އަޙްމަދިއްޔާ އަކީ، އެންމެ ކާމިޔާބު ސްކޫލްކަމާއި މެދު އެއްވެސް ޝައްކެއް ނެތް.

ޢިލްމު އުގެނުމަށް ގަދަ އަމުރަކުން އަމުރުކުރައްވަވައި މި އުންމަތުގެ މައްޗަށް އެކަން ވާޖިބު ކުރެއްވެވި ގަދަ ކީރިތިވަންތަ ﷲ ޞުބުޙާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރު ކުރަން. ޖަހާލަތާއި ޖާހިލުކަމުން އިންސާނީ އުއްމަތް ސަލާމަތް ކުރައްވައި ޢިލްމުގެ ނޫރުން އަޅުގަނޑުމެންގެ ހިތްތަކަށް އަލިކަން ފޯރުކޮށްދެވުމަށް މެދުވެރިކުރައްވައި ފޮނުއްވެވި ރަސޫލާ މުޙައްމަދު (ޞ.އ.ވ) އަށް ސަލަވާތާ ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާ ސަލާމުގައި އެކަލޭގެފާނުގެ ޢާލުންނާ އަސްޙާބުން ޝާމިލްކުރަން.

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ ލޮބުވެތި ޕްރިންސިޕަލް. ސްކޫލު ބޯޑުގެ މެމްބަރުން.  ސްކޫލުގެ ހިންގުންތެރި މެނޭޖްމަންޓް ޓީމްގެ މެމްބަރުން.  އުނގަންނައިދިނުމުގެ ރޮނގުން އެންމެ ކުރީ ސަފުގައި ތިއްބެވި ޓީޗަރުން. އެކުވެރި ދަރިވަރުން.

އައްސަލާމު ޢަލައިކުމް ވަރަޙްމަތުﷲ ވަ ބަރަކާތުހް.

މިއަދުގެ އިރު ފެނުން ތޮޅިލައި އުދަވެގެން އެ އަންނަނީ ނުހަނު އުފާވެރި، އެހާމެ ފަޚްރުވެރި ދުވަހަކަށް މަރުހަބާ ކިޔަމުން. މި ލޮބުވެތި ދިވެހި ފަސްގަނޑުގެ އެންމެ ކާމިޔާބު، އެންމެ މޮޅު، އެންމެ ޝަރަފްވެރި ތައުލީމީ ބިނާއަށް ސާޅީސް އެއް އަހަރު ފުރޭ އަހަރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާތައް ވެދުންކޮށް ކުރުނީސް ކުރަމުން.

މި ސްކޫލަކީ އަޅުގަނޑުމެން އެތައް ދަރިވަރުންނެއް މުޅި މި ދިވެހި ގައުމަށް ފެތުރިގެންވާ ތައުލީމީ ހިޔާވަހިކަމުގެ ހިޔަލުން ހިޔާލިބިގަނެ، އެންމެ މޮޅު ތަޢުލީމާއި ، އެފަދަ ދެވަނައެއް ނެތް ތަރުބިއްޔަތު ގެ އިތުރުން ، ހިމާޔަތާއި ، ރައްކާތެރިކަމާއި ، އުފަލާއި މަޖަލުގައި ، އުގެނި ދަސްކޮށް އަޅުގަނޑުމެންގެ މުސްތަގްބަލްގެ އުއްމީދުތައް ހާސިލްކުރުމުގެ މަގު ކޮށައި ތަނަވަސްކޮށް އަލި ކޮށްދެމުންދާ އެންމެ އަލިގަދަ ދަންމަރު.

މި ފަޚުރުވެރި ސްކޫލަކީ އަޅުގަނޑުމެންގެ ލޮބުވެތި ބާނީ ޑީ އަޙްމަދު ދީދީ ގެ އަމިއްލަފުޅު ޚަރަދުގައި ބިނާކޮށް މާލޭގައި އޭރު ތަޢުލީމު ހާސިލްކުރެވޭނޭ ފަދައެއްނެތް ނިކަމެތި ކުދިންނަށް ހިލޭ ސާބަހަށް ކިޔަވައިދިނުމުގެ މާތް މަތިވެރި މަގްސަދުގައި ފެއްޓެވި ސްކޫލް. މި ސްކޫލް، އަޅުގަނޑުމެން އުގެނި ތަރުބިއްޔަތު ލިބިގަތުމަށް ހަދިޔާކޮށްދެއްވީތީ އަޅުގަނޑުމެން އެންމެން އެ މަނިކުފާނަށް ދަރާފައިވާ ޝުކުރުގެ ދަރަނި ނުހަނު ބޮޑު. މާތްﷲ އެމަނިކުފާނުގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވާށި!

އަޅުގަނޑުމެންގެ އެތަނަކަށްޓަކައި ފަޚްރުވެރިވާ ތައުލީމީ ބިނާ މިއަދު މިދެކޭ ޝަރަފުވެރިކަމާއި ކާމިޔާބީގެ ފަހަތުގައި ހިންމަތްތެރި އަތްތަކަކާއި ހިކުމަތްތެރި ސިކުނޑިތަކެއްވާނޭކަން ކަށަވަރު. އެހެންކަމުން އަޅުގަނޑުގެ އެންމެ އިސް ވާޖިބެއްކަމުގައި ދެކެނީ އެ އެންމެ ބޭފުޅުންގެ ހަނދާން އާކޮށް ޝުކުރުދެންނެވުން.

ސްކޫލުގެ ލޮބުވެތި ޕްރިންސިޕަލް. ތިޔަ ޕްރިންސިޕަލްއަކީ މި ސްކޫލް އަދު މި ދެކޭ ރޯޝަން ރަންޒަމާނުގެ ހަގީގީ މޭސްތިރި. ބޭބީ ނާސަރީން ފެށިގެން ގްރޭޑް 12 އާ ހަމައަށް މި ހިޔަލުގައި ތަރުބިއްޔަތުވަމުން އަންނަ އެންމެހާ ދަރިވަރުންނަށް ހަމަ އެންމެ ކަމެއް ވެސް އުނިކުރެއްވުމެއް ނެތި ތިޔަ ދެއްވަވާ ޚިދުމަތް އަޅުގަނޑުމެން ދަރިވަރުން އަގުވަޒަން ކުރާނީވެސް ކިހިނަކުންތޯއޭ އަޅުގަނޑުގެ ހިތަށް އަރާ. އަޅުގަނޑުމެން ދަރިވަރުން ހުނަރުވެރިކުރުވައި ޢިލްމީ ގޮތުން އެންމެ ކާމިޔާބު ކުރިބޯށްޓާއި ހަމައަށް ވާސިލްކޮށްދިނުމުގެ ރޭއްވުންތައް ރާއްވަވައި އެކަމުގެ އެންމެހާ މޮޅުގޮތްތަކުގެ މަގުޗާޓު ކުރައްސަވާފައި، ހިސާބުތައް ޖައްސަވާފައިވަނީ އަޅުގަނޑުމެންނަށް އަދު މިހެން ތިބެގެން އަންދާޒާކޮށްލަން ދަތި މިންވަރަކަށް ކަން ޔަގީން. އަޅުގަނޑުމެންގެ އެންމެހާ ދަރިވަރުންގެ ނަމުގައި ޕްރިންސިޕަލްއަށް ނުހަނު އިޚްލާޞްތެރި ޝުކުރެއް އަދާކުރަން.

އަދި މި ޝުކުރުގައި އަޙްމަދިއްޔާގެ އެންމެ ބަދަހި ސީނިއަރ މެނޭޖްމަންޓު ޓީމުގެ މެމްބަރުންނާއި އެންމެ ލޯބިވާ ޓީޗަރުންނާ އަދި އިދާރީ މުވައްޒަފުންވެސް ޝާމިލުކުރަން.

މިސްކޫލަކީ މިއަދު އެންމެ ކާމިޔާބު ސްކޫލުކަމާއި މެދު އެއްވެސް ޝައްކެއް ނެތް. އަޅުގަނޑުމެން މިއަދު ސްކޫލުގެ އަހަރީ ދުވަސް ފާހަގަކުރާއިރު އަދު މިދެކޭ ކާމިޔާބީއާއި ފަހުރުވެރިކަމާއި ޝަރަފުވެރިކަން މިގޮތުގެމަތީގައި ދެމެހެއްޓުމަށް ކުރަންޖެހޭ މިންނަތް މަސައްކަތުގެ މަތީން ހަމަ ކޮންމެހެން ހަނދާން އާ ކުރަންޖެހޭ. އެކަމުގައި އަޅުގަނޑުމެން ދަރިވަރުން އަދާކުރަންޖެހޭ މަސްއޫލިއްޔަތާއި ޒިންމާ ނުހަނު ބޮޑުކަން އަޅުގަނޑުގެ އަމިއްލަ ނަފްސަށް ހަނދާންކޮށްދެމުން ތިޔަ އެންމެ ބޭފުޅުންނަށާއި އެކުވެރި ކިޔަވާކުދިންނަށް ހަމަ އެންމެތަންފުކެއްވެސް ދޫނުދީ މި ނަތީޖާތައް ދެމެހެއްޓުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ގޮވާލަން.

ﷲ ގެ އިރާދަފުޅާއެކު އަޅުގަނޑުމެންނަށްޓަކައި ސްކޫލުން ކޮށްޓަވައި އަދި ދައްކަވާ މަގުން ކުރިއަށް ގޮސް ހިތްވަރާ، މިންނަތާ، ކެތްތެރިކަމާއެކު މަސައްކަތް ކުރާނޭ ކަމުގެ ޔަގީންކަން ލޮބުވެތި ޕްރިންސިޕަލަށާއި ސްކޫލުގެ ހިންގުންތެރި މެނޭޖްމަންޓަށާއި ލޮބުވެތި ޓީޗަރުންނަށް އަރުވަން.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ އަދިވެސް އެއްފަހަރު 41 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާއާއި މުބާރިކުބާދީ އަރިސްކުރަމުން.

އަޅުގަނޑުގެ ދުޢާ އަކީ އަޙްމަދިއްޔާއަށް މާ އުފާވެރި މާފަހި މުސްތަޤްބަލެއް މިންވަރުކުރައްވައި އަޅުގަނޑުމެން އެންމެންނަށް ހެޔޮ ވިސްނުމާއި ތައުފީގު މާތްﷲ މިންވަރުކުރެއްވުން.

ވައްސަލާމް އަލައިކުމް ވަރަހްމަތުﷲ.

އެޑިޓަރުގެ ނޯޓު: މިއީ، އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަށް 41 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން 21 ފެބްރުއަރީ 2023 ގައި އަޙްމަދިއްޔާ ގައި ބޭއްވި ޚާއްޞަ އެސެމްބްލީ ގައި ސްކޫލްގެ ހަޔަރ ސެކަންޑަރީ ސްކޫލް ކެޕްޓަން އާދަމް ނާއިޝް ނަސީމް، 12އެލް ދައްކާފައިވާ ވާހަކަ ކޮޅެވެ.