ބުރާސްފަތި, 17 އޭޕްރިލް 2025

ވީ ވަޢުދު

އޮއްސެމުން ދިޔަ އިރާއެކު އުޑުމައްޗަށް އަންނަމުން ދިޔަ ބަދަލުތަކަކީ ބަލާބަލާ ފޫހިނުވާނޭ ފަދަ ޤުދުރަތީ ރީތި މަންޒަރު ތަކެކެވެ. މިހުރިހާ ރީތިކަމެއް ފެންނަން ހުއްޓެއްކަމަކު އަހަރެންގެ ހިތުގައިވާ އިހްސާސްތަކަށް ބަދަލެއްނާދެއެވެ. ހިތުގައިވަނީ މާޔޫސްކަމާއި މޮޅިވެރިކަމެވެ. ހީވަނީ އަހަރެންގެ ގައިން ބައެއް މަދުހެންނެވެ. އަހަރެންގެ ދަތުރު އެރެހައްޓަން އައިސް ތިބި ދެތިން ރައްޓެހީންނާއި އަހަރެންގެ މައިންބަފައިން ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން ތިއްބެވެ. އެމީހުންގެ މޫނަށް ނަޒަރު ހިންގާލިއިރު އަހަރެންނަށް ފާހަގަވަނީ އެކަކު މަދުކަމެވެ.

ފުރާވަގުތު ކައިރިވުމުން އަހަރެން ގޮސް ތޮށިމައްޗަށް އެރީމެވެ. އަދި މަންމަމެންނަށް ހަނާ އަޅައިލުމަށް އެނބުރުނީމެވެ. ކުއްލިއަކަށް އައިސް ކުރިމައްޗަށް އެހުއްޓުނީ ރަފާއެވެ. އަހަރެންނަށް ހުރެވުނު ތަން ވެސް ނޭގުނެވެ. އަތްފައި ފިނިވެ މުޅި މީހާ ތުރުތުރު އަޅަން ފެށިއެވެ. އެތާ ތިބި އެހެން މީހުންނަށް  ރަފާ  ފެނުނުހެނެއް ހިއެއްނުވެއެވެ. ރަފާ ހުރީ އޭނާ އެކްސިޑެންޓްވި ދުވަހު ލައިގެން ހުރި ހުދު ކުލައިގެ ގަމީސް ކޮޅާއި މަޑު ނޫކުލައިގެ ޖިންސުގައެވެ. އޭނާގެ ތުންފަތަށް ވެރިވެފައިވަނީ ފަނޑު ހިނިތުންވުމެކެވެ. އަހަރެންގެ ހިތުގައިވާ ބިރުވެރިކަން ފިލައި، ލޮލަށް ކަރުނަ ޖަމާވީ އޭނާއާއި ކުރިމަތިވި ހާދިސާ ހަނދާންވެފައެވެ.

އެއީ މީގެ ހަފްތާއެއް ކުރިއެވެ. އާދައިގެމަތިން އަހަރެމެން ދެމީހުން ކޮލެޖުން ނިމިގެން ގެއަށް އައިސް ވަނީއެކުގައެވެ. ގެއަށް ވަންއިރު އަހަރެމެން ދެމީހުންގެ މަންމަމެން ތިބީ ޝައުގުވެރިކަމާއި އެކު ހިންދީ ފިލްމެއް ބަލާށެވެ. އަހަރެމެން އައިކަން އެނގުމުން ، މެންދުރުގެ ކެއުން ތައްޔާރުކޮށްފައި ހުންނާނެ ކަމަށާއި، އަވަހަށް ހެދުން ބަދަލުކޮށްގެން ކާން ދިއުމަށް ބުންޏެވެ. އަހަރެންނާއި ރަފާ " ބެސްޓްފްރެންޑްސް " ވިތާ މިވީ ހަތް އަހަރެވެ. އަހަރެމެންގެ ގާތް ގުޅުމުގެ ސަބަބުން ބައެއް މީހުންނަށް މިއީ ދެބެން ހެންވެސް ހީވެއެވެ. ވާނީވެސް އެހެންތާއެވެ. އަހަރެމެން އުޅެނީ އެއް ގެއެއްގައެވެ. ތަނަކަށް ދަންޏާ ދާނީވެސް އެކުގައެވެ. އަހަރެމެން ހެދުން ބަދަލު ކޮށްގެން ކެއުމަށް ބަދިގެއަށް ވަނީމެވެ. ބަދިގެއަށް ވަނުމާއެކު އަހަރެންގެ ސަމާލުކަން އަތުލީ މޭޒު މަތީގައި އަތުރާލާފައި ހުރި މީރުކަމަށް ދައްކާ ކާއެއްޗިއްސެއް ނޫނެވެ. ކާމޭޒުމަތީގައި ބާއްވާފައި އޮތް އަހަރެންގެ ނަން ލިޔެފައިވާ ސިޓީ އުރައެވެ.

އެސިޓީއުރަ ހުޅުވަމުން އަހަރެން ގޮނޑިއެއްގައި އިށީނީމެވެ. ރަފާ ވެސް ކާން ނޫޅެ އަހަރެން ގާތުގައި އިށީނީ އެސިޓީ އުރައިގައި އޮތް އެއްޗެއް ބެލުމަށެވެ. އެސިޓީއުރަ ހުޅުވައި އޭގައި އޮތް ކަރުދާސްގަނޑު އަހަރެން ނަގައި ކިޔާލީމެވެ. ސިޓީ ކިޔާ ނިމުނުއިރު އަހަރެންގެ ދެލޯ ވަނީ  ބޮޑުވެފައެވެ. ހައިރާންވި ވަރުން ގޮނޑިން ވެސް ތެދުވުނެވެ. އަހަރެން އެ ސިޓީ ރަފާ އަށް ދައްކައި ދެމީހުން އުފާ ފައުޅު ކުރީމެވެ. އެ ސިޓީ އެއީ އަހަރެން އޮކްސްފޯޑު ޔުނިވާސިޓީއަށް ވަނުމަށް އެދި ހުށަހެޅި އެޕްލިކޭޝަން ގަބޫލުކުރިކަމުގެ ސިޓީއެވެ. މިކަން އަހަރެންގެ މައިންބަފައިންނަށް އެންގުމުން ވަރަށް އުފާވިއެވެ. އަހަރެންނަށް ލިބުނު އުފަލުގައި ރަފާ އާއި ރަފާގެ މައިންބަފައިން ވެސް ބައިވެރިވިއެވެ.

ޖެހިގެންއައިދުވަހު އިރު އެރުމާއި އެކު ރަފާ ބޭނުންވީ އަހަރެން ފުރަން ތައްޔާރު ވުމަށް ބާޒާރު ކުރަން ދާށެވެ. އޭނާ ދެކޭ ގޮތުގައި، ކުރީ ބައިގައި ގަންނަން ބޭނުންވާ އެއްޗެހި ގަނެ ނިންމާލުމުން މާ ފަސޭހަ ވާނެއެވެ. އެދުވަހު ކޮލެޖަށްދާން ނެތުމާއި އެކު، އަހަރެންވެސް ބޭރަށްދާން ބޭނުންވެފައި ހުރުމުން އަހަރެން އެއްބަސްވީމެވެ. މި ހުރިހާ އުފަލެއް ލިބޭއިރުވެސް އަހަރެން ވަރަށް ދެރަވާ ކަމެއް އޮތެވެ. އެއީ ރަފާ އާއި ވަކިން އޮކްސްފޯޑަށް ދާން ޖެހުމެވެ. އަދި އަހަރެން ފުރަން އޮތް ދުވަހަކީ ކޮލެޖަށް ދާން ޖެހޭ ދުވަހަކަށް ވުމުން ރަފާއަށް އަހަރެން ފުރުވަން ނުދެވިދާނެތީ ވެސް އަހަރެން ވަރަށް މާޔޫސް ވިއެވެ. އަހަރެން އެކަން ކަމާއި ދެރަވާ ވާހަކަ ރަފާ އާއި ހިއްސާ ކުރީމެވެ. އޭނާ ހިނިގަނޑެއް ޖަހާލާފައި އަހަރެން ގައިގައި ބާރަށް ބައްދާލީމެވެ. އަދި އެކަމާއި މެދު ނުވިސްނުމަށް ބުންޏެވެ. އަދި އަހަރެންނާއި އެކު އޮކްސްފޯރޑަށް ނުދެވުނެއް ކަމަކު އަހަރެން ފުރުވަން ދާނޭ ކަމަށް ވައުދުވިއެވެ. އަހަރެންގެ ހިތަށް ކުޑަ ނަމަވެސް ހިތްހަމަޖެހުމެއް ލިބުނެވެ. އޭނާއާ ދުރަށް ދިއުމުގެ ކުރިން ދިމާވާނެ ކަމަށް ބުނުމުންނެވެ. އަދި ކޮންމެ ދުވަހަކު ވާހަކަ ދައްކަން ވާނޭ ކަމަށްވެސް އޭނާ ބުންޏެވެ.

ރަފާ ފުރަތަމަވެސް ބޭނުންވީ  އާ ހެދުމާއި ބޫޓު ގަންނަން ދާށެވެ. ފިހާރައަކަށްފަހު ފިހާރައަކަށް ވަންނަމުންދިޔައިރު، ގަނެފައިވާ އެއްޗެހީގެ ކޮތަޅުތައް އަތަށް ގިނަވެ އޭގެ ބަރުކަން އަހަރުމެންނަށް އިހުސާސް ވިއެވެ. ދެއަތުން ކޮތަޅުތައް ހިފައިގެން އަހަރެމެން ދެމީހުން ހިގައިގަތީ މަޖީދީ މަގުން ހުރަސް ކުރުމަށެވެ. އެއިރު ހިނގާމީހުންނަށް ޚާއްޞަ ވެފައިވާ ލައިޓު ރަތްވާން ހުރީ ވަރަށް ކުޑަހިނދުކޮޅެކެވެ. އަވަސް އަވަހަށް ކަފިހި ހުރަސް މަތިން ހުރަސް ކުރަން ދިޔައީމެވެ. ކަފިހި ހުރަހުގެ މެދަކާއި ހިސާބަށް ދެވުނުތަނާ ހިނގާ މީހުންގެ ލައިޓު ރަތްވެ، ދުއްވާ އެއްޗެހީގެ ލައިޓު ފެހިވިއެވެ. ދުއްވާ އެއްޗެހި ދުއްވަން ފެށީ އެއްވެސް ބަލައިލުމެއް ނެތިއެވެ. އެވަގުތު އަހަރެމެން ހުރަސް ނުކުރެވިގެން އުޅެނިކޮށް ރަފާގެ އަތުން އެއްބައި ކޮތަޅުތައް ދޫވިއެވެ. އެއިރު ދުއްވާ އެއްޗިއްސަށް ސަމާލުވަމުން ގޮސް އަހަރެން ހުރީ މަގުގެ އަނެއް ފަރާތުގެ ދުވާރު މަތީގައެވެ. ރަފާ ކޮތަޅުތައް ނެގުމުގައި އުޅުނެވެ. އޭނާ އެންމެ ފަހު ކޮތަޅު ނަގައި އަހަރެންނާއި ދިމާއަށް ހިނގައިގަތް ވަގުތު ބޫން ކަނޑާލާފައި އައި ސައިކަލެއްގައި ޖެހިފައި އޭނާ ވިއްސައިގެން ދިޔައެވެ. ައުދުވިއެވެ.

" ރަފާ " އޭ ކިޔައި ހަޅޭއްލަވައިގެންފައި އަހަރެން ދުއްވައިގަތީމެވެ. ރަފާ އޮތީ މޫނު ވަތަށް ވެއްޓުނު ގޮތަށް ހިރިވެސް ނުލައެވެ. އަތުގައި ހުރި ކޮތަޅުތައް ދޫކޮށްލާފައި އަހަރެން އޭނާ ގާތު އިށީނދެ އޭނާ އަނެއްފުށަށް ޖެހީމެވެ. އެއިރު އޭނާގެ ބޮލާއި ނޭފަތް ފަޅައިގެން ގޮސް ހޯސްލާފައި ލޭ އާދެއެވެ. ހިނދުކޮޅެއްގެ ތެރޭގައި އޭނާގެ ހުދު ކަފަކޮޅެއްފަދަ ގަމީސްކޮޅު ކުލަގަދަ ރަތް ލޭކޮޅެއް ފަދައިން ވެއްޖެއެވެ. އޭނާ އަށް ވެފައި ވާވަރު ފެނިފައި  އަހަރެންނަށް ރޮއިގަނެވުނެވެ. އަވަސް އަވަހަށް ރަފާ އަހަރެންގެ އަތްދަޑި މައްޗަށް ނަގައި ޓެކްސީއެއްގެ އިންތިޒާރުގައި ހުރީމެވެ. ޓެކްސީއަކަށް އޭނާ ލައިގެން ހޮސްޕިޓަލަށް ދިޔައިރު އަހަރެން އިނީ ރަފާގެ ގައިން ފޭބި ލެއިން ފޯވެފައެވެ.

އަވަސް ފަރުވާދޭ ކޮޓަރިއަށް ރަފާ ވެއްދުމުން އަހަރެން އެ ޚަބަރު މަންމަމެންނަށް ދިނީމެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި މަންމަމެންވެސް ހޮސްޕިޓަލަށް އަތުވެއްޖެއެވެ. އެތައް އިރެއް ވަންދެން އަވަސް ފަރުވާދޭ ކޮޓަރީގައި ޑޮކްޓަރުންނާއި ނަރުހުން ހަރަކާތް ތެރިވިއެވެ. އިރުގަނޑެއް ފަހުން ޑޮކްޓަރު ނުކުތެވެ. އޭނާގެ މޫނުމަތިން ފެންނަން ހުރީ މާޔޫސްކަމެވެ. އަހަރެން ގޮސް ޑޮކްޓަރު ކުރިމައްޗަށް އެރުމުން، އޭނާ ބޯ ހޫރުވާލިއެވެ. "މަޢާފު ކުރައްވާ.. އަޅުގަނޑުމެން ވަރަށް މަސައްކަތް ކުރިން.. ނަމަވެސް އޭނާގެ ސިކުނޑިއަށް ލޭ އެޅިފައި ވުމުން ސަލާމަތެއް ނުކުރެވުނު.. ޝީ އިޒް ނޯ މޯރ.." ޑޮކްޓަރު އިއްވާލި ބަސްތައް އިވިފައި އަހަރެންގެ ހިތް ހުއްޓުނު ފަދައެވެ. ރަފާ އަހަރެން ދޫކޮށްލާފައި މިދުނިޔެއާއި އަލްވަދާޢު ކިޔާފާނެކަމަކަށް އަހަރެން ހިތަކަށް ނާރައެވެ. އެރޭ ޢިޝާ ނަމާދަށްފަހު ރަފާ ވަޅުލިއެވެ.

ހަތް ދުވަސްފަހުން، އަހަރެން އޮކްސްފޯރޑަށް ދާންފުރާގަޑި މިހާ ކައިރިވެފައި ހުއްޓާ ރަފާ ފެނުމުން އަހަރެންނަށް ހީވީ މިހުރެވުނީ ހުވަފެނެއްގެ ތެރޭގައި ކަމަށެވެ. ރަފާ އެ ފެންނަނީ ހަމައެކަނި އަހަންނަށެވެ. އެއީ އަހަރެން އެންމެ ލޯބިވި އަހަރެންގެ އެންމެ ގާތް ރަހުމަތްތެރިޔާ އެވެ.   ރަފާ މަޑު ހިނގުމެއްގައި އަހަރެން ގާތަށް އައެވެ. އަދި އޭނާ އަތުން އަހަރެންގެ އަތުގައި ހިފާލިއެވެ. އަހަރެންނަށް އޭނާ އަހަރެންގެ އަތް އޭނާގެ ދެއަތުގެތެރެއަށްލައި ފޮރުވާލިތަން ފެނުނެއްކަމަކު، ފިނި ގަނޑުފެންކޮޅެއް ޖެހުނީމާ ކުރެވޭ ފަދަ އިހުސާސެއް ފިޔަވައި އިތުރު އިހުސާސެއް ނުކުރެވުނެވެ.

އަހަރެން އޭނާގެ މޫނަށް ރަނގަޅަށް ބަލައިލީމެވެ. އޭނާ އެފެންނަނީ ރޫހެއްގެ ސިފައިގައި ވިޔަސް އޭނާ ދިރިހުރިއިރު އޭނާގެ އެ ފުރިހަމަ މޫނަކަށް ބަދަލެއް ނާދެއެވެ. އަހަރެންނަށް ބަލަން ހުރެވުމުން، އޭނާ އަހަންނާއި ހަތަރު ކަޅި ހަމަކޮށްލާފައި އަހަންނަށް ރައްދުކޮށްލީ  ހަތް ދުވަސް ވަންދެން އަހަންނަށް ނުފެނި ހުރި އެ ފުރިހަމަ ހިނިތުންވުމެވެ. " ކޮބާ.. އަހަރެން ކޮންމެތާކު ހުއްޓަސް އަހަރެން މަލް އަށް ކުރާ  ވަޢުދު ފުރިހަމަކޮށްފީމެންނުން؟… އަހަރެން މިއައީ މަލް ފުރުވަން.." އަހަރެންނަށް ހިނިތުންވެލެވުނީ އޭނާ ބުނި ބަސްތަކުންނެވެ. ކަރުނަތައް ފޮހެލާފައި ބަލާލިއިރު ރަފާގެ ކުލަ މަޑުމަޑުން ފަނޑުވަމުންދިޔައެވެ. އޭނާ ހނިތުންވެލާފައި އަހަންނަށް ހަނާ އެޅިއެވެ. އޭނާ ފަނޑުވަމުން ދިޔަތަން ބަލަން އަހަންނަށްހުރެވުނީ ގެއްލިފައެވެ. އޭނާ އެއައީ އޭނާގެ ވަޢުދު ފުއްދާށެވެ. ވައުދު ފުއްދުމުން އޭނާގެ ވާޖިބު އަދާވީއެވެ.

އެޑިޓަރުގެނޯޓު:

މި ވާހަކައަކީ، 2018 ވަނަ އަހަރު ގައުމީ ވާހަކަ ލިޔުމުގެ މުބާރާތަށް ފޮނުވާފައިވާ ވާހަކައެކެވެ. ފާޠިމަތު މަލްސާ މުޙައްމަދު އޭރު ކިޔަވަމުން ދިޔައީ  އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް 10 އޭ ގައެވެ.