(1ވަނަ ބައި)
ރަށްފުށުގެ ސްކޫލްތަކާއި މާލޭގެ ސްކޫލްތައް ތަފާތު ވާހަކަ އަކީ ރަށުގައި ކިޔަވަން އުޅުނުއިރު ވެސް އަޑުއެހި ވާހަކަތަކެކެވެ. މާލޭގެ ސްކޫލްތައް ގިނަވާހަކައެވެ. ބޮޑުވާހަކައެވެ. ކުދިން ގިނަވުމުގެ ސަބަބުން އެއް ގްރޭޑެއްގެ އެތައް ކިލާސް ތަކެއް ހުންނަ ވާހަކައާއި، އަމުދުން މާލޭ ސްކޫލްތަކުގެ ޓީޗަރުން ތަފާތުވާހަކައަކީ ކުޑައިރުއްސުރެ އަހާ ވާހަކަތަކެވެ. އެކުގައި ކިޔަވާ އުޅުނު ރަށްޓެހިން މާލޭގެ ސްކޫލްތަކުގައި ހޯދާ ކާމިޔާބީގެ ވާހަކަ ވެސް އަހަމެވެ. އޭރުއްސުރެ މާލެއަށް ކިޔަވަން ދިއުމަކީ އަހަރެންވެސް ވަރަށް ތަޖުރިބާކޮށްލަން ބޭނުން ކަމަކަށް އޮތީ ވެފައެވެ. ރަށު ސްކޫލް ފެންވަރު ދަށް ވެގެންނެއް ނޫނެވެ. ބޮޑު ސްކޫލެއްގައި ކިޔަވާލާ ހިތްވާލެއް ބޮޑު ކަމުންނެވެ. ތަފާތު ކުދިންނާއި ބައްދަލުވެލާ، ތަފާތު މާހައުލެއް ތަޖުރިބާ ކޮށްލާ ހިތުންނެވެ.
2015 ވަނަ އަހަރު ރަށު ސްކޫލުން ގްރޭޑް 8 އާއި ހަމައަށް ކިޔެވުން ނިންމާލުމަށްފަހު އާއިލާ އެކުގައި މާލެ ބަދަލުވާން ނިންމި ނިންމުމަކި އަހަރެންގެ އެ ހުވަފެނުގައި ކުލަޖެހުން ކަމުގައި ވެގެން ދިޔައެވެ. އޭރުވެސް އަހްމަދިއްޔާގެ ވާހަކަ ރައްޓެހި ކުދިންގެ ފަރާތުންވެސް އަހަމެވެ. މާލެ ބަދަލުވުމަށްފަހު ތައުލީމު ހާސިލުކުރަން އެންމެ ބޭނުންވަނީ އަހްމަދިއްޔާއިންނޭ ބުނުމުން ބައެއް ރައްޓެހިން ބުނަމުން ދިޔައީ އެއީ އިންތިހާއަށް ހަރުކަށި ގަވާއިދުތަކެއް ގެންގުޅޭ ސްކޫލެއް ކަމަށާއި، އަހްމަދިއްޔާ ކަމުނުދާނެ ކަމަށެވެ. އަބަދުވެސް އިސްތަށިގަނޑު ތުނިކޮށްކޮށާފައި ބަހައްޓަން ޖެހޭ ވާހަކައެވެ. ބޯ ނުކޮށާނަމަ ގެޔަށް ފޮނުވާލާކަމަށާއި ވަކިވަކިން އިސްތަށިގަނޑު ދިގުކުދިން ބަލާ ޗެކުކުރާ ވާހަކައެވެ. ޔުނިފޯމް އަޅަނީ ގަވާއިދަށް ތޯ އަބަދުވެސް ޗެކު ކުރާ ޝަކުވާއެވެ. ހުކުރެއް، ޢީދެއް، ހައްޖުދުވަހެއް ބެލުމެއްނެތި ފުލުފުލުން އިތުރު ގަޑިތައް ނަގާ ވާހަކައެވެ. ކިލާހުގައި ސަކަރާތް ޖަހާނުލެވޭތީ އެ ޝަކުވާއެވެ. އަމުދުން އެންމެ ބޮޑު ޝަކުވާއަކަށްވީ އަންހެން ފިރިހެން ވަކިން ކިޔަވަދޭވާހަކައެވެ.
އެ ހުރިހާ "ނެގެޓިވް" ވާހަކަތަކާއި އެކުވެސް އަހަރެންނަށް އަހްމަދިއްޔާ ސިފަވެފައި އޮތީ ވަރަށް "ޕޮޒިޓިވް" ކޮށެވެ. އެހެންކަމުން އަހަރެން އެންމެ ދާހިތްވަނީ އަހްމަދިއްޔާ އަށް ކަމުގައި ބުނަމުން ދިޔައީމެވެ. ބައްޕަ ގާތުގައި ވެސް އަހްމަދިއްޔާއިން ޖާގައެއް ހޯދުމަށް ތަކުރާރުކޮށް އެދުނީމެވެ. އަހަރެންގެ ހިތް އަހްމަދިއްޔާއަށް އެދެންފެށި ސީދާ ސަބަބެއް ބުނޭދޭކަށް ނޭނގެއެވެ. އެހެން ނަމަވެސް އެއީ އަޙްމަދިއްޔާގެ ކާމިޔާބީ ގެ ވާހަކަ ކުރިން އަޑުއިވިފައި އޮތީމައިކަމަށްވުން ވެސް އެކަށީގެން ވެއެވެ. ރަށު ސްކޫލްގައި ކިޔެވުމަށްފަހު އަހްމަދިއްޔާގައި ކިޔެވި ކުދިން އޯލެވެލް އަދި އޭލެވެލްގައި ހޯދާ ކާމިޔާބީ ޓީވީން ފެނިފައިވީތީ ކަމަށް ވެސް ވެދާނެއެވެ. ނޫނީ ވިއްޔާ އޯލެވެލް އިމްތިހާނަށް ދަރިވަރުން ތައްޔާރުކުރުމަށް އަހްމަދިއްޔާއިން ކޮށްދޭ ތަފާތު އެތައް މަސައްކަތްތަކެއްގެ ވާހަކަ އަޑުއިވޭތީކަމަށް ވެސް ވެދާނެއެވެ.
ކޮންމެއަކަސް އަހަންނަށް އަހްމަދިއްޔާއިން ޖާގަ ލިބުން ވެގެންދިޔައީ އަހަރެން ވަރަށް އުފާވި ކަމަކަށެވެ. ރަށު ސްކޫލުން ކިޔަވަން ނުލިބުނު ބައެއް މާއްދާތައް ކިޔަވަން ފުރުސަތު ލިބުނީތީއެވެ. އަރަބިކް ލޭންގުއޭޖް އަދި ފިޒިކްސް އަކީ އަބަދުވެސް ވަރަށް ކިޔަވާހިތްވާ ދެ މާއްދާއެވެ. އެއާއިއެކުވެސް އަމިއްލަ ރަށް ދޫކޮށް، "ކޮތަރު ކޮށްޓެއް" ކަހަލަ މާލެއަށް ދާންޖެހޭތީ ބައެއް ފަހަރު ވަރަށް ހިތް ނުތަނަވަސްވާ ގޮތްވިއެވެ. ރަށުގައި އުޅުނު އަރާމު، ހިތްފަސޭހަ ދިރިއުޅުން އަބަދުގެ އަބަދަށް ގެއްލެނީއޭވެސް ހިތަށްއެރިއެވެ. ރަށުގެ ރީތި ޗާލު މޫދަށް އެރި އުޅުނުގޮތްތަކާއި، ރައްޓެހިންނާއިއެކު މަޖާކޮށް އުޅުނު ދުވަސްތައް ދެން ދުވަހަކުވެސް ބައްދަލު ނުވާނެއޭ ހިތަށް އެރިއެވެ. މާލޭގައި ދިރިއުޅޭ ބައެއް ރައްޓެހިން ވެސް ބުނީ މާލޭގައި އަބަދުގޭގައި ތިބެން ފޫހިވާ ކަމަށާއި ކުރާނެ މާ ބޮޑު ކަމެއް ނޯންނަކަމަށެވެ.
ދުވަހަކީ ރަށުގައި ހޭދަކުރާ ފަހު ދުވަހެވެ. މާލެއަށް ދިއުމަށް ވާންޖެހޭ އެންމެހައި ތައްޔާރީތައް ވެ ނިންމާލީމެވެ. ރައްޓަހިންނާ ބައްދަލުކޮށް ސަލާންގަލާން ކުރީމެވެ. އަދި ފޮށިތަންމަތި ބަދެ، ހުރިހާއެއްޗެއް ބަންދުކޮށް، ފުރަންތައްޔާރުވީމެވެ. ހުރިހާ އެއްޗެއް ދޯންޏަށް އެރުވުމަށް ފަހު ދޯނީގެ މަތީ ބަޔަށްއަރާ ޖައްސާލައިފީމެވެ. މާލޭގެ ދިރިއުޅުމާއި، ކިޔެވުމާއި މެދު ވިސްނަން އޮވެވުނެވެ. އިސާހިތަކު ދޯނި ރަށުގެ ފަޅުން ނުކުމެ މާ ގިނައިރު ތަކެއް ނުވެ ރަށުގެ ފެހިކަން ގަދަ މަލަމަތި މަޑުމަޑުން ގެއްލިގެން ހިނގައްޖެއެވެ. މާލޭގެ ދިރިއުޅުމާމެދު ވިސްނަން އޮއްވާ ލަސްތަކެއް ނުވެ ނިދިއްޖެއެވެ.
(އަދި ނުނިމޭ…)
މިއީ 2019ވަނަ އަހަރު މިސްކޫލްގެ ގްރޭޑް 12އެފް ގެ ދަރިވަރު ހުސެއިން ހުޒާމް ގެ ތަޖުރިބާގެ މައްޗަށް އޭނާ ލިޔެފައިވާ ލިޔުމެކެވެ.