ބުރާސްފަތި, 17 އޭޕްރިލް 2025

މުބާރާތުގެ ހުރިހާ މެޗަކުން މޮޅުވެގެން 12 ކޭ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ މަތީ ސާނަވީ ދަރިވަރުންގެ މެދުގައި ބާއްވަމުން އަންނަ އިންޓަރކްލާސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން 12 ކޭ ހޯދައިފިއެވެ. މި އަހަރުގެ މި މުބާރާތުގެ ފައިނަލް މެޗުތައް ކުޅުނީ 10 މާރޗް ވީ ހުކުރު ދުވަހު ކ.ގުޅީ ގައެވެ.

ފުޓްސަލް މުބާރާތުގެ ފައިނަލަށް 12 ކޭ ދަތުރުކުރީ ސެމީފައިނަލުގައި މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން 12 އެލް ބަލިކުރުމަށް ފަހުއެވެ. ފައިނަލްގައި 12 ކޭ އާއި ވާދަ ކުރީ ސެމީ ފައިނަލްގެ ދެވަނަ މެޗްގައި ޕެނަލްޓީ ޖަހައިގެން 11 ޖޭ ގެ މައްޗަށް ކުރިހޯދި 11 ޑީ ގެ ޓީމެވެ. ފައިނަލް މެޗްގެ ފުރަތަމަ ގޯލް ޖެހީ 12 ކޭ ގެ ހުސައިން ޒައިން ޒައުދުއެވެ. އެހެންނަމަވެސް މާ ގިނައިރުތަކެއް ނުވަނީސް 11 ޑީ ގެ މުހައްމަދު ހޫދު އަޙްމަދު ވަނީ ގޯލެއް ޖަހައި ނަތީޖާ އެއްވަރު ކޮށްފައެވެ.

ފުޓްސަލް މުބާރާތުގެ ފައިނަލް މެޗްގެ ތެރެއިން… އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާއެއްވަރުވުމުން ފޯރިގަދަ ފައިނަލް މެޗްގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. 11 ޑީގެ ފުރަތަމަ ޕެނަލްޓީ 12 ކޭ ގެ ގޯލްކީޕަރ ހުށިޔާރުކަމާއި އެކު ދިފާއުކުރިއިރު 12 ކޭ ކުޅުންތެރިން ޖަހަން ލިބުނު 5 ޕެނަލްޓީވެސް ވަނީ ގޯލަށް ވައްދާލާފައެވެ. ބާކީ 4 ޕެނަލްޓީ 11ޑީ ގެ ކުޅުންތެރިން ސްކޯރކުރި ނަމަވެސް މެޗް ނިމުނީ ޕެނަލްޓީން 4-5 ގެ ނަތީޖާ އަކުން 12 ކޭ މޮޅުވެގެންނެވެ.

ފުޓްސަލް މުބާރާތުގެ ފައިނަލް މެޗްގެ ތެރެއިން… އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތުގެ ރަނަރަޕް ޓީމުތަކަށް މެޑެލް ހަވާލުކޮށްދެއްވީ މާލެ އަތޮޅު ގުޅީ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ފާއިޒްއެވެ. ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ޓީމަށް މެޑެލްއާއި ޓްރޮފީ އަދި ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާއަށްދޭ ތަށި ހަވާލުކޮށްދެއްވީ މާލެ އަތޮޅު ގުޅީ ކައުންސިލުގެ ރައީސް އަލްފާޟިލް މޫސާ ސަފީލެވެ.

ފުޓްސަލް މުބާރާތުގެ ފައިނަލް މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ 12 ކޭ ގެ ޖާރޒީ ނަންބަރު 7 މުޙައްމަދު އައިހަމް އެވެ.

ފައިނަލް މެޗްތަކަށް ފަހު ގުޅީ ސްކޫލުގެ ދަރިވަރުންނާއި އަހްމަދިއްޔާއިން ހޮވާލެވުނު ޓީމަކާއި އެކު އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ކުޅުނެވެ. މި މެޗް 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ގުޅީ ސްކޫލުގެ ޓީމެވެ.

ގުޅީ ސްކޫލުގެ ދަރިވަރުންނާއި އަހްމަދިއްޔާއިން ހޮވާލެވުނު ޓީމަކާއި އެކު ކުޅެވުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗްގެ ތެރެއިން … އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

އަހްމަދިއްޔާގެ މަތީ ސާނަވީ ދަރިވަރުންގެ ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ހޭންޑްބޯލް އަދި ފުޓްސަލް މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި، މިފަހަރުގެ މުބާރާތުގެ ފައިނަލް މެޗްތައް އިންތިޒާމް ކޮށްދެއްވުމުގައި މާލެ އަތޮޅު ގުޅީ ކައުންސިލާއި ގުޅީ ސްކޫލް ފަރާތުން ދެއްވި އެއްބާރުލުމާއި އެހީތެރިކަމާއި ބެހެއްޓެވި މެހެމާންދާރީ ފާހަގަކޮށް އަހްމަދިއްޔާގެ އެސިސްޓެންޓް ޕްރިންސިޕަލް މޫސާ ޞަލާޙް ޝުކުރު އަދާކުރެއްވިއެވެ.

މި ފަހަރުގެ މުބާރާތުގެ މެޗުތައް ކުރިއަށް ދިޔައީ  މާފަންނު މިނީ ޓާރފުގައި ލީގު އުސޫލުން 24 ފެބްރުއަރީ 2023 ވީ ހުކުރު ދުވަހުއެވެ. ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދެވުނު ހޭންޑްބޯލް އަދި ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލް މެޗްތައް ކުޅެވުނީ 26 ފެބްރުއަރީ 2023 ވީ ހޯމަ ދުވަހުއެވެ.