ކުރުވާހަކަ: ހިތި ތަޖުރިބާ

ވިލާ ރޮއްޖެއްވެސްނެތް އުޑުގައި، ހަނދު އޭގެ އެންމެ ފުރިހަމައަށް، ރަނިކަން ކުރަމުން ދިޔައެވެ. ކުދިކުދި ރާޅުބާނީތައް ހުދުފޮނުތަކާއެކު ގޮނޑުދޮށަށް ބީއްސާލާ ކޮންމެ ފަހަރަކު ހުދުކަފަ ކޮޅެއްފަދަ ދޮންވެލިގަނޑު ތެންމާލައެވެ. އިރުއޮއްސުނު ވަގުތު ވާރޭ ވެހިފައި ވުމުން ޖައްވުގައި އެކުލެވިފައިވަނީ ހިތްގައިމު ތެތްފިނި ކަމެކެވެ. މި ފުރިހަމަ ރޭ، އަތާއި އަތް ގުޅުވާލައިގެން ގޮނޑުދޮށުގެ ހިތްގައިމު ވެލިގަނޑުގައި އައުޝަމް އާއި މައީޝާ ހިނގާލާފައި ދިޔައެވެ. މިދެލޯބިވެރިން އެކުގައި އުޅޭތާ އަހަރެއްވީއެވެ. މިއަދަކީ އައިޝަމް މައީޝާގެ ކައިވެންޏަށްއެދި ހުށަހެޅި ދުވަހެވެ. މިކަމުގެ މުނާސަބާގައި މައީޝާގެ ވާތުގެ ކަށި އިނގިލީގައި ވަނީ ރީތި އަނގޮޓިއެއް އަޅުވާފައެވެ.

މިދެކުދިންގެ މިސްރާބު ހުރީ މައިޝާގެ ގެއާދިމާއަށެވެ. ދެމީހުންގެ ފުރަތަމަ ބައްދަލުވުމުގެ ހަނދާންތައް އާކުރަމުންނެވެ.

"ދެންދަނީ.." ގެއާހަމައަށް އާދެވުމާއެކު މައީޝާ ގެއަށް ވަނުމަށް ހިނގައިގަތެވެ.  އައުޝަމް މަޑުމަޑުން މައިޝާގެ އަތުގައި ހިފާލިއެވެ.

މައީޝާ ގެއަށް ވަންއިރު އޭނާގެ މަންމައާއި ބައްޕަ ތިއްބެވީ ގޭގެ ފެންޑާގައެވެ. ބައްޕައިންނެވީ ޓީވީ ބަލާށެވެ. މައީޝާ އެންމެ ފުރަތަމަވެސް ދައްކާލީ އޭނާގެ އަތުގައި އަޅާފައިވާ އަނގޮޓިއެވެ. މައީޝާ އާއި އައުޝަމްގެ ގުޅުމަކީ މައީޝާގެ މައިންބަފައިންގެ ރުހުމުގައި ކުރިޔަށްދާ ގުޅުމެކެވެ. އޭނާގެ މައިންބަފައިން އެކަމާ އުފާކުރިއެވެ. މައީޝާއަށް ލިބޭ ކޮންމެ އުފަލެއްގައި އޭނާގެ މައިން ބަފައިން ބައިވެރި ވެއެވެ. މައިޝާގެ އިތުރުން އެއާއިލާގައި ދެ ކުދިން ތިބެއެވެ. އެއީ ދޮށީ ބޭބެ ޒައިކްއާއި ހަގު ކޮއްކޮ އަމާނީ އެވެ. އެވަގުތު ޒައިކް އައިސް ވަނީ ފުޓްބޯޅަ ކުޅެ ވަރުބަލި ވެގެންނެވެ. އެހެންނަމަވެސް ކޮއްކޮގެ އެއުފަލުގައި ބައިވެރިވިއެވެ. ކޮއްކޮއަށް މަރުޙަބާކީ އުފާވެރި ކަމާއެކުއެވެ.

ހުރިހާ ގޮތަކުން ބެލިނަމަވެސް މިއީ ފުރިހަމަ އުފާވެރި އާއިލާއެކެވެ. އާއިލާގައި އެކަކު އަނެކަކަށް ލިބޭ އުފަލާއި ހިތާމައިގައި އެންމެން އެކުގައި ބައިވެރި ވެއެވެ.

މައިޝާއާއި އައުޝަމްގެ ކައިވެނީގެ ޚަބަރުން މުޅި ގޭތެރޭގައިވަނީ އުފާވެރިކަން ފެތުރިފައެވެ. މަންމައާއި ބައްޕަ އަދި ބޭބެގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމެވެ. މައީޝާ އިންތިޒާރު ކުރަމުން ދިޔައީ އޭނާގެ ކޮއްކޮ ގެއަށް އަންނާނެ ވަގުތަކަށެވެ. މައީޝާއާއި އޭނާގެ ކޮއްކޮ އަމާނީ އަކީ ވަރަށްވެސް އެކު އެކީ ގައި އުޅެމުން އަންނަ ދެބެއިންނެވެ. ހުރިހާ ކަމެއް އެކަކު އަނެކަކާ ޙިއްސާކުރާ ދެބެއިންނެވެ. އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވާ ދެބެއިންނެވެ.

އަމާނީ ކްލާސް ނިންމުމަށް ފަހު ދިހައެއް ޖަހަންވާއިރަށް ކޮންމެ ރެއަކުވެސް ގެއަށް އާދެއެވެ. އެވަގުތުގެ އިންތިޒާރުގައި މައީޝާ އިނީ ކެތްމަދުވެފައެވެ. ކޮއްކޮއަށް އޭނާގެ ކައިވެނީގެ އުފާވެރި ޚަބަރު ދިނުމަށެވެ. ގަޑިން ދިހައެއްޖަހާ ބޮޑުވެއްޖެއެވެ. ކެތްމަދުވެފައިވާ މައީޝާއަށް ކޮންމެ މިނެޓެއްދިގުވެގެންނަވީ ގަޑި އިރެއްފަދައިންނެވެ. ގަޑިން ދިހަގަޑި ބައިވުމުން މައީޝާ އޭނާގެ މަންމަގެ ކޮޓަރިއަށް ގޮސް ކޮއްކޮ ގެއަށް ނާންނަ ވާހަކަ ބުންޏެވެ. މަންމަ ހުރީ ކުޑަކޮށް ކަންބޮޑުވެފައެވެ. އެއީ އަމާނީ އަކީ އެއްވެސްގޮތަކަށް ލަހުން ގެއަށް އަންނަ ކުއްޖަކަށް ނުވާތީ އެވެ.

އަމާނީ ގެއަށް އައުން ލަސްވުމުން ޒައިކް އާއި މައިޝާ އޭނާއަށް ފޯނު ކުރިއެވެ. ހައިރާންކަމާ ހާސްކަން އިތުރުވީ އަމާނީގެ ފޯނު ނިއްވާލާފައި އޮތުމުންނެވެ. އެއީ ދުވަހަކުވެސް އަމާނީ ކުރާ ކަމަކަށް ނުވާތީއެވެ. ފޯނު ނިއްވާލަންޖެހޭ ހާލަތެއް އަތުވެއްޖެ ނަމަ އެކަން ގުޅާފައި އަންގާނެއެވެ. ކަން މިހެން އޮތުމުން މަންމައާއި ބައްޕަ ނިންމީ އަމާނީގެ ކްލާސްދޮށަށް ދިޔުމަށެވެ. އަދި އޭނާއަށް ވެގެން އުޅޭގޮތެއް އޮޅުން ފިލުވުމަށެވެ. ބައްޕައާއި ޒައިކް އަމާނީގެ ކްލާހަށް ދިޔުމުން ހާސްކަން ވީ އިތުރެވެ. ކްލާހުގެ ދަރިވަރުންނާއި މުދައްރިސްގެ ފަރާތުންވެސް ލިބުނީ އެއް ޖަވާބެކެވެ. އެއީ އަމާނީ މިއަދު ކްލާހަށް ނާންނަ ވާހަކައެވެ.

ހާސްކަމުގައި އިތުރު ވަގުތު ނަގާލުމުގެ ބަދަލުގައި ފުލުހުންގެ ކަމާބެހޭ ފަރާތަށް އެންގުމަށް އަމާނީގެ ބައްޕަ ޝަރީފް ފޯނުނެގި ވަގުތު އޭނާއަށް ކޯލެއްއައެވެ.

"އައްސަލާމް ޢަލައިކުމް.. ތިޔައީ ޢައިޝަތު އަމާނީގެ ބެލެނިވެރިއެއްތޯ؟ އަޅުގަނޑަކީ ޗީފް އިންސްޕެކްޓަރ ހަސީން" ޝަރީފަށް ފޯނުކުރީ ފުލުހުންގެ އޮފީހުންނެވެ.

" ލައްބަ މިއީ އަމާނީގެ ބައްޕަ ޝަރީފް.. ކިހިނެއްތޯވީ؟" ޝަރީފް ޖަވާބު ދިނެވެ.

" ވަރަށް އަވަހަށް ފުލުސް އޮފީހަށް ދުރުވެ ދެއްވާ؟" އިތުރު އެހީތެރި އެއްވެސް ގެންނެވުން ރަނގަޅު.." ޗީފް އިންސްޕެކްޓަރ ހަސީން ހުރީ ހާސްކަމެއްގައެވެ.

ޒައިކް އާއި ޝަރީފް އަވަހަށް ފުލުސް އޮފީހަށް ދިޔައެވެ. ހަސީން ހުރީ ތައްޔާރަށެވެ. އޭނާއަށް ދޭންޖެހިފައިވަނީ ހިތާމަވެރި ޚަބަރެކެވެ. އެއީ އާއިލާއަކަށް ދެވޭނެ އެންމެ ހިތާމަވެރި އެއްޚަބަރެވެ.

"މިރޭ ނުވައެއް ޖަހާކަންހާއިރު އަމިއްލަ ފަރާތަކުން ލިބުނު ފޯންކޯލަކަށް އަޅުގަނޑުމެން ދިޔައީ ހެންވޭރު ކޮޅުގައި ހަދަން ފަށާފައިވާ ގެއަކަށް، އަޅުގަނޑުމެނަށް ޚަބަރު ލިބުނީ އެގެއިން އަންހެން ކުއްޖަކުގެ ހަޅޭކުގެ އަޑު އިވޭތީ އަވަށްޓެރިއެއްގެ ފަރާތުން. ދިޔައިރު ފެނުނީ ވަރަށް އަނިޔާކޮށް މަރާލާފައިވާ އަންހެން ކުއްޖެއް.. މިވާހަކަ ބުނަން ވަރަށްދަތި. އެހެންނަމަވެސް މަރާލާފައިވާ ކުއްޖާގެ ދަބަހުން ފެނުނު އައިޑީކާޑަކީ އައިޝަތު އަމާނީ ގެ ކާޑު.. އަދި އޭނާގެ ފޯނުން އެންމެފަހުން ގުޅާފައިވާ ނަންބަރަކީ ޝަރީފްގެ ނަންބަރު. އެއީ އަމާނީގެ ހަށިގަނޑު ތޯ ޔަގީން ކޮށްދެއްވުމަށް ދުރުވެ ދެއްވެވޭނެތޯ؟ އަމާނީގެ އައިޑީ ކާޑާއި ފޯނު ދިއްކޮށްލަމުން ހަސީން އެދުނެވެ.

ޒައިކްއާއި ޝަރީފް އަނގައިން ނުބުނެ ތިއްބެވެ. އެތައް އިރަކު އެހެން ތިއްބެވެ. އެފަދަ ޚަބަރެއް އަޑު އިވުނު ނަމަވެސް ޤަބޫލު ކުރުމަށް ދަތިވިއެވެ. އިރުކޮޅެއްފަހުން ޝަރީފަށް ރޮވެންފެށުނެވެ. ރޮމުން އޭނާއަށް ބުނެވެނީ އެއީ ދޮގެއްކަމުގައެވެ. ހަށިގަނޑު ބަލައި ޔަގީން ކުރުމަށް ވަނީ ޒައިކްއެވެ. އޭނާގެ ހިތާހިތުން ދުޢާ ކުރިއެވެ. އެއީ އޭނާގެ ކޮއްކޮއަށް ނުވޭތޯއެވެ. އެހެންނަމަވެސް އަނިޔާކޮށް މަރާލާފައިވާ އޭނާގެ ކޮއްކޮގެ މޫނު ފެނުމާއެކު ޒައިކްގެ ބޮލަށް އެނބުރުން އެރިއެވެ. ހިތާމައިގެ ކޮޅެއް ނެތެވެ. އެއީ ޒައިކްގެ ލޯބިވާ ކޮއްކޮއެވެ. އެމަޢުސޫމް މޫނު ވަނީ އަނިޔާގެ ނިޝާންތަކުން ފުރިފައެވެ. މަންމައާއި ކޮއްކޮއަށް މިޚަބަރު ދޭނީ ކިހިނެއް ހެއްޔެވެ؟ މަންމައަށް ހިތާމައިންގޮސް ކޮންމެ ފަދަ ގޮތެއްވެސް ވެދާނެއެވެ. ޒައިކްގެ ސިކުނޑި ހުއްޓުނު ކަހަލައެވެ. އޭނާގެ ފަހަތުގައި ބައްޕަ ހުއްޓެވެ. އަމާނީގެ ފުރާނަނެތް މޫނާއި ހަށިގަނޑަށް ބަލަހައްޓައިގެންނެވެ.

"ލައްބަ.. އެއީ ހަމައަޅުގަނޑުގެ ދަރިފުޅު އަމާނީ .. އޭނާއަށް އެފަދަ އަނިޔާއެއްކޮށް މަރާލީ ކާކު؟ އެޤާތިލަކީ ކާކު؟" ޝަރީފް ވާހަކަ ދެއްވީ ހަސީނާއެވެ.

"އަޅުގަނޑުމެންގެ ޓީމުން މިހާރު މިދަނީ ތިޔަ މަސައްކަތް ކުރަމުން.. އިރާދަކުރެއްވިއްޔާ ތިޔަ ޤާތިލު އިންސާފުގެ ކުރިމައްޗަށް ވަރަށް އަވަހަށް ގެންނާނަން. އަޅުގަނޑުގެ ތަޢުޒިޔާ ތިޔަ އާއިލާއަށް ރައްދު ކުރަން." ހަސީން އެއާއިލާއަށް ހިތްވަރު ދިނެވެ.

ހިތްވަރު ގަދަ ދެބަފައިން އެކުގައި ފުލުސް އޮފީހުން ނުކުތީ އެކަކު އަނެކަކަށް ހިތްވަރު ދެމުން ނެވެ. އަދި މަންމައާއި މައިޝާއަށް ހިތްވަރު ދިނުމަށް އަމިއްލަ އިޙްސާސްތަކުގެ މައްޗަށް ގަދަވެގެންނެވެ.

މައިޝާއާއި މަންމައަށް އަމާނީގެ މަރުގެ ޚަބަރު ދިނުން ވެގެން ދިޔައީ ޝަރީފް އޭނާގެ ޙަޔާތުގައި ވެސް ކުރަން ޖެހުނު އެންމެ ހިތްދަތި ކަމަށް ވެގެން ދިޔައެވެ. އެފަދަ ޚަބަރެއް ބަލައިގަނެވޭނީ ކޮން މަންމައަކަށް ތޯއެވެ. ޒައިކް މަސައްކަތްކުރީ މައިޝާ ހަމައަކަށް އެޅުވޭތޯއެވެ. އެހެންނަމަވެސް ހިތާމައިން ގޮސް ބައެއްފަހަރު މައިޝާގެ ހެޔަށްވެސް ގޮތްވެއެވެ. އެފަދަ ހާލުގައި މުޅި ގޭތެރޭގެ އުފާވެރިކަން ހިތާމައަށް ބަދަލުވެގެން ދިޔައީ ހިނދުކޮޅެއްގެ ތެރޭގައެވެ. ރޭގަނޑު ހޭދަވެގެން ދިޔައީ ރުއިމާ ހިތާމައިގައެވެ. މާޔޫސްކަމާ ނުތަނަވަސް ކަމުގައެވެ.

ފަތިސްވީއިރުވެސް އެގޭގެ އެއްވެސް މީހަކަށް ނުނިދެއެވެ. ހެނދުނުގެ ވަގުތުގައި އައުޝަމް އެގެއަށް އައެވެ. އައުޝަމްއާއި އެގެއިން އެންމެ ފުރަތަމަ ދިމާވީ ޒައިކްއާއެވެ. ޒައިކް ފެނުމާއެކު އައިޝަމް އައިސް އޭނާގެ ގައިގާ ބައްދާލި އެވެ. އަދި ހިތްވަރު ކުރުމަށް އެދުނެވެ. އަދި މައިޝާއާއި ބައްދަލު ކުރުމަށް ބޭނުންވާ ވާހަކަ ބުންޏެވެ. ޒައިކް އަޢުޝަމް އާއި އެކު ގޭތެރެއަށް ވަނެވެ. އަދި މައިޝާގެ ހާލު އޭނާއަށް އޮޅުން ފިލުވައިދިނެވެ. މައިޝާގެ ކޮޓަރިއަށް ވަދެ އައުޝަމް އައިސް ހުރިވާހަކަ ޒައިކް ބުންޏެވެ.

" ޝުކުރިއްޔާ ބޭބޭ.. އައުޝަމްއަށް އެކަން އެންގޭ ވަރަށް ވުރެ ރޭގަ އަޅުގަނޑުގެ ހާލު މާދެރަ. އޭނާއަށް އަންގާލަދިންކަން ވަރަށް ރަނގަޅު" މައިޝާ އޭނާގެ ބޭބެއަށް ޝުކުރު އަދާ ކުރިއެވެ.

ޒައިކް މައިޝާއަށް ބަލާލީ ޔަގީންނުވާފަދަ ޝައްކުގެ ނަޒަރަކުންނެވެ. އެވަގުތު ޒައިކްއަށް އައުޝްގެ އަމަލުތަކާ ހަރަކާތް ތަކަށް ބަލަން ހުރެވުނެވެ. ޒައިކްގެ ހިތުގައި ޝައްކު އުފެދެން ފެށިއެވެ. އެހެންނަމަވެސް ޝައްކެއްގެ މައްޗަށް ވާހަކަ ދެއްކުމަކީ ބުއްދިވެރި ކަމެއް ކަމަށް އޭނާއަށް ޤަބޫލެއް ނުކުރެވުނެވެ.

ޒައިކް ގެއިން ނުކުމެގެން ޒައިކް މިސްރާބު ޖެހީ ފުލުސް އޮފީހާ ދިމާއަށެވެ. އޭނާގެ ވިސްނުން އައުޝަމްގެ މައްޗަށް ގޮސް ހުއްޓުނެވެ. އޭނާއަށް އަމާނީގެ މަރުގެ ޚަބަރު ލިބުނީ ކޮންގޮތަކުން ހެއްޔެވެ؟ އެއްވެސް ނޫހެއްގައިވެސް އަމާނީގެ ވާހަކަ ލިޔެފައި ނުވާއިރު އެކަން އޭނާއަށް އިނގުނު ގޮތަކާމެދު ޝައްކު އުފެދެން ފެށިއެވެ. ޒައިކްގެ ވިސްނުމުގައިވާ ވަހުމްތައް ހަސީން އާއި ޙިއްސާ ކުރުމަށް ޒައިކް ބޭނުންވިއެވެ.

އިއްތިފާގުން އެވަގުތުވީ ކުށުގެ ވެށިން އިނގިލީގެ ނިޝާންތައް ހިފައިގެން ހަސީން އައިސް ވަން ވަގުތާއެވެ. ޒައިކްގެ ހިތުގައި އުފެދުނު ސުވާލުތައް ހިއްސާ ކުރުމުން އެކަމަށް ހަސީން ޝުކުރު އަދާހުރިއެވެ. އަދި ތައުރީފް ކުރިއެވެ. އަދި ޒައިކް ގެއަށް ގޮސް އާއިލާއާއި އެކު ހުރުމަށް ނަސޭހަތްތެރި ވިއެވެ. ފުލުހުން އައުޝަމް ސުވާލު ކުރުމަށް ހާޒިރު ކުރިއެވެ. އަދި އޭނާގެ އިނގިލީގެ ނިޝާން ނަގާ އަޅާކިޔެވެ. ޒައިކްގެ ޝައްކު ވީ ޙަޤީގަތަކަށެވެ. އަމާނީގެ ގާތިލަކީ އައުޝްއެވެ. ފުލުހުން އޭނާގެ މަޤްޞަދާމެދު ސުވާލު ކުރުމުން ބުނީ އޭނާ ފުރަތަމަ ލޯބިވީ އަމާނީ ދެކެ ކަމަށެވެ. އެހެންނަމަވެސް އަމާނީ އޭނާއާއި ގުޅުމަށް ދެކޮޅު ހެދުމުން ބަދަލު ހިފީކަމުގައެވެ.

މައީޝާއަށް ދެ ހިތާމަ އެއްފަހަރާ ކުރިމަތިވިއެވެ. ލޯބިވާ ކޮއްކޮދުނިޔެއާ ވަކިވެ ދިޔައީ މައީޝާގެ ލޯބިވެރިޔާގެ އަނިޔާވެރި ކަމުގައެވެ. އެހެން ނަމަވެސް މަޢީޝާއާއި އޭނާގެ އާއިލާ ހިތްވަރު ކުރިއެވެ. ދިރިއުޅުން ކުރިޔަށް ބިނާ ކުރުން އޮތީ ކުރެވުނު ހިތި ތަޖުރިބާގެ އަލީގައެވެ.

 

އެޑިޓަރުގެނޯޓު:

މި ވާހަކައަކީ، 2017 ވަނަ އަހަރު ގައުމީ ވާހަކަ ލިޔުމުގެ މުބާރާތަށް ފޮނުވާފައިވާ ވާހަކައެކެވެ. ފާޠިމަތު މަލްސާ މުޙައްމަދު އޭރު ކިޔަވަމުން ދިޔައީ  އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް 9 އޭ ގައެވެ.