ދުނިޔެ ރެވި އޮއްޓަރެއްހައި ކުޑަވެފައިވާ ޓެކްނޮލޮޖީގެ މި ޒަމާނުގައި އިންޓަރނެޓް ބޭނުން ނުކުރާ މީހަކު ނެތޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. މިއަދު އިންޓަރނެޓް ބޭނުންކުރާ މީހުންގެ ގެތެރޭގައި ކުޑަކުދިންނާއި ފުރާވަރު މީހުންނާއި ޒުވާނުންގެ އިތުރުން ދުވަސްވީ މީހުން ވެސް ހިމެނެއެވެ. ދެރަކަމަކީ ކިޔަވާ ކުދިން ވެސް އިންޓަރނެޓް ބޭނުން ކުރަމުން ދާކަމެވެ. ދެރަކަމަކީ ބޭނުންކުރަން ޖެހޭ ގޮތް ނޫން ގޮތްގޮތަށް އޭގެ ބޭނުންކުރާތީއެވެ. ނަތީޖާއެއްގެ ގޮތުން، އިންޓަރނެޓްގެ ސަބަބުން ކިޔަވާ ކުދިންނަށް އެތަކެއް އުނދަގޫތަކެއް ތަޙައްމަލްކުރަން ޖެހެއެވެ. މީގެ ތެރޭގައި، ޞިއްޙީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރުމާއި، ދީނާ ދުރުވުމާއި، ކިޔެވުމާ ދުރުވުން ވެސް ހިމެނެއެވެ.
ކިޔަވާކުދިން އަބަދު އިންޓަނެޓް ބޭނުން ކުރުމުގެ ސަބަބުން އެކުދިންނަށް ޞިއްޙީ އެތައް ގޮންޖެހުންތަކެއް ކުރިމަތިވެއެވެ. އިންޓަރނެޓް ބޭނުންކުރުމަށް މާގިނައިން ފޯނާއި ޓެބްލެޓް ފަދަ ތަކެތީގެ ސްކްރީނަށް ބެލުމުގެ ސަބަބުން އެކުދިންގެ ލޮލުގެ އެތަކެއް މައްސަލަތަކެއް ދިމާވެއެވެ. ލޮލަކީ އިންސާނާގެ އެންމެ ބޭނުންތެރި އެއް ގުނަވަނަށްވީ ހިނދު، ޚާއްޞަކޮށް ކިޔަވާ ކުއްޖަކަށް ލޮލުގެ މުހިންމުކަން އެހައި ބޮޑުއިރު، އެ ދަރިވަރުންގެ ލޮލުގެ ތެތްކަން ކެނޑި، ލޮލުގައި ރިއްސަން ފެށުމަކީ އެކުދިންގެ ކިޔެވުމަށް އެޅޭ ކިހައި ބޮޑު ހީނަރުކަމެއްތޯއެވެ؟ މީގެ އިތުރުން އަބަދު އިންޓަނެޓް ބުރައުޒުކުރުމުގެ ސަބަބުން ކުދިންގެ ހުޅުތަކުގައި ރިއްސަމުން ދާކަމަކީ ޞިއްޙީ މާހިރުން ކެނޑިނޭޅި އިންޒާރުގެ ރަނގަބީލު ޖަހަމުންދާ ކަމެކެވެ. މީގެ އިތުރުން އިންޓަރނެޓާ މާބޮޑަށް ދޯޅުވެ، އެއަށް ދެވިހިފައިފިނަމަ، ސިކުނޑީގެ ދުޅަހެޔޮކަމާއި ނާރުތަކަށް ވެސް އެތައް ގެއްލުމެއް ލިބޭ ކަމަށް ތަޖުރިބާކާރުން ވިދާޅުވިއެވެ. މިހެންކަމުން ކިޔަވާކުދިން އިންޓަރނެޓުގެ ބޭނުން ހިފަންވާ ގޮތަށް ނުހިފައިފިނަމަ، އޭގެ ސަބަބުން ކިޔަވާ ކުދިންގެ ޞިއްޙަތަށް ނޭދެވޭ އެތައް އަސަރެއްކުރެއެވެ.
އަޅުގަނޑުމެން ދިވެހިންނަކީ މީލާދީ ސަނަތުން 1153 ން ފެށިގެން އިސްލާމްދީނުގެ ހިދާޔަތުގައި ދެމިތިބި ބައެކެވެ. ސައްތައިން ސައްތަ މުސްލިމް ގައުމެކެވެ. ދީންދެކެ ނުހަނު ލޯބިވާ ރައްޔިތެއް ދިރިއުޅޭ ގައުމެކެވެ. ނަމަވެސް އިންޓަނެޓްގެ ސަބަބުން މިހާރަކަށް އައިސް ކިޔަވާކުދިން ދީނާ ދުރުވާކަމަކީ ވެސް އާކަމެއް ނޫނެވެ. ޝައިޠާނީ ވަސްވާސްތަކަށް ހެއްލި، އެކުދިން އަބަދު އިންޓަނެޓް ބޭނުން ކޮށް ގޭމު ކުޅުމުގެ ސަބަބުން، ނަމާދަށް ބަންގި ގޮވާ ނިމިގެން ދާއިރު ވެސް ގޭމު ކުޅެން ތިބެވޭ ކަމީ ހިތާމަހުރި ކަމެކެވެ. ދެ ނަމާދު ދޭތެރޭގައި ޤުރުއާން ކިޔެވުމުގެ ބަދަލުގައި ވެސް މިހާރަކަށް އައިސް ބައެއް ކުދިންނަށް ތިބެވެނީ ގޭމްތަކަށް ގެއްލިފައެވެ. ނުވަތަ ފޭސްބުކް ފަދަ މީސްމީޑިއާގެ ކޮންމެވެސް މަންސައެއްގެ އަވާގައި ޖެހި ހަވާނަފްސަށް ހެއްލިގެންނެވެ. ނަތީޖާއަކީ ދީނުގެ މަސްދަރުތަކަށް ފަރުވާކުޑަކުރެވި، ދީނީ އަޅުކަންތަކާ ދުރުވެ، ނަމާދުތަކަށް ފަރުވާ ކުޑަކުރެވުމެވެ. އަދި ކިޔަވާކުދިންގެ އުމުރާއި ނުގުޅޭ އަދި ދީނުގައި ހަރާމްކޮށްފައި ހުންނަ ތަކެތި އިންޓަރނެޓްގެ ސަބަބުން ފެނުމުން ވެސް އެކުދިން ދީނާއި ފެއަށް މިސްރާބުޖަހައެވެ. ވީމާ، އިންޓަނެޓަކީ ކިޔަވާކުދިން ދީނާ ދުރުކުރާ ޝައިޠާނީ އެއްޗެކެވެ.
ކިޔަވާކުދިން އަބަދު އިންޓަރނެޓް ބޭނުންކުރުމުގެ ސަބަބުން އެކުދިން ކިޔެވުމާ ދުރުހެލިވާ ކަމީ މުދައްރިސުންނާއި ބެލެނިވެރިން ކެނޑިނޭޅި ކުރަމުންދާ ޝަކުވާއެވެ. އެކުދިންނަށް ގޭގައި ހުސްވަގުތެއް ލިބޭއިރަށް ކިޔެވުމުގެ ބަދަލުގައި އިންޓަނެޓުން ގޭމުކުޅުމާއި ކާޓޫނު ބަލަން ވަގުތު ހޭދަކުރެއެވެ. މީގެ ނަތީޖާއަކީ، އެކުދިންނަށް ސްކޫލުން ގެއަށް ހަދަންދޭ ފިލާވަޅުތަކާއި ސުކޫލުގައި ކިޔަވައިދޭ މާއްދާތަކުގެ މުހިއްމު ބައިތައް ހަނދާން ނެތުމެވެ. އަދި، އެކުދިންނާއި ޓީޗަރާ އޮންނަ ގުޅުން ވެސް ހީނަރުވެގެންދެއެވެ. މިހެންކަމުން އިންޓަރނެޓަކީ ކިޔަވާކުދިން ކިޔެވުމާ ދުރުކުރާ އެއްޗެއްކަމާ މެދަކު ޝައްކެއްނެތެވެ.
އިންޓަރނެޓްގެ ސަބަބުން ކިޔަވާކުދިންނަށް ނަފްސާނީ އެތަކެއް ގެއްލުމެއްވެއެވެ. އިޖުތިމާޢީ ހުނަރުން ކުދިން މަޙްރޫމްވެއެވެ. އަބަދު އެއްކަމެއްގައި އެއްތަނެއްގައި އިނުމުގެ ސަބަބުން މުޖުތަމަޢަށް ނުހޭނި، ކަންކަމާ ފަސްޖެހި، ފިނޑިވެ، އަމިއްލަ މުޖުތަމަޢުގެ ތެރޭގައި "ބީރައްޓެއްސަކަށް" ވެއެވެ. މީގެ ސަބަބުން އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކެނޑި ނަފްސާނީ މައްސަލަތަކުގެ އަޅަކަށް ތިމާ ވެގެންދެއެވެ. މިއީ ކިހައި ހިތްދަތި ކަމެއްތޯއެވެ؟ މީގެއިތުރުން، އިންޓަރނެޓް ބޭނުންކުރަމުންދާއިރު ދިމާވާ ގޮތްނޭނގޭ، އޮންލައިން "ރައްޓެހިންގެ" ސަބަބުން އެ ކުދިންގެ ކިބައިން މުޖުތަމައުގާ ގަބޫލުނުކުރާ ކަހަލަ އާދަތައް ފެންނަކަމަށް އެތައް ބަޔަކު ގަބޫލުކުރެއެވެ. މި އާދަތަކުގެ ތެރޭގައި ކުދިންގެ އުމުރާ ނުގުޅޭ ބަސްތައް ބޭނުންކުރުމާއި، އެހެން ގައުމުތަކުގެ މީހުންނާ އެއްގޮތަށް ހެދުން އަޅަން މަސައްކަތް ކުރުމުގެ ތެރޭގައި، އަމިއްލަ ނަސްލުގެ އިތުރުން ޖިންސް އޮޅުވާލުން ހިމެނެއެވެ. ނަތީޖާއަކީ މިކަންކަމުގެ ތެރޭގައި އެ ކުދިން ކިޔެވުމަށް އޮންނަ ޖޯޝާއި ފޯރި ގެއްލުމެވެ. ވީމާ، އިންޓަނެޓްގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ކުދިން ނަފްސާނީ ބަލިމަޑުކަމަށް ހުށަހެޅި، އެ ކުދިންގެ އުޅުމާއި ގުޅުމަށް ނޭދެވޭ ބަދަލުތަކެއް އައިސް އެކުދިން ކިޔެވުމަށް އޮންނަ ޝައުގުވެރިކަން ކެނޑެއެވެ.
އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އިންޓަނެޓަކީ ކިޔަވާކުދިންނަށް ހުރި އުނދަގުލެކެވެ. އެއީ، އޭގެ ސަބަބުން، އެ ކުދިން ކިޔެވުމާ ދުރުވެ، ދީނީއަޅުކަންތަކާ ދުރުވެ، ކިޔެވުމަށް އޮންނަ ޖޯޝާއި ފޯރި ގެއްލި، އެ ކުދިން ގައިގައި ނޭދެވޭ އާދަތައް ހަރުލައި، އަދި އެކުދިންގެ ސިއްހަތަށް ހުރި ނުރައްކަލަކަށް އިންޓަރނެޓް ވެފައިވާތީއެވެ. އެހެންކަމުން، ކިޔަވާކުދިން އިންޓަރނެޓް ބޭނުންކުރާ މިންވަރު މަދުކުރަން މަސައްކަތްކުރުމަކީ ހަމައެކަނި އެ ދަރިވަރުންގެ މުދައްރިސުންނާއި މައިންބަފައިންނަށް އޮތް "ޢައިނިއްޔަ ފަރުޟެއް" ކަމަށް ދުށުމުގެ ބަދަލުގައި ޅަ ޖީލެއް ޚަރާބުގެ މަގަށް ދިޔަ ނުދީ، އެ ދަރީން ހަމަމަގަށް އެޅުވުމަކީ މުޖުތަމަޢުގެ އެންމެންގެ މައްޗަށް އޮތް "ކިފާޔަތުގެ ފަރުޟެއް" ކަމަށް ދެކި، އެ މަގަށް އެންމެން އެއް އަންބާއެއް ކިޔައި މަސައްކަތްކުރަމާ ހިނގާށެވެ.