މީސްމީޑިއާ: ކިޔަވާ ކުދިންނަށް ނިޢުމަތެއްތަ؟ ނުވަތަ މުސީބާތެއްތަ؟

ކިޔަވާ ކުދިންގެ ތެރެއިން، ވަރަށް މަދު ކުދިން މެނުވީ، ގިނަ އަދަދެއްގެ ކުދިން ފޯނާއި، ޓެބްލެޓާއި ލެޕްޓޮޕް ފަދަ ސްމާރޓް ޑިވައިސްތަކުން މީސްމީޑިއާގެ އެތައް މަންސަތަކެއް ބޭނުންކުރެއެވެ.  ކިޔެވުމަށް ފަހު، ނުވަތަ ސްކޫލްގައި އެތައް ވަގުތެއް ހޭދަކޮށްފައި ގެއަށް އަންނައިރު، އެންމެ ފުރަތަމަވެސް ބަލާލަނީ މީސްމީޑިއާގެ އެޕްތަކުން އައިސްފައިވާ ނޮޓިފިކޭޝަންތަކަށެވެ. ނަމަވެސް، ގިނަ ބައެއްގެ މެދުގައި ކުރެވޭ ހޫނުގަދަ ބަހުސަކީ، މީސްމީޑިއާގެ ސަބަބުން ދަރިވަރުންނަށް ބޮޑަށް ކުރަނީ ފައިދާތޯއެވެ. ނުވަތަ ގެއްލުންތޯއެވެ.

ޝައްކެއް ނެތެވެ. މީސްމީޑިއާއަކީ އެތައް ހާސް ވައްތަރެއްގެ މަޢުލޫމާތު އެކުލެވިގެންވާ ޚަޒާނާއެކެވެ. ދަރިވަރުން ކިޔަވާ އެކިކަހަލަ މާއްދާތަކުގެ ތަފާތު މަންހަޖުތައް އެކުލެވިގެންވާގޮތަށް މަޢުލޫމާތު މުއްސަނދި ފަރާތްތައް އުޅޭތަނެކެވެ. މިކަމުގެ ސަބަބުން، ދަރިވަރުންނަށް ކުރާ ފައިދާތަކަކީ ކޮބައިތޯއެވެ؟ މީސްމީޑިއާގެ އެހީއާއެކީ ކުލާހުގައި އޮޅުން ނުފިލައި ހުރި ފިލާވަޅުތައް، މިދެންނެވި ފަރާތްތަކުގެ ގާތުން އޮޅުން ފިލުވޭނެއެވެ. މިގޮތުން، ފޭސްބުކް ފަދަ ވިޔުގަތަކުގައި ވެސް އެކި މާއްދާތަކުގެ ޓީޗަރުން ހަރަކާތްތެރިވެއެވެ. އެހެންކަމުން، ސްކޫލުން ބޭރުގައިވެސް ސޯޝަލް މީޑިއާގެ ޒަރީޢާއިން ދަރިވަރުންނަށް ކިޔެވުމުގައި އިތުރު އެހީތެރިކަން ލިބި، ކިޔެވުމުގައި ހެޔޮ ބަދަލުތައް ފެނިގެންދެއެވެ.

ދަރިވަރުން އެންމެ ގިނަ ވަގުތު ހޭދަކުރާ އެއްތަނަކީ އެ ދަރިވަރުން ތަޢުލީމު އުނގެނޭ މަދަރުސާއެވެ. ކިޔެވުމުގައާއި، އިތުރު ހަރަކާތްތަކުގައި އަވަދިނެތި އުޅެމުންދެއެވެ. އެވަރެޖްކޮށް 6 ގަޑިއިރާއި 7 ގަޑިއިރާ ދޭތެރޭ ސްކޫލުގައި ވަގުތު ހޭދަކުރާއިރު، ކުދިން ތިބެނީ ވަރުބަލިވެފައެވެ. މީސްމީޑިއާގެ ސަބަބުން، މިފަދަ ދަރިވަރުންނަށް، މީސްމީޑިއާގެ ވިޔުގަތައް ބޭނުންކުރާ އެހެން ދަރިވަރުންނާއި މި ވާހަކަތައް ހިއްސާކުރެވެއެވެ. އަދި ދޭދޭ ދަރިވަރުންގެ ދެމެދުގައި މިގޮތަށް ޚިޔާލު ފާޅުކޮށް، ތަޖުރިބާތައް ހިއްސާކުރެވުމުން، އެކަނިވެރިކަމުގެ އިހުސާސް ފިލައިގެންދާނެއެވެ. އަދި އެކުވެރިންނާއި އެކީ އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރެވި، ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުވެގެންދެއެވެ.

މީސްމީޑިއާއަކީ އެކި ކަހަލަ ވިޔަފާރިތައް ހިންގޭ މާސިންގާ ފިހާރައެކެވެ. ފޭސްބުކާއި އިންސްޓަގްރާމަކީ ވަރަށް ގިނަ އަދަދެއްގެ ވިޔަފާރިވެރިން ބޭނުންކުރާ ވިޔުގަތަކެވެ. މިކަމުގެ ސަބަބުން ދަރިވަރުންނަށް ބައިވަރު ކަންތައްތަކެއް ދަސްވެއެވެ. އެއީ އެކުދިން އެއްޗެއް ގަންނަން ބޭނުންވުމުން، އެކި ވިޔަފާރިތަކުން ވިއްކާ އަގު އަޅާ ކިޔައި، އެކުދިން ބޭނުންވާ އެއްޗެހި ގަންނަން ބޭނުންވުމުން، އެކި ވިޔަފާރިތަކުން ވިއްކާ މުދަލާއި، މުދަ ވިއްކާ އަގު އަޅާ ކިޔައި، އެކުދިން ބޭނުންވާ އެއްޗެހި ގަންނަން ދަސްވެއެވެ. ތަކެތި ވިއްކުމުގައި ވިޔަފާރިވެރިން ބޭނުންކުރާ އުކުޅުތައް ދެނެގަނެވެއެވެ. މީގެ ސަބަބުން ދަރިވަރުންނަށް "ފައިނޭންޝަލް ލިޓްރަސީ"، އޭގެ އެންމެ ފުރިހަމަ ގޮތުގައި ދަސްވެގެންދެއެވެ.

މީސްމީޑިއާގެ ސަބަބުން ކުދިންނަށް އެތައް ހެޔޮ އަސަރެއް ކުރިނަމަވެސް، ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، މީސްމީޑިއާގެ ސަބަބުން ދަރިވަރުން އެތައް ގޮންޖެހުންތަކެއް ކުރިމަތިވާކަމެވެ. އެގޮތުން މީސްމީޑިއާގެ އެކިކަހަލަ ވިޔުގަތަކުގައި ދަރިވަރުން ވަގުތު ހޭދަކުރުމުން، ބޭކާރު ގޮތުގައި ކިޔަވާކުދިންގެ ވަގުތު ހޭދަކުރެވެމުންދެއެވެ. މިގޮތުން، ޓިކްޓޮކް، އިންސްޓަގްރާމް، ޓްވިޓަރ ފަދަ މީސްމީޑިއާގެ މަންސަތަކަކީ، ކުދިންގެ ފަރާތުން، ގިނަ ވަގުތުތަކެއް އަތުލާ  މަންސަތަކެވެ. މިފަދަ މަންސަތަކުގައި ދަރިވަރުން ގިނަ ވަގުތު ހޭދަކުރުމުން، އަޅުކަންތަކުންނާއި، ކިޔެވުމާއި، އެހެނިހެން މަސްއޫލިއްޔަތުތަކަށް ދޭންޖެހޭ ސަމާލުކަން ކުޑަވެ، ވަގުތު، އޭގެ އެންމެ ރަނގަޅު ގޮތުގައި ބޭނުމެއް ނުކުރެވެއެވެ. އެހެންކަމުން، މީސްމީޑިއާއަކީ ދަރިވަރުން ކިޔެވުމާ ދުރުކޮށްދޭ ނުރައްކާތެރި ހަތުރެކެވެ.

މީސްމީޑިއާގެ ސަބަބުން ދަރިވަރުންނަށް ކުރިމަތިވާ ސިއްޙީ އެތައް މައްސަލަތަކެއްވެސް ހުރެއެވެ. މިގޮތުން، ޓިކްޓޮކް އަދި އިންސްޓަގްރާމް ފަދަ ވިޔުގަތަކަށް ދެވި ހިފުމުން، އެ މަންސަތައް ބޭނުންކުރަން ގެންގުޅޭ ޑިވައިސްތަކަށް ދެވިހިފައެވެ. މިކަމުގެ ސަބަބުން، ގިނަވަގުތު އޭގެ އަވައިގައި ޖެހިފައި އިނުމުން ލޮލާއި ބުރަކަށްޓާއި ހަށިގަނޑުގެ ހަރަކާތްތެރިކަމަށް ކުރިމަތިވާ މައްސަލަތައް ގިނަގުނައެވެ. މީގެއިތުރުން، ތަފާސްހިސާބުތަކުން ދައްކާގޮތުން، މީސްމީޑިއާގެ ސަބަބުން ދަރިވަރުންނަށް ކުރިމަތިވާ ޑިޕްރެޝަން ފަދަ ނަފްސާނީ ބަލިތައް ދުވަހުން ދުވަހަށް އިތުރުވެގެން ދެއެވެ. އެހެންކަމުން، މީސްމީޑިއާއަކީ ދަރިވަރުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ބަލިކޮށްލާ އަނިޔާވެރި ހަތިޔާރެކެވެ.

މީސްމީޑިއާއަކީ މަޢުލޫމާތުގެ ޚަޒާނާ އެއްކަމުގައިވިޔަސް، މީސްމީޑިއާގެ ވިޔުގަތަކުގައި ދަރިވަރުންގެ ވިސްނުމާއި، ގަބޫލުކުރުންތަކާއި ފުށުއަރާ ޒާތްޒާތުގެ ވާހަކަތަކާއި މަންޒަރުތައް ހުންނާނެކަން ޔަގީނެވެ. މީސްމީޑިއާގައި އެއްބަޔަކު، ދަރިވަރުންނަށް އެހީތެރިވުމުގައި އުޅެމުންދާއިރު، އަނެއްބަޔަކު އުޅެނީ ދަރިވަރުން ކިޔެވުމާއި ދުރުކުރާށެވެ. މިފަދަ މީހުން މަސައްކަތްކުރަނީ، ނުކިޔަވައި، މީސްމީޑިއާގައި މަޤްބޫލު މީހަކަށް ވެވުމުން މާ ކާމިޔާބުވާނެކަން ދެއްކުމަށެވެ. ނަތީޖާއަކަށް ވަނީ ކިޔަވާ ކުދިން، ކިޔެވުމާ ދުރުވެ މީސްމީޑިއާގައި އުޅޭ "އިންފްލުއެންސަރސް" އާއި އެއްގޮތަށް ދިރިއުޅުން ބިނާކުރެވޭތޯއެވެ. އެހެންކަމުން، މީސްމީޑިއާގެ ސަބަބުން، ކިޔަވާ ކުދިން، ހަޔާތުގެ މިސްރާބު، އެއްވެސް ވިސްނުމަކާއި ނުލައި ބަދަލުކޮށްލައެވެ.

މީސްމީޑިއާއަކީ ދަރިވަރުންނަށް އެތައް ކަމެއް ދަސްކޮށްދޭ މަޢުލޫމާތާއި، ކިޔަވަން ބޭނުންވާ ވަސީލަތްތައް ލިއްބައިދޭ އެހީތެރިއެކެވެ. މީސްމީޑިއާ މެދުވެރިކޮށް، މަޢުލޫމާތު މުއްސަނދިވެ، އެކަކު އަނެކަކާ އޮންނަ ގުޅުން ބަދަހިވެއެވެ. ނަމަވެސް، އެއީ ކިޔެވުމާ ދުރުކޮށްދޭ ހަތުރެކެވެ. ދަރިވަރުންގެ ދުޅަހެޔޮކަން ދަށްކޮށްލުމަށާއި، ދަރިވަރުންގެ ވިސްނުމާއި ކުޅެން އުފައްދާފައިވާ ނުރައްކާތެރި ހަތިޔާރެކެވެ. ހުރިހާ ބެލެނިވެރިންވެސް ދަންނަންވީ ކަމަކީ، ދަރިވަރުންނަށް މީސްމީޑިއާ ބޭނުންކުރަން ދިނުމުން، އޭގެ ސަބަބުން، އެކުދީންނަށް ލިބޭ ގެއްލުންތަކާއި މެދު ފުންކޮށް ވިސްނަންޖެހޭކަމެވެ. ފައިދާއާއި ގެއްލުން ލިބޭ ވަޞީލަތެއްކަމަށް ޤަބޫލުކުރަންޖެހެއެވެ.