ޤުދުރަތީ ކަންތައްތަކަކީ، އެކަންކަމުގެ މައްޗަށް އިންސާނުންނަށް މާބޮޑު ބާރެއް އޮންނަ ކަންތައްތަކެއް ނޫނެވެ. މިހާރު ދުނިޔެއަށް ވެރިވެފައި މިވަނީ ހަމަ އެފަދަ ކަމެކެވެ. ގުދުރަތީ ކާރިސާ އެކެވެ. ފެތުރެމުންދާ ނުރައްކާތެރި ވަބާ އެކެވެ. ކޮވިޑް-19 ގެ ސަބަބުން އަޅުގަނޑުމެންގެ އިޤްތިޞާދީ އެކިއެކި ދާއިރާ ތަކަށް މިވަނީ ލޮޅުން އަރާފަ އެވެ. ތަޢުލީމީ ދާއިރާއީވެސް މި ބަލީގެ ސަބަބުން އަސަރުކޮށްފައިވާ ދާއިރާއެކެވެ. އެގޮތުން ދަރިވަރުންގެ ހެވަށްޓަކައި މި އަހަރުގެ ސާނަވީ އިމްތިހާންތައްވެސް މިވަނީ ފަސްކުރެވި ދިރާސީ އަހަރުގެ ކިޔެވުން ދިގުދަންްމާ ލެވިފައެވެ.
ދިރާސީ އަހަރުގެ ކިޔެވުން ދިގުދަންްމާލުމާއި ގުޅިގެން ދަރިވަރުންނަށް މިވަނީ ކިޔެވުމަށް އިތުރު ދުވަސް ތަކެއް ލިބިފައެވެ. މި އިތުރު ވަގުތުގެ ބޭނުން ބޭކާރު ކަންތައް ތަކުގައި ހޭދަނުކޮށް، ކޮންމެ ދަރިވަރަކުވެސް ކިޔެވުމާއިގެން ހޭދަކޮށްފިނަމަ ލިބޭނޭ ފައިދާ ނުހަނު ބޮޑެވެ. އެއީ ލިބިގެންދާ އިތުރު ވަގުތުގެ ސަބަބުން ކޮންމެ ކުއްޖަކަށްވެސް އިމްތިހާންތަކަށް ފުރިހަމައަށް ތައްޔާރުވުމުގެ މަގު ތަނަވަސް ވެގެން ދާތީއެވެ. އިސްވެދިޔަފަދައިން ދަރިވަރުންނަށް ކިޔެވުމަށް މިންނެތް މަސައްކަތް ކުރެވިއްޖެކަމުގައިވާނަމަ މިފަހަރުގެ އިމްތިހާނުތަކުން އެތަކެއް ދަރިވަރުންނެއް ޤައުމު ފަޚުރުވެރިވާފަދަ ރަންވަނަތައް ހާސިލްކުރާނޭކަން ގައިމެވެ.
ކޮރޯނާގެ ސަބަބުން އަހަރުގެ ބޮޑުބައެއް މިވަނީ ބަންދުވެ ކިޔެވުން މެދުކަނޑާލެވިފައެވެ. ވުމާއިއެކު މިފަދަ ދަނޑިވަޅެއްގައި ދިރާސީ އަހަރުގެ ކިޔެވުން ދިގުދަންްމާ ނުލައިފިނަމަ ދަރިވަރުންނަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހޭނެއެވެ. އެއީ ދަރިވަރުންނަށް ކިޔެވުމަށްޓަކައި ލިބެންޖެހޭ މިންވަރަށްވުރެ މަދުން ދުވަސްތައް ލިބުމެވެ. އެހެންކަމުން ދަރިވަރުންނަށް، އެކުދިންގެ އަސްލު ފެންވަރު އިމްތިހާނުތަކުގައި ނުދެއްކޭނެއެވެ. ނަތީޖާއަކަށް ވެގެންދާނީ ޤައުމުގެ ދަރިވަރުންގެ ތަޢުލީމީ ފެންވަރު ކަންބޮޑުވާ ދަރަޖައަކަށް ވެއްޓިގެން ދިޔުމެވެ. ދަރިވަރުންގެ ކިބައިގައި ހުންނަން ޖެހޭ މިންވަރަށް ތަޢުލީމީ ގޮތުން ޤާބިލިއްޔަތު ނެތުމެވެ. އަދި އޭގެސަބަބުން ދަރިވަރުންނަށް ވަޒީފާ ހޯދުމަށާއި، ވަޒީފާ އަދާކުރުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހުމެވެ. އެހެންކަމުން ދިރާސީ އަހަރުގެ ކިޔެވުން ކޮންމެހެންވެސް ދިގުދަންމާލުން މުހިންމެވެ.
މާދަމާގެ މުސްތަޤުބަލް ބިނާކޮށް އާރާސްތުކުރަން ތިބީ މިއަދުގެ ޅަދަރީންނެވެ. މިއިން ކޮންމެ ދަރިވަރެއްމެ ކިޔަވައިނިމިގެން މުޖުތަމަޢުގައި އަދާކުރާނެ ރޯލް ވަރަށް މުހިންމެވެ. އެހެންނަމަވެސް ކުރިއަށް އޮތްތާގައި މިކުދިންނަށް އެފަދަ ޒިންމާއެއް އުފުލުމުގެ ޤާބިލްކަން ހުންނާނީ ތަޢުލީމީގޮތުން ރަނގަޅު ބިންގަލެއް އެޅިގެންކަން ކަށަވަރެވެ. ވުމާއިއެކު ދަރިވަރުންނަށް މުގައްރަރުގައިވާ އެންމެހައި ފިލާވަޅުތަކެއް ފުރިހަމައަށް އުގަންނައި ދޭން ޖެހެއެވެ. ކަންމިހެން އޮތުމާއިއެކު މިފަހަރުގެ ސާނަވީ އިމްތިޙާންތައް ފަސްކުރުމީ ދަރިވަރުންނަށް އެންމެ ހެޔޮގޮތްކަން އެންމެންވެސް ގަބޫލުކުރާނެއެވެ.
މުޅިދުނިޔެއަށް ކުރިމަތިވެފައި މިވަނީ ގުދުރަތީ ކާރިސާއެއްކަމުން ގައުމުގެ އެންމެހައި ކަމެއްމެ ހާލަތާއި އެއްގޮތަށް ނިންމުމީ އެންމެ ބުއްދިވެރި ގޮތެވެ. އެހެންކަމުން ދަރިވަރުންނަށް ކިޔަވައިދެވޭ ދުވަސްތަކަށް އިތުރުކުރިއެރުމެއް ގެނައުމީ މިހާލަތުގައި އެންމެ ބުއްދިވެރި ގޮތްކަން ޔަގީނެވެ. އެއީ ކޮވިޑްގެ މިހާލަތުގައި އަޅުގަނޑުމެންގެ އާންމު ދިރިއުޅުމަށް ގެންނަން ޖެހިފައިވާ ބަދަލުތަކާއި ހުރެއެވެ. މިފަދަ ދަތި ދަނޑިވަޅެއްގައިވެސް ދަރިވަރުންނަށް ކިޔަވައިދިނުން ކުރިޔަށް ގެންގޮސް، ދިރާސީ އަހަރުގެ ކިޔެވުން ދިގުދަންމާލުމީ ދަރިވަރުންގެ ކިޔެވުން އަނބުރާ ކޮޅަށްޖެހުމަށްޓަކައި ކޮންމެހެންވެސް ކުރަންޖެހިފައިވާ ކަމެކެވެ.
ކޮވިޑް-19 އިގެ ސަބަބުން އެންމެ ބޮޑަށް އަސަރުކޮށްފައި ވަނީވެސް، އަދި އެންމެ ބޮޑު ބަދަލެއް އައިސްފައިވަނީ ވެސް ތަޢުލީމީ ދާއިރާއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ވުމާއިއެކު ދިރާސީ އަހަރުގެ ކިޔެވުން ދިގުދަންމާލުމަށްފަހު، މުގައްރަރު އެއްކޮށް ފުރިހަމަކޮށް، ދަރިވަރުންނަށް ރަނގަޅަށް ކިޔަވައިދީ، އެކުދިން އިމްތިޙާންތަކަށް ތައްޔާރުކޮށްދިނުމަށް އަހައްމިއްޔަތުކަން ދޭންޖެހެއެވެ. އެއީ، މި ޅަދަރީންނަކީ މާދަމާގެ ދިވެހިރާއްޖެ ހިންގާ، ތަރައްޤީކޮށް، ކުރިއަރުވަންތިބި މީހުން ކަމުގައި ވާތީއެވެ. ދިރާސީ އަހަރުގެ ކިޔެވުން ދިގުދަންމާލުން މުހިންމުވަނީ މިއެންމެހައި ސަބަބުތަކަށްޓަކައެވެ.