ގްލޯބަލް ވަރމިންގްގެ ސަބަބުން ދުނިޔެއަށް ދަނީ ތިމާވެށީގެ ތަފާތު ބޮޑެތި މައްސަލަ ކުރިމަތިވަމުންނެވެ. އެގޮތުން އެންޓާޓިކާގެ ބޮޑެތި ގަނޑުފެންބުރިތައް ދަނީ ވިރެމުންނެވެ. އަދި ތިމާވެށީގެ ގިނަ މާހިރުން ދެކޭ ގޮތުގައި، މިކަމާހުރެ ރާއްޖެ ކަނޑު އަޑިއަށް ދިއުން އެކަށީގެންވެއެވެ. މިފަދަ ބޮޑު މުސީބާތެއް ކުރިމަތިވުމުން ސަލާމަތްވެވެން އޮތީ މިހާރުވެސް ރާއްޖޭގެ ތިމާވެށްޓަށް ކުރަމުންދާ ނޭދެވޭ އަސަރު ކުޑަ ކޮށްގެންނެވެ. މިކަން ހާސިލްކުރުމަށްޓަކައި، ގައުމީ ފެންވަރުގައްޔާއި ފަރުދީ ފެންވަރުގއި މަސައްކަތް ކުރަން އެބަ ޖެހެއެވެ. ގަސްއިންދާ، ރައްޔިތުން ހޭލުންތެރިކޮށް، ތިމާވެށްޓަށް ގެއްލުންދޭ މީހުންނަށް އަދަބުދީ، މޫދަށްކުނި ނޭޅުމާއި އަދި ޕްލާސްޓިކާ ދުރުވުމަކީ މި ލަނޑުދަނޑި ޙާސިލްކުރުމަށްޓަކާ ކުރެވޭނެ ކަންތައްތަކެވެ.
ދިވެހިރާއްޖޭގެ ކަނޑުއަޑީގެ ދިރުންތައް ވަނީ މުޅި ދުނިޔޭގެ ސަމާލުކަން ހޯދާފައެވެ. ތަފާތު އެކިބާވަތުގެ ވެނާއި، މަހާއި، ވެލަޔާއި އަދި މަޑީގެ ގެދޮރަކީ ދިވެހިރާއްޖޭގެ ކަނޑެވެ. އެހެންނަމަވެސް ހިތާމަޔަކީ، މީހުން މޫދަށް ކުނިއެޅުމުގެ ސަބަބުން މިފަދަ ދިރުން ތަކުގެ އަދަދު ދުވަހަކަށް ފަހު ދުވަހެއް މަދުވެގެން ދާތީއެވެ. އެގޮތުން، 2017 ވަނަ އަހަރު ތިމާވެށިގެ އެން.ޖީ.އޯ އަކުން ހެދި ދިރާސާއަކުން ދައްކާގޮތުގައި، ދިވެހިރާއްޖެއިން ފެންނަ މަހުގެ ބާވަތްތައް ވަނީ 2005 އަހަރާއި އަޅާބަލާއިރު 16 އިންސައްތަ ދަށްވެފައެވެ. މީގެއިތުރުން، މޫދަށް ބްލީޗް ފަދަ ކެމިކަލްތައް އެޅުމުގެ ސަބަބުންވެސް ބައެއް ބޯވަޔާއި އަދި ވެން މަރުވެގެން ދެއެވެ. އަދި މޫދަށް އުކާ ޕްލާސްޓިކް ކޮތަޅަކީ އޭގެ ކާނާ ކަމަށް ހީކޮށް ބައެއް ވެލާ އެ ކާލަން އުޅެން ހަދައިގެން ނޭވާ ހާސްވެގެންވެސް މަރުވެއެވެ. ވީމާ، ކަނޑުއަޑީގެ ތިމާވެށި ސަލާމަތްކުރުމަށްޓަކައި މޫދަށް ކުނިއެޅުން ދުރުހެލިވާން އެބަޖެހެއެވެ.
ދުނިޔެ އާދަޔާ ޚިލާފަށް ހޫނުވުމުން މެދުވެރިވަނީ ގްރީން ހައުސް ގޭހުގެ ސަބަބުންނެވެ. ކާބަންޑައި އޮކްސައިޑަކީ މިކަމަށް މަގުފަހިކޮށްދޭ މައިގަނޑު އެއް ގޭހެވެ. އެހެންކަމުން، ވެށީގައި ހުންނަ މިގޭހުގެ އަދަދު މަދުކުރަން އެބަ ޖެހެއެވެ. ސަބަބަކީ، ގަސްތަކުން ކާނާ ހެދުމަށްޓަކައި މި ގޭހުގެ ބޭނުން ކުރާތީއެވެ. 2019 ވަނަ އަހަރު ބްރެޒިލްގެ ސައިންސިސްޓުން ތަކެއްހެދި ދިރާސާއަކުން ދައްކާގޮތުގައި، އެހެން ގައުމުތަކާއި އަޅާބަލާއިރު ގަސްގަހާ ގެއްސަށް ގިނަ ގައުމުތަކުގައި ތިމާވެށީގެ މައްސަލަ ކުރިމަތިވާލެއް 1.5 ގުނަ މަދެވެ. މީގެ އިތުރުން، ގަސްއިންދުމުގެ ސަބަބުން ވައި ސާފުވެގެންވެސް ދާނެއެވެ. އެހެންކަމުން، ގަސް އިންދުމުން ދިވެހިންގެ ސިއްހަތަށާއި އަދި ތިމާވެށްޓަށް އެތައްގުނަ ފައިދާތަކެއް ލިބެއެވެ.
ދިވެހިރާއްޖޭގެ ތިމާވެށްޓަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކުގެ ފަހަތުގައި ތިބީ ދިވެހިންނެވެ. ގަސްތަކަށް ގެއްލުންދީ، މޫދަށް ކުނިއަޅާ އަދި ގެތައް ހެދުމަށް ޓަކައި ފަރުން މުރަކަ ހޮވުމަކީ ދިވެހިން ކޮށްއުޅޭ އޭގެ ސަބަބުން ތިމާވެށްޓަށް ގެއްލުން ލިބޭ ކަންތަކެވެ. މިފަދަ އަމަލުތައް ހުއްޓުވުމަށްޓަކައި ޤާނޫނުތައް ކަނޑައަޅަން ޖެހެއެވެ. އެއީ، މިފަދަ ކަމެއް ކޮށްފިނަމަ އެމީހަކަށް އެކަމުގެ ސަބަބުން ޙައްގުވެގެންވާ އަދަބު ލިބޭގޮތަށެވެ. އެގޮތުން، ތިމާވެށްޓަށް ގަސްތުގައި ގެއްލުން ދޭމީހުން ޖޫރިމަނާ ކުރުން ވަރަށް މުހިއްމެވެ. އޭރުން، މުޖުތަމަޢު މިފަދަ ނޭއްގާނީ އަމަލުތައް ފެންނަލެއް މަދުވެގެން ދާނެއެވެ. 2021 ވަނަ އަހަރު ހެދި އޮންލައިން ސާވޭއަކުން ދެއްކިގޮތުގައި، 789 ބައިވެރިން ޤަބޫލުކުރާ ގޮތުގައި، ތިމާވެށްޓަށް ގެއްލުން ދޭމީހުން ފުލުހުން ޖޫރިމަނާ ކުރަން ޖެހެއެވެ.
ރާއްޖޭގެ ތިމާވެށި ސަލާމަތުން ރައްކާތެރިކޮށް ބޭއްވުމީ ހުރިހާ ދިވެހިންގެ ޒިންމާއެކެވެ. ވީމާ، ހެދިބޮޑުވަމުން އަންނަ ދަރީންނަށް މިކަން ވިސްނައިދިނުމަށްޓަކައި، ސްކޫލްތަކުން އެކުދިން ހޭލުންތެރި ކުރަން އެބަ ޖެހެއެވެ. އެގޮތުން، ރާއްޖޭގެ ތިމާވެށީގެ ނާޒުކު ހާލަތު އެކުދިންނަށް އަންގައިދީ، ތިމާވެށްޓަށް ގެއްލުން ނުދިނުމަށް އެކުދިންނަށް ނަސޭހަތްދީ އަދި ތިމާވެށި ސަލާމަތް ކުރުމަށްޓަކައި ކުރެވޭނެ ތަފާތު ކަންތައްވެސް އެކުދިންނަށް އަންގައިދޭން ވާނެއެވެ. މީގެއިތުރުން، ބޮޑެތި މީހުން ހޭލުންތެރިކުރުމަށްޓަކައި ތިމާވެށްޓާއިބެހޭ މިނިސްޓްރީއިން ވޯކްޝޮޕްތައް ބޭއްވިދާނެއެވެ. އަދި އިޖުތިމާއީ އެތައް ހަރަކާތްތަކެއްވެސް ކުރިޔަށް ގެންދެވިދާނެއެވެ. ޝައްކެއްވެސް ނެތް ގޮތުގައި، މިގޮތަށް ކަންތައް ކޮށްފިނަމަ ރާއްޖޭގެ ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަވެގެންދާނެއެވެ.
ޕުލާސްޓިކަކީ އޭގެޒާތުގައި ނުހަނު ބޭނުންތެރި އެއްޗެއް ކަމުގައި ވިޔަސް، އޭގެ ސަބަބުން ރާއްޖޭގެ ތިމާވެށްޓަށް ބޮޑެތި ގެއްލުންތައް ކުރިމަތި ވެގެންދެއެވެ. ޕުލާސްޓިކް ކޮތަޅަކީ 100 އެތަކެއް އަހަރުވަންދެން ހުންނަ އެއްޗެކެވެ. އޭގެ ސަބަބުން ކަނޑުއަޑީގެ ދިރުމަށް އެތައް ނުރައްކަލެއް ކުރިމަތިވެއެވެ. ވީމާ، ޕުލާސްޓިކް ކޮތަޅުގެ ބަދަލުގައި ބަޔޯ ޑީގްރޭޑަބަލް ޕްލާސްޓިކް ކޮތަޅު ބޭނުން ކުރަން އެބަ ޖެހެއެވެ. މިފްކޯ މަސްކުންފުނީގެ ތަފާސްހިސާބުން ދައްކާގޮތުގައި، 2019 ވަނަ އަހަރު ބޭނި ކަނޑުމަހުގެ %9 މަހުގެ ބަޑުން ވަނީ ޕްލާސްޓިކާއި އަދި ބެޓެރީ ފަދަ ނުރައްކާތެރި އެއްޗެހި ފެނިފައެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. ތިމާވެށްޓަށް ލޯބިކުރާ މީހުންނަމަ، ޕްލާސްޓިކް ކޮތަޅުގެ ބޭނުން ނުކުރާނެއެވެ.
ދިވެހިރާއްޖެ އަކީ އަޅުގަނޑުމެން އަމިއްލަ ގައުމު ކަމަށް ވީހިނދު، މި ގައުމު ސަލާމަތުން ރައްކާތެރިކޮށް ބޭއްވުމީ އަޅުގަނޑުމެން އެންމެންގެވެސް ޒިންމާއެކެވެ. މީގެ އިތުރުން، ގައުމަށް ކުރިމަތިވާ ތިމާވެށީގެ މައްސަލަތަކުން ވޭން ތަހައްމަލް ކުރަންޖެހޭނީ ވެސް ހަމަ ދިވެހީންނެވެ. އަޅުގަނޑުގެ އުންމީދަކީ، ގައުމަށް ފަހި މުސްތަގްބަލެއް ހޯދައިދިނުމަށްޓަކައި ގައުމުގެ ތިމާވެށި ރައްކާތެރިކުރުމަށް ހުރިހާ ދިވެހީންވެސް އެއްބައިވަންތަ ކަމާއިއެކު މަސައްކަތް ކުރުމެވެ.