ފޮތް ކިޔުމުގެ އާދަ އަކީ ކޮންމެ ދަރިވަރެއްގެ ކިބައިގައި ހަރުލައްވަން މުހިންމު އާދައެކެވެ. ތަޢުލީމީ ޙަޔާތުގެ ވީހާވެސް ކުރީކޮޅު ނުވަތަ ދަރިން ކުޑައިރުއްސުރެ ފޮތްކިޔުމުގެ އާދަ ހަރުލެއްވުމަކީ ދަރިވަރުންގެ ކުރިއެރުމަށް ބެލެނިވެރިންނަށް އެޅިދާނެ މުހިންމު ފިޔަވަޅެއްވެސްމެއެވެ. ދަރިވަރުން އަމިއްލައަށްވެސް ތަފާތު އެކި ބާވަތްތަކުގެ ފޮތްކިޔުމަށް އަހުލުވެރިވާން ޖެހެއެވެ. މިހެން ދަންނަވާލަން މި ޖެހެނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ.
ތަފާތު މަޢުލޫމާތު ލިބޭ ޒާތުގެ ފޮތް ކިޔުމަކީ ދަރިވަރަކަށް ކިޔެވުމުގައި ލިބޭނެ ވަރަށް ބޮޑު ފަސޭއަކަށް ވެގެންދާނެއެވެ. ފިލާވަޅުތައް ދެނެގަތުމަށް ހުޅުވޭ އިތުރު ދޮރަކަށް ވެގެންދާނެއެވެ. މާއްދާއަށް އަހުލުވެރިވެ، ފިލާވަޅުގެ މަޤްސަދު ދެނެގަނެ، ވިސްނުން ފުޅާވެގެން ދިއުމަށް އެޅޭނެ ފާލަމަކަށް މިކަން ވެގެންދާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ދިރާސާތަކުން ދައްކާގޮތުގައި، ފޮތްތެރި ކަމުގެ ސަބަބުން ދަރިވަރުންނަށް ގިނައިރު "ކޮންސަންޓްރޭޓް" ކުރުމަށް ދަސްވެއެވެ. ސްކޫލް ތަކުގެ ދަރިވަރުން ހޯދާ ނަތީޖާއަށް ބެއްޔަސް މިކަން ވަރަށް ރަނގަޅަށް ފެންނާނެއެވެ. ގިނައިން ފޮތް ކިޔާ ދަރިވަރުންގެ ނަތީޖާ އެ ނޫން ދަރިވަރުންނާ އަޅާބަލާއިރު ކިތަންމެ ތަނެއް ރަނގަޅުކަމަށް ޓީޗަރުންވެސް ފާހަގަކުރެއެވެ. މަޢުލޫމާތު މުއްސަނދި ވެފައި، އިބާރާތްކުރުމުގައި ވަރަށް ބޮޑެތި ތަފާތު ތަކެއް ހުންނަކަން ވެސް ފާހަގަ ކުރެއެވެ. މިހެން މިކަން އޮތް އިރު ފޮތް ނުކިޔަންވީ ކީއްވެތޯ ދަރިވަރުން އަމިއްލަ ނަފްސާ ސުވާލުކޮށްލަން ޖެހެއެވެ.
ދަރިން ކުޑައިރު އެކުދިންގެ އުމުރާއި ގުޅޭ ފޮތް އެކުދިން ލައްވައި ކިޔުއްވުމަކީ ފޮތްތެރި ދަރިއަކަށް ހެދުމަށް މައިންބަފައިން ނުވަތަ ބެލެނިވެރިން ސަމާލުކަން ދޭން ޖެހޭ މުހިންމު ކަމެކެވެ. ސަބަބަކީ ޅަ އުމުރުގައި ކުދިންގެ ކިބައިގައި ރީތި އާދަތައް ހަރުލައްވަން ފަސޭހަވާނެތީއެވެ. ދިވެހި ހަރުބަހެއްގައި ވާ ފަދައިން، "ކައްޗަށް އެޅި ބިންގަލެއް ކެއްޗާ ހަމައަށް ނަގާއިރުވެސް ހުންނާނީ ކައްޗަށެވެ." އެހެންކަމުން ރަނގަޅު، ތެދު ބިންގަލެއްގެ މަތީ އަޅުގަނޑުމެންގެ ދަރިން ބޮޑެތި ކުރާއިރު، ފޮތްތެރި ކަމަކީ މިކަމުގެ އެންމެ މުހިންމު އެއް އަސާސެވެ. ގިނަގިނައިން ފޮތް ކިޔާ ކުދިންނަކީ މުޖުތަމަޢުގައްޔާއި މުޅި ދުނިޔޭގައި ހިނގާ ނުހިނގާ ކަންކަން ދަނެ، އެކަންކަމަށް ލޯ ހުޅުވިފައިތިބޭ ވިސްނުންތެރި ޖީލެއް އުފެއްދުމުގައި މުހިއްމު ދައުރެއް އަދާކުރާނެ ކުދިބަޔަކަށް ވެގެން ދާނެކަމީ އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއް ހިނގާ ކަމެއް ނޫނެވެ.
މީގެ އިތުރުން، ފޮތްކިޔުމަކީ ކުދިންގެ މުޢާމަލާތު ކުރުމުގެ ހުނަރު ތަރައްޤީ ކުރުމަށްވެސް ވަރަށް ބޮޑަށް އެހީވެދޭނެ ކަމެކެވެ. އެގޮތުން، އެކި ކަހަލަ ވާހަކަ ފޮތާއި މަޢުލޫމާތު ލިބޭ ފޮތްތައް ކިޔުމަކީ ވަރަށް މުހިންމު ކަމެކެވެ. އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ލިޔެފައި ހުންނަ ވާހަކަ އާއި މަޒުމޫނު ނުވަތަ އާޓިކަލް ފަދަ އެއްޗެހި ކިޔުމަކީ ބަހުގެ ޤަވާއިދަށާއި ބަސްމޮށުންތެރިކަން ތަރައްގީވުމަށް ކުރެވިދާނެ މުހިންމު ކަމެކެވެ. އެގޮތުން ކުދިން މުޖުތަމަޢުގައި އުޅޭއިރު މުޢާމަލާތުކުރުމުގައި ބަހުގެ ހަމަތަކާއި އެއްގޮތަށް ވާހަކަ ދެއްކުމާއި، ލިޔާ ލިޔުންތަކުގައި ވެސް ބަހުގެ ހަމަތަކާއި އުސޫލު ހިފެހެއްޓުމަށް އެހީ އަކަށް މިކަން ވެގެންދާނެއެވެ. އެހެންކަމުން ފޮތްތެރިކަމަކީ ދަރިވަރުންވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭންޖެހޭ ކަމެއްކަމުގައި ދެކެމެވެ.
ފޮތްތެރިވުމަކީ މިހާ މުހިންމު ކަމަކަށް ވީ އިރު، މިކަމަށް އަހަރެމެން އެހާ ބޮޑު ސަމާލުކަމެއް ނުދެނީ ކީއްވެތޯއެވެ. މިކަމުގައި ހުރި ފައިދާ ނޭނގެނީތޯއެވެ. ނޫންނަމަ އެނގި ތިބެވެސް މިކަން ކުރަން ބޭނުން ނުވަނީތޯއެވެ. މިއީ ބައެއް މީހުންނަށް ވަރަށް ފޫހި ކަމެއް ނަމަވެސް ފައިދާ ނުހަނު ގިނަ ކަމެކެވެ. އަހަރެމެންގެ ދަރީން ކުޑައިރުއްސުރެ ފޮތްކިޔުމުގެ އާދަ ހަރުލައްވަން މަސައްކަތްތަކެއް ކުރެވެން އެބަ ޖެހެއެވެ. މިކަން ހާސިލުކުރެވޭނީ އަހަރެމެންވެސް ފޮތް ކިޔަން އާދަކޮށްގެންނެވެ. މޯބައިލް ފޯނު، ޓެބްލެޓު ފަދަ އިލެކްޓްރޯނިކް ވަސީލަތްތަކާ ދުރުވެ ފޮތްތަކާއި ކައިރިވެގެންނެވެ. މިކަމުގެ ސަބަބުން ފޮތްތެރި ދަރިންތަކެއް ބިނާކުރެވި، މުސްތަޤުބަލުގައި ޤައުމުގެ އުފެއްދުންތެރިކަމާއި ސަލާމަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެކަން ޔަގީނެވެ.
މިއީ 2019ވަނަ އަހަރު މިސްކޫލްގެ ގްރޭޑް 12އެފް ގެ ދަރިވަރު ހުސެއިން ހުޒާމް ލިޔެފައިވާ ލިޔުމެކެވެ.