ޒުވާނުންނަކީ ބައިނަލްއަޤުވާމީ ގޮތުން 18 އަހަރާއި 35 އަހަރުގެ ދެމެދުގެ މީހުންނެވެ. އެގޮތުން، ކޮންމެ ޤައުމެއްގެ ޒުވާނުންނަކީ އެ ޤައުމެއްގެ ރައުސުލްމާލެވެ. އެހެނީ، އެޤައުމެއްގެ ކުރިމަގު ވަނީ ޒުވާނުންގެ އަތުތެރޭގައެވެ. އަދުގެ މުޖުތަމަޢު ތެރޭގައި ރަނގަޅު އަޚުލާގު އަށަގަނެވިފައިވާ ހަރުދަނާ ޒުވާނުންވެއެވެ. ހަމައެހެންމެ، ކަސިޔާރު މަގު އިޚްތިޔާރު ކޮށްފައިވާ ޒުވާނުންވެސް މުޖުތަމަޢު ތެރޭގައިވެއެވެ. އެހެންކަމުން، އަދުގެ ޒުވާނުންނަކީ ޒިންމާދާރު ބައެކޭ ބުނެވިދާނެ ހެއްޔެވެ؟
އާދޭހެވެ. މިއަދު ރާއްޖޭގެ ކެބިނެޓަށް ނަޒަރު ހިންގާލުމުން ފެންނަނީ ޒުވާން މޫނުތަކެކެވެ. މި ޒުވާނުން މަތީ ތަޢުލީމު ހާސިލުކުރުމަށްފަހު މިހިސާބަށް އާދެވޭނީ އެބައިމީހުން ކުރި ބުރަ މަސައްކަތުންނެވެ. މިނޫނަސް، ބޮޑެތި ބްރޭންޑުތަކުގެ ވެރިންނަށް އަދި މަޝްހޫރު ތަރިންނަށް އުމުރުން އެންމެ 24 އަހަރުގައިވެސް ވެފައިވެއެވެ. އެގޮތުން، ރާއްޖޭގައި ކޯމަސް ބިއުޓީ ބްރޭންޑް މީގެތެރޭގައި ހިމެނެއެވެ. މި ބްރޭންޑް ސާރާ އިބްރާހީމް ތަޢާރަފް ކުރީ އޭނާގެ ޒުވާން އުމުރުގެ ތެރޭގައެވެ. މިހާރު މިބްރޭންޑަކީ ދިވެހިންގެ ތެރޭގައި މަޤްބޫލުވެފައިވެފައިވާ އެއް ބްރޭންޑެވެ. ދިވެހި ބައެއް ޒުވާނުން ޝައިޠާނާގެ ވަސްވާހަށް ހެއްލުނު ކަމަކު މިފަދަ ހަރުދަނާ، ޒިންމާދާރު އަދި އާއިލާ މެމްބަރުންނަށް ޚަރަދުކުރުމަށް އާމްދަނީ ހޯދާ ޒުވާނުންވެސް ތިބެއެވެ. އެހެންކަމުން، މިކަމަށް ވިސްނާ ފިކުރުކުރުމުންވެސް ދިވެހި ޒުވާނުންނަކީ ޒިންމާދާރު ބައެއްކަން ދޭހަވެގެންދެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޔަތު އެއްދުވަހުން އަނެއްދުވަހަށް އަންނަމުންދަނީ ތަރައްޤީވެ ފުޅާވަމުންނެވެ. މި ތަރައްޤީގެ އަސްލަކީ ދިވެހި ޒުވާނުންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެހެނީ، ފަތުރުވެރިކަމުގެ ސިނާޔަތުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން އެންމެ ބޮޑު އިންސައްތައަކީ ހަމަ މި ދިވެހި ޒުވާނުންނެވެ. އެގޮތުން، ރޫމްބޮއި، ޓެކްނީޝަން، ބާރޓެންޑަރ އަދި މިފަދަ އެހެނިހެން ވަޒީފާތައް މިބައިމީހުން އަދާކުރެއެވެ. ދިވެހި ޒުވާނުން ކުރާ މަސައްކަތަށް އަހަންމިއްޔަތުކަންދީ، ފަތުރުވެރިންގެ އެންމެހާ ބޭނުންތައް ފުއްދައިދިނުމަށް، ހީވާގި ކަމާއެކު ކުރާ މަސައްކަތުގެ ސަބަބުން ފަތުރުވެރިންގެ ނަޒަރުގައި ރާއްޖޭގެ ފެންވަރު ވަނީ މަތިވެފައެވެ. އެގޮތުން، ކަސްޓަމަރ ސާރވިސްގެ ރޮނގުން ރާއްޖެއަށް ވަނީ ފަތުރުވެރިންގެ ތަޢުރީފު ލިބިފައެވެ. މީގެ ސަބަބުން، މަޝްހޫރު ފަންނާނުންނާއި ތަރިން ރާއްޖެއަށް ޒިޔާރަތްކޮށް ފަތުރުވެރިކަމުގެ ދުނިޔޭގައި ރާއްޖެވަނީ މަޤުބޫލުވެފައެވެ. މިކަމުންވެސް ދިވެހި ޒުވާނުންނަކީ ޒިންމާދާރު އަދި ހީވާގި ބައެއްކަން އެނގިގެންދެއެވެ.
ދިވެހިރާއްޖޭގެ ބައެއް ރަށްތަކާއި މާލޭގެ މަގުތަކަށް ނަޒަރު ހިނގާލުމުން ފެންނަނީ ވަރަށް ހިތާމަކުރަންޖެހޭ މަންޒަރެކެވެ. އެހެނީ، މަދަރުސީ ހަޔާތް ނިމުމާއެކު ގިނަ ޒުވާނުން ހަރުދަނާ ވަޒީފާއެއް އަދާކުރުމުގެ ބަދަލުގައި އެކުވެރިންނާއެކު ގުރޫޕު ހަދައިގެން ތިބެނީ މަގުމަތީގައި ގިނަވެފައެވެ. ކުރިމަގުގައި، ކަސިޔާރު މަގު އިޚްތިޔާރު ކޮށްފައިވާ ޒުވާނުން ދިވެހި މުޖުތަމަޢުގައި އިތުރުވެއްޖެނަމަ، އަހަރުމެންގެ މުސްތަޤުބަލު ވަރަށް އަނދިރިވާނެއެވެ. މަގުމަތީގައި މިފަދައިން ކަމެއްނެތިފައި ތިބޭ ޒުވާނުން އިތުރަށް ގޯސްވެގެންދަނީ ނުބައި އެކުވެރިންނާއި ދިމާވުމުންނެވެ. އެގޮތުން، އެތައް ޒުވާނުން ރަޙްމަތްތެރިންގެ ބަހަށް ހެއްލިގެން މަސްތުވާތަކެތި އަދި ވައްކަންކުރުން ފަދަ ކަންކަމަށް އަރައިގަނެވެއެވެ. ދުވަހުން ދުވަހަށް ދިވެހިރާއްޖޭގައި ކުށްވެރިން ގިނަވާ ސަބަބަކީވެސް ހަމަމިއީއެވެ. އެހެންކަމުން މިކަމަށް ވިސްނާލުމުން ދިވެހި ޒުވާނުންނަކީ ޒިންމާދާރު ބައެއް ކަމަށް ބުނަން ދައްޗެވެ.
އަހަރުމެންގެ ދިރިއުޅުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ މައިންބަފައިންނެވެ. ތުއްތުއިރުއްސުރެ އަހަރުމެންނަށް ލޯތްބާއި އަޅާލުން ދީގެން މިހިސާބަށް ގެނެސްފައިވަނީ ހަމަ މި ހިތްވަރުގަދަ މައިންބަފައިންނެވެ. ނަމަވެސް، ބޮޑުވެ ތަޞައްރަފު ފުދުމުން އަހަރުމެން ބެލުމަކީ މައިންބަފައިންގެ ޒިންމާއެއް ނޫނެވެ. އެގޮތުން، މަދަރުސީ ޙަޔާތް ނިމުމުން މައިންބަފައިންގެ ފުރާޅުދަށުގައި އެމީހުން ކާއެތިކޮޅު ދިނުމުން ކެއުމަކީ ހީވާގި ޒިންމާދާރު ބަޔަކުގެ ޢަމަލު ހުންނާނެ ގޮތެއްނޫނެވެ. އަދުގެ ޒުވާނުންގެ ޢަމަލު ހުންނަނީ ހަމަ މިފަދައިންނެވެ. ތަޢުލީމު ޙާސިލުކޮށް ނިމުމުން މައިންބަފައިންނަށް އެމީހުން ކޮށްދިން ކަންކަމުގެ އަގު އަދާކުރުމުގެ ބަދަލުގައި ވަޒީފާ އަދާނުކޮށް ގިނަ ޒުވާނުން އޮންނަނީ ސޯފާގައި އޮށޯވެގެން ޓީވީ ބަލާށެވެ. މައިންބަފައިންގެ ފައިސާގައި އުޅެމުންވެސް ހަމަ މި ޒުވާނުން އަވައްޓެރިންނާއި އާއިލާ މެމްބަރުންގެ ގާތުން ވައްކަންކޮށް، މައިންބަފައިންގެ އަބުރުވެސް ގެއްލުވާލައެވެ. ވީމާ، މިކަމުން ދިވެހި ޒުވާނުންނަކީ ޒިންމާދާރު ބައެއް ނޫންކަން ދޭހަވެގެންދެއެވެ.
ޒުވާނުންނަކީ ދިވެހިރާއްޖޭގެ ހިތެވެ. ދިވެހިން ކުރިއަރުވާ ތަރައްޤީގެ އުންމީދެވެ. މުޖުތަމަޢުގައި ޤާބިލު ޒިންމާދާރު ޒުވާނުން އުޅުނެއްކަމަކު މަސްތުވާތަކެތީގެ އަވައިގައި ޖެހިފައިވާ ޒުވާނުންވެސް އުޅެއެވެ. ނަމަވެސް، މުޖުތަމަޢުގައި އުޅޭ ޒުވާނުންގެ ޢަމަލުތައް ކިރާލުމުން ޒުވާނުންނަކީ ހީވާގި މުރާލި ބައެއް ކަމަށް ޤަބޫލުކުރެވެއެވެ. އެހެނީ، މަތީ މަޤާމްތަކާއި، އަމިއްލަ ބްރޭންޑަށް ތަޢާރަފްކޮށްފައިވާ ޒުވާނުން ދިވެހި މުޖުތަމަޢުގައި މަދެއް ނޫނެވެ. އެހެންކަމުން، ދިވެހި ޒުވާނުންނަކީ ޒިންމާދާރު ބައެކޭ ބުނެވެން އެބައޮތެވެ.