އަޙްމަދިއްޔާގައި "ވޯލްޑް ވައިލްޑްލައިފް ވީކް" ފާހަގަ ކުރަން ފަށައިފި.

20 ޑިސެމްބަރު 2013 ގައި އ.ދ ގެ އާންމު މަޖިލީހުން ބޭއްވި 68 ވަނަ ޖަލްސާގައި ފާސް ކުރެވުނު ގޮތުން މިދިޔަ ބުރާސްފަތި (3 މާރިޗު 2022) އަކީ "ވޯލްޑް ވައިލްޑްލައިފް ޑޭ" އެވެ. މި ދުވަސް ފާހަގަ ކުރުމުގެ މަޤްޞަދަކީ ދުނިޔޭގެ ވަލު ޖަނަވާރުތަކާއި ގަސްގަހާގެއްސަށް ، މުޖުތަމަޢުގެ ތެރޭގައި ހޭލުންތެރިކަން އުފެއްދުމެވެ. އެގޮތުން އަޙްމަދިއްޔާ އިންތަނޭޝަނަލް ސްކޫލްގެ ތިމާވެށި ޖަމްޢިއްޔާގެ ފަރާތުން "ވޯލްޑް ވައިލްޑް ލައިފް ވީކް" މިއަދުންފެށިގެން ފާހަގަކުރަން ފަށައިފިއެވެ.

"ވޯލްޑް ވައިލްޑްލައިފް ޑޭ" ފާހަގަކުރަން ތައްޔާރުވުން… އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

މި އަހަރު އ.ދ ގެ އާންމު މަޖިލީހުން ކަނޑައަޅާފައިވާ މައުލޫޢަކީ "ނެތެމުންދާ މަޚްލޫގުން ސަލާމަތްކޮށް ޤުދުރަތުގެ ނިޒާމު ސަލާމަތްކުރުން" އެވެ. އެގޮތުން ނެތުމުގެ ބިރު ހީވެފައިވާ ޖަނަވާރުތައް ދައްކުވައިދިނުމާއި އެއާ ބެހޭ މައުލޫމާތުތައް ފޯރުކޮށްދިނުމުގެ ގޮތުން ނެތިގެންދާ ޖަނަވާރުތައް ދިރިއުޅޭ އެކި އެކި މާހައުލުތައް ދައްކުވައިދޭ ނަމޫނާތަކެއް ތިމާވެށި ޖަމިއްޔާ އިން ތައްޔާރު ކޮށް، ސްކޫލުގެ ގޯތިތެރޭގައި ބަހައްޓާފައިވެއެވެ. މި ނަމޫނާތައް ހެދުމަށް ބޭނުންކުރަނީ ހުސްފުޅި ފަދަ އަލުން ބޭނުންކުރާ ތަކެއްޗެވެ. މި މުނާސަބަތު ފާހަގަ ކުރުމުގެ ކަންކަން ކުރިއަށް ދަމުން ގެންދަނީ ސްކޫލުގެ ލީޑިންގް ޓީޗަރ ޙަމްދާ އަޙްމަދާއި ތިމާވެށި ޖަމިއްޔާގެ މަތީ ސާނަވީ ރައީސް މުޙައްމަދު ސާއީ މުބާރިކްގެ ބެލުމުގެ ދަށުންނެވެ. ސާއީ ބުނި ގޮތުން މި ދުވަސް އަޙްމަދިއްޔާ ގައި ފާހަގަ ކުރާ މައިގަނޑު ސަބަބަކީ މާދަމާގެ މިޤައުމުގެ ހިންގުންތެރިންނަށް މި މަޚްލޫގު ތަކުގެ މައުލޫމާތު ތައް ފޯރުކޮށް ދިނުމާއި މިފަދަ މަޚްލޫގުން ސަލާމަތް ކުރުމަށް އަހުލުވެރި ކުރުމެވެ.

"މި މައުލޫމާތު ތައް މިއަދުގެ ދަރިވަރުންނަށް ފޯރުކޮށް ނުދެވޭނަމަ، މާދަމާ އެ ދަރިވަރުން މުޖުތަމަޢުތެރެއަށް ނުކުންނަ އިރު މި ޖަނަވާރުންތަކާއި ގަސްގަހާ ގެހި ނުފެންނާނެ. އަދި މި މަޚްލޫގުން ނެތިގެން ދިޔަ ހިތި ގޮތްތަކުގެ ހިލަމެއްވެސް ނުވާނެ." ސާއީ ބުންޏެވެ.

"ވޯލްޑް ވައިލްޑްލައިފް ޑޭ" ފާހަގަކުރުން… އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

މި ދުވަސް ފާހަގަ ކުރާއިރު ނެތެމުންދާ ޖަނަވާރުތައް އެނގުމުގެ އިތުރުން އެކި ޖަނަވާރުން ދިރިއުޅޭ މާހައުލާއި އެ ޖަނަވާރުތައް މާހައުލުގައި އެތަކެތީގެ ދައުރު ކުދިންނަށް އެނގިގެންދާނެކަމަށް ލީޑިންގް ޓީޗަރ ޙަމްދާ އަޙްމަދު ވިދާޅުވިއެވެ.

"ވޯލްޑް ވައިލްޑްލައިފް ޑޭ" ފާހަގަކުރަން ތައްޔާރުވުން… އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

ދައްކުވައިދޭ ނަމޫނާ ތަކުގެ އިތުރުން ދަރިވަރުންނަށް މި މައުލޫޢާ ބެހޭގޮތުން އިތުރު މައުލޫމާތު ދިނުމަށްޓަކައި ޚާއްސަ ސެޝަންތަކެއް މި ހަފްތާ އަށް ބަހާލައި އިންތިޒާމު ކުރެވިފައިވެއެވެ. މި ސެޝަން ތަކުގައި ނެތެމުންދާ މަޚްލޫގުންނާއި އެތަކެތި ސަލާމަތް ކުރުމަށް ދޭދޭ ފަރުދުންނަށް ކުރެވޭނެ ކަންކަމުގެ އިތުރުން އެތަކެއ މަޢުލޫމާތު ދަރިވަރުންނަށް ފޯރު ކޮށްދެވޭނެއެވެ.

"ވޯލްޑް ވައިލްޑްލައިފް ޑޭ" ފާހަގަކުރުން… އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

މީގެ އިތުރުން ސާނަވީ އަދި މަތީ ސާނަވީ ދަރިވަރުންނަށް ހުޅުވާލައިގެން މިއަހަރުގެ "ވޯލްޑް ވައިލްޑްލައިފް ޑޭ"ގެ މައުލޫޢުގެ ދަށުން ޕޯސްޓަރު ހެދުމުގެ މުބާރާތެއް ވަނީ ބާއްވާފައެވެ. މި މުބާރާތުން އެންމެ މޮޅު 5 ޕޯސްޓަރު ހޮވައި، ޚާއްސަ އިނާމެއް އެ ޕޯސްޓަރުތައް ހެދި ދަރިވަރުންނަށް ދެވޭނެއެވެ.

"ވޯލްޑް ވައިލްޑްލައިފް ވީކް" ފާހަގަ ކުރާނީ 6 މާރިޗު 2022 ވާ އާދިއްތަ ދުވަހުން ފެށިގެން އިން 10 މާރިޗު 2022 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.