އިންޓަރނެޓް ބޭނުންކުރެވޭ ގޮތަށް ދަރިވަރުންނަށް ޓެބްލެޓް ދިނުން- ރަނގަޅު ކަމެއްތަ؟

މިއީ ޓެކްނޮލޮޖީގެ ޒަމާނެވެ. ގޭގައި ތިބެ ހުރިހާ ކަމެއް ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ފުއްދޭ ޒަމާނެވެ. ދިރިއުޅުމުގެ މައިދާނުގައި ހަމަ އެއް ކަމެއް ވެސް އެއާއި ނުލައި ނުކުރެވޭ ޒަމާނެވެ. ވަކި ދާއިރާއެއް ނޫނެވެ. އެހެންކަމުން މިކަމުން ތައުލީމީ ދާއިރާ ވަކި އިސްތިސްނާއެއް ނުވެއެވެ. ތަޢުލީމީ ދާއިރާގައި ވެސް ޓެކްނޮލޮޖީގެ ބޭނުންދަނީ އިންތިހާއަށް ފުޅާވަމުންނެވެ. 2018 ވަނަ އަހަރު މިވަނީ ރާއްޖޭގެ ސަރުކާރު ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށް އިންޓަރނެޓް ބޭނުންކުރެވޭ ގޮތަށް ޓެބްލެޓް ދީފައެވެ. މިއީ އާންމުންނާއި ކަމާއި ބެހޭ މުޥައްސަސާތަކުގެ މެދުގައި ވެސް ޚިލާފު އުފެދިފައިވާ ކަމެކެވެ. އެއްބަޔަކު ދެކެނީ، ދަރިވަރުންގެ ކިޔެވުމަށް ޓެބްލެޓްގެ ޒަރީޢާއިން ގިނަފައިދާތަކެއް ލިބޭނެކަމަށެވެ. އަނެއްބަޔަކު ދެކޭގޮތުގައި ޓެބްލެޓްގެ ސަބަބުން ދަރިވަރުންނަށް ލިބެނީ ގެއްލުމެވެ.  އެހެންކަމުން މި މައުޟޫޢުގެ ދެކޮޅަށް ވެސް ވާހަކަދެކެވޭނެއެވެ.

ދަރިވަރުން ޓެބްލެޓް މެދުވެރިކޮށް ކިޔަވަން ފެށުމުން ލިބޭނެ އެންމެބޮޑު އެއް ފައިދާއަކީ އިންޓަރނެޓްގެ ޒަރީޢާއިން ދަރިވަރުންގެ ފިލާވަޅާ ގުޅުންހުރި މަޢުލޫމާތު ހޯދުމުގެ ފުރުޞަތު ފަހިވެގެން ދިއުމެވެ. މީގެ ސަބަބުން ކިޔަވައިދެއްވާ މުދައްރިސުންގެ އެހީގެ އިތުރަށް ފިލާވަޅާ ގުޅުންހުރި ވީޑިއޯތަކާއި، ލިޔުންތަކުން ފިލާވަޅުތައް ދެނެގަންނަން ފަސޭހަވާނެ ކަމާމެދު އަޅުގަނޑުގެ އެއްވެސް ޝައްކެއްނެތެވެ. އެގޮތުން ހުރިހާ މާއްދާއަކުން ވެސް އިންޓަރނެޓްގެ އެހީތެރިކަން ލިބި ދަރިވަރުންގެ ކިޔެވުން އައު ހަރުފަތަކަށް ގެންދެވޭނެއެވެ. މިސާލަކަށް ސައިންސް މާއްދާތަކުގައި ހިމެނޭ އެކިކަހަލަ އެކްސްޕެރިމެންޓް ހަދާ ވީޑިއޯތަކުން، ދަރިވަރުންގެ މަޢުލޫމާތު މުއްސަނދިވެ، ފިލާވަޅާ ދޭތެރޭ ޝައުޤުވެރިކަން އުފެދިގެންދެއެވެ. އެހެންކަމުން އިންޓަރނެޓާ އެކު ޓެބްލެޓް ބޭނުންކުރުމުގެ ފުރުސަތު ދަރިވަރުންނަށް ލިބިގެންދިއުމަކީ ދަރިވަރުންގެ ކިޔެވުމަށް ނުހަނު ބޮޑު ކުރިއެރުމެއް ލިބި މައުލޫމާތު މުއްސަނދިވެގެންދާނޭ ކަމެކެވެ.

ފައިސާ ފޮތީގެ ވެސް ދެފުށް އޮންނަ ފަދައިން ދުނިޔަވީ ކޮންމެ ކަމަކީ ވެސް އޭގެ ރަނގަޅާއި ނުބައި، ފައިދާއާއި ގެއްލުން އޮންނަ ކަންކަމެވެ. މިގޮތުން އިންޓަރނެޓްގެ ޚިދުމަތާއެކު، ދަރިވަރުންނަށް ޓެބްލެޓް ދިނުމުން، ބައެއް ކުދިން އޭގެ ނާޖާއިޒް ފައިދާ ނަގައި، އެއަށް ދޯޅުވެ، އެކުދިން ކިޔެވުމަށް ދޭންޖެހޭ ސަމާލުކަންކުޑަވާ ކަމަށް ފާހަގަކުރެވެއެވެ. އެއީ، ކިޔެވުމާއި ނުގުޅޭ، އަމުދުން އުމުރާއި ވެސް ނުގުޅޭ ވީޑިއޯތައް ބަލައި، ތަފާތު އެކި ވެބްސައިޓްތަކަށްވަދެ، ކިޔެވުމަށްދޭންޖެހޭ ވަގުތު ބޭކާރު ކުރެއެވެ. މީގެއިތުރަށް ފޭސްބުކް، މެސެންޖަރ، ވަޓްސްއެޕް، އިންސްޓަރގްރާމް، ޓެލެގްރާމް ފަދަ މީސްމީޑިއާގެ ތަފާތު މަންސަތަކަށް ވަދެ އޮންލައިން ގޭމް ޑައުންލޯޑުކުރެވި، އެތަކެއްޗަށް ދެވިހިފުމުގެ ފުރުޞަތު ބޮޑުވެގެންދެއެވެ. ވީމާ، ދަރިވަރުންނަށް ޓެބްލެޓް ދިނުމަށް ޤަޞްދުކުރުމުގެ ކުރިން މިފަދަ ގެއްލުންތަކަށް ސަމާލުކަން ދޭންޖެހެއެވެ.

ބަރު ފޮތްދަބަސް އުފުލުމުގެ ބަދަލުގައި "އަހިފަތެއްހާލުއި" ޓެބްލެޓެއް ހިފައިގެން ސުކޫލަށް ދިއުން މާފަސޭހަވާނެކަން ޔަގީނެވެ. މާލޭގައި ބައިބޯވެ ޖާގައިގެ ދަތިކަން ބޮޑުވެފައިވާ މިފަދަ ދުވަސްވަރެއްގައި ކޮންމެސުކޫލަކީ ވެސް އެތައް ފަންގިފިލާއަކަށް އިމާރާތްކުރެވިފައިވާ ތަންތަނެވެ. މީގެ ތެރެއިން މަދު ސްކޫލެއްގައި މެނުވީ ލިފްޓެއް ނުހުރެއެވެ. ކުއްޖާއަށް ވުރެ ބަރު ދަބަސްތައް އަޅައިގެން ދަރިވަރުން ހިނގާފައި ފަސްވަނަ ފަންގިފިލާއަށް ވެސް އަރަންޖެހެއެވެ. މިއީ ގިނަދަރިވަރުން ކިޔެވުމުގައި އުފުލަންޖެހިފައިވާ ތަކުލީފެކެވެ. މި ތަކުލީފަށް ވެސް ތަސައްލީއެއް ލިބުނީ ޓެބްލެޓްގެ ސަބަބުންނެވެ. މީގެ ސަބަބުން ސިއްޙީ އަދި ނަފްސާނީ މައްސަލަތަކުން ވެސް ކުއްޖާ ސަލާމަތް ކުރެވެއެވެ.

އިންޓަރނެޓާ އެކު ޓެބްލެޓްގެ ޚިދުމަތް ދިނުމުން، ދަރިވަރުންގެ ޞިއްޙަތަށް އެތައް ނޭދެވޭ އަސަރެއްކުރެއެވެ. ބައެއް ކުދިން އެއަށް ދޯޅުވެ، ދުވަހުގެ ބޮޑުބައި ހޭދަކުރަނީ ޓެބްލެޓް ބޭނުންކުރުމުގައެވެ. އޮންލައިން ގޭމްތައް ހުންނަނީ ވެސް ކުދިން އެއަށް ދެވިހިފާ ގޮތަށެވެ. ނަތީޖާއަކަށް ވަނީ ހެލިފެލިވެ ނޫޅެވި، އަބަދު އެއްކަމެއްކުރަން އެއްގޮތަކަށް އިނުމުގެ ސަބަބުން، ފަލަބައްޔަށް ވާރުތަވެ ހަށިގަނޑުގެ ލޭގަނޑުވުމުގެ މައްސަލަތަކާއި، ލޮލަށް ގެއްލުން ލިބުމާއި، އިނގިލިތަކުގެ ހުޅުތައް ބަލިކަށިވުމުގެ ފުރުޞަތު ބޮޑުވެގެންދިއުމެވެ. އެހެންކަމުން ކިޔަވާ ކުދިންނަށް ޓެބްލެޓް ދިނުމަކީ ސިއްޙީ މައްސަލަތަކުގެ ހާއްޔަކަށް ކުއްޖާ ވައްޓައިލާ ކަމެކެވެ.

އިންޓަރނެޓްގެ ބޭނުން ހިފޭ ގޮތަށް ޓެބްލެޓްގެ ބޭނުންކުރަން ސްކޫލް ކުދިންނަށް ދިނުމުން އެ ކުދިންނަށް މަޢުލޫމާތު ހޯދަން ފަސޭހަވެ ކިޔެވުމަށް އިތުރު ބާރަކަށް ވެގެންދާއިރު، ބައެއް ކުދިން އެއަށް ދެވިހިފައި އޭގެ ނާޖާއިޒް ބޭނުންކުރުމުގެ ސަބަބުން ކިޔެވުން މަތިން ފޫހިވެ ނަތީޖާ ދަށްވެއެވެ. ޓެބްލެޓް ލިބި ފޮތް ދަބަސް ދޫކޮށްލުމުން ބުރަކަށީގެ ރިހުން ފިލާއިރު، ޓެބްލެޓުން ގޭމްކުޅެ ތަފާތު އެކި މަންސަތައް ބެނުންކުރުމުގައި ރެޔާދުވާލުގެ ބޮޑު ބައެއް ހޭދަކުރުމުގެ ސަބަބުން ބުރަކައްޓާއެކު، މުޅި މީހާގެ ސިއްޙަތު ފުން އަނދަވަޅަކަށް ވެއްޓިގެންދެއެވެ. ކަން އޮތްގޮތަކީ މިއެވެ. އެހެންކަމުން އިންޓަރނެޓް ލިބޭ ގޮތަށް ދަރިވަރުންނަށް ޓެބްލެޓް ދިނުމާ މެދު ގޮތް ނިންމާނީ، މިކަމުގައި ޝާމިލުވާ ފަރާތްތަކުންނެވެ. ދަރިވަރުންގެ ބެލެނިވެރިންގެ އިތުރުން ގުޅުންހުރި މުއައްސަސާތަކުންނެވެ.