ބުރާސްފަތި, 24 އޭޕްރިލް 2025

އަޙްމަދިއްޔާ ދަރިވަރުންނަށް ބޭއްވި ޖާނަލިޒަމް ޕްރޮގްރާމް ނިމިއްޖެ

މޯލްޑިވްސް މީޑިޔާ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި "ސްޓޫޑެންޓް ޖާނަލިޒަމް ޕްރޮގްރާމް" މިއަދު ނިންމާލައިފިއެވެ. އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ 25 ދަރިވަރުންނާއެކު 18 ފެބްރުއަރީ 2023 (ހޮނިހިރު ދުވަހު) މިޕްރޮގްރާމް ފެށި އިރު މިސްކޫލްގެ ގްރޭޑް 11 އަދި 12 ގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ. ތަފާތު ބައިތަކަށް ބަހާލައިގެން ގެންދިޔަ މިޕްރޮގްރާމް ކުރިޔަށް ގޮސްފައިވަނީ އަމީނީ މަގުގައި ހުންނަ އިސްކަންދަރު ކޮށީގެ މަލްޓިޕާޕަސް ހޯލްގައެވެ.

އެމްއެމްސީން ކުރިއަށް ގެންދާ ނޫސްވެރިކަމުގެ ތަމްރީނު ޕްރޮގްރާމްގައި އަޙްމަދިއްޔާގެ ދަރިވަރުން ބައިވެރިވަނީ.. ފޮޓޯ: ވަޖީހު

ޕްރޮގްރާމްގައި ތަފާތު އެތައް ބައިތަކެއް ކިޔަވައިދެވުނު އިރު، ދަރިވަރުންނަށްވަނީ ނޫސް ލިޔާނެ ގޮތާއި، ޚަބަރެއް ދެނެގަންނާނެ ގޮތް ވަނީ ކިޔައިދެވިފައެވެ. ހަމައެއާއެކު، އިންޓަވިއު ކުރާނެ ގޮތާ، ފޮޓޯޖާނަލިޒަމްގެ އިތުރުން އެތިކަލް ރިޕޯޓިންގ އަކީ ކޮބައިކަން ވަނީ ދަސްކޮށްދެވިފައެވެ.

އެމްއެމްސީން ކުރިއަށް ގެންދާ ނޫސްވެރިކަމުގެ ތަމްރީނު ޕްރޮގްރާމްގައި އަޙްމަދިއްޔާގެ ދަރިވަރުން ބައިވެރިވަނީ.. ފޮޓޯ: ވަޖީހު

މިސެޝަން ނަންގަވައިދެއްވާފައި ވަނީ ނޫސްވެރިކަމުގެ ތަޖުރިބާކާރުން ކަމަށްވާ މުޙައްމަދު ހަމްދޫން، މުޙައްމަދު ނާސިޙު، އަލީ ނިޝާން އަދި މޫސާ ރަޝީދެވެ. ދަރިވަރުންގެ ފުރިހަމަ ބައިވެރިވުމާއެކު މަޖާ، އެކުވެރި މާޙައުލެއްގައި މި ސެޝަން ކުރިއަށް ގޮސް ނިންމާލައިފައި ވަނީ ވަރަށް ވެސް  ކާމިޔާބު ކަމާއެކުގައެވެ.

މި ޕްރޮގްރާމްގައި ބައިވެރިވި ހުރިހާ ދަރިވަރުންނަށް ސެޓްފިކެޓް ބައްސަވައިދެއްވީ އެމް.އެމް.ސީގެ ރައީސް އަހްމަދު މުސްތަފާއާއި،  އެމް.އެމް.ސީގެ ލީގަލް ކޮމިޓީގެ ޗެއާ އަޙްމަދު އަމީން މުހައްމަދާއި، ސެޝަން ނަންގަވައިދެއްވުމުގައި އަމަލީގޮތުން ބައިވެރިވި މުޙައްމަދު ހަމްދޫން، މުޙައްމަދު ނާސިޙު، އަދި މޫސާ ރަޝީދެވެ.

މިޕްރޮގްރާމްގެ ދަށުން މިއަދު ވަނީ ޓެލެވިޜަން މޯލްޑިވްސް (ޓީ.ވީ.އެމް) އަށް މައިދާނީ ދަތުރެއްކުރެވިފައެވެ. މިދަތުރުގައި ދަރިވަރުންނަށް ނޫސް ރޫމްގެ އެތެރޭގައި ހިނގާ ތަފާތު ކަންތައްތައް ދައްކާލެވިފައިވެއެވެ. އެގޮތުން، ޚަބަރެއް ލިބުމުން އެޚަބަރު ޓީވީ ނުވަތަ ރޭޑިޔޯގެ ޒަރީއާގައި ގެނެސްދިނުމަށްޓަކައި އެހޭދަވާ ވަގުތުގައި ހިނގަމުންދާ ކަންތައްތައް ވަނީ ދަރިވަރުންނަށް ދައްކާލެވިފައެވެ. މީގެ އިތުރުން، އޮން އެއާގައި ކަންތައްތައް ހިނގާ ގޮތް ތަޖުރިބާ ކޮށްލުމުގެ ފުރުސަތުވެސް ދަރިވަރުންނަށްވަނީ ދެވިފައެވެ.

އޮމާންކަމާ ކާމިޔާބާއެކު މި ސެޝަން ނިންމައިލެވުނު އިރު އެމް.އެމް.ސީ އިން މައުލޫމާތު ދެއްވާ ގޮތުގައި މިފަދަ ޕްރޮގްރާމްތައް އެހެން ސްކޫލްތަކަށް ވެސް ކުރިޔަށް އޮތްތަނުގައި ހިންގަމުންގެންދިއުމަށް އެ ކައުންސިލުން ވަނީ ނިންމާފައެވެ. އަދި އަޙްމަދިއްޔާގެ އިތުރު ދަރިވަރުންތަކަކަށްވެސް މިޕްރޮގްރާމް ހިންގުމަށްވަނީ ނިންމާފައެވެ.