ރަތް ބޭންޑު

ފެނުނު މަންޒަރުގެ ސަބަބުން އަހަރެންގެ ހިތް ދިޔައީ ބާރަށް ތެޅުމުންނެވެ. އެ މަންޒަރާއި ދުރަށް ދިއުމަށް ޓަކައި އަހަރެން ޚިޔާރު ކުރީ ލިފްޓެކެވެ. ލިފްޓަށް އެރި ގޮތަށް އަހަރެން ދިހަ ވަނަ ބުރިއަށް ދިއުމަށް ފިއްތައިލީމެވެ.

ފުން ނޭވާއެއް ލުމަށް ފަހު އަހަރެން ހަމަޖެހިލީމެވެ. ހިތުގެ ތެޅުން ހަމައަކަށް އެޅިއްޖެއެވެ. ހަމަ އެ ދަނޑިވަޅު ކަނާތް ފަރާތުން މީހެއްގެ ހިލަމެއް ވާކަން އިހުސާސް ކުރެވުމުން ބަލައިލީމެވެ.

އެތާ ހުރީ އަންހެނެކެވެ. ބަލާބެލުމަށް ހީވަނީ ތިރީހަކަށް އަހަރުގެ މީހެއް ހެނެވެ. އުނަގަނޑާ ހިސާބަށް އަރާ ކަޅުކަން ގަދަ އިސްތަށިގަނޑެއްގެ ވެރިއެކެވެ. ނަމަވެސް އިސްތަށިގަނޑުގައި އެއްވެސް ތާޒާ ކަމެއް ނެތެވެ. ލޫޅާފަތި ހަށިގަނޑެކެވެ. ކުރަކިވެފައި ހުރި ވަށް މޫނުގައި ވަނީ ލާނެތް ހިނިތުން ވުމެކެވެ.

އެމީހާ ކަރުކެހިލި އަޑަށް އަހަރެން ސިއްސައިގެން ގޮސް ފަހަތަށް ފުންމައިގަނެވުނެވެ. އަހަރެންނަށް އެ މީހާއަށް ވަރަށް ގިނައިރު ބެލިއްޖެކަން ވިސްނުނެވެ. އެމީހާ ކޮންމެސް ތާކުން ފެނުނު ވައްތަރު ޖަހާތީ ހަމަ ބަލަން ހުރެވުނީއެވެ.

ސިކުނޑީގައި އުފެދެމުން ދިޔަ ސުވާލުތައް އަނގައިން ބޭރު ކޮށްލެވުނީ ދެވަނަ ވިސްނުމަކަށް ދެވުމުގެ މާކުރިންނެވެ.

"މީގެ ކުރިން ދުވަހަކުވެސް ދިމާވިތަ؟" އަހަރެން އެހީމެވެ.

އޭނާގެ ޖަވާބު ވަރަށް ސާދާއެވެ. ޖަވާބަކަށް އެއަޑު އިވުނީ މަޑުމަޑު "އާނ" އެކެވެ.
އޭނާގެ މި ޙަރަކާތުން އަހަރެން ދެނެގަތީ އަހަރެންނާއި ވާހަކަދެއްކުމުގެ މާބޮޑު ޝައުގުވެރިކަމެއް އޭނާގެ ނެތްކަމެވެ. އެހެންކަމުން އަހަރެންގެ ސުވާލުތައް ހިންދައިލީމެވެ. ނަމަވެސް އަހަރެން ޙައިރާންވީ އޭނާ އިސްވެ ވާހަކަދައްކަން ފެށީމައެވެ. އަދި ޚާއްޞަކޮށް ސާފު ދިވެހިބަހުން ފަރިތަކަމާއެކު ވާހަކަ ދެއްކީމައެވެ.

އޭނާ އަހަރެން ގާތު އެހީ އަހަރެން ލިފްޓަށް އެރި އިރު އެހާ ހާސްވެފައި ހުރީ ކީއްވެ ތޯއެވެ.

"އަހަންނަކީ ހުސައިން ހަމީދު. މިތާ މަސައްކަތް ކުރަމުން އަންނަ، މަރަށް މަގުފަހިވާފަދަ ބޮޑެތި ބަލިތައް ޖެހިފައިވާ މީހުންނަށް ފަރުވާ ދޭ މީހެއް. މިހާރު މި މަސައްކަތް ކުރަމުންދާ ތާ ފަސް ވަރަކަށް އަހަރު ވެދާނެ. " އަހަރެން ތައާރަފު ވެލީމެވެ. ނުތަނަވަސް ހިތަކާއެކުގައެވެ.

"އަހަރެން ހާސްވެފައި ހުރީ ވަރަށް އާދަޔާ ޚިލާފު، ބިރުވެރި މަންޒަރެއް ފެނިގެން. މީގެ ދެ ދުވަސް ކުރިން އަހަރެން ބަލަމުން ދިޔަ ފުއްޕާމޭގެ ކެންސަރު ޖެހިފައިވާ ޒުވާން އުމުރުފުރައިގެ އަންހެން ކުއްޖަކު މަރުވި. ދެން މަރުވުމުން އަތުގަ އަޅާ ރަތް ބޭނޑު އަހަރެން އޭނާގެ އަތުގައި އެޅުވިން. އޭނާގެ ވަޅުލުމުގެ ކަންތައް އެހެން ޑޮކްޓަރަކާ ހަވާލުކުރީ. އެކަމަކު ވަޅުނުލެވި ހުރި، ކުރިން މަރުވެފައިވާ މީހުން ތިބުމުން އެކަމެއް ނުކުރެވުނު. އެހެންވުމުން ސަންދޯކަށް ލާފައި ވަޅުނުލާ އޮތީ މި ދެ ދުވަހު. " އޭނާގެ ސުވާލަށް އަހަރެން ވަރަށް ތަފުސީލީ ޖަވާބެއްދިނީމެވެ.

މިހެން ބުނުމުން އޭނާގެ މޫނަށް ހައިރާންކަން ވެރިވިއެވެ. ވަޅުނުލާ އެހައި ގިނަ ދުވަސް ވެފައިވާ ވާހަކަ ބުނުމުން ކަމަށް ވެދާނެއެވެ. އޭނާގެ ޝައުގުވެރިކަން ފެނި، އަހަރެން ވާހަކަ ކުރިޔަށް ގެންދިޔައީމެވެ.

"މިއަދު އާދައިގެ މަތިން ބަލިމީހުންގެ ޗެކަޕަށް ދިޔައިރު ކުޑަދޮރު ކައިރީގައި ހުރި އަންހެން ކުއްޖެއް އަހަރެންގެ ލޮލުގައި އަޅައިގަތް. އެހެން ކަމުން އަހަރެން އެދިމާއަށް ދިޔައީ . ކައިރި އަށް ގޮސް ބަލައިލުމުން ފެނުނު މޫނުން އަހަރެންނަށް ހުރިތަނަށް ކުޑަކަމު ނާދެވުނީ ކިރިޔާ. އެ ކުއްޖާ އަކީ މީގެ ދެ ދުވަސް ކުރިން މަރުވި ކުއްޖާ. އަހަރެން، އަހަރެންގެ މި ދެ އަތުން ގޮސް އެކުއްޖާ އަތުގަ ރަތް ބޭންޑު އެޅުވީ. އަހަރެން އޭނާގެ އަތަށް ބެލިއިރު އެ ބޭންޑު އަހަރެން އެޅުވި ތާނގަ އޮތް. އެހެންވެ އަހަރެން އެހާ ބާރަށް ދުވެފަ މިއައީ. އަދި އެހާ ހާސްވެފައި މިހުރީ. އެއީ އިންސާނެއް ނޫންކަން ޔަގީން ވާތީ." ކަންބޮޑުވެފައި އަހަރެން ކިޔައިދިނީމެވެ.

އަހަރެންގެ ވާހަކަ ނިމުމުން އޭނާ ވަރަށް ބާރަށް ހިނިގަނޑެއް ޖެހިއެވެ. ހީވީ ހޮނު ގުގުރިއެއް ޖެހިހެންނެވެ. ފުރަތަމަ ހީކުރީ އޭނާ އަހަންނަށް މަލާމާތްކުރަނީ ކަމަށެވެ. ތެދެކެވެ. މަންޒަރު ނުފެނި ވާހަކަ އަޑުއިވުނު ނަމަ އަހަރެންނަށް ވެސް ޤަބޫލެއް ނުކުރެވުނީހެވެ.  ނަމަވެސް ޙަޤީޤަތް މާ ބިރުވެރިއެވެ. އޭނާގެ ހުނުން ނިމުމުން އަހަރެން އޭނާ އާއި ދިމާއަށް ބަލައިލީމެވެ. "މީގެ ރަތް ބޭންޑެއްތަ؟"، އޭނާ ބުންޏެވެ.

އާނއެކެވެ. އެއީ ހަމަ މި ހޮސްޕިޓަލުގައި މަރުވާ މީހުންގެ އަތުގައި އަޅާ ރަތް ބޭންޑެކެވެ. އަހަރެންގެ ފައިން ފެށިގެން ބޮލާހަމައަށް ހީބިހި ނަގައިގެން ދިޔައެވެ. ކުއްލިއަކަށް އަހަރެންގެ ސިކުނޑިއަށް އެއީ ކާކު ކަން ދެނެގަނެވުނެވެ. އަހަރެންގެ މީގެ ހަފްތާއެއްވަރު ކުރިން ދެ ކިޑްނީ ފޭލި ވެގެން މަރުވި މީހާއެވެ.

އެ ވަގުތު ވީ ލިފްޓު ހުއްޓުނު ވަގުތަށް ކަމުން އެ އަންހެން މީހާއަށް ބެލުމެއް ވެސް ނެތި އަހަރެން އަވަހަށް ބޭރަށް ނިކުތީމެވެ. އަދި ދިޔަ ގޮތަށް ގޮސް ވަޒީފާއިން ވަކިވާން އެދުނީމެވެ.

އަހަރެންނަށް ދިމާވި ހާދިސާގެ ވާހަކަ އެއްވެސް މީހަކަށް ކިޔައި ނުދެމެވެ. އެއީ ރަނގަޅު ގޮތެއް ނޫންކަން އެނގުނަސް އެ ވާހަކަ ކިޔައިދޭހާ ހިތްވަރު ނެތީއެވެ.

ވަޒީފާއިން ވަކިވުމަށް ހުށައެޅިތާ 72 ގަޑިއިރު ތެރޭ އަހަރެން ވަޒީފާއިން ވަކިކޮށްދިނެވެ. އަހަރެން މެލޭޝިޔާ ދޫކޮށް މާލެ އައީ ހަމަ އެ ދުވަހުއެވެ. ހަމަ އެންމެ ބޭނުމެއްގައެވެ. އެ ތަނާ ވީހާ ވެސް ދުރަށް ދިއުމުގެ މަގްސަދުގައެވެ.

މިހާރު އޭގެ ފަހުން ދެ އަހަރު ވީ އެވެ. އަހަރެން މިހާރު ރާއްޖޭގެ ކުލިނިކެއްގައި ވަޒީފާ އަދާކުރަމުން މި ދަނީ ހިތްހަމަޖެހިގެންނެވެ. އަހަރެން ކުރިން މަސައްކަތްކުރި މެލޭޝިއާގެ ހޮސްޕިޓަލުގައި އަދިވެސް ބަލި މީހުންނަށް ފަރުވާ ދެމުންދެއެވެ. ނަމަވެސް އެ ހާދިސާއަށް ފަހު އަހަރެން މެލޭޝިޔާއަށް އެނބުރި ނުދަމެވެ. އެކަމަކު އޭރުގެ ރަހުމަތްތެރިންނާ އަދިވެސް ގުޅުން ބަހައްޓަމެވެ. އެއީ އަހަރެންގެ ހިތް އެދޭ ގޮތެވެ. އެކަމަކު އެނބުރި މެލޭޝިއާއަށް ދިއުމަކަށް ދުވަހަކުވެސް މި ހިތެއް ނޭދޭނެއެވެ.

– ނިމުނީ –