10 މާރިޗު 2023 ވީ ހުކުރު ދުވަހުގެ އިރު ފެނުން ތޮޅިލިއިރު، އަޅުގަނޑު ތައްޔާރު ވަމުން ދިޔައީ، 2023 ވަނަ އަހަރުގެ އިންޓަރ ކްލާސް ފުޓްސެލް އަދި ހޭންޑްބޯލް މުބާރާތުގެ ފައިނަލް ކުޅުމަށް، ފުރަމާލޭގެ ދެކުނުގައި އޮންނަ، ގުޅިއަށް ދިޔުމަށެވެ. ވީހާވެސް ގިނަ އަދަދެއްގެ ކުދިން ދަތުރުގައި ބައިވެރި ކުރުމަށްޓަކައި، ސްކޫލުން ނިންމީ ޖާގަ ތަނަވަސް ބޮޑު އުޅަނދެއްގައި ދަތުރު ކުރުމަށެވެ، އަޅުގަނޑާއެކު ދަތުރުގައި 45 އިތުރު ދަރިވަރުން ބައިވެރި ވި އިރު، އަޅުގަނޑުމެންނަށް އެހީވެދެއްވާ ހައްދަވަން އިތުރު 13 ޓީޗަރުންވެސް ދަތުރުގައި ބައިވެރިވިއެވެ. ގަޑިން 9:15 ވީއިރު، ހެނދުނުގެ ނާސްތާ ކޮށްގެން އަޅުގަނޑުމެން އެންމެންވެސް ތިބީ ފުރުމަށްޓަކައި ފާލަން ކައިރިއަށް ޖަމާވެފައެވެ. ދަތުރަށް ފުރީ އެމްޓީސީސީގެ ކޮއިމަލާ 2 ކުން ހެނދުނު 9 ގަޑި ބައިގައެވެ.
ދުވަސްވަރަކީ އިރުވައިމޫސުމުގެ މޫސުމުގެ ރީތި ދުވަސްތަކަށް އަލްވަދާއު ކިޔާ، ކެރީގެ އަސަރު މަދުމަދުން ނަމަވެސް ފޯރަމުން އަންނަ ދުވަސްވަރެވެ. އެގޮތުން މިއަދުވެސް ދޯންޏަށް އަރާ ފުރަން ތައްޔާރު ވެލިއިރު ވިއްސާރަ ކަނި ޖަހައެވެ. އާދައިގެ ވަރަކަށް ވައިވެސް ގަދައެވެ. އެހެނަސް މޫސުމަށް މާބޮޑު ސަމާލުކަމެއް ނުދީ ދޯންޏަށް އަރާ ހަމަޖެހިލީ، މިއަދު ހަވީރު ކުޅެންޖެހޭ މެޗުބަލާލުމަށް ކެތްމަދުވެފައިވާލެއް ބޮޑުކަމުންނެވެ. ރެޖިސްޓަރ މާކުކޮށް ކުދިންގެ ހާލަތު ބެލުމުގައި ޓީޗަރުން އަވަދިނެތި އުޅުނެވެ. ދާދި މަޑުދުވެއްޔެއްގައި ދޯނި މާލޭގެ ފަޅުން ނުކުމެ ގުޅިއަށް މިސްރާބުޖެހިއެވެ. ރުޅިގަދަ ބޮޑެތި ބާނިތަކާއި، މާސިންގާ ރާޅުތައް އެކިދިމަދިމާއިން ދޯންޏަށް ހަމަލާދެމުން ދާތީ، ކަނޑަށް ބަލިކުދިން ހޮޑުލުންވީ އާންމު ކަމަށެވެ. އެހެނަސް ދަތުރުގެ މެދާހަމައިން މޫސުން ރީތިވެ، އުޑުމަތި ސާފުވެ އަލިވެގެން ދިއުމުގެ ސަބަބުން، ހުރިހާކުދިން ވެސް ދިޔައީ އޮޑިމަތީގައި ފޯރިނަގަމުންނެވެ. މާގިނަ އިރުތަކެއް ނުވެ ދޯނީގެ ދިރުނބާކޮޅުން ފެންނަންފެށީ ގުޅީގެ ހިތްގައިމު މަލަމައްޗާއި، ފެހިކަންގަދަ ގަސްކަރައެވެ. ދޮޅުގަޑިއިރުގެ އޮމާން ދަތުރަކަށްފަހު ގުޅީގެ ހިތްގައިމު ބަނދަރަށް އަޅުގަނޑުމެންނަށް ލެފުނީ ގަޑިން 11 ޖަހާކަންހާއިރެވެ.
ގުޅީގެ ފަސްގަނޑުގައި ފައިއެޅުނުއިރު، އަޅުގަނޑުމެންނަށް އިސްތިގްބާލުކުރުމަށް ޓަކައި، ގުޅީ ސްކޫލްގެ އިސްބޭބޭފުޅުންނާއި ދަރިވަރުން ސަފުހަދާފައި ތިއްބެވެ. އެބޭފުޅުންނާއި ސަލާންގަލާންކޮށް އެބޭފުޅުންގެ އާރުކާޓީކަމުގެ ދަށުގައި އަޅުގަނޑުމެން މަޑުކުރުމަށް ހަމަޖެހިފައިވާ ތަންކަމަށްވާ ގުޅީސްކޫލާއި ދިމާއަށް މިސްރާބުޖެހީމެވެ.
ސްކޫލުން އަޅުގަނޑުމެންނަށް އަނެއްކާވެސް އިސްތިގުބާލުކުރުމުގެ ގޮތުން "ވެލްކަމް ޑްރިންކް" އެއް އެރުވުނެވެ. ދަތުރުގެ އިންތިޒާމުތަކުގެ ފުރިހަމަ ކަމުންނާއި، ރޭވުންތެރިކަމުގެ މޮޅުކަމުން އަޅުގަނޑުހުރީ އާޝޯހުވެގެން ދެމިޔަކަނުން ސޮނި ފައިބާ ހިސާބުގައެވެ. ކޮންމެއަކަސް، ދުވަހަކީ ހުކުރުދުވަސް ކަމުން ހުރިހާ ކުދިންވެސް އަވަސްވެގަތީ ހުކުރާއިގެން އުޅުމަށެވެ. ފިރިހެން ކުދިން ވުލޫކޮށް ތައްޔާރުވެގެން ހުކުރަށް ދިޔައިރު އަންހެން ކުދިންވެސް އެކުދިންގެ ކޮޓަރި ތަކުގައި ދިޔައީ ނަމާދުކުރަމުންނެވެ. އިސާހިތަކު، ހުކުރުން އަވަދިވެގެން ހުރިހާ ކުދިން އައިސް މެންދުރުގެ ކެއުން އިންސާފުކުރުމަށް ސްކޫލް ހޯލަށް ޖަމާވިއެވެ. އޭރު ގަޑިން ދެގަޑި ސުންމިނެޓެވެ.
ގުޅީގެ ކެއުންބުއިމުގެ ކަންތައްތައްވެސް ހަމަ ހުރީ، މަރުހަބާއާއި އިސްތިގުބާލުގެ ކަންތައްތަކެކޭ އެއްފަދައިން ނުހަނު ފުރިހަމަކޮށެވެ. މެންދުރުގެ ކެއުމަށް ތައްޔާރުކުރެވިފައިވާ ސުފުރާމަތި ވަރަށްވެސް ތިޔާތްގެވެ. ތަފާތު 2 ވައްތަރެއްގެ ނޫޑުލީސް ހުއްޓެވެ. ބޭނުން ވައްތަރެއްގެ ބަތަކާއި، ބިރިއާނީވެސް ހުއްޓެވެ. މީރުހެން ހީވާ ގޮތްގޮތަށް ކައްކާފައިވާ، ރަތްގަދަ ޑެވިލްޑް ކުކުޅާއި، ކުޅިމަސްވެސް ހަމަ ބޭނުންވަރަކަށް އަޅަންވީއެވެ. ތަފާތު ދެ ވައްތަރެއްގެ ޖޫހާއި ކަސްޓަޑްވެސް ލިބެން ހުއްޓެވެ. ކުރިމަތީގައި އަތުރާލެވިފައިވާ ތަބައްތަކުގައި ހުރި ކާތަކެތީގެ ވަހުން އަޅުގަނޑުމެން ދިޔައީ ކުޅުދިޔާވެގެންނެވެ. ވުމާއެކު، ރައްޓެހި ދެތިން ކުއްޖަކާއެކު ތަށި ފުރޭވަރަށް ނޫޑުލީހާއި ޑެވިލްޑް ކުކުޅު އަޅާ، ބަނޑުފުރޭ ވަރަށް ކޭމެވެ. ކައިނިމިގެން ތާވަލް ކުރެވިފައި އޮތީ ކުޅިވަރު ސްޓޭޑިއަމަށް ދާންކަމުގައި ވީ ނަމަވެސް، ހުސް ވަގުތު ކޮޅެއް ލިބުމުން އަޅުގަނޑާއި އިތުރު 7 ކުދިން ޓީޗަރަކާއެކު ރަށުތެރެ ބަލާލަން ނުކުތީމެވެ.
ރަށުތެރެއިން އަޅުގަނޑަށް ފެނުނީ އަމާންކަމާއި އޮމާންކަމެވެ. ރައްޔިތުންގެ އެއްބައިވަންތަކަމާއި، ގުޅީގެ ރައްޔިތުންގެ އަޚްލާގްގެ ސާދާކަމެވެ. ރަށުގެ ހޭޅިގަނޑު ތެރެއިން ހިނގަމުން ދަނިކޮށް އަޅުގަނޑުމެންނަށް ނުކުމެވުނީ ނުހަނު ރީތި ދޮންވެލި އަތިރި މައްޗަކަށެވެ. އެތަނުގައި ސްކޫލްގެ ވަރަށްގިނަ ދަރިވަރުން ދިޔައީ ފޮޓޯނަގަމުންނެވެ. މާގިނައިރެއްނުވެ އަޅުގަނޑުމެން އަނެއްކާވެސް ހިނގައިގަތީމެވެ. ވައިގަދަކަމުން އަޅުގަނޑުމެންގެ ލޯތަކަށް ވަނީ ވެލިއެޅި ފުރިބާރުވެފައެވެ. ހިނގާތާ މާގިނައިރެއްނުވެ އަޅުގަނޑުމެންނަށް ގުޅީގެ ފަތުރުވެރިންނަށް ޚާއްޞަ ހިސާބަށް އާދެވުނެވެ. އެތަނުގައި ބޮއްޔާއި އެކި ތަފާތު ފަތުރުވެރިންނަށް ޚާއްޞަ ތަކެތި ވިއްކަން ހުއްޓެވެ. ކޮންމެއަކަސް، ވަގުތު ތަން ނުދިނުމުގެ ސަބަބުން އަޅުގަނޑުމެންނަށް ޖެހުނީ ވީހާވެސް އަވަހަކަށް އެނބުރި ސްކޫލް އަށް ދާށެވެ.
ސްކޫލަށް ގޮސް ތައްޔާރުވެގެން ކުޅިވަރުކުޅޭ ދަނޑަށް ދެވުނު އިރު ތިންގަނޑި ބައިވަނީއެވެ. ރެފްރީ ކަށިގަނޑު ފުމެލުމާއެކު 2023 ވަނަ އަހަރުގެ އިންޓަސްކޫލް ފުޓްސެލް މުބާރާތުގެ ކުޅުން ފެށުނެވެ. އެއްވަރުގެ ވަރުގަދަ ދެ ޓީމު ލަނޑެއްޖެހޭތޯ ކުރި މަސައްކަތް ވެގެން ދިޔައީ ކުޅި ބަލަން ތިބިމީހުން ކެތްމަދުވެފައި ނޭވާހިފަހައްޓާލައިގެން ހުންނަ ޖެހުނު ސަބަބަކަށެވެ. ކޮންމެއަކަސް، އެތައް ދާއޮހޮރުވުމަކާއި، މަސައްކަތަކަށްފަހު ހުސެއިން ޒައިންގެ ރީތި ލަނޑަކާއެކު 12ކޭ އިން ފުރަތަމަ ހާފްގައި އެކެއް ސުމެއްގެ ލީޑެއް ނެގިއެވެ. އެހެނަސް މާކަ ގިނައިރެއަނުވެ 11ޑީ ގެ ހޫދު ރީތި ލަނޑެއްޖަހާ މެޗުގެ ނަތީޖާ އެއްވަރު ކުރިއެވެ. އެންމެ ފަހުން ޕެނެލްޓީ ޝޫޓްއައުޓްއަކަށް ފަހު، މި މުބާރާތް ކާމިޔާބުކުރީ 12ކޭއެވެ.
އަންހެންކުދިންގެ ހޭންޑްބޯލް މުބާރާތުގެ ފައިނަލް މެޗުގެ ފޯރިވެސް ވަކި ދަށެއްނޫނެވެ. ދެޓީމުންވެސް ނުހަނު ވަރަގަދަ ކުޅުމެއް ދައްކަމުން ދިޔައިރު ސްކޫލްގެ ދަރިވަރުން ދިޔައީ އެކުދިންނަށް ތަރުހީބުދިނުމުގެ ގޮތުން އަތްޖަހާ ފޯރިނަގަމުންނެވެ. ނުހަނު ވަރުގަދަ މެޗަކަށްފަހު 7-2 ގެ ނަތީޖާއަކުން2023 ވަނައަހަރުގެ ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަން ކަން ހާސިލްކުރީ 11އޭގެ ދަރިވަރުންނެވެ. ވަރުގަދަ ދެ މުބާރާތުގެ އެންމެ ވަރުގަދަ ދެ މެޗު ނިމުމާއެކު، ގުޅީ ސްކޫލްގެ ދަރިވަރުންނާއި އަހްމަދިއްޔާ ސްކޫލް ގެ ދަރިވަރުންގެ ދެމެދުގައި އެކުވެރިކަމުގެ މެޗެއްކުޅެވުނެވެ.
ދަނޑުގެ މެދުންނާއި ދެއަރިމަތިން އެގޮތްމިގޮތަށް ލަނޑުޖެހޭތޯ މަސައްކަތް ކުރިނަމަވެސް، ޓީމުތަކުގެ ފެންވަރު އެއްވަރުވުމުގެ ސަބަބުން ލަނޑުޖެހުން ވީ އުނދަގޫ ކަމަކަށެވެ. އެހެނަސް، މެޗު ހަމަ ނިމިނިމި އޮއްވާ ގުޅީސްކޫލުގެ ދަރިވަރުން ފޮނުވާލި ހިތްގައިމު ޝޮޓު ދިޔައީ ގޯލުގެ ދާގަނޑުގެ ތެރެއިންނެވެ. އެއާއެކު، 1-2 ގެ ނަތީޖާއަކުން މި މެޗު ކާމިޔާބުކުރީ ގުޅީ ސްކޫލުންނެވެ.
ވަރުގަދަ ތިން މެޗަށްފަހު ދެން އޮތީ އިންޓަރ ކްލާސް ފުޓްސެލް އަދި ހޭންޑްބޯލް މުބާރާތުގެ ނަތީޖާ ފާޅުކުރުމެވެ. ދަތުރާއި މެޗުތަކުގެ ސަބަބުން ވެފައިވާ ވަރުބަލިކަން ކުދިންގެ މޫނުމަތިން ހުރީ ފެނިހާމަވާށެވެ. އެހެނަސް ރަނާއަޕަށާއި، ޗެމްޕިއަން ޓީމަށް ތަށި ދިންވަގުތު މުޅި ފަޒާގުގުމާލީ ޒުވާން ދަރިވަރުންގެ ތަރުހީބުގެ އަޑުންނެވެ. ޕާޓީޕޮޕާތަކާއި، އަތްތިލަބަޑީގެ އަޑުން ކުދިން މި މުބާރާތާމެދު ހިތްހަމަޖެހުނުކަން އެނގިހާމަވެގެން ދިޔައެވެ. ކޮންމެއަކަސް ފުރަން ދާންޖެހޭގަޑި ގާތްވުމާއެކު ހުރިހާކުދިންވެސް އަވަސްވެގަތީ އެނބުރި މާލެއަށް ދިއުމަށް ބަނދަރަށް ދިއުމަށެވެ.
ފުރަންވެގެން ދޯންޏަށް އަރަން ދިޔަގަޑީގައި، އަނެއްކާވެސް އިރުގެ އަލި މަޑުމަޑުން ފަނޑުވެ، އުޑުމަތި ބަނަވާންފެށިއެވެ. ގުޅި ދޫކޮށް އެނބުރި މާލެ ދާންޖެހޭތީ އުޑުވެސް އެކަމާ ހިތާމަކުރާ ކަހަލައެވެ. ކޮންމެއަކަސް، ވީހާވެސް އަވަހަކަށް އަތިރި މައްޗަށްގޮސް، ދޯންޏަށް އަރާ ހަމަޖެހިލެވުނު އިރު 6 ގަޑި ބައިވަނީއެވެ. އިރުގެ ރަން ދަޅައިން ހުރިހާ ކުދިންގެ މޫނުތައްވަނީ އަލިވެފައެވެ. އަޅުގަނޑުމެންނަށް އަލްވަދާއު ކިޔާ ފުރުވުމަށްޓަކައި ގުޅީސްކޫލްގެ ދަރިވަރުންތިބީ ބަނދަރަށް ޖަމާވެގެން ނެވެ. ގުޅީ ބަނދަރުން ނުކުމެ މާލެއަށް މިސްރާބުޖެހުނު އިރު 45:6 ވަނީއެވެ.
ހެނދުނެކޭ އެއްފަދައިން މިވަގުތުވެސް ކަނޑުގެ ލޮނުގަނޑުދިޔައީ ދޯނީގެ ކުރިމަތިންނާއި އަރިމަތިން އެކިވަރުވަރުގެ ހަމަލާތައް ދެމުންނެވެ. ދޯނީގައި އަޅުގަނޑުމެން އަނގަތަޅުވާލުމަށްޓަކާ، ހެދިކާއާއި ޖޫސް ސްކޫލުން ދެއްވިއެވެ. ބޯއަނބުރާތީ އަޅުގަނޑުވެސް އިނީ ކޮންމެވެސް ވަރަކަށް މޭނުބައި ކޮށްފައެވެ. އެހެންކަމުން އަޅުގަނޑުބެލީ ނިދޭތޯއެވެ. އެހެނަސް، ކުދިންގެ ހޮޑުލުމާއި މޭނުބައިކުރުމުގެ ކަންތައްތައް އިތުރުވުމުގެ ސަބަބުން ދޯނިތެރެ ވަނީ ވަރަށް ހަލަބޮލީވެފައެވެ. ހެނދުނެކޭ އެއްފަދައިން ދަތުރުގެ މެދާހަމައިން ހޮޑުލާކުދިން ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިއްޖެއެވެ. ދޯނިތެރޭގައި ދެންއޮތީ، ކާމިޔާބުވި ޓީމުތަކުގެ ކާމިޔާބީ ފާހަކޮށް ފޯރިނެގުމެވެ. ފިރިހެން ކުދިން ލަވަކިއެވެ. އަންހެންކުދިން އެކަމުގައި ބައިވެރިވެ ތަރުހީބުދިނެވެ. އާދައިގެ ދުވެއްޔެއްގައި ދޯނި ދުއްވުމަށްފަހު އިސާހިތަކު މާލޭގެ އުސް އިމާރާތްތަކާއި ކާރޫބާރޫ ބޮޑެތި މަގުތައް ފެންނަންފެށިއެވެ. އަމާން އަދި ކާމިޔާބު ދަތުރަކަށް ފަހު އެނބުރި މައިންބަފައިން ގާތަށް އާދެވުމުން ހުރިހާކުދިންގެ މޫނުމަތިންވެސް ފާޅުވެވެހުރީ އުފާވެރިކަމެވެ. ހިނިތުންވުމެވެ. ދޮޅުގަޑިއިރުގެ ދަތުރަކަށްފަހު، މާލެއަށް ލެފުނުއިރު 8 ޖަހަނީއެވެ. ދެން ހުރިހާކުދިންވެސް އަވަސްވެގަތީ މައިންބަފައިން ގާތަށް، ގެއަށްދިއުމަށެވެ.
ގުޅިއަށް މިކުރެވުނު ދަތުރަކީ ކާމިޔާބު ދަތުރެކެވެ. އެތައް އައު ރައްޓެހިންނެއް ލިބުނު، އަދި އިހުގެ އެތައް ރައްޓެހިންނަކާއި އޮތް ރައްޓެހިކަމުގެ ގުޅުން ވަރުގަދަވި މަޖާ ދަތުރެކެވެ. ގުޅީގެ ހިތްގައިމުކަމާއި މަގުތަކުގެ އަމަންއަމާންކަމުން އުފާވެރިކަން ހޯދުނު، ތާރީޚީ ދަތުރެކެވެ. އަދި އެއްވެސް ކަހަލަ މައްސަލައެއް ދިމާނުވި، އިންތިޒާމުކުރެވުނު ތާވަލާއި އެއްގޮތަށް ހުރިހާ ކަމެއްވެސް ދިޔަ ދަތުރެކެވެ. ހިއްހަމަޖެހުމާއި، އުފާވެރިކަން އޭގައި އިންތިހާއަށް އިހްސާސްކުރެވުނު މިދަތުރަކީ، ދުވަހަކުވެސް އަޅުގަނޑުގެ ހިތުން ފިލައިގެންދާނޭ ދަތުރެއް ނޫނެވެ.