އިރުއޮއްސި އަނދިރިވަނީއެވެ. ހަމަހިމޭންކަން ފެތުރިއްޖެއެވެ. އަޑެއްބަޑެއް ނީވެއެވެ. އެންމެ ކުޑަމިނުން ދޫނި ސޫފާސޫފީގެ އަޑެއްވެސް އެ ވަގުތަކު ނީވެއެވެ. ހަމައެކަނި އިވެނީ ހޮޅުއަށީގައި ރޯން އިން ކުއްޖެއްގެ ގިސްލުމުގެ އަޑެވެ. އެ ނޫން ހަމަ އެއްވެސް އަޑެއް ނީވެއެވެ.
ބަލާބެލުމަށް އެއީ ފަނަރަ ސޯޅަ ވަރަކަށް އަހަރުގެ އަންހެންކުއްޖެކެވެ. އޭނާގެ ބޮޑު ދެލޯ ވަނީ ކަރުނައިން ފުރިފައެވެ. ކަޅުކުލައިގެ ފަން އިސްތަށިގަނޑު އޮތީ ހޭވިފައެވެ. ލައިގެން ހުރި ކުރު ދަނބުކުލައިގެ ހެދުންކޮޅު ވަނީ އެތަންމިތަނުން ވީދިފައެވެ. އެ މަންޒަރު ފެނުނު ކޮންމެ މީހެއްގެ ލޮލުން ވެސް ކަރުނަފާއްދާލާނެ އެވެ. އެ މައުސޫމު ކުއްޖާ އިނީ ރޮއިރޮއި ވަރުބަލިވެފައެވެ. ބަނޑުހައިވެފައެވެ. ބޯނެ ފެންފޮދެއް ނުލިބި ކަރުހިއްކައިގެންފައެވެ.
އެންމެ ހެއްވާ ކަމަކީ އެ ކުއްޖާގެ އަމިއްލަ ވަޒަނުން އެ ކުއްޖާ ނެރެ ބާ ބުޅާގަނޑެއްހެން އެއްލާލި ސަބަބެވެ. އެކުއްޖާގެ ރަހުމެއް ހަމްދަރުދީއެއްނެތް ބައްޕައަށް އޭނާ ހަވީރު ސަޔަށް ހެދި ހެދިކާ ނުބައިވުމެވެ.
އެންމެ ކުޑައިރުއްސުރެ ވެސް އެ ކުއްޖާފުޅުގެ ހާލަކީ އެއީއެވެ. މައިންބަފައިންގެ ފަރާތުން ލިބެންޖެހޭ ލޯތްބާއި އަޅައިލުމެއް ނުލިބެއެވެ. އޭނާ ސުކޫލަށް ނުފޮނުވައި ބަހެއްޓީ ގޭގައި މަސައްކަތް ކުރުވާށެވެ. ގެ ސާފުކޮށް، އައްނައުނުދޮވެ، ކައްކާ ކަންކަން ކުރުވަނީ އެ ކުއްޖާ ލައްވައެވެ. އެ ކުއްޖާގެ އަމިއްލަ ގޭގައި އޭނާ ގެންގުޅެނީ ބާންދީއެއްހެންނެވެ. ނިދަންދީފައި ހުރި ކޮޓަރިއަކީ ބާވެފައި ހުރި ގުދަނެކެވެ. މީގެ ކުރިން އެމީހުން ބަނޑަހަގެއަކަށް ހަދައިގެން އުޅުނު ވީރާނާވެފައިވާ ތަނެކެވެ. ނިދަން އޮންނަން ޖެހެނީ ބާވެ ހަސްފަސްނެތިފައި އޮތް ކުނަލެއްގެ މަތީގައެވެ. ބާލީހެއް ދޭ ނަމަ ވެސް ރަނގަޅެވެ. ފުރާވަރަށް އެރީއްސުރެ އެ ފަކީރު ގެންގުޅޭ ހާލަކީ މިއެވެ.
ރޮއިރޮއި ވަރުބަލިވެގެން އެންމެ ފަހުން އެ މައުސޫމް ކުއްޖާއަށް ނިދުނެވެ. ހޭލެވުނީ އިޝާ ނަމާދުގެ ބަންގީގެ އަޑަށެވެ. އެހެނަސް އޭނާއަށް ނަމާދުކުރެވޭނެ ގޮތެއް ނެތެވެ. އައުރަ ނިވާވާނެ ކަހަލަ ހެދުމެއް ނެތެވެ. އެ ކަމާމެދު އޭނާ އިތުރަށް ހިތްދަތިވުން ނޫން ކަމެއް ނުވެއެވެ. ނަމާދުކޮށް ނިންމައި، މީހުން މިސްކިތުން ފައިބައިފިއެވެ. ބަރާބަރަށް ފަސްވަގުތު ނާޅައި ނަމާދުކުރި ޒީކް މިއަދު އޮންނަން އެޖެހުނީ އެކަމުން ވެސް މަޙްރޫމްވެފައެވެ.
ދަބަހާއި ފޮށިތަކެއް ހިފައިގެން އައި ކުޑަ އާއިލާއެއް ބަނދަރުމައްޗަށް ހުއްޓުނުތަން ޒީކް އަށް ފެނުނެވެ. އެމީހުންގެ ވާހަކަތައް ހުރިގޮތުން އެއީ މާލެއަށް ފުރަން އައިސް ތިބި ބައެއްކަން އެނގުނެވެ. ޒީކް އަށް އިނދެވުނީ އެ މީހުންގެ ހަރަކާތްތަކަށް ގެއްލިފައެވެ. ބަނދަރުމަތީގައި ތިބި ތިން ކުޑަކުދިން އެކުދިންގެ ބައްޕައާއި އެކު ހީނ ސަމާސާކުރާތަން ފެނި އެ ނިކަމެތި ކުއްޖާގެ ހިތަށް ފުން އަސަރުތަކެއްކުރިއެވެ. އެ ކުދިންގެ މަންމަ އާއި ބައްޕަ އެކުދިންދެކެ ލޯބިވާ ފަދައިން އެ ކުއްޖާގެ މައިންބަފައިން އެ ކުއްޖާއަށް ލޯބިދޭނަމަ ކިހާ ރަނގަޅުވީހޭ ހިތަށް އެރިއެވެ. އެންމެ ދެރަވީ މަންމަ މަތިން ހަނދާންވުމުންނެވެ.
މާލެދާން އިތުރު މީހުން ވެސް ބަނދަރު މައްޗަށް އެއްވިއެވެ. މި މަންޒަރުތައް ފެނި އެ ކުއްޖާގެ ހިތަށް އެރިއެވެ. ރަށު މީހުން ކިޔައެވެ. މާލޭގައި ދިރިއުޅުން ރަށުގެ ދިރިއުޅުމަށްވުރެ މާ މަޖާވާނެއެވެ. ދުވަހަކުވެސް ފޫއްސެއް ނުވާނެއެވެ. މާލެއަކީ އެހާމެ ބޮޑު ތަނަވަސް ރަށެކެވެ. އަހަރެންވެސް އެ މީހުންނާއިއެކު މާލެދާންވީއެވެ. ފަހަރެއްގައި އަހަރެންގެ ދިރިއުޅުން މުޅިން ބަދަލުވެދާނެއެވެ.
ދޯންޏަށް އެރުމަށް ކައްޕި ގޮވައިލުމުން ބަނދަރުމަތީގައި ތިބި މީހުން ދޯންޏަށް އެރިއެވެ. ޒީކް ވެސް ސިއްރުސިއްރުން ދޯންޏަށް އެރިއެވެ. އެ ކުއްޖާ އިށީނީ މީހަކަށް ނުފެންނާނެހެން ފޮށިގަނޑުތަކެއްގެ ފަހަތުގައެވެ. ދޯންޏަށް މާލެ ދެވެންޏާ ހަމަޔަގީނުން ވެސް މިފަހަރު އޭނާއަށް މާލެ ދެވޭނެއެވެ. ނޭނގޭ ކަމަކީ އެހެން އިނދެވޭނީ ކިހާއިރެއް ވަންދެން ކަމެވެ.
މާގިނައިރެއްނުވެ ދޯނި ފުރައިފިއެވެ. ބ ގޮއިދޫއިން ފުރައިގެން ކާށިދޫ ކަނޑަށް ދޯނި ނިކުތެވެ. ވައި ގަދަވާން ފަށައިފިއެވެ. ކަނޑުގަދަވާން ފަށައިފިއެވެ. ދެން ފެށީ ވާރޭވެހޭށެވެ. ދޯނީގައި ތިބި އެއްމެންގެ ހިތަށް ބިރުވެރިކަން ވަނެވެ. ބިޔަރާޅުތަކާއެކީ ދޯނި ހެލެމުން ތަޅުވަމުން ދިޔައެވެ. އެއްބައި މީހުން ރޮނީއެވެ. އަނެއްބައި މީހުން ތަސްބީހަކިޔަނީއެވެ. އެ ގަދައިގައި ވެސް އޭނާ ކެތްކުރިއެވެ. މީހަކަށް އޭނާގެ ހިލަމެއް ވެސް ނުވެ އޭނާ ކެތްކުރިއެވެ. ކަނޑުގެ އެ ބިޔަ ރާޅުތަކަށްވުރެ އޭނާގެ ބައްޕައާއި ދޮންމަންމަގެ ވިހަގަދަ ބަސްތަކުން ހިތަށް ކުރާ ވޭނީ އަސަރު މާ ބޮޑެވެ. ދިން އަނިޔާތަކުން ލެވިފައިވީ ލަކުނުތަކުގައި މިހާރު ވެސް ރިހުން ހުރި ކަހަލައެވެ.
ގަޑިން ފަތިހު 4 ޖެހީއެވެ. ވާރޭވެހުން ހުއްޓާލި ނަމަވެސް ވައިގަދައެވެ. ކަނޑުގެ ހާލަތަށް ވެސް މާބޮޑު ބަދަލެއް ނާދެއެވެ. ބޯ އަނބުރާތީ ޒީކް އިނީ ހިރިނުލެވިފައެވެ. މީހުންތައް ދޯނިން ފައިބައިފިއެވެ. ހިތްވަރުކޮށްފައި ވަރަށް ސިއްރުން ޒީކް ވެސް ދޯނިން ފޭބިއެވެ.
އަލަށް މާލެއަށް އާދެވުމުން އޭނާ ހުރީ އާޝޯހުވެފައެވެ. ތާރުމަގުތަކާއި، ކާރޫބާރޫބޮޑު ޖެޓީއާއި، ބުރިބުރިއަށް ނަގާފައިވާ އުސް އިމާރާތްތައް ފެނި އޭނާ ހުރީ އާގަމަވެފައެވެ. މަލޭގައި އޭނާއަށް ދިރިއުޅެވޭނެ ގޮތެއް، ދިރިއުޅެވޭނެ ގެއެއް ނެތްކަން ރޭކާލީ އެ ވަގުތުއެވެ. "ހައްދަވާބޮޑުކުރެއްވި އެންމެ ދީލަތިވަންތަ ރަސްކަލާއްކޯ! މި އަޅާ، މި ހިތްދަތިކަމުން މިންޖުކުރައްވާންދޭވެ!" އެ ކުއްޖާ ދުޢާއަށް އަތްނެގިއެވެ.
އަދިވެސް ވައިރޯޅިއަށް އެއްވެސް ބަދަލެއް ނާދެއެވެ. ތުނިކޮށް ވާރޭވެހެން ފަށައިފިއެވެ. އެ ކުއްޖާ ހިކަރުވަންފެށިއެވެ. ދާނެ މަންޒިލެއްނެތި ޒީކް ހިނގަމުން ދިޔައެވެ. އޭނާ ހުއްޓުނެވެ. ފިހާރައެއްގެ ކުރިމައްޗަށެވެ. އެ ފިހާރައިގެ ބިއްލޫރިގަނޑުން މީރު ކާ އެއްޗެހި ފެނި އިތުރަށް ބަނޑުހައިހޫނުކަން އިޙްސާސްވުން ނޫން އެހެން ކަމެއް ނުވިއެވެ. ކާ އެއްޗެއް ގަންނާނެ ލޯ ލާރި ފޮއްޗެއް ވެސް އޭނާ އަތަކު ނެތެވެ. ކުޅުދިޔާވާން ފެށުމުން ބަލަން ނުހުރެ އެތަނުން އޭނާ ހިނގައިގަތެވެ. ކުއްލިއަކަށް ބޮލަށް އެނބުރުން އެރިއެވެ. ދެންވީ ގޮތެއް ނޭނގުނެވެ.
ޒީކްއަށް ހޭވެރިކަންވީއިރު އޭނާ އޮތީ ހޮސްޕިޓަލެއްގެ އިމަރޖެންސީ ރޫމެއްގެ ތެރޭގައެވެ. އޭނާ އޮތް އެނދުކައިރީ ހާސްވެފައި ތިބި ދެމީހަކު ތިއްބެވެ. ހީވަނީ ދެމަފިރިން ހެންނެވެ.
" އަލްޙަމްދުލިﷲ! ސައްތާރު ފިހާރަ ކައިރީ މަގުމަތީގަ ހޭނެތިފަ އޮއްވާ ފެނިގެން އަވަހަށް ހޮސްޕިޓަލަށް ގެނައީ". ފިރިހެން މީހާ ވާހަކަދެއްކިއެވެ.
"ކޮން ނަމެއް ކިޔަނީ؟" އަންހެން މީހާ ޒީކް އާ ކައިރިވެފައި ވަރަށް ލޯބިން އެހިއެވެ. "ޒީކް. ޒީކް އަޙުމަދު ނަސީމް" ޒީކް ޖަވާބުދިނެވެ.
"ޒީކް…ހާދަ ރީތި ނަމެކޭ..ޒީކް ތީ ކޮން ރަށެއްގެ ކުއްޖެއް. އައިޑީ ކާޑެއް ވެސް އެއްވެސް އެއްޗެއް ނެތް. މަންމަމެން ކޮބާ؟" އެ އޯގާތެރި އަންހެން މީހާ ސުވާލު ކުރުމުން ޒީކްގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ.
ޒީކް އޭނާގެ މަންމަ އޭނާގެ އުމުރުން އެންމެ 12 އަހަރުގައި މަރުވި ވާހަކައާއި، އޭނާގެ ހިތްދަތި މާޒީ އެ ދެމަފިރިންނަށް ކިޔައިދިނެވެ. ޒީކްގެ ވާހަކަ އަޑު އަހާފައި އެ ދެމަފިރިން ވަރަށް ހަމްދަރުދީވިއެވެ. އަދި ޒީކް އެ ދެމަފިރިންގެ ގެއަށް ގެން ގޮސް ޒީކްއަށް ވަރަށް ލޯބިދިނެވެ. އެ ދެމަފިރިން ޒީކް ބެލީ ވަރަށް ލޯބިންނެވެ.
ޒީކްގެ ބައްޕަ ހޯދައި، ބައްޕަގެ ރުހުމާއެކު ޒީކްގެ ޤާނޫނީ ބަލަދުވެރިކަން ހޯދައި އަމިއްލަ ދަރިއެއް ފަދައިން ޒީކް ބެލެހެއްޓިއެވެ. ޒީކް ސުކޫލަށް ފޮނުވިއެވެ. މީރު ކެއްކުންތައް ކައްކާފައި ދެއެވެ.
ދުވަހަކުވެސް ދަރިއަކު ލިބިފައިނުވާ އެ ދެމަފިރިންނަށް ހެޔޮލަފާ ސާލިޙް ދަރިޔަކު ލިބުމުން އެ ދެމަފިރިން ތިބެނީ ވަރަށް އުފާވެފައެވެ. ތަނަވަސް ގެއެއްގައި ތަނަވަސް ބަޔަކާއިއެކު އުޅުމުގެ ފުރުސަތު ލިބުމުން ޒީކް ވެސް ހުންނަނީ ވަރަށް އުފާވެފައެވެ. އޭނާ އެންމެ އުފާވާ ކަމަކީ އަސްލު މައިންބަފައިންގެ ކިބައިން ލިބުނު ލޯބި، އެހެން ބައެއްގެ ފަރާތުން ލިބުމުންނެވެ. ޒީކްއަށް މި ލިބުނު ނިޢުމަތްތަކަށް އަބަދުވެސް އޭނާ މާތް ﷲ އަށް ޝުކުރުއަދާކުރެއެވެ.