މަތީ ސާނަވީ ފީފާ 2023 މުބާރާތް 07 މާރިޗު 2023 ވީ އަންގާރަ ދުވަހުގެ ހަވީރު އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި ބާއްވައިފިއެވެ.
ހަވީރު 4:00 ގައި ފެށުނު މުބާރާތް ކުރިއަށް ގެންދިޔައީ ބައެއް ދަރިވަރުންގެ ޕްލޭސްޓޭޝަން 4 ކްލާސްތަކުގެ ޕްރޮޖެކްޓަރުތަކަށް ގުޅައިގެންނެވެ. ނޮކް އައުޓް އުސޫލުން މުބާރާތް ބޭއްވީ، އަންހެން ދަރިވަރުންނާއި ފިރިހެން ދަރިވަރުން ވަކިންނެވެ.

ފިރިހެން ގޮފީގެ ފައިނަލަށް ދިޔައީ 11ޖޭ ގެ އަހްމަދު އަބާން އަލީ އާއި 11ޑީ ގެ މުހައްމަދު އަބާން ހުސައިން އެވެ. އަހްމަދު އަބާން ކުޅުނީ ބަޔާން މިޔުނިކް ޓީމުގައެވެ. މުހައްމަދު އަބާން ކުޅުނީ ނިއުކާސަލް ޓީމުގައެވެ. 4 – 3 ގެ ނަތީޖާއަކުން މި މެޗުން ކާމިޔާބުކޮށް މުބާރާތުގެ ފިރިހެން ޗެމްޕިއަނުގެ މަގާމު ހޯދީ އަހްމަދު އަބާން އެވެ.
އަންހެން ގޮފީގެ ފައިނަލަށް ދިޔައީ 12ސީ ގެ މަރިޔަމް ނައިސަމް ސައީދާއި އާއި 12ޖޭ ގެ ޔުމްނު ޔަމަން އަލީ އެވެ. ނައިސަމް ކުޅުނީ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ޓީމުގައެވެ. ޔުމްނު ކުޅުނީ ރެއާލް މެޑްރިޑް ޓީމުގައެވެ. 3 – 0 ގެ ނަތީޖާއަކުން މި މެޗުން ކާމިޔާބުކޮށް މުބާރާތުގެ އަންހެން ޗެމްޕިއަނުގެ މަގާމު ހޯދީ ނައިސަމް އެވެ.
މުބާރާތް ހިންގުމުގައި އިސްކޮށް އުޅުނު މަތީ ސާނަވީ ގޭމްސް ކެޕްޓަން މުހައްމަދު ޒައިން ޒައުދު ބުނީ މި މުބާރާތް ބޭއްވީ ކުރެވުނު ވައުދު ފުއްދުމަށާއި ކުދިންގެ މެދުގައި އެކުވެރިކަން ގާއިމު ކުރުމަށެވެ. "މި މުބާރާތް ކުރިއަށް ދިޔައީ ވަރަށް ކާމިޔާބުކޮށް. ޕީ އެސް ތައް ލިބުމުގައްޔާއި ކްލާސް ތައް ތައްޔާރު ކުރުމުގައި ކުދިންގެ އެއްބާރުލުން ވަރަށް ފުރިހަމަކޮށް ލިބުނު." ޒައިން ބުންޏެވެ.
މުބާރާތް ހިންގުމުގައި އެންމެ އިސްކޮށް އުޅުނީ މަތީ ސާނަވީ ގޭމްސް ކެޕްޓަން މުހައްމަދު ޒައިން ޒައުދާއި ސްކޫލް ކެޕްޓަން އާދަމް ނާއިޝް ނަސީމާއި ލީޑިންގް ޓީޗަރު މުހައްމަދު ނަދީމެވެ.
2018 ވަނަ އަހަރު މަތީ ސާނަވީ ދަރިވަރުންގެ މެދުގައި ފީފާ މުބާރާތެއް ވަނީ ބޭއްވިފައެވެ. މިއަހަރުގެ މުބާރާތަކީ ކޮވިޑުގެ އާލަމީ ވަބާގެ ސަބަބުން މެދުކެނޑުމަށް ފަހު ބޭއްވުނު ފުރަތަމަ ފީފާ މުބާރާތެވެ.