ސްކޫލްތަކުގައި ކިޔަވާކުދިންނަށް ޓެބްލެޓް..

އިންޓަރނެޓް ވަނީ ދުނިޔެ ކުޑަކުޑަޓެނިސްބޯޅައެއްގެ ސައިޒަށް ކުޑަކޮށްދީފައެވެ. އެންމެފަހުގެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވައިދިނުމާއި ބެހޭގޮތުން އަންނަނީ މަޝްވަރާ ކުރެވެމުންނެވެ. އެގޮތުން ޓެބްލެޓް ބޭނުންކޮށްގެން އިންޓަނެޓްގެ ޚިދުމަތާއި އެކު ކިޔަވައިދިނުމަކީ ބައެއް މީހުންދެކޭ ގޮތުގައި ދަރިވަރުންނަށް ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ. އެންމެންނަށްވެސް އެނގޭނެ ފަދައިން ކޮންމެ ކަމެއްގައިވެސް އެދެވޭ އަސަރުތަކާއި ނޭދެވޭ އަސަރުތަކެއްވާނެއެވެ .އެގޮތުން ލިބޭ ފައިދާތަކަށް ބަލާއިރު ޓެބްލެޓް ބޭނުންކޮށްގެން ކިޔަވާނަމަ ކޮންމެދުވަހަކު ކޮނޑުގައި ބަރު ދަބަސް އުފުލާކަށް ނުޖެހޭނެއެވެ. މީގެ ސަބަބުން ދަރިވަރުންނާއި ބެލެނިވެރިނަށްވެސް ވަރަށް ބޮޑު ލުއިފަސޭހައެއް ވެގެންދެއެވެ. މީގެ އިތުރުން ނޭނގޭއެއްޗެއް ވަގުތުން ޓެބްލެޓްގެ އެހީގައި އޮޅުންފިލުވައިލެވޭނެއެވެ. ތަފާތު ގޮތަކަށް ކިޔަވައި ދިނުމުގެ ސަބަބުން ގިނަކުދިން ކިޔެވުމަށް ޝައުޤުވެރިވާނެއެވެ.
ހަމަމިއާއިއެކު، ކަމެއްދިމާވެގެން ސްކޫލަށް ނާދެވޭ ދަރިވަރުންނަށް ފިލާވަޅު ފޮނުވައިލުމުން ޓެބްލެޓް ބޭނުންކޮށްގެން ފިލާވަޅު ހެދޭނެއެވެ. އެކުދިންނަށް ފިލާވަޅު ގެއްލިގެނެއް ނުދާނެއެވެ. އަދި އެއްވެސް އެއްޗެއް އޮޅުންނުފިލާނަމަ ޓީޗަރު ގާތުގައި ކޮންމެ ވަގުތެއްގައިވެސް އޮޅުންފިލުވައިދިނުމަށް އެހޭނެއެވެ. ދަރިވަރުންނަށް ޓެބްލެޓް ދިނުމުން ލިބޭނެ އެންމެ ބޮޑުފައިދާއަކީ ކުރިމަގުގައި ކިޔަވާ ކުދިންނަށް މިފަދަ ޑިވައިސްތައް އެންމެ އެދެވޭ ގޮތުގައި ބޭނުންކުރުމަށް ދަސްވެގެންދާނެއެވެ.
ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދިނުމުގައި ގެއްލުންތަކެއްވެސް ވެއެވެ. ސުވާލަކީ ގިނަކުދިން ޓެބްލެޓް ބޭނުންކުރާނީ ހަމައެކަނި ކިޔެވުމާއި ބެހޭ ކަންތައްތަކުގައި ހެއްޔެވެ؟ ގިނަކުދިންގެ މައިންބަފައިން އެމީހުންގެ ދަރިން ޓެބްލެޓްގެ ބޭނުން ނޭދެވޭ ގޮތުގައި ބޭނުން ކުރާނެކަމަކަށް ގަބޫލެއްނުކުރެއެވެ. އެހެންނަމަވެސް އިމްތިޙާނުގެ ނަތީޖާއިން ހަގީގަތް ފަޅާއަރައެވެ. ހަމަ މިއާއެކު ދަރިވަރުން ސްކޫލް މާހައުލުގައި ޓެބްލެޓް ބޭނުންކުރަނީ ރަނގަޅަށްތޯ ނުބެލެވުމުގެ ސަބަބުން ހިތާމަވެރި ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. “ސައިބަރ ބުލީ” މީގެ ޝިކާރައަކަށް ގިނަކުދިން ވެގެންދެއެވެ.
ސްކޫލްގައި ހޭދަކުރާ ހުރިހާ ވަގުތުގައި މާގިނައިން ސްކްރީނަށް ބެލުމުގެ ސަބަބުން ސިއްޙީގޮތުން ވަރަށް ގިނަ ގެއްލުންތަކެއްވެއެވެ. އެގޮތުން ލޮޅުގައާއި ބޮލުގައި ރިއްސުންފަދަ ކަންތައްތައް ދިމާވެއެވެ. ޓެބްލެޓް ބޭނުން ކުރުމުގެ ސަބަބުން ގިނަ ދަރިވަރުންނަށް އިމްތިޙާންތަކުގައި މަކަރު ހެދުމުގެ ފުރުސަތު ބޮޑެވެ. ޓެބްލެޓް ފަދަ ތަކެއްޗަކީ އަގުބޮޑު އެއްޗިއްސަށްވާހިނދު މިތަކެތި ކޮންމެ ދުވަހަކު ސްކޫލަށް އުފުލާއިރު ވެއްޓި ހަލާކުވުމުގެ ފުރުޞަތު އޮވެއެވެ. ގިނަ ދަރިވަރުންނަކީ ޒިންމާދާރު ދަރިވަރުންނަށް ނުވުމުގެ ސަބަބުން މިތަކެތި ހަލާކުވެ ގެއްލުމުގެ ފުރުޞަތުވެސް އޮވެއެވެ. އެހެންކަމުން ކިޔަވާކުދިންނަށް ޓެބްލެޓް ދިނުމުގައި އެދެވޭ އަސަރާއި ނޭދެވޭ އަސަރުތަކެއްވާކަން އެނގިގެންދެއެވެ.
ޓެބްލެޓްދިނުމުން ލިބޭ އެދެވޭ އަސަރަށްވުރެ ނޭދެވޭ އަސަރު ގިނައެވެ. ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ދަރިވަރުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދެވިދާނެއެވެ. އަދި ބެލެނިވެރިންނާއި ޓީޗަރުންގެ މެދުގައި މިކަމާ ބެހޭގޮތުން މަޝްވަރާތައް ކުރެވިދާނެއެވެ. އޭރުން ކުރިއަށް އޮތް މުސްތަޤްބަލުގައިވެސް މިކަމުގެ ސަބަބުން ޖެހޭ މައްސަލަތައްވެސް މަދުވާނެއެވެ.