އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ ސްޓޫޑެންޓް ކައުންސިލްގެފަރާތުން އޭ ލެވެލް ގެ ދަރިވަރުންނަށް ފުޓްސަލް އަދި ހޭންޑް ބޯލް މުބާރާތެއް އިއްޔެ ވަނީ ބާއްވާފައެވެ. މި މެޗްތައް ކުޅުނީ ހުޅުމާލެ ރެހެންދި ސްކޫލް ގްރައުންޑް 2 އަދި 3 ގައެވެ.

މި މުބާރާތުގެ މެޗްތައް ކުޅެވިގެން ދިޔައީ ވަރަށް ފޯރިގަދަކޮށެވެ. ފުޓްސަލް އިން ފައިނަލް އަށް ދިޔަ ދެ ޓީމަކީ 12 އެލް އަދި 11 އެލް އެވެ. އަދި ހޭންޑް ބޯލް އިން 12 އެޗް އަދި 12 ބީ ވަނީ ފައިނަލަށް ދަތުރުކޮށްފައެވެ. މި މުބާރާތުގެ ފައިނަލް މެޗް ކުޅެވިގެން ދާނީ ކ.ހިންމަފުށީގައެވެ.

މި މުބާރާތް ވަރަށް ފުރިހަމައަށް އިންތިޒާމުކޮށް ކުރިޔަށް ގެންދިޔައީ ސްކޫލްގެ ލީޑިންގް ޓީޗަރުންނާއި ޓީޗަރުންގެ ބެއްލެވުމުގެ ދަށުންނެވެ. މިކަމުގައި އޭ ލެވެލް ގެ ގޭމްސް ކެޕްޓަން އުލާ އަލީ ވެސް ވަރަށް ބޮޑަށް ހަރަކާތްތެރިވިއެވެ.

އުލާ ބުނީ އޭނާއަށް ހީކުރެވިފައި އޮތީ އަޙްމަދިއްޔާއަކީ ކުޅިވަރުގެ އެއްވެސް ހަރަކާތެއް އޮންނަ ސްކޫލެއް ނޫން ކަމާއި، ނަމަވެސް ގޭމްސް ކެޕަޓަންކަމަށް ހުވާ ކުރުމުގެ ފުރަތަމަ ދުވަހުން ފެށިގެން އޭނާގެ މަޤްސަދަކަށް ވީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަކީ ކުޅިވަރުގެ ޙަރަކާތްތައް ގެންދާ ސުކޫލެއްކަން އެންމެންނަށްވެސް ދައްކުވައިދިނުމެވެ. ހިންމަފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފަހު މެޗު ނިމިގެން ދާއިރު އެންމެންގެ މޫނުމަތިން އުފާވެރިކަމާއި ހިނިތުންވުން ފެނިގެންދާނެކަމަށް އުންމީދުކުރާކަމަށް އުލާ ބުންޏެވެ.

މުބާރާތާއި ބެހޭ ގޮތުން ދަރިވަރުންނާއި ސުވާލު ކޮށްލުމުން ބުނީ ވަރަށް މަޖާ އަދި ވަރަށް ރަނގަޅު ކަމަށާއި ނަމަވެސް މި މުބާރާތަށް ޓީމްތަކަށް ތައްޔާރުވާންލިބުނު ވަގުތު ކުޑަތަންވުމުގެ ސަބަބުން އެކި ގޮންޖެހުންތަކާއި ކުރިމަތި ލާން ޖެހުނު ކަމުގައެވެ. މުސްތަޤްބަލުގައި މިފަދަ މުބާރާތެއް ބާއްވާ ކަމުގައި ވަނީނަމަ މެޗުތައް ކުޅޭ ވަގުތު އިތުރުކުރުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށް ދަރިވަރުން ބުންޏެވެ.