ޓެކްނޮލޮޖީ: ރަޙުމަތްތެރިއެއްތަ؟ ނުވަތަ ހަތުރެއްތަ؟

މިއަދުގެ ދުނިޔެ މިވަނީ އެތައް ގޮތަކުން ތަރައްޤީވެފައެވެ. ބަވަނަވެފައެވެ. އަޅުގަނޑުމެންގެ ކާބަފައިންގެ ސިކުނޑިއަށް ތަޞައްވުރު ނުކުރެވޭނެފަދަ ބޮޑެތި ބަދަލުތައް މިއަދު އަޅުގަނޑުމެންނަށް ފެންނަމުން އެބަދެއެވެ. މިކަމުގެ އެންމެ ފުރިހަމަ އެއް މިސާލަކީ ޓެކްނޮލޮޖީގެ ވަޞީލަތްތަކެވެ. ޒަމާނީ ދަތުރުފަތުރުގެ ނިޒާމްތަކާއި، ކިތަންމެ ދުރުގައި ހުރިކަމުގައިވިޔަސް އަޅުގަނޑުމެން އެކަކުއަނެކަކާއި ގުޅުވައިދޭ މޯބައިލް ފޯނާއި، ވަޔަރލެސް ކަނެކްޝަންގެ ޓެކްނޮލޮޖީ އަކީ މިދެންނެވި ވަސީލަތްތަކުގެ މަދު މިސާލެކެވެ. ނަމަވެސް، މިފަދަ ވަސީލަތްތަކުގެ ސަބަބުން އަޅުގަނޑުމެންނަށް ބޮޑަށް ކުރަނީ ފައިދާތޯ ނުވަތަ ގެއްލުންތޯ މިއަދު ސުވާލުކޮށްލުން މުހިންމެވެ. ކޮންމެ ކަމެއްގައިވެސް ދެކޮޅު އޮންނަ އުޞޫލުން، ޓެކްނޮލޮޖީގެ ސަބަބުންވެސް އެދެވޭ އަދި ނޭދެވޭ އަސަރު ކުރާތީއެވެ.

ޓެކްނޮލޮޖީގެ ސަބަބުން ލިބިފައިވާ ކުރިއެރުންތަކަށް ބަލާއިރު، އެންމެ ފާހަގަކުރެވޭ އެއްކަމަކީ، އަޅުގަނޑުމެންގެ ދުވަހީ ބޭނުންތަކަށް އައިސްފައިވާ ލުއިތަކެވެ. އިލޮށިފަތި ހިފައިގެން، ބުރަކަށްޓަށް ތަދުކޮށްލައިގެން ގޭތެރެ ފޮޅައި ސާފުކުރުމުގެ ބުރަ މަސައްކަތް މިއަދު އަޅުގަނޑުމެން ކުރާކަށް ނުޖެހެއެވެ. ވެކިއުމް ކުލީނަރު ފަދަ ޒަމާނީ އާލާތްތައް މިވަނީ އެފަދަ ކުދިކުދި މަސައްކަތްތައްވެސް ލުއިކޮށްދީފައެވެ. މީގެއިތުރުން، ގޭސް އުނދުނާއި، މައިކްރޯވޭވް އަވަނާއި، އެއަރ ފްރަޔަރ ފަދަ ވަސީލަތްތަކުގެ ސަބަބުން، ކެއްކުމަކީވެސް މިއަދު އެއްވެސް ކަމެއް ނޫނެވެ. ދާވެފައިވާ ފޭރާންތައް ދޮވެ ހިއްކުމުގައި ދޮންނަމެޝިނު އެހީތެރިވެދޭތީ އެމަސައްކަތުގައި ވަގުތު ބޭކާރުކުރާކަށް ނުޖެހެއެވެ. ވީއިރު، ޓެކްނޮލޮޖީވަނީ، އަދުގެ ދުވަހީ ބޭނުންތަކުގައި އަޅުގަނޑުމެން ހޭދަކުރަންޖެހޭ ވަގުތާއި ހަކަތަ، އެތައް ގުނައަކަށް މަދުކޮށްދީފައެވެ.

މިއަދުގެ ކިޔަވާކުދިންނަށް ޓެކްނޮލޮޖީ ގެނެސްދީފައިވާ ގިނަގުނަ ފައިދާތަކަށް ބަލައިލުން މުހިންމެވެ. އެގޮތުން، ފިލާވަޅެއް ހެދުމަށް ބޭނުންވާ، ނުވަތަ މާއްދާއަކާއި ގުޅޭ މަޢުލޫމާތު ނުލިބިގެން ކުތުބުޚާނާތަކަށް ދުވާކަށް މިހާރު ނުޖެހެއެވެ. މަދަރުސާއަށް ހާޒިރުނުވެވޭ ދުވަހެއްގެ ފިލާވަޅުތައް ހޯދުމަށްޓަކައި ކުދިންގެ ފޮތް ގެއަށް ގެންދާކަށް ނުޖެހެއެވެ. ގޫގުލް ކްލާސްރޫމް ފަދަ މަންސަތަކުގެ އެހީގައި އޮންލައިންކޮށް، ފިލާވަޅުތައް ބަލައިލެވެއެވެ. މީގެ އިތުރުން، މާއްދާއަކުން އިތުރު އެހީ ހޯދުމަށްޓަކައި ޓިއުޝަން ނެގުމަށް އެހެން ގޭގެއަށް ދިޔުމުގެ ބަދަލުގައި މިހާރު އެކަންވެސް އޮންލައިންކޮށް ކުރެވެއެވެ. އެހެންކަމުން، ޓެކްނޮލޮޖީގެ ވަޞީލަތްތަކުގެ ސަބަބުން ދަރިވަރުންނަށްވެސް އެތައް ގޮތަކުން މިއަދުވަނީ ލުއިވެގެން ގޮސްފައެވެ.

ޓެކްނޮލޮޖީގެ ސަބަބުން މިއަދު އަޅުގަނޑުމެންނަށް ލިބެނީ ހަމައެކަނި ފައިދާކަމަށް ވިސްނުމަކީ، ވަރަށް ބޮޑު ކުށްހީއެކެވެ. އެންމެ ފުރަތަމަ، އޭގެ ސަބަބުން ކުރާ ޞިއްޚީ މައްސަލަތަކަށް ނަޒަރު ހިނގާލަމާ ހިނގާށެވެ. ޓީވީއާއި، ލެޕްޓޮޕާއި، މޯބައިލް ފޯނުފަދަ މުނިފޫހިފިލުވުމުގެ ވަޞީލަތްތަކަށް ގެއްލިފައި، މިއަދުގެ ކުޑަކުދީންނާއި ޒުވާނުން ދުވާލަކު ހޭދަކުރަނީ ކިތައް ގަޑިއިރު ހެއްޔެވެ؟ އިސްކްރީނަށް ބެލުމުގައި އެހާ ގިނަ ވަގުތު ހޭދަކުރުމުގެ ސަބަބުން، ލޮލުގެ ތެތްކަން ގެއްލި، ލޮލުގެ ފެނުމަށް ނޭދެވޭ އަސަރުކުރުމުގެ ސަބަބުން، ނަމްބަރު އައިނު އަޅަންޖެހިފައިވާ ކުޑަކުދީންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މީގެ އިތުރުން، ޙަރަކާތްތެރިކަން ކުޑަވުމުގެ ސަބަބުން، ފަލަވުން ފަދަ މައްސަލަތައް އަޅުގަނޑުމެންގެ މުޖުތަމަޢުގައި މިއަދު ވަނީ ޢާންމުވެފައެވެ. ވީމާ، ޓެކްނޮލޮޖީގެ ބޭނުން ނުރަނގަޅު ގޮތުގައި ހިފައިފިނަމަ، ޞިއްޙަތަށްވެސް، އޭގެ ނޭދެވޭ ކުރާނެއެވެ.

ޓެކްނޮލޮޖީގެ ސަބަބުން އަދުގެ ކިޔަވާކުދީންނަށް ލިބޭ ގެއްލުންތަކެއްވެސް ހުންނާނެކަމަކީ ޔަޤީންކަމެކެވެ. މީސްމީޑިއާގެ މަންސަތަކުގައި، އަދި އެހެނިހެން ވަސީލަތްތައް ބޭނުންކުރުމުގައި މާގިނަ ވަގުތު ހޭދަކުރެވުމުގެ ސަބަބުން ކިޔެވުމަށް ދޭންޖެހޭ ސަމާލުކަން ނުދެވި، އިމްތިޙާންތަކަށް ފަރިތަކުރުމަށް ލިބޭ ވަގުތު ބޭކާރުވެ، ކިޔެވުމަށް އޮންނަ ޝަޢުޤުވެރިކަން ގެއްލިގެންދެއެވެ. އިމްތިޙާންތަކުން ފާސްނުވާއިރުވެސް، ގޭގައި އިތުރަށް މަސައްކަތްކުރުމުގެ ބަދަލުގައި، ގިނަކުދިން ކުރާ މަސައްކަތަކީ، ޓެކްނޮލޮޖީގެ ކޮންމެވެސް ވަޞީލަތެއް ބޭނުންކޮށްގެން މުނިފޫހިފިލުވައިލުމެވެ. ނަތީޖާއަކީ، ކިޔެވުމަށް ހޭދަކުރަންޖެހޭ ވަގުތުގެ ބޭނުން ނުހިފި، ކުއްޖާގެ ފެންވަރު އިތުރަށް ދަށްވެގެން ދިޔުމެވެ. މިކަންކަމުން އެނގިގެންދަނީ ޓެކްނޮލޮޖީގެ ސަބަބުން ދަރިވަރުން ކިޔެވުމާއި ދުރުވެގެން ދާކަމެވެ.

ޓެކްނޮލޮޖީއަކީ، އަޅުގަނޑުމެންގެ ދުވަހީ ބޭނުންތަކުގައި އަދި ތަޢުލީމު ޚާޞިލްކުރުމުގައި ލުއިތަކެއް ލިއްބައިދޭ "ރަޙުމަތްތެރިއަކަށް" މިއަދު ވެފައިވާއިރު، އޭގެ ސަބަބުން އަދުގެ ކުޑަކުދީންނާއި ޒުވާނުން ކިޔެވުމާއި ދުރުވެ، ޞިއްޙީ މައްސަލަތަކާއި ކުރިމަތިލާންޖެހިފައިވުމުން، އެއީ "ހަތުރެއް" ކަމުގައި ދެކޭ މީހުންވެސް އުޅެއެވެ. ނަމަވެސް، ބަވަނަވެފައިވާ މިދުނިޔޭގައި ޓެކްނޮލޮޖީއާއި ނުލައި ދިރިއުޅުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން، ޓެކްނޮލޮޖީގެ ސަބަބުން އުފެދޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި، އޭގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަކީ އަޅުގަނޑުމެން އެންމެންގެ ބޮލުގައި އެޅިފައިވާ ބޮޑު ޒިންމާއެކެވެ.