ޤައުމީ ދުވަސް: ފަޚުރުވެރި ކަމާއިއެކު ދިވެހި ދިދަ ވިހުރުވަން ޖެހޭ ދުވަސް

ކޮންމެ އަހަރެއްގެވެސް ރަބީޢުލް އައްވަލުމަހުގެ 1 ވަނަ ދުވަހު އަޅުގަނޑުމެން ދިވެހިން ފާހަގަ ކުރަމުން މި ގެންދަނީ ޤައުމީ ދުވަހެވެ. މިދުވަސް ފާހަގަ ކުރަމުން ގެންދާއިރު ޤައުމީ ދުވަހަކީ ކޮބައިކަމާއި ޤައުމީ ދުވަސް ފާހަގަކުރަމުން ގެންދާ ސަބަބު އިނގެނީ ކިތައް ދިވެހި ދަރިންނަށް ކަމާއިމެދު ސުވާލު އުފެދެއެވެ. މި ސުވާލަށް އަންނާނޭ އެންމެ ޢާއްމު ތިން ބަހުގެ ޖަވާބަކަށްވެގެންދާނީ " ބޮޑުތަކުރުފާނު، ޕޯޗުގީޒުން އަދި މިނިވަންކަން" ކަމާއިމެދު ޔަޤީނެވެ. ނަމަވެސް އަޅުގަނޑުމެންނަކީ މިނިވަން ފަޒާއެއްގައި، މިނިވަން ދިދައެއްގެ ހިޔަލުގައި ތިބި މިނިވަން ބަޔެއް ކަމުގައި ވީހިނދުގައި، ޤައުމީ ދުވަހާއި ބެހޭގޮތުން މިހާ ކުޑަ މިންވަރަކަށް އެނގުމުން ފުދޭތޯއެވެ؟

ޤައުމީ ދުވަހު ކޮންމެ ދިވެއްސަކަށްވެސް ފެނިގެންދަނީ ފެއްސާއި ރަތާއި ހުދުން ޒީނަތްތެރިވެފައިވާ ނަލަ ހެދުންތަކުން ޖަރީވެފައި ތިބޭ ތަނެވެ. ޤައުމީ ހެދުމާއި ސަޤާފީ ހެދުން ލައިގެން ތިބޭ ތަނެވެ. އެ ހެދުމުގައި މީގެ 450 އަހަރު ކުރީގެ ޙުއްބުލްވަޠަންގެ ފަތްކޮޅެއް ޖެހިފައިވާކަމީ އަޅުގަނޑުމެން މިއަދު ފަޚުރުވެރިވާންޖެހޭ ކަމެކެވެ. ސުވާލަކީ ޙުއްބުލްވަޠަންގެ މި ފަތްކޮޅަށް އަމާނާތްތެރި ވެވޭތޯއެވެ؟ ޅެންވެރިޔާ ވިދާޅުވެފައި ވެއެވެ.

ހަނދާނުގެ ފަތްފުށުން މީފެންނަ ތާރީޚީ ބަޔާނެއްތާ

އަނދާ އަޅުޔަށްވެ މިނިވަންކަން މިދީބުގެ ދިޔަ ޒަމާނެއްތާ

އެއީ 1558 ވަނަ އަހަރުގެ މެއި މަހުގެ ނަވާރަ ވަނަ ދުވަހެވެ. އެދުވަސް ދިވެހިންނަށް މަރުހަބާ ކިއީ އަނދިރިކަމާއި ނާމާންކަމުގެ ސާލަކާއި އެކުއެވެ. އެދުވަސް އެއީ ކަނޑުގެ ބާޒުންގެ ލަޤަބު ހޯދައިފައިވާ ޕޯޗުގީޒުން މި ކުޑަކުޑަ އަމާން ޤައުމަށް އަރާ ދިވެހިންގެ މިނިވަންކަން ފައިދަށަށްލާ ޗިސްކޮށްލި ދުވަހެވެ. އަޅުގަނޑުމެން ދިވެހިން އަޅުވެތިވީ ދުވަހެވެ. އަނދިރިއަނދިރީންނާއި އޭނާގެ ރަޙުމުކުޑަ ލަޝްކަރު މަޢުސޫމު ތުއްތު ދިވެހި ދަރިންނާއި ދިވެހި ކަނބަލުންނަށް ހަދަމުން ގެންދިޔަ އިހާނެތި ގޮތްތައް ފެނުނު މީހެއްގެ ހިތަށް އަސަރު ނުކޮށެއް ނުދާނެއެވެ. 15 އަހަރާއި 6 މަސް ދުވަހުގެ ވޭނީ ދިގު މުއްދަތަކަށް ދިވެހިން ތިބީ ޕޯޗުގީޒުންގެ އަނިޔާވެރިކަމުގެ ދަށުގައި ހައްޔަރުވެފައެވެ. މާތްވި އިސްލާމްދީނުގެ ހުޅުކޮޅު އޮތީ މުޖުތަމަޢުން ނިވެން ގާތްވެފައެވެ. ދިވެހިންގެ އަމިއްލަވަންތަކަން އޮތީ ގެއްލިފައެވެ.

ނަމަވެސް ޝައްކެއް ވަސްވާހެއް ނެތި އަޅުގަނޑުމެންނަށް އެއްބަސްވެވޭނޭ އެއް ކަމަކީ ދިވެހިރާއްޖެ އަށް ދުޝްމަނުން ކަޅިއަޅާ އަޅުގަނޑުމެންގެ މިނިވަންކަމާއި ދީނާ ބަޔަކު ތޮޅެލަން މަސައްކަތްކުރި ކޮންމެ ފަހަރަކުމެ މި ދީބުގައި ހިތްވަރުގަދަ އަދި ކެރުންތެރި ފަހުލުވާނުން ތަކެއް އުފެދިގެން އައި ކަމެވެ. ޤައުމަށްޓަކައި ދީނަށްޓަކައި އެއްވެސް ފަސްޖެހުމެއް ނެތި ކުރިއަށް ޖެހޭނޭ ބަޠަލުން ތަކެއް އުފެދިގެން އައި ކަމެވެ. މިގޮތުން ޕޯޗުގީޒުންގެ އަނިޔާވެރިކަމުން ދިވެހިން ސަލާމަތްކޮށްދެއްވުމަށްޓަކައި އަގުހުރި ޤުރުބާނީތަކެއް ވެވައިޑައިގަންނަވާފައިވާ އަދި އެބޭފުޅަކަށް ޤައުމީ ދުވަސް ނިސްބަތްވެވަޑައިގަންނަވާ އައްސުލްޠާން އަލްޣާޒީ މުޙައްމަދު ތަކުރުފާނުލް ޢައުޒަމް ސިރީ ސަވާދީއްތަ މަހާރަދުންނަކީ މިގޮތަށް ފާހަގަކޮށްލެވޭ ބޭފުޅުކެވެ. ޢާއްމު ނަމުން ކޮންމެ ދިވެއްސަކަށް ވެސް އެނގޭނީ ބޮޑުތަކުރުފާނުގެ ނަމުންނެވެ. ފަނޑުވާންފަށާފައިވާ ދިވެހިންގެ މިނިވަންކަން ބޮޑުތަކުރުފާނު އަނބުރާ ގެނެސްދެއްވާ ޤައުމުގައި އިސްލާމީ ތަރަހައިގެ ބިންގާ އަލުން އަޅުއްވައި ދެއްވިއެވެ.

ގައުމީ ދުވަސް ފާހަގަކުރުމަށް އަޙްމަދިއްޔާގައި ބޭއްވި ޚާއްޞަ އެސެންބްލީގައި އިޔާން ވާހަކަދައްކަނީ…. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

އެތަކުރުފާނު އަޅުގަނޑުމެންގެ މިނިވަންކަން އަނބުރާ ގެނެސްދެއްވަން ނިކުމެވަޑައިގަތީ މާކަ ބޮޑު ލަޝްކަރަކައިގެން ނޫނެވެ. ވަރަށްވެސް ކުޑަ ޓީމަކާއެކުއެވެ. ކުޑަ ނަމަވެސް އެ ޓީމަކީ އަޒުމާއި، ހިތްވަރާއި ހިއްމަތް ހުރި ޓީމެކެވެ. ޙިލްމާއި، ވިސްނުންތޫނުކަމާއި ރޭވުންތެރިކަން އިސްކޮށްގެން ކަންކަން ކުރިއަށް ގެންދިޔަ ޓީމެކެވެ. އެގޮތުން ދިވެހިންގެ މިނިވަންކަން ދިވެހިންނަށް އަނބުރާ ލިބުނު ސަބަބުތަކުގެ ތެރޭގައި ޤުދުރަތީގޮތުން ދިވެހިރާއްޖެ އެތުރިފައިވާ ގޮތް އެތަކުރުފާނަށް އެނގުމާއި  ތަފާތު އެހެނިހެން ޢިލްމުތައް ބޮޑުތަކުރުފާނަށް އެނގުން ހިމެނެއެވެ . މިއަދު ދިވެހި ޒުވާނެއްގެ ގާތުގައި ކައިރީގައި އޮތް ރަށަކަށް ގެންގޮސްލަދޭން އެދުނަސް ޖީޕީއެސް އަކާއި ނުލާ އެކަން ކުރަން ލާހިކެއްނުވާނެއެވެ. ނަމަވެސް ބޮޑުތަކުރުފާނު ކަޅުއޮށްފުންމީގައި 15 އަހަރު ކަނޑުމަތީ ހޭދަކުރެއްވިއިރު އެތަކުރުފާނު ދަތުރުކުރައްވަމުން ގެންދިޔައީ އޮޔާއި، ވަޔާއި، އުޑާއި އަދި ތަރިތަކަށް ބަލައިގެންނެވެ. ލަންޑަންގެ ބޮޑުގަޑިން ގަޑިއިރެއް ވީކަމަށް އަންގައިދޭން ރަނގަބީލު ޖެހުމުގެ މާކުރިން ދިވެހި ކަނޑުމަތީ އުޅުނު ބޮޑުތަކުރުފާނަށް ގަޑިން ވީއިރު އެނގެއެވެ. މިއީ އަޅުގަނޑުމެން ކާބަފައިންގެ ހުރި ހުނަރުވެރިކަމެވެ.

ރަބީޢުލް އައްވަލް މަހުގެ އެއްވަނަ ދުވަސް އަޅުގަނޑުމެން ދިވެހިން ޤައުމީ ދުވަހުގެ ގޮތުގައި މި ފާހަގަ ކުރަނީ ބޮޑުތަކުރުފާނު ވެދެއްވި އަގުހުރި  ޤުރުބާނީގެ ހަނދާނެއްގެ ގޮތުގައެވެ. ނަމަވެސް އަދުގެ މުޖުތަމައުގައި ޤައުމީ ދުވަސް ފާހަގަ ކުރަމުން ގެންދާއިރު އެ ޖޯޝާއި ޤައުމީވަންތަކަން ނުފެންނަކަމީ ހިތާމަހުރިކަމެކެވެ. ޤައުމީ ދުވަސް ފާހަގަކުރާށޭ ކިޔާ ނަލަ ހެދުންލާ، މޫނުގައި ކުލަ ކޮޅެއް އުނގުޅާ ކޮންމެ މީހަކަށްވެސް ސޯޝަލް މީޑިއާއަށް ފޮޓޯއެއް ލެވިދާނެއެވެ. އެކަމަކު މިއީ ޤައުމީ ދުވަސް ފާހަގަކުރުންތޯއެވެ؟ ބޮޑުތަކުރުފާނު ޤައުމަށްޓަކައި އެވެދެއްވި ޖިހާދަކީ އެމަނިކުފާނުގެ ހިތުގައި ޤައުމަށް އޮތް ލޯތްބެއްގެ ނަތީޖާއެވެ. ލޯތްބަކީ އިންސާނީ ޠަބީޢަތުގައި ލައްވާފައިވާ އެއްޗަކަށްވާއިރު މައިންބަފައިންދެކެ ލޯބިވާނެއެވެ. ދަރިންދެކެއާއި ރަޙުމަތްތެރިންދެކެވެސް ލޯބިވާނެއެވެ. ނަމަވެސް ޅެންވެރިޔާ ވިދާޅުވެފައިވަނީ ވަރަށް ބޮޑު ތެދެކެވެ.

ޝަޚްޞިއްޔަތެއް ހުރި ލޯތްބަކީ އަދި އާރުލާވެސް ލޯތްބަކީ

ފަޚުރާއި ޝަރަފްވެރި ބާރަކީ ޙުއްބުލްވަޠަންކަން ދަސްކުރޭ

މިއީ އަޅުގަނޑުމެން މިއަދު އަމާނާތްތެރިކަމާއިއެކު ބަލަން ޖެހިފައިވާ ޙުއްބުލް ވަޠަންގެ ފަތްކޮޅުގެ ވާހަކައެވެ. ޤައުމީ ދުވަސް ފާހަގަކުރަމުންދާއިރު ދިވެހި ދަރިން ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ޤައުމީ ލޯބި އާލާކޮށް ދިރުވުމެވެ. ބޮޑުތަކުރުފާނު އެވެދެއްވި އަގުހުރި  ޤުރުބާނީގެ ވާހަކަ އެނގި އެވާހަކައިން ނަމޫނާ ނަގާ ދަރިންތަކަކަށްވުމެވެ.

އެހެންކަމުން ރަބީޢުލްއައްވަލްމަހުގެ އެއްވަނަ ދުވަހު ކޮންމެ ދިވެއްސަކުވެސް ފަޚުރާއި ޝަރަފާއި އެކު އަޅުގަނޑުމެންގެ ޤައުމީ ދިދަ ވިހުރުވަމާހެއްޔެވެ. ޤައުމީވަންތަކަމާއި ޙުއްބުލްވަޠަންގެ ލޯބި ދިރުވާ އާލާކުރަމާތޯއެވެ.

 

އެޑިޓަރުގެ ނޯޓް: މިލިޔުމަކީ، މިއަހަރުގެ ގައުމީ ދުވަސް ފާހަގަ ކުރުމަށް 10 އޮކްޓޯބަރ 2021 ވީ އާދީއްތަ ދުވަހު އަޙްމަދިއްޔާގައި ބޭއްވި ޚާއްޞަ އެސެމްބްލީގައި ގްރޭޑް 10ބީގެ އިޔާން ޢަލީ މޫސާ ދެއްކި ވާހަކައިގެ މައްޗަށް ބިނާކޮށް އޭނާ ލިޔެފައިވާ ލިޔުމެކެވެ.