(ތިންވަނަ ބައި)
އަހްމަދިއްޔާގައި ހޭދަވި ފުރަތަމަ ދުވަހު ވެސް އަހަރެން ގެއަށް ދިޔައީ ވަރަށް ހިތްހަމަ ޖެހިގެންނެވެ. ޓީޗަރުންނާއި ދަރިވަރުންނާއި އޮންނަ ގުޅުން ވެސް ވަރަށް ބޮޑަށް ފެނުނެވެ. ލީޑިންގ ޓީޗަރުން ދަރިވަރުންނާއި ބާއްވާ އެކުވެރި ކަމާއި ގާތް ކަމަކީ އަހަންނަށް ވަރަށް ތަފާތު، އާ މަންޒަރުތަކެކެވެ. ސްކޫލު މާހައުލުން ނޫނަސް ޓީޗަރުން ގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް އަހަންނަށް ވެސް ލިބޭތީއެވެ.
ރަށު ސްކޫލާއި ޙިލާފަށް އުނގަންނައި ދިނުމަށް ތަފާތު ވަސީލަތްތަކުގެ ބޭނުންކުރެއެވެ. ޕަވަރ ޕޮއިންޓް ޕްރެޒެންޓޭޝަން އަދި ލެބޯރޓަރީގައި އަމަލީ ގޮތުން ކިޔަވާ އެއްޗެއް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބުނެވެ. މިއީ އޮޅުން ނުފިލާ ބައެއް އެއްޗެހި އޮޅުންފިލުވުމަށް ވެސް ލިބުނު ވަރަށް ބޮޑު އެހީއެކެވެ. ކިޔެވުމަށް ޓީޗަރުންގެ އެހީ ވަރަށް ބޮޑަށް ލިބެއެވެ. ހާއްސަކޮށް ފިޒިކްސް އާއި ކޮމްޕިއުޓަރ ސައިންސް އަކީ ރަށު ސްކޫލް ގްރޭޑް 8 ގައި ކިޔެވި މާއްދާތަކެއްނޫނެވެ. އަހްމަދިއްޔާ ގްރޭޑް 9 އަކަށް ވަދެ އަލަށް ކިޔަވަން ފެށި ދެ މާއްދާއެވެ. ފުރަތަމަ ދުވަސްކޮޅު އުނދަގޫވި ނަމަވެސް ޓީޗަރުންގެ އެހީ އާއިއެކު ގެއްލިގެން ދިޔަ ތަން އަތުވީއެވެ. ކޮންމެއަކަސް އަހްމަދިއްޔާގެ މާހައުލުވީ އަހަންނަށް ވަރަށް ކަމުދިޔަ މާހައުލަކަށެވެ. އޮޅުން އަރާ އެއްޗެއްސާއި ނޭނގޭ އެއްޗެހި ބުނެދެއްވާ ގޮތުން ފަސޭހައިން ނަގައިގަނެވޭތީއެވެ. ރަސްމީ ދަންފަޅި ނިމުމުން ވެސް ޓީޗަރުން ވަގުތު ދެއްވާތީއެވެ. މުޤައްރަރު ނިންމުމަށް ވުރެ ބޮޑަށް އަހްމަދިއްޔާގެ މަޤްސަދަކީ ކުދިންނަށް ރަނގަޅަށް ފިލާވަޅުތައް ބުނެދީ، ދަރިވަރުން އޯލެވެލް އިމްތިހާނަށް ތައްޔާރުކުރުންކަމަށް ވަތީއެވެ.
ނަމަވެސް، އަހަރެން ކިޔަވަމުން ދިޔަ ކިލާސް ބައެއް ކުދިންގެ ނަޒަރުގައި އަހްމަދިއްޔާ އަކީ "މިލިޓަރީ" ފޯސް ތަކުގައި ގެންގުޅޭ ފަދަ ހަރުކަށި ގަވާއިދުތަކެއް ގެންގުޅޭ ސްކޫލެކެވެ. ބޯ ދިގުވާއިރަށް ބޯކޮށަން އަންގައެވެ. ނުކޮށައިފިނަމަ ގެއަށް ފޮނުވާލައެވެ. ނިޔަފަތި ދިގު ނަމަ ނިޔަފަތި ކަނޑަން ފޮނުވާލައެވެ. ޔުނިފޯމް އަޅަނީ ގަވާއިދަށް ތޯ ބަލައެވެ. ގަޑި ޖެހިގެން އަންނަ ދަރިވަރުންނަށް ފިޔަވަޅު އަޅާ ވާހަކަ އަކީ ތޯތޯ ވާހަކައެއް ނޫންކަން އަހަންނަށް އެނގުނީ އަހަންނަށް މިކަންކަން ފެނިފައިވާތީއެވެ. އެކަމަކު އެއީ އަހަރެން މާ ބޮޑަށް ވިސްނަން ޖެހޭ ކަމަކަށް ނުވިއެވެ. އެއީ އަހަރެންގެ އެފަދަ މައްސަލައެއް ދުވަހަކުވެސް ފާހަގަ ނުވާނެކަން އަހަންނަށް ޔަގީން ވާތީއެވެ. އަމިއްލަ ނަފްސަށް އިތުބާރު އޮންނާތީއެވެ. އަހްމަދިއްޔާ އަކީ މާލޭގެ އެހެން ސްކޫލްތަކާއި ހުރިހާ ގޮތަކުންވެސް ވަރަށް ތަފާތު ސްކޫލެކެވެ. ކުދިންގެ އަހްލާޤު ހިފެހެއްޓުމަށް ގަވާއިދުތައް ހަދައި އެކަމަށް ގަދައަޅައި މަސައްކަތްކުރާ ސްކޫލެކެވެ. ރަނގަޅު އަހްލާގަކާ ނުލާ ކިޔަވާއެއްޗެއްގެ ބޭނުން ހިފާނީ ކިހިނަކުން ހެއްޔެވެ.
ޖެނުއަރީގައި ފެށި ފުރަތަމަ ޓާމު ނިމެން ކައިރިވަމުންއައިރު ސްކޫލްގެ ކަންކަމަށް އަހަރެންވެސް ވަރަށް ބޮޑަށް ހޭނިއްޖެއެވެ. ރައްޓަހިން އިތުރުވެއްޖެއެވެ. ޓީޗަރުންނާ އޮންނަ ގުޅުން ބަދަހިވެއްޖެއެވެ. ރަށު ސްކޫލުން ލިބުނު ނަތީޖާއަށްވުރެ މި ޓާމުގެ ނަތީޖާ ރަނގަޅު ކުރުމަށް ވަރަށް މަސައްކަތްވެސް ކުރީމެވެ. އެހެންނަމަވެސް ރަށު ސްކޫލުގެ ޕޭޕަރުތަކުގެ ފެންވަރާއި އަޙްމަދިއްޔާގެ ޕޭޕަރުތަކުގެ ފެންވަރު ވަރަށް ތަފާތެވެ. "ސްޓޭންޑަޑް" ޕޭޕަރުތަކެއް ހަދާލެވޭ ކަމުގެ އިހުސާސުކުރެވެނީ މިފަދަ ޕޭޕަރުތަކެއް ހަދާލެވުނީމައެވެ. ކުރިން ފާހަގަ ކުރިންހެން ގްރޭޑް 8ގައި ނުކިޔަވާ ދެ މާއްދާއެއް މުޅިން އަލަށް ކިޔަވަން ޖެހުމާއި އެކަށިގެންވާ މިންވަރަކަށް ރަށު ސްކޫލުން އިނގިރޭސި ތަޢުލީމު ލިބިފައި ނުވުމުގެ ސަބަބުން މޮޅު ނަތީޖާއެއް ނެރުންވީ ވަރަށް ބޮޑު ގޮންޖެހުމަކަށެވެ. އެގޮތުން ގްރޭޑް 9 ގެ ފުރަތަމަ ޓާމުގެ އިމްތިހާނުތައް ނިމުނުއިރު މާއްދާތަކުން ފާސް ވި ނަމަވެސް އަހަރެން ހިތްހަމަ ޖެހޭ ވަރަކަށް ނަތީޖާއެއް ނުނެރެވުނެވެ. އެހެން ކުދިންނަށް 'އޭ' ރިޕޯޓް ލިބޭއިރު އަހަންނަށް 'ސީ' ރިޕޯޓަކުން ހިތަހަމަ ޖައްސާލެވޭނީ ކިހިނަކުން ހެއްޔެވެ. ބަޔޮލޮޖީ ޕޭޕަރަކުން 40ން 4 ލިބުމުން ވަރަށް ދެރަވިއެވެ. އެހެންނަމަވެސް އުންމީދު ކަނޑައެއް ނުލަމެވެ. އަހަރުގެ ފަހު ބައިހަރުގެ އިމްތާހާނަށް ތައްޔާރުވުމަށްޓަކައި ދުރާލާ ތައްޔާރުވާން ފެށީމެވެ. ކުރިއަށް ވުރެ ބޮޑަށް ގޭގައި ގިނަ ވަގުތު ފޮތް ކިޔުމުގައި ހޭދަކުރީމެވެ. ކޮންމެ ރެއަކު ނިދަނީ ފަތިސް ނަމާދަށް ހޭލައިގެން، ސްކޫލަށް ދިއުމުގެ ކުރިން ފޮތްތައް ބަލާލުމުގެ އަޒުމުގައެވެ. ރޭގަނޑު އަށެއްޖަހާއިރު ނިދަން އޮށޯންނަމެވެ. ފޮތްތައް ނިދާ އެނދުމަތީ އެއްފަރާތުގައި ބަހައްޓައިގެންނެވެ. ފަތިސް ވަގުތުގެ ކުރިން ހޭލެވުނަސް ފޮތް ފަސޭހައިން އަތު ޖެހޭނެތީއެވެ. ސްކޫލުން ބާއްވާ ހުރިހާ އިތުރު ގަޑިއެއްގައި އަބަދުވެސް ބައިވެރިވަމެވެ. ނޭނގޭ އެއްޗެހި ކުދިން ގާތު އަހައިގެންވެސް އޮޅުން ފިލުވަމެވެ. އިމްތިހާނު ކައިރިވަމުން ދިޔަ ވަރަކަށް އަހަރެން ބިރުގަންނަން ފެށިއެވެ. އެހެންނަމަވެސް ކުރަމުން ދިޔަ މަސައްކަތަކަށް ކުޑަކޮށްވެސް ލުޔެއް ނުދެމެވެ. އިމްތިހާނާއި ޖެހެންދެން މިގޮތުގައި ހިފެހެއްޓީމެވެ. އަޙްމަދިއްޔާގައި އެއް ގުރޭޑުން އަނެއް ގުރޭޑަށް ކުދިން ބަދަލުކުރުމުގައި ހަރުދަނާ އުސޫލެއް ގެންގުޅޭކަން އެނގެއެވެ. އަމުދުން ގްރޭޑް 10ށް ދެވޭނީ ފާސް ވެގެންކަމަށް ވާތީ އެވެ.
ދުވަހަކީ އިމްތިހާނު ފަށާ ދުވަސްކަމުން، އަހަރެން ވަރަށް ކުރިން ހޭލީމެވެ. އޭރު ފަތިސް ނަމާދު ވަގުތުވެސް ނުވެއެވެ. ތެދުވެ ފެންވަރައި ނަމާދަށް ތައްޔާރުވެގެން ފޮތް ކިޔަން އިށީނީމެވެ. ނަމާދުކޮށްގެން ޓެސްޓަށް ދާން ތައްޔާރުވެގެންވެސް ފޮތް ކީމެވެ. ޓެސްޓު ފެށުމުގެ ފަނަރަ މިނިޓް ކުރިން ސްކޫލަށް ދާން ޖެހެއެވެ. ސްކޫލަށް ދިޔަ މަގުމަތިން ބައެއް ރައްޓެހި ކުދިންނާ ދިމާވިއެވެ. އެކުދިން ގާތުވެސް ބައެއް އެއްޗެހި އަހައި އޮޅުން ފިލުވީމެވެ. ހޯލަށް ވަނުމުގެ ކުރިން ވެސް ކުދިންނާ މަޝްވަރާ ކުރީމެވެ. އަހަރެން އުންމީދު ކުރިގޮތަށް ހުރިހާ ޓެސްޓުތައް ނިންމާލީމެވެ. ދެން އޮތީ ނަތީޖާއަށް އިންތިޒާރުކުރުމެވެ. ކުރެވުނު މަސައްކަތާއި މެދު އަހަރެން ހުރީ ހިތްހަމަ ޖެހިގެންނެވެ.
(ނުނިމޭ…)
މިއީ 2019ވަނަ އަހަރު މިސްކޫލްގެ ގްރޭޑް 12އެފް ގެ ދަރިވަރު ހުސެއިން ހުޒާމް ގެ ތަޖުރިބާގެ މައްޗަށް އޭނާ ލިޔެފައިވާ ލިޔުމެކެވެ.