ޒަމާނާއެކު ބަދަލުވަމުން އަންނަ ޓެކްނޮލޮޖީގެ ސަބަބުން މީސްމީޑިއާގެ ދައުރު މިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށްބޮޑަށް ކުރިއަރައިގެން ގޮސްފައެވެ. އަހަރެމެންގެ މި ކުޑަ ކުޑަ މުޖުތަމަޢަށް ބަލާލިކަމުގައި ވީނަމަވެސް މިފެންނަނީ އެންމެ ތުއްތު އުމުރުފުރައިގެ ކުދިންނާއި ބޮލުގައި ނުރަޖަހާފައިވާ އެތައް ބަޔަކު ސޯޝަލް މީޑިޔާގެ ވިއުގަ ތަކުގެ އަވައިގައި ޖެހިފައި ވާތަނެވެ. ބައެއްމީހުން ގަބޫލުކުރާ ގޮތުގައި މީސްމީޑިޔާގެ ސަބަބުން ލިބޭ ގެއްލުމަށްވުރެ ފައިދާ އެތައް ގުނައަކަށް ބޮޑެވެ. ފައިސާ ފޮތީގެ ދެފުށްވާހެން މިކަމުގައިވެސް ފައިދާއާއި ގެއްލުން ވެއެވެ.
ފުރަތަމަ އަލިއަޅުވާމިލަނީ ކިޔަވާ ކުއްޖެއްގެ ދިރުއުޅުމުގައި ސޯޝަލް މީޑިއާ ކުޅޭ ދައުރުގެ މުހިންމުކަމަށެވެ. މީސްމީޑިއާއަކީ ކިޔަވާކުދިންނަށް ވަރަށްވެސް މުހިއްމު ވަޞީލަތެކެވެ. މިހާރުގެ ޒުވާންޖީލު ދެކޭގޮތުންނަމަ ފޯނަކީ ނުވަތަ ސޯޝަލް މީޑިއާގެ ވަޞީލަތްތަކަކީ އެކުދިންގެ ލެއާއި ފުރާނައާއި ގުޅިފައިވާ އެއްޗެކެވެ. ސްކޫލުގެ ކިތަންމެ ކުޑަ ބޭނުމެއްގައިވެސް 'ވައިބަރ ކޮމިޔުނިޓީ' ގެ ތެރެއިން އެކަމާގުޅޭ މަޢުލޫމާތުތައް ވަރަށް ތަފްޞީލުކޮށް ލިބެންހުރެއެވެ. މިކަމުގެ އެންމެ ބޮޑު ހެއްކެއްގެ ގޮތުން 2020 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި ކޮވިޑު 19ގެ ބަލިމަޑުކަމުގެ ތެރޭގައި ސްކޫލުތައް ބަންދުކުރުމާ ގުޅިގެން ކިޔަވައިދިނުން އޮންލައިން ކުރެވިގެން ދިޔަވަގުތު ކިޔެވުމާއި ގުޅޭ މުޢާމަލާތްތައް ކުރުން މުޅިންހެން ބިނާވެގެންދިޔަ އޮންލައިން ވިއުގަޔަށް ބަލާލިކަމުގައި ވީނަމަވެސް އެނގިގެން ދެއެވެ. ފިލާވަޅުތައް ހަދަންޖެހުނީ އޮންލައިން "ގޫގުލް ކްލާސްރޫމް" ގައެވެ. އެހެންކަމުން ދަންނަވަންޖެހެނީ މީސްމީޑިޔާގެ ބޭނުން އޭގެ އެންމެ ރަނގަޅުގޮތުގައި ހިފައިފިނަމަ އެއީ ކިޔަވާ ކުދިންނަށް ވަރަށްވެސް ފައިދާހުރި ވަޞީލަތަކަށް ވެގެންދާކަމެވެ.
ހަމަމިއާއެކު ކިޔަވާ ކުދިންނަށް ލިބޭ ފައިދާގެ އިތުރުން ވިޔަފާރިވެރިންނަށްވެސް ސޯޝަލް މީޑިޔާގެ ވަޞީލަތްތަކަކީ ބޭނުމެއްނެތް އެއްޗެކޭ ނުބުނެވޭނެއެވެ. ބަދަލުވަމުންދާ ދުނިޔޭގެ އެކިކަންކޮޅުތަކުގައިވެސް ފެންނަމުން މިދަނީ ފިހާރަތަކުގައި ހިންގާ ވިޔަފާރިއަށްވުރެ ބޮޑަށް ކުދިކުދި ކުންފުނިތަކުން ނުވަތަ ވަކިވަކި ފަރުދުން ހިންގާ "އޮންލައިން ޝޮޕިންގ" ކުރިއަރަމުންދާ ތަނެވެ. ސަބަބަކީ ގިނަމީހުން ގަބޫލުކުރާ ގޮތުގައި އޮންލައިން ވިޔަފާރިއަކީ އެމީހުންގެ ހަށްޓަށް ފަސޭހަ ގޮތެއް ކަމުގައި ވުމެވެ. މިފަދަ ވަޞީލަތްތަކުގެ އެހީގައި ގޭތެރޭގައި އިނދެގެން ބޭނުން ފެންވަރެއްގެ އެއްޗެއް ހޯދާލާ އެއެއްޗެއް ގަތުމަށް ފައިސާ ދައްކާލުމަކީ މިހާރު އުނދަގޫ ކަމެއް ނޫނެވެ. "އޮންލައިން ބޭންކިންގ" ގެ ނަމުގައިވާ ވިއުގައިން ފައިސާގެ މުއާމަލާތްތައް ކުރުން މިވަނީ މިޒަމާނުގައި ވަރަށް ފަސޭހަވެފައެވެ. ވުމާއެކު ވިޔަފާރިވެރިންނަށްވެސް ސޯޝަލް މީޑިއާގެ ވަޞީލަތްތަކުން ފައިދާކުރެއެވެ.
ކަންމިހެން އޮތްކަމުގައި ވީނަމަވެސް، މީސްމީޑިއާގެ ސަބަބުން ލިބެނީ ހަމައެކަނި ފައިދާކަމަށް ގަބޫލުކުރުމަކީ ކުށްހީއެކެވެ. މިފަދަ ވަޞީލަތްތަކުގެ އަވައިގައި ޖެހުމުގެ ސަބަބުން އަޅުކަންތަކަށް ދެވޭ އިސްކަން މިވަނީ ކުޑަވެފައެވެ. ތަފާތު އެކިވައްތަރުގެ ގޭމްކުޅުމާއި ފިލްމާއި ލަވަފަދަ އެއްޗެހި ބެލުމުގައި އެތައްވަގުތެއް ހޭދަވަމުން ދާއިރު އެއްނަމާދުގެ ވަގުތު ފާއިތުވެ އަނެއް ނަމާދުގެ ވަގުތު ޖެހޭއިރުވެސް ނޭގެއެވެ. އިހުޒަމާނުގައި އަހަރެމެންގެ ކާބަފައިންގެ އާދައެއް ކަމަށްވާ ދެނަމާދު ދޭތެރޭ ގުރުއާން ކިޔެވުމުގެ އާދަވެސް މިހާރުމިވަނީ ނެތިފަނާވެ ގޮސްފައެވެ. މިހުންނަނީ އަޅާނުލާ ދޫކޮށްލަންވީ ކަންތައްތަކެއް ނޫނެވެ. ވީމާ، ސޯޝަލްމީޑިއާގެ ސަބަބުން އަޅުކަންތަކަށް ދެވޭ އަހަންމިއްޔަތުކަން ކުޑަވުމަކީ މިއަދު ހިތާމަކުރަންޖެހިފައިވާ ކަމެކެވެ.
މީގެއިތުރުން މީސް މީޑިއާގެ ސަބަބުން ލިބޭ އެހެން ގެއްލުމެއްގެ ގޮތުގައި ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ހިމެނިދާނެއެވެ. ކިރުތުނބުން ވީއްލުމާއި ހަމައިން އެންމެ ކުޑައިރުއްސުރެ ތުއްތު ކުދިން މިފަދަ ވަޞީލަތްތަކުގެ ތެރެއަށް ދުވާލު ހަތަރުދަމު ގެނބިފައި ތިބޭތަން ފެނެއެވެ. މީގެ ނަތީޖާއަކަށްވަނީ މެދުއުމުރަށް ނުދަނީސް އެކުދީންގެ ލޯ ހަލާކުވެ، ބައެއްފަހަރު އިންފެކްޓުވެ، އައިނުގެ އެހީގައި ނޫނީ ނޫޅެވޭގޮތް މެދުވެރިވުމެވެ. ހަމަ މިއާއެކު، ކުޑަކުދިން ނޫނަސް ބޮޑެތިވެފައި ތިބި ޒުވާނުންނާއި، މުސްކުޅިންވެސް ސޯޝަލް މީޑިއާގެ ތަފާތު މަންސަތަކުގެ އަވައިގައިޖެހި ތިބުމުގެ ސަބަބުން ގޭގައި ކުރަންޖެހޭ މަސައްކަތްތައް ނުކުރެވި އެކަންކަން ބޮއްސުންލާ، ކަންނެތްވެފައި ތިބޭ މަންޒަރު މިއަދު މި މުޖުތަމަޢުގައި ފެނިގެންދަނީ މަދެއްކޮށެއްނޫނެވެ. މީގެ ސަބަބުން ގައިގައި ޖަހަންޖެހޭ ވަރަށްވުރެ އިތުރަށް ސަރުބީޖަހައި،ފަލަބައްޔާއި، ކޮލެސްޓްރޯލު ފަދަ ބަލިތައް ޖެހުމަށް މަގުފަހިވެގެން ދެއެވެ. ވީމާ ޞިއްހަތަށް ލިބޭ ގެއްލުމަކީ މީސްމީޑިއާގެ ވަޞީލަތްތަކުން ލިބޭ އަނެއް ގެއްލުމޭ ބުނެވިދާނެއެވެ.
މިހުރިހާ ކަމަކަށް ބަލައި އަޅުގަނޑަށް ބުނެވޭނީ ސޯޝަލް މިޑިއާގެ ވަޞީލަތްތަކުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް އެހީވެދިނުމުގެ އިތުރުން މިއީ ވިޔަފާރިވެރިންނަށްވެސް އެތައް ފައިދާތަކެއް ކުރާ މުހިއްމު އަސާސެއް ކަމަށެވެ. އެހެންނަމަވެސް މީގެ ބޭނުން އެންމެ ރަނގަޅުނޫން ގޮތުގައި ހިފާނަމަ ސިއްހަތަށް ނޭދެވޭ އަސަރުކުރުމާއި، އަޅުކަންތަކަށް ފަރުވާ ކުޑަ ކުރެވުމަކީ ވެދާނެ ކަންކަމެވެ. އެހެންކަމުން، މީސް މީޑިއާއަކީ އޭގެ ސަބަބުން ފައިދާއާއި ގެއްލުން ލިބޭ ވަޞީލަތެއްކަމަށް ޤަބޫލުކުރަންޖެހެއެވެ.