(ދެވަނަ ބައި)
(މިދިޔަ ހަފްތާގެ އަދަދާ ގުޅޭ…) ފޮށިތަންމަތި ބަދެ، ހުރިހާއެއްޗެއް ބަންދުކޮށް، ފުރަންތައްޔާރުވީމެވެ. ހުރިހާ އެއްޗެއް ދޯންޏަށް އެރުވުމަށް ފަހު ދޯނީގެ މަތީ ބަޔަށްއަރާ ޖައްސާލައިފީމެވެ. މާލޭގެ ދިރިއުޅުމާއި، ކިޔެވުމާއި މެދު ވިސްނަން އޮވެވުނެވެ. އިސާހިތަކު ދޯނި ރަށުގެ ފަޅުން ނުކުމެ މާ ގިނައިރު ތަކެއް ނުވެ ރަށުގެ ފެހިކަން ގަދަ މަލަމަތި މަޑުމަޑުން ގެއްލިގެން ހިނގައްޖެއެވެ.
އަހަންނަށް ހޭލެވުނީ ހެނދުނު ހަތެއް ޖަހާލިހާއިރުއެވެ. އޭރު މާލޭގެ ފެހިކަމެއްނެތް މަލަމަތި ރީތިކޮށް ފެނެއެވެ. އުސް އިމާރާތްތަކުން ފުރި، ތޮއް ޖެހިފައިވާ މާލޭގައި އަހަރެން ވެސް ދުވަސްތަކެއް ހޭދަކޮށްލަން ޖެހުނީތާއޭ ހިތަށް އެރިއެވެ. ފެނާއި ވައި ތަޣައްޔަރުވެފައިވާ ކޮންކުރީޓުގެ ހާއްޔެކޭ އަބަދުވެސް މީހުން ބުނެ އުޅެއެވެ. އެހެން ނަމަވެސް ކާމިޔާބީއަށް ވާސިލުވެވޭނީ އުނދަގޫތަކާ ގޮންޖެހުންތަކާއި އެކުގައިކަން އަހަރެން ގަބޫލުކުރަމެވެ. އުސްގަނޑުތަކަށް އަރަން ފުރުޞަތު ލިބޭއިރު އަނޑިގަނޑުތައް އަންނާނެކަން އަހަރެންނަށްވެސް އެނގެއެވެ. އަހަރެން ހުރީ އުފަލުންނެވެ. އަހަރެން އެންމެ ކުރީއްސުރެ ދެކެމުން އައި ހުވަފެންތައް ހަގީގަތަކަށް ހެދުމުގެ ފުރުސަތު ފަހިވީތީއެވެ. އޯލެވެލްގައި ރަނގަޅު ކާމިޔާބީއެއް ހޯދުމަކީ އަހަންނާއި އަހަރެންގެ މައިންބަފައިންގެ އުންމީދު ކަމުގައިވާތީ އެކަން ހާސިލުކުރުމުގެ ފޮނި އުންމީދާއި އެކުގައެވެ.
އިސާހިތަކު މާލޭ ޓީ-ޖެޓީއަށް ދޯނި ގާތްކޮށްފިއެވެ. މުދާ އުފުލާ ބޯޓުތަކާއި ރަށްރަށުން މާލެއަށް އައިސްގާތްކޮށްފައިވާ އޮޑިފަހަރުން ފަޅުތެރެއޮތީ ދަރުބޮނޑިއަކަށް އިތުރު ދަރުފައެއް ވައްދާނުލެވޭނެހާ ބާރު ބޮޑުކޮށެވެ. ގެނައި ސާމާނުތައް ހިފައިގެން މާލެ ފޭބީމެވެ. އޮޑިފަހަރު ކައިރިއަށް މީހުން ޖަމާވެ ތޮއް ޖެހިގެން އުޅޭ މަންޒަރު ފެނި ހިތަށް އުނދަގޫވިއެވެ. މީހުން ހަޅޭއްލަވާ އަޑާއި، ދުއްވާ އެއްޗެހީގެ އަޑުފަށްގަނޑު އެހާ ބާރެވެ. ވަރުވަރުގެ ދުއްވާ އެއްޗިހިން ޓީ-ޖެޓި ސަރަހައްދުތެރެ އެކީހެން އޮތީ ބާރުވެރާފައެވެ. މާލޭގެ ކާރޫބާރޫ އިންތިހާއަށް ބޮޑު މިންވަރު އެވަގުތު އިހުސާސް ކޮށްލެވުނެވެ. ލަސްތަކެއް ނުކޮށް ގެއަށް ދިއުމަށް ޓަކައި ކުޑަޕިކަޕަކަށް އެރީމެވެ. ދުއްވާފައި ދިޔައިރު މަގުގެ ދެފަރާތުގައި އުސްކޮށް ހަދާފައި ހުރި އިމާރަތްތަކަށް ބަލަން ހުރެވުނެވެ. މަދުން ނޫނީ ހިޔާ ލިބޭހެން ހެދިފައިހުރި ގަހެއް ނުދެކެމެވެ. އަޑިގުޑަންތައް ގިނަކަމާއި މަގުމަތީ ދުއްވާ އުޅަނދުތައް ގިނަކަމުން ގެއަށް ދިއުމަށް ފުދޭ ވަރަކަށް ވަގުތު ހޭދަވިއެވެ. ގެއަށް އެއްޗެހިތައް ގެންގޮސް ހުރިހާ ކަމެއް ހަމައަކަށް އެޅުނީ އެރޭ އިރު އޮއްސުނުފަހުންނެވެ. ޖެހިގެން އައި ދުވަހުގެ އިރު އަރައި އޮއްސުނު އިރުވެސް އަހަރެމެން ތިބީ ކަމެއް ނެތުމުން ފޫހިވެ، މަންމަ ގާތު ޝަކުވާ ކޮށްލަކޮށްލައެވެ. އޭގެ ފަހުން ބޮޑު ޗުއްޓީގެ ކޮންމެ ދުވަހަކުވެސް ހަވީރު ކޮންމެވެސް ތާކަށް ދެވޭތޯ ބަލަމެވެ. އަބަދު ގޭގައި ފޫހިވެފައި ނުތިބެން ވެގެންނެވެ. ސްކޫލް ހުޅުވެން ވާއިރަށް ހޯދަން ޖެހޭ ބައެއް ސާމާނު ވެސް ހޯދަން ޖެހިފައިވާތީއެވެ. ސްކޫލް ބޫޓާއި އާ ދަބަހެއް ގަންނަން އަހަރެން ބޭނުންވިއެވެ. އެކަމަކު އެކަންވެސް ވީ 'ބޮޑު' ކަމަކަށެވެ. ބާޒާރުމައްޗަށް ދިޔައިރު އެތަނުގައިވެސް އެހާ މީހުން ގިނައެވެ. ވަންނާނެ ނުވަންނާނެ ފިހާރައެއް ނޭނގިފައިވެސް މަޖީދީމަގުގެ ހިސާބަކަށް ހިނގަންޖެހުނެވެ. ކޮންމެ މިހާރައަކަށް ބޯދިއްކޮއްލިޔަސް ދޫދޭނެ ހަމަ އެއް ފިހާރަވެސް ދިމައެއް ނުވިއެވެ. އަހަރުމެންނަށް އެކަންވެސް ވީ މަޖަލަކަށެވެ. އެހެންނާ ނުފެންނަވަރު ބޮޑެތި ފިހާރަތައް ފެނި، އެހެންނާ ނުދެކޭހާ ގިނާ މުދާތައް އެއްތާކުން ބަލާލަން ލިބުނުކަމީ އޭރު ކުރެވުނު ހަނދާންހުންނަ ތަޖުރިބާއެކެވެ.
ދުވަސްތައް ފާއިތު ވަމުން ގޮސް 2016 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށޭ ދުވަސް އައިސް ޖެހިއްޖެއެވެ. ކޮންމެވެސް ވަރަކަށް އަހަރެންގެ ހިތް ނުތަނަވަސް ވި ނަމަވެސް އަހަރެން ހުރީ އަހަރެންގެ މަދަރުސީ ހަޔާތުގެ މުޅިން އާ ޞަފްޙާއެއް ފެށުމަށް ކެތްމަދުވެފައެވެ. ފަތިހު ނަމާދުކޮށްލައިގެން ދެން ނުނިދަމެވެ. ސްކޫލަށް ދާންޖެހޭ ފުރަތަމަ ދުވަސްކަމުން ވަރަށް އަވާހާ ފެންވަރާ، ސައިބުއިގެން ތައްޔާރުވީމެވެ. އަހަނަންނަކީ ދުވަހަކުވެސް ގަޑިޖެހިގެން ތަންތަނަށް ދާން އާދަވެފައިވާ މީހަކަށް ނުވާތީ އެދުވަހު ސްކޫލަށް ދެވުނީވެސް ތަންކޮޅެއް އަވަހަށެވެ. އަހްމަދިއްޔާ އަށް ފުރަތަމަ އަހަރެން ދިޔަ ދުވަހަކީ ވަރަށް ތަފާތު އިހްސާސްތަކެއް ކުރުވި ދުވަހެކެވެ. ބައިވަރު ކުދިން ޖަމާވެ، މުޅި ސްކޫލްގެ ގޯތިތެރޭގައި ބައިބަޔަށް ތިއްބެވެ. ކުދިންގެ އަދަދާއި ބަލާފައި ގޯތިތެރެ ރަށު ސްކޫލަށް ވުރެ ކުޑަނަމަވެސް ވަރަށް ހިތްގައިމެވެ. ރަށު ސްކޫލާއި ހިލާފަށް ގޯތިތެރޭގައިވެސް އިށީންދެލައިގެން މަސައްކަތް ކުރަން ތިބެވޭ ގޮތަށް ތެދިން ހިސާބެއްގައި ބެންޗު ބަހައްޓާފައި ހުއްޓެވެ.
އަހަރެންގެ ވެސް ދެތިން ރަހުމަތްތެރިން އަހްމަދިއްޔާގައި އޭރު ތައުލީމު ހާސިލުކުރަމުންދިޔައެވެ. އަހަރެން ގޯތިތެރެއަށް ވަދެ ހޯލް ކައިރި މަޑުކޮށްލީމެވެ. އިރުކޮޅަކުން އަހަރެންގެ ރައްޓެހި ކުއްޖަކު އަންނަތަން އަހަންނަށް ފެނުނެވެ. އަހަރެން އޭނަ ކައިރިއަށް ޖެހިލާފައި ކޮން ކިލާހެއްތޯ އަހާލީމެވެ. ނަސީބުވެސް ރަނގަޅީއެވެ. ކަން ދިމާކުރި ގޮތުން އޭނައާއި އެއްކިލާހެއްގައި އަހަރެން އިންނަން ޖެހުމުން ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އިރުކޮޅަކުން ހުރިހާކުދިން ހޯލްއަށް ވަނުމަށް އަޑުގަދަކުރާއަކުން އެންގިއެވެ. އެހެން ކުދިންނެކޭ އެއްގޮތަށް އަހަރެންވެސް މަޑުމަޑުން ހޯލަށް ވަނީމެވެ. ރަށު ސްކޫލް ހޯލަށްވުރެ އަހްމަދިއްޔާގެ ހޯލް ތަނަވަސްވެފައި ސްޓޭޖް ވެސް ކިތަންމެ ތަނެއް ބޮޑުވެފައި އުހެވެ. އެންމެ ހިތްހަމަ ޖެހުނީ ހޯލް އޭސީކޮށްފައި ހުރުމުންނެވެ. ވަށައިގެން ހޯލްތެރެއަށް ނަޒަރު ހިންގާލިއިރު ހޯލުގައި އިންޑޯރ ބެޑްމިންޓަން އަދި ވޮލީ ކުޅެވޭ ގޮތަށް ހަދާފައި ހުރިކަން ފާހަގަކުރެވުނެވެ. ހޯލްގެ ދެކުނު ފަރާތުގައި އެދަންފަޅިގެ އަންހެންކުދިން ސަފު ހަދާފައިތިބިއިރު ފިރިހެން ކުދިންތިބީ ހޯލްގެ އިރުވައިފަރާތުގައެވެ. ޓީޗަރުންނާއި، ލީޑީންގ ޓީޗަރުން ތިއްބެވީ އިސްޓޭޖުމަތީގައެވެ.
އެސެމްބްލީ ނިންމާފައި އަހަރެން ރައްޓެހި ކުއްޖާ އާއި އެކު ކިލާހަށް ދިޔައީމެވެ. 5 ބުރީގެ އިމާރާތަކާއި 4 ބުރީގެ އިމާރާތެއް ހުރިއިރު، ކިޔަވައިދެނީ އަންހެން ފިރިހެން ދެ ޖިންސުގެ ކުދިން ވަކިންނެވެ. ކިލާހުގައި ގާތްގަނޑަކަށް ތެއްތިރީސް ކުދިން ތިބިއިރު، ކިލާސްރޫމްގެ ޖާގަ ކުޑައެވެ. ކިލާސްރޫމް އޭސީ ކޮށްފައިވާއިރު، ޑެސްކުތައް ޖައްސައިގެން ތެއްތިރީސް ކުދިންނަށް ތިބެވެނީ ހަމަކިރިޔާއެވެ.
(އަދި ނުނިމޭ…)
މިއީ 2019ވަނަ އަހަރު މިސްކޫލްގެ ގްރޭޑް 12އެފް ގެ ދަރިވަރު ހުސެއިން ހުޒާމް ގެ ތަޖުރިބާގެ މައްޗަށް އޭނާ ލިޔެފައިވާ ލިޔުމެކެވެ.