ޓެކްނޮލޮޖީގެ ސަބަބުން ދުނިޔެ ބަވަނަވެ ރެވި އޮށްޓަރެއްހައި ކުޑަވެއްޖެއެވެ. މިއަދު ޓެކްނޮލޮޖީއާ ނުލައި ދިރިއުޅުމަކީ ނުކުރެވޭނެ ވަރުގެ ކަމެއް ކަމަށް ހީވާވަރަށް އޭގެ ނުފޫޒު އަހަރަމެންގެ ދިރިއުޅުމަށް ކޮށްފިއެވެ. ޝައްކެއްނެތެވެ. ޓެކްނޮލޮޖީގެ ސަބަބުން ލިބޭ ފައިދާތައް ބައިވަރެވެ. ގުނައި އަދަދުނުކުރެވޭހާ ގިނައެވެ. އޭގެ ސަބަބުން ދިރިއުޅުމުގެ އެކި ކަންކަމުގައި އަހަރެމެންނަށް އެތައް ގޮތަކުން ފަސޭހަ ވެއްޖެއެވެ. ނަމަވެސް ކޮންމެ ކަމެއްގައި ވެސް ފައިދާއާއި ގެއްލުން ހުންނަހެން ޓެކްނޮލޮޖީގެ ސަބަބުންވާ ގެއްލުންތައް ވެސް ވަކި މަދެއްނޫނެވެ. މިކަމުގެ ސަބަބުން ގެއްލުން ވަނީ ވަކި އުމުރަކަށް ވަކި ޖިންސަކަށް ވެސް ނޫނެވެ. އެހެންކަމުން ސުވާލަކީ ޓެކްނޮލޮޖީގެ ސަބަބުން ހަގީގަތުގައި ވެސް ބޮޑަށް ވަނީ ފައިދާ ހެއްޔެވެ؟
ޓެކްނޮލޮޖީގެ ސަބަބުން ކިތަންމެ ފައިދާއެއްވާ ކަމަށް އެންމެންމެ ގަބޫލުކުރެއެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑު އެއްފައިދާއަށް ބަލައިލަމާ ހިނގާށެވެ. އޭގެ ސަބަބުން ހަމަ ޔަޤީނުން ވެސް އަހަރަމެންގެ ދުވަހީ ކަންކަން ކުރަން ފަސޭހަ ވެއްޖެއެވެ. އަތުގައި އޮންނަ ކުޑަކުޑަ ފޯނުން އެތައް އެތައް ކަމެއް މިއަދު އެބަކުރެވެއެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރި މީހަކާ ވެސް ވާހަކަ ދެއްކެއެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވާ ކަންތައްތަކުގެ ޚަބަރުތައް ވެސް ވަގުތުން ވަގުތަށް ލިބެއެވެ. އެހެން ކަމުން، ޓެކްނޮލޮޖީގެ ސަބަބުން އާއިލީ އަދި އިޖުތިމާއީ ގުޅުން ބަދަހިވެ އެކި ކަންކަމަށް ފަސޭހަ ވާކަން ގަބޫލުކުރަން ޖެހެއެވެ.
ދުނިޔޭގެ ކޮންމެތާކު ހުރެގެން ވެސް ސްމާރޓް ފޯނަކާއި އިންޓަރނެޓް ލިބޭ ކަމަށް ވާނަމަ ފަސޭހަކަމާއެކު އެކި އެކި މައުލޫމާތު ހޯދޭނެއެވެ. އެހައި ފަސޭހަކަމާ އެކު އެކި އެއްޗެހި ދަސް ވެސް ކުރެވޭނެއެވެ. މީގެ އިތުރުން ޓެކްނޮލޮޖީއަކީ މުނިފޫހި ފިލުވުމަށް ވެސް ބޭނުން ކުރެވޭނެ އެއްޗެކެވެ. އެކި އެކި ގޭމުތައް ކުޅެވެއެވެ. ކާޓޫނާއި ފިލްމުތައް ވެސް ބެލޭނެއެވެ. އަދި ޓެކްނޮލޮޖީގެ އެހީގައި ވަޒީފާގެ ފުރުސަތުތައް ވެސް ހޯދޭނެއެވެ. ވީމާ ޓެކްނޮލޮޖީ އަކީ އަހަރަމެންނަށް މަޢުލޫމާތުގެ ޚަޒާނާއެކެވެ. އެތައް ގޮތަކުން އެހީވާ މަދަދުގާރެކެވެ. މުނިފޫހިފިލުވައިދޭ ބައިސްކޯފެކެވެ.
ޓެކްނޮލޮޖީގެ ކުރި އެރުންތަކުން އަހަރެމެންގެ ދިރިއުޅުމަށް ކުރާ މިފަދަ ކިތަންމެ ފައިދާތަކެއް ހުރި ކަމުގައި ވިޔަސް އޭގެ ސަބަބުން ލިބޭ ގެއްލުންތައް ވެސް ވަކި މަދެއް ނޫނެވެ. އެންމެ ބޮޑު އެއް ގެއްލުމަކީ ކުރިއަރާފައިވާ ޓެކްނޮލޮޖީގެ ވަސީލަތްތައް އެންމެ ގިނަ ދާއިރާ ކަމަށްވާ މުއާޞަލާތުކުރުމުގެ ދާއިރާގެ އުފެއްދުންތަކުގެ ސަބަބުން ލިބޭ ގެއްލުމެވެ. ޚާއްސަކޮށް ފޯނު، އައިޕެޑް، ލެޕްޓޮޕް ފަދަ ތަކެތީގެ ބޭނުންކޮށްގެން އަބަދު ގޭމު ކުޅުމާއި ސޯޝަލް މީޑިއާގައި ވަގުތު ހޭދަކުރުމުގެ ސަބަބުން ދީނީ ކަންކަމަށް ދޭންޖެހޭ ސަމާލުކަން ނުދެވުމެވެ. އެއަށް ދެވިހިފައި ފަރުޟު ނަމާދުތައް ވެސް އެންމެ ފަހު ވަގުތުގައި ކުރަން ބެހެއްޓެއެވެ. ހިތާމައަކީ މިގޮތަށް ދީނީ ކަންކަމަށް އަސަރު ކުރަނީ ހަމައެކަނި ކުޑަ ކުދިންނަކަށްނޫންކަމެވެ. ކިޔަވާކުދިންނާއި ޒުވާނުންގެ އިތުރުން ހަރު އުމުރުގެ މީހުންނަށް ވެސް މިކަހަލަ މައްސަލަތައް ދިމާވެއެވެ. ވީމާ ޓެކްނޮލޮޖީގެ ސަބަބުން ދީނީގޮތުން ނުރަނގަޅު އަސަރުތައް ކުރާކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ.
ދީނީ ކަންކަމަށް ކުރާ ނޭދެވޭ އަސަރުތަކުގެ އިތުރުން، ޓެކްނޮލޮޖީގެ ސަބަބުން ކުރާ ސިއްހީ ނުރަނގަޅު އަސަރުތައް ވެސް ވަކި މަދެއްނޫނެވެ. އަބަދު ފޯނު ނުވަތަ ކޮންޕިއުޓަރުގެ ދިއްލިފައިވާ ސްކްރީނަށް ބެލުމުގެ ސަބަބުން ލޮލަށް ނުރަނގަޅު އަސަރުތައް ކުރެއެވެ. ލޮލުގެ ފެނުން ސަކަރާތްވެ، އަދި ބައެއް ފަހަރު ލޮލުގެ ފެނުން މުޅިން ގެއްލެއެވެ. ކުޑަކުދިން މާގިނައިން ގޭމުކުޅުމުގައި ވަގުތު ހޭދަކުރުމުގެ ސަބަބުން ސިކުނޑީގެ ހެދިބޮޑުވުމަށް އަސަރުކުރާކަމަށް ޑަކުޓަރުން ވިދާޅުވެއެވެ. އެހެން ކަމުން ޓެކްނޮލޮޖީގެ ސަބަބުން ސިއްހީ ގޮތުން އެތައް ގެއްލުންތަކެއް ލިބޭކަން ގަބޫލުކުރަން އެބަޖެހެއެވެ.
ޓެކްނޮލޮޖީގެ ސަބަބުން އަހަރަމެންގެ ދުވަހީ ދިރިއުޅުމަށް އެތައް ފަސޭހަތަކެއް ލިބި، އާއިލީ އަދި އިޖުތިމާއީ ގުޅުން ބަދަހިވާއިރު، ޓެކްނޮލޮޖީގެ ވަސީލަތްތަކަށް ދެވިހިފުމުގެ ސަބަބުން ދީނީ ގޮތުންނާއި ސިއްހީ ގޮތުން ވެސް އެތައް ގެއްލުމެއް އެބަވެއެވެ. އެހެންކަމުން ޓެކްނޮލޮޖީގެ ސަބަބުން ބޮޑަށް ވަނީ ފައިދާތޯ ނުވަތަ ގެއްލުންތޯ ކަނޑައެޅުމަށް އަޅުގަނޑު ދޫކޮށްލާނީ ތިޔަ ކިޔުންތެރިންނަށެވެ. ތިޔަ ބޭފުޅުން ގޮތެއް ނިންމަވާށެވެ.