ޝުކުރިއްޔާ ލޮބުވެތި މުދައްރިސުން

އެޑިޓަރުގެ ނޯޓް: މިއީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ސްޓޫޑެންޓް ކައުންސިލުން މިއަދު ހެނދުނު ބޭއްވި ޚާޢްޞަ އެސެމްބްލީގައި ޖަނަވަރީ ހައުސްގެ ކެޕްޓަން 10އޭ ގެ ޢަލާ ޢަބްދުއްސައްތާރު ދެއްކި ވާހަކައެވެ. ވާހަކަކޮޅު ތައްޔާރު ކޮށްދިނީ ސްކޫލްގެ ޑެޕިޔުޓީ ކެޕްޓަން 10 އޭގެ ފާޠިމަތު ޝިޔަމް ޢުމަރެވެ.

 

ކީރިތި ޤުރްއާނުން އެންމެ ފުރަތަމަ ބާވައިލެއްވުނު އާޔަތްތަކުގައި ވެސް ކިޔެވުމަށް އަމުރު ކުރެއްވި މާތްﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދާ ޝުކުރުކުރަން. ޞަލަވާތާ ސަލާމް ލެއްވުން އެދި ދުޢާކުރަނީ މި އުންމަތަށް އިސްލާމްދީނުގެ ހިދާޔަތައިގެން ފޮނުއްވުނު އެންމެ މަތިވެރި މުދައްރިސް، ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް. އަދި މިޞަލާވާތާއި ސަލާމްގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ދަރިވަރުވެވަޑައިގެންނެވި އެކަލޭގެފާނުގެ އިތުރު އާލުންނާއި މިތުރު އަޞްޙާބުން ޝާމިލުކުރަން.

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ ޢިއްޒަތްތެރި ޕްރިންސިޕަލް، މުހައްމަދު ރަޝީދު، ސްކޫލުގެ ކަންކަން ހިންގެވުމުގައި ވަރުބަލިކަމެއް ނެތި މަސައްކަތް ކުރައްވާ ސްކޫލުގެ އިސްވެރީން، މިއަދުގެ މި މުނާސަބަތު އެބަޔަކަށް ޚާއްޞަވާ ހިތްވަރުގަދަ ހުނަރުވެރި ކުޅަދާނަ ޓީޗަރުން އަދި ދުރާގާތުން މި އެސެމްބްލީގައި ބައިވެރިވާ އެންމެހައި ދަރިވަރުން. އައްސަލާމު ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހް.

ކުޑަކުއްޖަކު ބޮޑުވަމުން އަންނައިރު ދިރިއުޅުމުގެ އެންމެ ފުރަތަމަ މަރުހަލާގައި ކަންކަން ދަސްކުރާނީ އެކުއްޖެއްގެ މައިންބަފައިންގެ ގާތުން. ދެން އަންނަ މަރުހަލާއިން ފެށިގެންއެދަނީ އެދަރިވަރެއްގެ ދިރިއުޅުމުގައި ޓީޗަރުންގެ ދައުރު. މިމަރުހަލާއަކީ ދަރިވަރުންގެ ހަނދާނުގައި އެންމެ ގިނަ ދުވަހު ހަރުލާނެފަދަ ކަންކަން ދަސްކުރާ، އެދަރިވަރެއްގެ އަޚުލާގު ބައްޓަންވެގެން އަންނަ ދައުރު. އެހާހިސާބުން ކޮންމެ ދަރިވަރެއްގެ ދުވާލުގެ ދެބައިކުޅަ އެއްބައި ހޭދަވެގެން ދަނީ ޓީޗަރުންނާއިއެކު. ވީއިރު ޓީޗަރުން މިދަރިވަރުންނަށް އުނގަންނައިދޭ އެއްޗަކީ އެ ދަރިވަރެއްގެ މުސްތަޤުބަލު ބިނާކުރުމުގެ އެންމެ އަސާސީ އެއް ތަނބުކަމީ ޝައްކެއްވެސް ނެތް ހަގީގަތެއް. ކުއްޖެއްގެ މުސްތަޤުބަލު ބަށްޓަން ކުރުމުގައި ޓީޗަރުން މިހާބޮޑު ރޯލެއް އަދާކުރާއިރު އެޓީޗަރުންނަށް އޭގެ އަގުއަދާ ނުކޮށްދެވުނުކަމުގައި ވިޔަސް އިޚްލާސްތެރިކަމާއެކު ހިތުގެ އަޑިން ޝުކުރު ދެންނެވުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް. މިއަދު އަޅުގަނޑުގެ ޒިންމާއަކީވެސް މިއީ. މިސްކޫލުގެ ހީވާގި މުދައްރިސުންނަށް ޝުކުރުގެ ބަހެއް ދަންނަވާލުން.

 

މިއަހަރުގެ އިނާމުދިނުމުގެ ހަފްލާގެ ތެރެއިން

އާދެ، ޝައްކެއްވެސް ނެތްގޮތުގައި ޓީޗަރުންނަކީ ކުއްޖަކު ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމުގެ އެދިގު ދަތުރުގެ އާރުކާޓީން. ކުއްޖަކު ހެދި ބޮޑުވަމުން އަންނައިރު މައިންބަފައިންނަށް ވުރެ ބޮޑަށް ޓީޗަރުންގެ ބުނާ ވާހަކަތައް ގަބޫލުކުރާކަމީ ހޯދުންތަކުން ހާމަވެފައިވާ ހަގީގަތެއް. ޓީޗަރުންނަކީ ދަރިވަރުންގެ ދެވަނަ މައިންބަފައިން. ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންގެ ފަހަތުގައި ތިބި ހިތްވަރުގަދަ ފަހުލަވާނުން. މުޖުތަމަޢަށް ފައިދާހުރި ދަރީން ނެރުމުގައި ޓީޗަރުންގެ ދައުރު މިހާބޮޑުއިރު އެޓީޗަރުން އެކަމަށްޓަކާ އެވާ ޤުރުބާނީއަކީ އަގުވަޒަން ނުކުރެވޭނެފަދަ މަތިވެރި ޤުރުބާނީއެއް.

އާދެ، ކޮވިޑުގެ ވަބާ ދިވެހިރާއްޖެއަށް ކުރިމަތިލާންޖެހުނު އިރުވެސް ޓީޗަރުންގެ ފަރާތުން އަޅުގަނޑުމެންނަށް ފެނިގެންދިޔައީ ނުގުޑާނޭ ފަދަ އަޒުމެއް. ދަރިވަރުންނަށް ސުކޫލަށް ހާޒިރުވެވޭނެ ގޮތެއްނެތި ކަރަންޓީނުގައި ތިބިއިރު ޓީޗަރުންގެ ފަރާތުން ފެނުނު އެ ހިތްވަރަކީ އެ ހިތްވަރުގެ ވާހަކައިން ދިވެހިރާއްޖޭގެ ތާރީޚުގައި ރަން އަކުރުން ފަވާލެވިގެންދާނޭ ވާހަކައެއް. ގިނަ ޓީޗަރުންނާ ބީރައްޓެހި، އެތަކެއް އާ ކަންތައްތަކެއް ދަސްކޮށްގެން އިންޓަރނެޓުގެ އެހީގައި ދަރިވަރުންނަށް އުނގަންނައިދިނުމަށް އެކޮށްދެއްވި މަސައްކަތްތަކަކީ އެކަމުގެ ބަދަލު އަދާކޮށް ނުދެވޭނެ ފަދަ އަގުހުރި ޚިދުމަތްތަކެއް. އަޅުގަނޑުމެންނަށްޓަކައި އެވީ ޤުރުބާނީއަކީ އޭގެ އަގު ވަޒަން ނުކުރެވޭނެ ފަދަ މަތިވެރި ޤުރުބާނީތަކެއް. މިފަދަ ޤުރުބާނީއެއް އަޅުގަނޑުމެން ދަރިވަރުންނަށްޓަކައި ވީތީ އަޅުގަނޑުމެންގެ ލޮބުވެތި ޓީޗަރުންނަށް ފަށްފަށުން ޝުކުރު އަދާކުރަން. ޝުކުރިއްޔާ ޓީޗަރުން.

ވީމާ ނިންމާލަމުންވެސް އަޅުގަނޑުގެ ދުޢާއަކީ އަދެކޭވެސް އެއްފަދައިން ޓީޗަރުންނަށް ތިޔަހިތްވަރާއިއެކު މަސައްކަތް ކުރުމުގެ ހެޔޮތައުފީޤު މާތްﷲ މިންވަރުކުރެއްވުން. އަދި ތިޔަ ޓީޗަރުންގެ ފަރާތުން ދަރިވަރުވެގެން މުޖުތަމަޢަށް ނުކުންނަ ކޮންމެ ދަރިއަކީ މުޖުތަމަޢަށް ފައިދާހުރި ކުޅަދާނަ، ހުނަރުވެރި ދަރިއެއްކަމުގައިވުން. މާތްﷲ އަޅުގަނޑުގެ ދުޢާ އިޖާބަ ކޮށްދެއްވާށި. އާމީން. ވައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހް.