން އެނގެއެވެ. އެހެންނަމަވެސް ލީމްއާއިއެކު އުޅުނު ގޮތުން ލީމްއަށް ހީކުރެވުނީ އޭނަ ބަދަލުވީ ކަމަށެވެ. އެ އުޅުން ދޫކޮށްލައި ލީމްގެ މީހެއްގެ ގޮތުގައި އަބަދުމެ އޭނާ ހުންނާނެކަމަށް ލީމް ހީކުރިއެވެ. ވާނީވެސް އެހެންތާއެވެ. ލީމްގެ ލޯބި ހާސިލްކުރަން ތަފާތު މޮޅު ގޮތްގޮތަށް ކަންތައްތައް ކޮށް އުޅުނީ ޚުދު އީނަމްއެވެ. އީނަމްއަކީ ލީމްގެ ފުރަތަމަ ލޯތްބެވެ. ލީމްއާއެކު ވެސް ލޯބިން އުޅެފައި އީނަމް ލީމް ދުރުކޮށްލިއެވެ. ލީމްގެ އާދޭސްތަކަށް ބީރުކަންފަތެއްދިނީ އެއް އިރެއްގައިވެސް  ސީރިއަސް ގުޅުންތަކަށް ދާންބޭނުންނުވާކަމަށް ބުނަމުންނެވެ.

މިކަމުގެ ސަބަބުން ލީމްގެ މުޅި ދިރިއުޅުން ބަދަލުވިއެވެ. ކިޔެވުން މަތިން ފޫހިވިއެވެ. ކޮލެޖަށްދާން ފޫހިވިއެވެ. ކޮލެޖަށް ދިޔަސް އީނަމްގެ އެކުވެރިންގެ ފަރާތުން ތަފާތު މައްލަވަތަކާއި ކުރިމަތިލާންޖެހެއެވެ. ހަމައެހެންމެ، ލީމްގެ ރައްޓެހިންނާ ކުރިމަތިލާން އޭނ ޖެހިލުންވިއެވެ. އެދުވަހު އެމީހުން ދިން ނަސޭހަތުގައި ނުހިފުނީތީ ލީމް ހިތާމަކުރިއެވެ. އީނަމްއާއިއެކު އުޅެވުނު މަދު ދުވަސްކޮޅުގައި ލީމްގެ ދިރިއުޅުމުގެ މަންޒިލްވަނީ ވަކި މިސްރާބެއްނެތި ދާނެ މަންޒިލެއްނެތި ދަތުރުކުރަން ފަށާފައެވެ. އެ މަންޒިލް ހޯދައި އެހިސާބަށް ލީމް ދިޔައީ ނުހަނު މަސައްކަތުންނެވެ. ލީމް އަބަދުވެސް އީނަމް އަށް ހެޔޮ ވިސްނުން ދެއްވާތޯ ދުއާކުރިއެވެ. އަދި އީނަމްއާއި ދެން ދުވަހަކުވެސް ބައްދަލުނުވާން ލީމް އެދުވަހު އަޒުމްކަނޑައެޅިއެވެ. އެ ކޮލެޖުން ކެނޑިގެން ލީމްގެ ދޮންބެ ގާތަށް ރާއްޖެއިން ބޭރަށް ކިޔަވަންދާން ލީމް ނިންމީވެސް އެހެންވެއެވެ.

ލީމް ވަރަށް ކުޑައިރު އޭނާގެ ބައްޕަވަނީ ނިޔާވެފައެވެ. ލީމްގެ އާއިލާއަކީ ލިބޭ އާއިލާއެކެވެ. އެހެންނަމަވެސް ބައްޕަގެ ކުއްލި ވަކިވުމާ ގުޅިގެން މަންމަ އެހެންމީހަކާ ކައިވެނިކޮށް ވަރަށް ގިނަ ވޭންތަކާ ލީމް ކުރިމަތިލިއެވެ. ދޮންބައްޕަގެ ފަރާތުން ބަފައިވަންތަކަމުގެ ލޯބި ނުލިބުނުތާގައި ލީމްގެ އުފަން މަންމަ ވެސް އޭނަބަލައި ބޮޑުކުރީ ފާޑަކަށް މަޖުބޫރުވެގެންހެން ލީމްއަށް ހީވެއެވެ. ލީމްގެ ދޮންބެ ކުޑައިރުއްސުރެ ކިޔަވަންއުޅުނީ ބޭރުގައިކަމުން އޭނައަށް އެތަނުން ކިޔަވައިގެން ރަނގަޅު ވަޒީފާއެއް ލިބިފައިވެއެވެ. ލީމް ކިޔަވާ ނިމިގެން ބޭރަށް ދާން ދޮންބެ އެދުނު ނަމަވެސް ލީމް ބޭނުންވީ ވަކިން މާލޭގައި ހުރެގެން ކިޔަވާށެވެ. އޯ ލެވެލް ނިމުމާއެކު ލީމްގެ ބައްޕަ ގޭގައި ލީމްއަށް ހަދައިދީފައި ހުންނަ އެޕާޓްމެންޓަށް އޭނަ ބަދަލުވިއެވެ. އަދި އެކަނިވެރި ދިރިއުޅުމެއް އުޅެމުންދިޔައެވެ. އީނަމް އާއި ބައްދަލުވި ހިސާބުން ލީމްއަށް ދިރިއުޅުމުގައި ފުރަތަމަ ފަހަރަށް ލޯބި ދަސްވިއެވެ. އަދި އެ ހިތުގައި އެޅުނު ކޫރު ފޫބައްދަން އޭނަ ކިތަންމެހައިވެސް ބޭނުމެވެ. އެ ހާދިސާއަށްފަހު ލީމް ދެން ދުވަހަކުވެސް މީހަކުދެކެ ލޯބިނުވާން އަޒުމްކަނޑައެޅިއެވެ. އަދި އޭނާގެ ދޮންބެ ގާތުގައި ބުނެގެން ރާއްޖެއިން ބޭރަށް ކިޔަވަންދިޔައެވެ. ލީމް ކިޔަވައިގެން އެނބުރި ރާއްޖެއައީ 3 އަހަރުފަހުންނެވެ.

އެ ޚިޔާލުތަކުގައި ތިބި ދެމީހުންނަށްވެސް ހޭވެރިކަންވީ އެތަނުން އައި މީހަކު އީނަމްއަށް ގޮވާލުމުންނެވެ. ލީމް އޭނާގެ ކަރުނަތައް ގަދަކަމުން ހިންދާލަމުން މޫނު މަތިވެސް ރީތިކޮށްލިއެވެ. އަދި އޭނާގެ މަސައްކަތަށް އަވަހަށް ރުޖޫޢަވިއެވެ. އީނަމްއަކީ އެ ކުންފުނީގެ އިސްވެރިޔާގެ އެންމެ ހަގު ފިރިހެންކުއްޖާއެވެ. ލީމްގެ ބޮސްއެވެ. އޭނާއަކީ އީނަމްގެ ޕީއޭއެވެ. ކޮންމެދުވަހަކު އީނަމްއާއި އޭނާ ކުރިމަތިލާން ޖެހޭނެއެވެ. ލީމްއަކީ ފިނޑިމީހެއްނޫންކަން މިފަހަރު އީނަމްއަށް ދައްކަން އޭނަ ބޭނުމެވެ. އޭނާގެ ވަޒީފާ އެންމެފުރިހަމައަށް އަދާކުރަން ލީމް ހިތުން ވަޢުދުވިއެވެ. ހިތުގައި އުފެދިފައިވާ ހައިޖާނުގަނޑު އޮއްބާލަން ލީމް ބޭނުންވިއެވެ. ނަމަވެސް އީނަމްގެ އެންމެ ފެނިލުމަކުންވެސް ލީމްއަށް ވީގޮތުން އަދިވެސް އެ ހިތުގައި އީނަމްއަށްޓަކައި އޮތް ލޯބި އޭނާއަށް ފަޅާއަރައިފިކަން ހިތަށްއަރައި ލީމް މާޔޫސްވިއެވެ. އީނަމްގެ ހިތުގެ ހާލަކީވެސް ހަމައެއީއެވެ. ހަގީގަތަކީ އީނަމްއަށް ލީމްދެކެ އެއިރުވެސް ލޯބިވެނުކަމެވެ. ލީމްފަދަ ހިތްހެޔޮ ކުއްޖެއްގެ ހިތް ހަލާކުކޮށްލެވުނީތީ އީނަމް އަބަދުވެސް ހިތާމަކުރިކަމެވެ. އެކަން އީނަމް ނުދެއްކި ނަމަވެސް ފާއިތުވެގެންދިޔަ އަހަރުތަކުގައި ލީމް ހޯދަން އީނަމް ވަރަށް މަސައްކަތް ކުރިއެވެ. ލީމް ކޮލެޖުން ކެނޑުނުފަހުން އީނަމް އެކަމާ ހިތާމަވެސް ކުރިއެވެ. ނަމަވެސް ލީމް އޭނައަށް ނަފްރަތު ކުރާނެކަން ހިތަށްއަރައި އޭނަ ޖެހިލުންވަނީއެވެ. ފުރަތަމަ ފަހަރަށް އީނަމްއަށް އަންހެން ކުއްޖެއް ދެކެ ލޯބިވެވުނީ ލީމްދެކެއެވެ. ހިތުގައި އުފެދިފައިވާ ހުރިހާ ކަމެއް އެއްފަރާތް ކޮށްލަމުން ލީމް ކުރިއަށް ހިނގައިގަތީ އީނަމްއާއި ދިމާއަށް ބަލާލަމުން މާޒީގެ ހުރިހާ ކަމެއް މައްޗަށް ދޫކޮށްލަމުންނެވެ. ތަޤުދީރު ނިޔާކުރާގޮތް އަހަރުމެން އެކަކަށްވެސް ނޭނގޭނެއެވެ. ލީމްއާއި އީނަމް އަދި ގުޅޭނެކަން ނުވަތަ ނޫންކަންވެސް އެނގޭނީ އެންމެފަރާތަކަށެވެ. ދެހިތުގައިވެސް އެކަކު އަނެކަކަށް ދެވިފައިވަނީ މަތިވެރި ލޯތްބެކެވެ.