މާލޭ ހުކުރު މިސްކިތް ޒަމާންތަކަށް ދެމިގެންދާނެ ތާރީޚީ ބިނާއެއް.

އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގެ 8ވަނަ އަހަރު ،މާލޭގެ ހުކުރު މިސްކިތް އަލުން ބިނާ ކުރެއްވި އެވެ. އެ މިސްކިތަކީ ރާއްޖެ އިސްލާމް ކުރެއްވުމަށްފަހު، ރާއްޖެ އިސްލާމް ކުރެއްވި ދަރުމަވަންތަ ރަސްގެފާނު ބިނާކުރައްވައި، އެއަށްފަހު، ޝިހާބުއްދީން ރަދުންގެ ރަސްކަމުގައި އެ މިސްކިތް  އާ ކުރައްވާފައިވާ މިސްކިތެކެވެ.

މުސްކުޅި ހުކުރުމިސްކިތް ހުރި ބިމުގައި މިއަދު ފެންނާން އެހުރި މާލޭ ހުކުރު މިސްކިތް، އިސްކަންދަރު ރަސްގެފާނު ބިނާކުރެއްވީ ހިރިގަލުންނެވެ. އެ މިސްކިތް ބިނާކުރައްވާ ނިންމެވީ އެރަދުންގެ ރަސްކަމުގެ 10ވަނަ އަހަރުއެވެ.

މިއީ" ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚު" މި ފޮތުގައި ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުހައްމަދުއަމީން ދޮށިމޭނާކިލޭގެފާނު ލިޔުއްވާފައިވާ ގޮތެވެ. ޝައްކެއްވެސް ނެތެވެ. މާލޭ ހުކުރު މިސްކިތަކީ އަހަރެމެން ހުރިހާ ދިވެހިންގެ ފަޚުރެވެ. އެއީ ދިވެހިރާއްޖޭގެ އިސްލާމީ ތާރީޚު ދައްކުވައިދޭ އެންމެ ޚާއްސަ އެއް ބިނާއެވެ. އެ މިސްކިތުގައި ކޮށްފައިހުރި މަސައްކަތް ތަކަށް ބަލާއިރު، ދިވެހި ކާބަފައިންގެ މަސައްކަތްތެރި ކަމުގެ ހުނަރުވެރިކަން ، ދައްކުވައިދޭ ހެއްކެކެވެ. ޝައްކެއް ނެތް ގޮތުގައި މާލޭ ހުކުރު މިސްކިތް ބިނާކުރެއްވީ، އައްސުލްޠާނު އިބްރާހިމް އިސްކަންދަރު1 ނުވަތަ އިސްކަންދަރު ރަސްގެފާނެވެ. މިސްކިތް ބިނާކޮށް ނިމުނީ އެރަދުންގެ ރަސްކަމުގެ ދިހަވަނަ އަހަރުއެވެ. މިއީ ދިވެހިރާއްޖެ އިސްލާމް ވުމަށްފަހު ، ބިނާކުރި ފުރަތަމަ މިސްކިތް ހުރި ބިމުގައި ކުރީގައިހުރި މިސްކިތް ކުޑަވެގެން އެ މިސްކިތުގެ ބަދަލުގައި ބިނާކުރެވުނު މިސްކިތެކެވެ.

ހުކުރު މިސްކިތް ބިނާކޮށްފައިވަނީ އިހުޒަމާނުގައި މޮޅަށް ތަންތަން ބިނާކުރާ ފަދައިން ހިރިގަލުންނެވެ. މަތިވަޑާންގަނޑު ހަދައިފައިހުރީ ރާއްޖޭގައި ހެދޭ އެކިކަހަލަ ލަކުޑިންނެވެ. ވަރަށް ރީތިކޮށް ވަޑާންކޮށް ލާފެންކޮށް އަދި ލާޖަހައި ގެން އެ މިސްކިތުގެ ލާގެ ހަދައި ،ލިޔުންތައްލިޔެ ފައިވެއެވެ. ހުކުރުމިސްކިތުގެ ހުޅަނގު ބިތުގެ ބޭރުގައި ލިޔެފައިވާ ލިޔުމުގައި ވާގޮތުން ،ލާގެކިޔާ ބާރަ ގުއްބެއް މިސްކިތުގައި ވެއެވެ. ގަލުގެ ވަޑާންވެސް ކޮށްފައިވަނީ މިޒަމާނުގެ މީހުން ހައިރާން ވާފަދަ ފުރިހަމަ އަށެވެ.

މާލޭ ހުކުރު މިސްކިތް، އިސްކަންދަރު ރަސްގެފާނު ބިނާކުރެއްވީ ހިރިގަލުންނެވެ. ފޮޓޯ: ވަޖީހު

ހުކުރު މިސްކިތުގައި ހުރި ލިޔުން ތަކަށް އަލިއަޅުވާ ލަމާތޯއެވެ؟. ހުކުރު މިސްކިތުގައިހުރި ލިޔުންތައް ބެހެނީ ދެބަޔަކަށެވެ. އެއް ބައަކީ އަރަބިން ލިޔެފައިވާ ލިޔުން ތަކެވެ. އަނެއް ބަޔަކީ ދިވެސް އަކުރުން ލިޔެފައިވާ ލިޔުންތަކެވެ. މިސްކިތުގެ އެކިއެކި ތަންތަނުގައި މި ރީތި އަކުރުތަކުން ލިޔެފައި ވެއެވެ. މިސްކިތުގައި އަރަބިބަހުން ލިޔެފައިވާ ލިޔުން ތަކުގައި ވަނީ، ކީރިތި ޤުރުއާނުގެ ބައެއް އާޔަތްތަކާއި މާތް ރަސޫލާގެ ބައެއް ހަދީސްފުޅު ތަކެވެ. މީގެއިތުރުން މިސްކިތާއިބެހޭ ބައެއް އާޔަތް ތަކެވެ. މީގެ އިތުރުން މިސްކިތާއިބެހޭ ބައެއް ތާރީޚީ ބަޔާން ތަކެވެ. ދިވެސް އަކުރުން ލިޔެފައިވާ ލިޔުން ތަކުގައި ވަނީ ފުރަބަންޑާރަ ފަރާތުން މިސްކިތާއި މެދުގައި ކަންތައް ބަހައްޓަންވާނެ ގޮތެވެ.

މީގެ އިތުރުން މާލޭ ހުކުރު މިސްކިތުގެ މުންނާރަކީވެސް، މިސްކިތުގެ ގޯތި ތެރެއިން އިތުރު ފުރިހަމަ ކަމެއް ގެނެސްދޭ އެއްޗެކެވެ. މާލޭގެ ހުކުރު މިސްކިތުގެ މުންނާރަކީ އައްސުލްތާން އިބްރާހިމް އިސްކަންދަރު ސީދި ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުން ބެހެއްޓެވި މުންނާރެކެވެ. މި މުންނާރު ހައްދަވާ ނިމުނު އަހަރެއް ކަމުގައި ވަނީ ހިޖުރައިން1085ވަނަ އަހަރު ކަމަށެވެ. ދުވަސްތަކެއް ވޭތުވުމާއިއެކު މުންނާރުވެސް މަރާމާތު ކުރެވުނެވެ. އެގޮތުން އައްސުލްތާން މުހައްމަދު ޝަމްސުއްދީންގެ ރަސްކަމުގައި މުންނާރު އާކުރެއްވިއެވެ. މިގޮތުން އެރަދުން ކުރެއްވި ކަމަކީ މުންނާރުގައި އޮޅައިފައިހުރި ރޯނު ބަންދުތައް ބާވެގެން އެރޯނުތައް ނެންގެވުމަށްފަހު، މުންނާރު ވަށައިގެން ލޯބަންދު އެޅުއްވުމެވެ. އެއީ މަތީބުރީގައި ދެބަންދެވެ. އަދި ތިރީބައިގައި ހަ ބަންދެވެ. މީގެ އިތިރުން މުންނާރު ވަށައިގެންހުރި ލިޔުންތައް އާކުރެއްވިއެވެ. އަދި އެލިޔުން ތަކުގައި ނޫކުލައިގެ ދަވާދު ލެއްވިއެވެ.

މާލޭ ހުކުރު މިސްކިތުގެ ގަބުރުސްތާނަށް ނަޒަރު ހިންގައިލަމާ ތޯއެވެ؟. މާލޭ ހުކުރު މިސްކިތުގެ ގަބުރުސްތާނަކީ ދިވެހިރާއްޖޭގެ ތާރީޚާއިބެހޭ ގޮތުންނާއި އަދި އިހުގެ އާސާރީ މަސައްކަތް ތަކާއި ގުޅޭގޮތުން ވަރަށްވެސް، އަގުހުރި ޚަޒާނާ އެކެވެ. ހުކުރު މިސްކިތުގެ ގަބުރުސްތާނުގެ ތެރޭގައި ވަނީ ދިވެހި ތާރީޚުގައި ވަރަށް ނަންހުރި ރަސްރަސްކަލުންނާއި އިލްމުވެރިންނާއި އެޒަމާނުގައި ދައުލަތުގެ ކުރީސަފުގައި ތިބި ބައެއްގެ މަހާނަތަކެވެ. މީގެތެރެއިން ބައެއް ތަންތަން ވަނީ ޒިޔާރަތް ތަކެއްގެ ގޮތުގައި ހިރިގަލުން ބިނާކޮށް، ފުރާޅުލައި ހިޔާކޮށްފަ އެވެ. މީގެތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ޒިޔާރަތަކީ ހުކުރު މިސްކިތުގެ ދެކުނު ދޮރާށިން ފައިބާއިރު ކަނާއަތް ފަރާތުގައި އެ މިސްކިތާއި ދާދި ކާރީގައިހުރި އިސްކަންދަރު މަހާރަދުންގެ ޒިޔާރަތެވެ. މިއީ އައްސުލްތާން އިބްރާހިމްއިސްކަންދަރު ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންގެ ޒިޔާރަތެވެ. މިޒިޔާރަތުގައި ވަނީ ހަމައެކަނި އިސްކަންދަރު ރަސްގެފާނުގެ މަހާނަފުޅެވެ. މި މަހާނަފުޅުގައި ޖަހައިފައި ހުރި މަހާނަގަލަކީ ވަރަށް ރީތިކޮށް ކުރެހުންއަޅައި ފަރުމާކޮށްފައިވާ ހިރިގަލެކެވެ. ފައިލާކޮޅުގެ ގަލުގައި ދިވެސް އަކުރުން ލިޔެފައިހުރި ލިޔުމުގައި، އެއީ އިސްކަންދަރު ރަސްގެފާނުގެ މަހާނަފުޅު ކަމަށާއި އަވަހާރަވި ތާރީހޚު ދިވެސް އަކުރުން ލިޔެފައިވެ އެވެ. މީގެ އިތުރުން ފާހަގަ ކޮށްލެވޭ އަނެއް ޒިޔާރަތަކީ އިސްކަންދަރު ރަސްގެފާނުންގެ މަންމާފުޅާއި ދަރިކަލުން އައްސުލްޠާން މުޙަންމަދުގެ ޒިޔާރަތާއި، ދެއްވަދޫ ރަސްގެފާނުގެ ޒިޔާރަތާއި، ދިޔަމިގިލީ ރަދުންގެ ޒިޔާރަތާއި، އިބްރާހިމްރަސްގެފާނުގެ ޒިޔާރަތާއި އަދި މިނޫންވެސް ޒިޔާރަތް ތަކެވެ.

ހުކުރުމިސް ކިތާއިބެހޭ ބައެއް ތާރީޚީ ކަންކަމާމެދު، ދިރާސާ ކޮށްލުމުން އެނގިގެންދަނީ، ހިޖުރައިން 1322 ވަނަ އަހަރު އައްސުލްތާން މުހައްމަދުޝަމްސުއްދީންގެ ރަސްކަމުގައި ހުކުރުމިސްކިތުގެ ފުރާޅުގައި ޓިނުޖައްސަވާފައިވާ ކަމާއި، ޓިނުޖަހާ ނިމުނީ އެއަހަރުގެ ރަބީއުލްއައްވަލް މަހުގެ 24 ވަނަދުވަހުގައި ކަމެވެ. ހުކުރުމިސްކިތުގައި މަތިވަޑާންގަނޑު އައުކުރަން ފެށީ މީލާދީގޮތުން 1463 ވަނަ އަހަރުގަ އެވެ. މީގެ އިތުރުން ފަހުގެ ތާރީޚެއްގައި ހުކުރުމިސްކިތުގެ މުންނާރުގައި އަޑުގަދަކުރާ ބެހެއްޓުމަކީވެސް އެކަމުން ނުހަނު ފައިދާތަކެއް ލިބޭނޭ ކަމެކެވެ. މުންނާރުގައި އަޑުގަދަކުރާ ބެހެއްޓީ އޭޕްރިލް 1464 މިދުވަހުގަ އެވެ. އަޑުގަދަކުރާއިން ފުރަތަމަ ބަންގިގޮވީ އެއަހަރުގެ އޭޕްރިލް މަހުގެ ދިހަވަނަ ދުވަހުއެވެ.

މާލޭ ހުކުރު މިސްކިތާއި މުންނާރު…. ފޮޓޯ: ވަޖީހު

ހުކުރުމިސްކިތުގެ އެންމެ ފާހަގަ ކޮށްލެވޭ އެކައްޗަކީ އެ މިސްކިތުގެ ވަގުތު ގަލެވެ. ހުކުރު މިސްކިތުގައި ކުރިން ހުރި ވަގުތުގައު ހަލާކު ވެގެން މުންނާރުގެ މަތީގައި ލޯފަތްގަނޑެއް އަޅުއްވައި، އެގަލުގެ މަތީ ލޯއިން ވިރުވައި އަޅުއްވައި، ގައު ޖައްސަވައި ނިންމެވިއެވެ. އެއީ އައްސުލްތާން މުހައްމަދު ޝަމްސުއްދީން ރަދުންގެ ރަސްކަމުގައެވެ. މީގެއިތުރުން ހުކުރުމިސްކިތުގެ ދޮރާށިތަކަށް އަލިއަޅުވާލަމާ ތޯއެވެ. ހިޖުރައިން 1078 ވަނަ އަހަރު، އިސްކަންދަރު މަހާރަދުން ހައްޖަށްވަޑައިގެންފައި، އެނބުރި މާލެއަށް ވަޑައިގަތުމަށްފަހު، ހުކުރުމިސްކިތުގެ ދެކުނު ދޮރާށި ބިނާކުރެއްވިއެވެ. އަދި އެދޮރާށީގެތެރޭގައި ފިޤުހު ޢިލްމުވެރިޔަކު ލައްވާ ދިވެހި ދަރިންނަށް، ޤުރުއާނާއި އެހެނިހެން އިލްމު، އުގަންނައި ދިނުމަށް ފަށްޓަވައިފައިވެ އެވެ. މިދޮރާށީގެ ވާހަކަ ހަސަން ތާޖުއްދީން، ލިޔުއްވި ތާރީޚު ފޮތުގައި ލިޔުއްވައިފައި ވެއެވެ. އަދި ހިޖުރައިން 1331 ވަނަ އަހަރުގެ ރަބީއުލްއާޚިރު މަހުގެ 22 ވަނަ ދުވަހު، މާލޭ ހުކުރު މިސްކިތުގެ އުތުރު ދޮރާށި ރޭނުއްވިއެވެ. އަދި އެދޮރޯށި ހިޔާވެސް ކުރެއްވިއެވެ. ހަމަ މިތާރީޚުގައި، ހުކުރުމިސް ކިތުގެ ވަށާފާރު ވެސް ރޭނުއްވިއެވެ.

މި ދެންނެވި އެންމެހާ ކަންކަމާއި، އެތަނުގެ އާސާރީ އަދި ތާރީޚީ ޙަޤީގަތްތަކަށް ބަލާއިރު، ހަމަ އެހެންމެ ޢިމާރާތް ކުރުމުގެ ފަންނުވެރިކަމުގެ ޒަމާނީ އައު ޒަމާނަކަށް ދިވެހިން ހޭލައިގަތް ކަމުގެ އެ ތާރީޚީ ހެކިތަކަށް ބަލާއިރުވެސް، މާލޭ ހުކުރުމިސްކިތަކީ ދިވެހިތާރީޚީ ހެކިތަކަކާ، ވާހަކަތަކެއް، އަންގައިދޭ ނުހަނު މުހިންމު ބިނާއެކެވެ. މިއީ އަހަރެމެންގެ ކާބަފައިންގެ ކުޅަދާނަކަން ފެނިގެންދާ ހެއްކެކެވެ. ހަމަ އެހެންމެ މާލޭ ހުކުރުމިސްކިތަކީ ދވެހިރާއްޖެއަށް އަންނަ ފަތުރުވެރިން ޒިޔާރަތްކުރާ އެންމެ މަގުބޫލު އެއްތަނެވެ.

ވީމާ، މި ޙަޤީގަތްތައް، އެތަނުން މިހެން ފެންނާން އޮތުމާއެކު،  މާލޭ ހުކުރުމިސްކިތް ރަނގަޅަށް ބަލަހައްޓައި، ރައްކާތެރިކޮށް، އަހަރެމެންގެ ކާބަފައިން ފަދައިން، އަންނާންއޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ، ވަރަށްވެސް މުހިންމު ކަމެކެވެ. އަދި ހުކުރުމިސްކިތް ރައްކާތެރި ކުރުމަކީ އަހަރެމެންގެ ޒިންމާއެއް ކަމުގައި ދެކެ، އެ ޒިންމާ އުފުލުމަކީ އެހައިމެ މުހިންމު ކަމެކެވެ.

އެޑިޓަރުގެ ނޯޓު:

މި މަޒުމޫނަކީ، 2017 ވަނަ އަހަރު ގައުމީ މަޒުމޫނު ލިޔުމުގެ މުބާރާތަށް ފޮނުވާފައިވާ މަޒުމޫނެކެވެ. އިބްރާހީމް އަބާން އޭރު ކިޔަވަމުން ދިޔައީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް 9 އެޗް ގައެވެ.