ޝާޔާއާއި އާލާގެ މޮޅު ކުޅުމާއި އެކު ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަންކަން 11 އޭ އަށް

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ މަތީ ސާނަވީ ދަރިވަރުންގެ މެދުގައި ބާއްވަމުން އަންނަ އިންޓަރކްލާސް ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަންކަން 11 އޭ ހޯދައިފިއެވެ. މި އަހަރުގެ މި މުބާރާތުގެ ފައިނަލް މެޗުތައް ކުޅުނީ 10 މާރޗް ވީ ހުކުރު ދުވަހު ކ.ގުޅީ ގައެވެ.

ހޭންޑްބޯލް މުބާރާތުގެ ފައިނަލްގައި 11 އޭ އާއި ބައްދަލުކުރީ ސެމީ ފައިނަލުގައި 12 ސީ ގެ މައްޗަށް ކުރި ހޯދި 12 ބީ ގެ ޓީމެވެ. 11 އޭ ގެ ޓީމް ފައިނަލަށް ދަތުރުކުރީ 11 ބީ މައްޗަށް ސެމީފައިނަލުގައި ކުރި ހޯދައިގެންނެވެ. ފައިނަލް މެޗް ފެށިގެން ދިޔައީ ވެސް 11 އޭ ޓީމުގެ ކެޕްޓަން ފާތިމަތު ޝާޔާ މުހައްމަދު ގެ މޮޅު ކުޅުމާއި އެކު ޖެހި ގޯލުންނެވެ.

ހޭންޑް ބޯލް މުބާރާތުގެ ފައިނަލްގައި ޝާޔާ ގެ މޮޅު ކުޅުމެއް ފެނިގެންދިޔަ…

މެޗްގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ ވެސް ޝާޔާގެ 5 ގޯލުން 11 އޭ 5-0 ގެ ނަތީޖާއަކުން ކުރީގައި އޮވެއެވެ. މެޗުގެ ދެވަނަ ހާފުގައި 12 ބީ ގެ ކުޅުންތެރިން އިތުރު ހިތްވަރާއިއެކު ކުޅުމުގެ ތެރެއަށް ވަދެ 2 ގޯލު ޖަހައި ނަތީޖާ އަނބުރާލަން ހިތްވަރުކުރި ނަމަވެސް 11 އޭ އިން ވެސް ވަނީ އިތުރު ދެ ގޯލް ޖަހައި ލީޑު ދަމަހައްޓައިފައެވެ. މެޗް ނިމިގެން ދިޔައީ 7-2 ގެ ނަތީޖާއަކުން 11 އޭ މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުކޮށްގެންނެވެ.

ހޭންޑްބޯލް މުބާރާތުގެ ރަނަރަޕް ޓީމުތަކަށް މެޑެލް ހަވާލުކޮށްދެއްވީ މާލެ އަތޮޅު ގުޅީ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ފާއިޒްއެވެ. ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަން ޓީމަށް މެޑެލްއާއި ޓްރޮފީ އަދި ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާއަށްދޭ ތަށި ހަވާލުކޮށްދެއްވީ ގުޅީ ސްކޫލުގެ ޕްރިންސިޕަލް ފާތިމަތު އިބްރާހީމްއެވެ.

ހޭންޑްބޯލް މުބާރާތުގެ ފައިނަލް މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ 11 އޭގެ ގޯލް ކީޕަރ ޖާރޒީ ނަންބަރ 18 އައިޝަތު އާލާ ޢަލީ އެވެ.

އަހްމަދިއްޔާގެ މަތީ ސާނަވީ ދަރިވަރުންގެ ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ހޭންޑްބޯލް އަދި ފުޓްސަލް މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި، މިފަހަރުގެ މުބާރާތުގެ ފައިނަލް މެޗްތައް އިންތިޒާމް ކޮށްދެއްވުމުގައި މާލެ އަތޮޅު ގުޅީ ކައުންސިލާއި ގުޅީ ސްކޫލް ފަރާތުން ދެއްވި އެއްބާރުލުމާއި އެހީތެރިކަމާއި ބެހެއްޓެވި މެހެމާންދާރީ ފާހަގަކޮށް އަހްމަދިއްޔާގެ އެސިސްޓެންޓް ޕްރިންސިޕަލް މޫސާ ޞަލާޙް ޝުކުރު އަދާކުރެއްވިއެވެ.

މި ފަހަރުގެ މުބާރާތުގެ މެޗުތައް ކުރިއަށް ދިޔައީ  މާފަންނު މިނީ ޓާރފުގައި ލީގު އުސޫލުން 24 ފެބްރުއަރީ 2023 ވީ ހުކުރު ދުވަހުއެވެ. ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދެވުނު ހޭންޑްބޯލް އަދި ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލް މެޗްތައް ކުޅެވުނީ 26 ފެބްރުއަރީ 2023 ވީ ހޯމަ ދުވަހުއެވެ.