އިރުޝާދުދޭ ލިޔުން: ޤައުމަށް ބޭނުންތެރި ދަރިއަކަށް ވުމަށްޓަކައި ކަންކުރަންވީ ގޮތް

 

ދިވެހިރާއްޖެއަށް އުފަންވާ ކޮންމެ ދިވެހި ދަރިއެއްވެސް، މި ލޮބުވެތި ޤައުމާއި، ދިވެހި މުޖުތަމަޢަށް ބޭނުންތެރި ދަރިއަކަށް ވުމަށް ބޭނުންވާނެކަމާމެދު ޝައްކެއްވެސް ނެތެވެ. އުފަލާއެކު ދަންނަވަން ޖެހެނީ، މިޤައުމުން މިހާރުވެސް އެފަދަ ދިވެހި ދަރިން ފެންނަމުން ދާކަމެވެ. ޢިލްމުވެރި ޕްރޮފެސަރުންނެވެ. ޤާބިލް ޑޮކްޓަރުންނާއި ހީވާގި ނަރުހުންނެވެ. ހުށިޔާރު ޕައިލެޓުންނާއި އުފެއްދުންތެރި އާރކިޓެކްޓުންނެވެ. ވިސްނުންތޫނު ވިޔަފާރިވެރިންނެވެ. އެގޮތުން، ޤައުމަށް ބޭނުންތެރި ދަރިއަކަށް ވުމަށްޓަކައި ކުރަންޖެހޭނެ ކަންތައްތަކަކީ ކޮބައިހެއްޔެވެ؟

ޤައުމަށް ބޭނުންތެރި ދަރިއަކަށް ވުމަށްޓަކައި އެންމެ ފުރަތަމަ ކަމަކަށް، ޅައުމުރުން ފެށިގެން، ތަޢުލީމު ޙާޞިލްކުރުމަށް ލިބިފައިވާ ރަނުގެ ފުރުޞަތުގެ ބޭނުން ހިފައި، އުނގެނުމަށް އިސްކަންދޭށެވެ. އެގޮތުން ޘާނަވީ ދައުރުގައި ގަދައަޅައި މަސައްކަތްކޮށް، އޯލެވެލް އިމްތިޙާންތަކުން ރަނގަޅު ނަތީޖާއެއް ހޯދުމަށް ހިތްވަރުކުރާށެވެ. އެއަށްފަހު، މަތީ ޘާނަވީ ގުރޭޑުތަކާއިގެން ކުރިއަށް ދާށެވެ. އޭލެވެލް އިމްތިޙާންތައް ނިންމުމަށްފަހު، ކުރިއަށް ދިޔުމަށް ބޭނުންވާ ދާއިރާއަކުން ކޮލެޖު އަދި ޔުނިވަރސިޓީ ކޯސްތައް ހަދައި، ޢިލްމުވެރި ދިވެހި ދަރިއަކަށް ވާށެވެ. މިކަންކަން ކުރުމުން، ޤައުމަށް ފައިދާކުރުމުގެ ޤާބިލުކަން ލިބިފައިވާ، އަދި އެކަމަށް ބޭނުންވާ ޢިލްމުގެ ވެރިއަކަށް ވެގެންދާނެއެވެ.

ތަޢުލީމު ޙާޞިލްކުރުމަށްފަހު، ލިބިފައިވާ ޢިލްމުގެ ބޭނުން ހެޔޮގޮތުގައި ޤައުމަށް އަދި މުޖުތަމަޢަށް ކޮށްދެވޭނޭ މަގެއް ފަހިކުރުމުގެ މަސައްކަތް ފަށާށެވެ. މިކަން ކުރުމަށްޓަކައި، އެންމެ ފުރަތަމަ، އުނގެނިފައިވާ ޢިލްމާއި އެކަށިގެންވާ ވަޒީފާއެއް ނުވަތަ މަސައްކަތެއް ކުރަން ފަށާށެވެ. އެއަށްފަހު އެ ދާއިރާއެއްގައި ކުރިއަށް ދިޔުމަށް ހިތްވަރުކުރާށެވެ. ވީހާވެސް ގިނަ މީހުންނަށް އެއިން މަންފާކުރާނޭ، މަތީފަންތީގެ ވަޒީފާއެއް އަދާކުރުމުގެ ފުރުޞަތު ހޯދާށެވެ. ދެން، އެ ފުރުޞަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ޤައުމަށް ފައިދާހުރި މަސައްކަތްތަކެއް ކޮށްދޭށެވެ. އޭރުން، މުޖުތަމަޢުގެ ލޯބި ލިބިފައިވާ، ޤައުމަށް ޚިދުމަތްކުރާ، ބޭނުންތެރި ދިވެހި ދަރިއަކަށް ވެގެންދާނެއެވެ.

މިލޮބުވެތި ޤައުމަށް ބޭނުންތެރި ދިވެހި ދަރިއަކަށް ވުމަށްޓަކައި، ތަޢުލީމު ޙާޞިލްކުރުމަށް ހިތްވަރާއެކު މަސައްކަތްކުރުމަށްފަހު، އެ ޢިލްމުގެ ބޭނުން ހެޔޮގޮތުގައި މުޅި ޤައުމަށް ފޯރުކޮށްދޭށެވެ. މިކަންކަމަކީ ކޮންމެ ދިވެހި ދަރިއަކަށްވެސް ކުރެވޭނެ ކަންކަމަށް ވީއިރު، އަޅުގަނޑުގެ އުންމީދަކީ، މިއަދުގެ ދަރިވަރުން މި އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުކޮށް، މި ޤައުމަށް ފައިދާހުރި ދިވެހި ދަރީންނަށް މުސްތަޤުބަލުގައި ވެގެންދިޔުމެވެ.