ބުރާސްފަތި, 24 އޭޕްރިލް 2025

ދަތުރުނާމާ: ގުރޭޑް 12 ގެ ހުރާ ދަތުރު

މިއީ މީލާދީ ގޮތުން 8 ޑިސެންބަރު ވީ ހުކުރު ދުވަހު  އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ގުރޭޑް 12ގެ ސައިންސް ދަރިވަރުން ކ.ހުރާއަށް ކުރި ދަތުރުގެ ދަތުރުނާމާއެވެ. މި ދަތުރަކީ ބައޮލޮޖީ މާއްދާގެ ފިލާވަޅެއް ފުރިހަމަކުރުމުގެ މަޤްޞަދުގައި ސްކޫލުން އިންތިޒާމްކުރި ދަތުރެކެވެ. މި ދަތުރުގައި އަޅުގަނޑު (ފާތިނާ އަޙްމަދު)ގެ އިތުރުން 131 ދަރިވަރުންނާއި 23 ޓީޗަރަކާއި 2 ބެލެނިވެރިއަކާއި ދޯނީގެ ފަޅުވެރިން ބައިވެރިވިއެވެ. "އަލިވިލާ މެރިން"ގައި ކުރި މި ދަތުރަށް ފުރީ ހެނދުނު 7 ޖެހިއިރު ހެންވޭރު ފެރީ ޓަރމިނަލުންނެވެ.

ޖައްވުގައި އެކުލެވިފައިވަނީ ތެތް ފިނި ކަމެކެވެ. ހިމަފޮދު ވާރޭ ވެސް ވެހެމުން ދިޔައެވެ. ދަތުރަށް ފުރި ގަޑީގައި ވިއްސާރައިގައި އަސަރު ވަނީ އުޑުމަތީގައި ރަސްކަންކުރަން ފަށައިފަ އެވެ. ކޮންމެއަކަސް، ވެހެމުންދިޔަ ތުނިތުނި ވާރެއާއި އެއްގޮތަށް ފެރީ ތެރެއިންވެސް ފެންނަނީ ހަމަހިމޭންކަމެވެ. ނަމަވެސް ތާރީޚާއި ހަނދާނަކަށްޓަކައި  ފޮޓޯ ނަގަމުން ދިޔަ މުދައްރިސުންނާއި  ލަވަބާޒީ ކުޅެމުންދިޔަ ދަރިވަރުން ދިޔައީ ތަނުގެ ފޫހިކަން ފިލުވަމުންނެވެ. ފެރީ ދޯނި ރާޅަކަށްފަހު ރާޅެއް ކަފަމުން ދިޔައީ ބަނަވެފައިވާ މޫސުމުގެ ސަބަބުން ހިތަށް ވެރިވެފައިވާ ނުތަނަވަސްކަމަށް ތަސައްލީއެއް ގެނުވަމުންނެވެ. ގަޑިއިރަކަށް ދެމިގެންދިޔަ ދަތުރުގެ މަންޒިލާ ހަމައަށް އާދެވުމުގެ އުފާ ދަތުރުގެ ބައިވެރިންގެ މޫނުމަތިން ފާޅުވަމުންދިޔައެވެ.

ކ.ހުރާގެ ބަނދަރުން އަޅުގަނޑުމެންނާ މަރުހަބާކީ ވެހެމުންދިޔަ ވާރޭގެ ކަނިތަކެވެ. ހުރިހާ ދަރިވަރުން ރަށަށް ފޭބުމާއެކު އަވަސްވެގަތީ އަޅުގަނޑުމެން ތިބުމަށް ހަމަޖެހިފައިވާ ކޭމްޕެ ސައިޓަށް ދިޔުމަށެވެ. ވިއްސާރަ ކޯޓާއި ކުޑަތަކުގެ އެހީގައި ހުރާގެ މަގުތަކުން ހިނގާފައި ދިޔައިރު ފެނިގެން ދިއައީ ތަފާތު މަންޒަރެކެވެ.މާލޭގެ ކާރޫބާރު ބޮޑު މަގުތަކާއި ޚިލާފަށް މި މަގުތަކުން މީހުން ފެންނަލެއް މަދުވެފައި އެހާމެ އަމާނެވެ.

ގައުއަތުރައި ޒަމާނީކޮށްފައިވާ މަގުތަކަކަށް ނުވިޔަސް މަގުތަކުގެ ދެފަރާތުގައި ހައްދާފައިވާ ފެހިކަންގަދަ ގަސްތަކާއި ރުއްފަލުތަކުން ރަށުގެ ރީތިކަން ދައްކުވައިދެއެވެ. މިގޮތުގައި ރަށުގެ މެދެއްހާ ހިސާބުގައިވާ ފާލަން ހުރަސްކޮށް" ޒުވާނުންގެ ކޭމްޕް" އަށް ދެވުނު އިރު ގަޑިން 8:30 ވަނީ އެވެ.

ފެހިކަން ގަދަ ދިއްގާ ގަހާއި ބޯގަންވިލާގެ ފިޔާތޮށިކުލައިގެ ޗާލު މާތަކުގެ ވަސް ވަނީ މުޅިން ތަން އެއްވަސް ކުރުވާފައެވެ.ހުރިހާ ދަރިވަރުން ވެސް ކޭމްޕް ސައިޓުގައި ތިބެން ހަމަޖެހިފައިވާ ތަނަށް ވަނީ ދަތުރުގެ ވަރުބަލިކަން ފިލުވާލުމުގެ ބޭނުމުގައެވެ. ތަނުގެ މަތީބައި ޚާއްސަ ކުރެވުނީ ފިރިހެން ދަރިވަރުންނަށް ކަމަށްވާއިރު، ތިރީބައި ޚާއްޞަކޮށްފައި ވަނީ އަންހެން ދަރިވަރުންނަށެވެ.

ގާތްގަނޑަކަށް 9 ޖެހިއިރު ހެނދުނުގެ ނާސްތާއަށް އިންސާފުކުރަން ފެށުނެވެ. ހޫނު ރޮށްޓާއި މީރު މަސްހުންޏާއި ކަޅުސައިގެ އިތުރުން ޕާނާއި ޖޭމާއި ބަޓަރާއި ފެނުކެއްކި ބިހުގެ ތަށިތަކުން ވަނީ ސުފުރާމަތި ފަޅުފިލުވާފައެވެ. ގުރޫޕުހަދައިގެން މަޖާ ވާހަކަތަކުގައި ތިބެ ނާސްތާކުރުމަށްފަހު، ހުރިހާ ދަރިވަރުން ވެސް ތައްޔާރުވަމުން ދިޔައީ ދަތުރުގެ މަގުސަދު ހާސިލްކުރުމަށެވެ. މަސައްކަތަށް ބޭނުންވާ ސާމާނުތައް އެއްކޮށްލައި މުދައްރިސްގެ އިރުޝާދާއި އެއްގޮތަށް ފިލާވަޅަށް ބޭނުންވާ މަޢުލޫމާތު ހޯދޭނެ މަންޒިލަށް ދިޔައީ ޝައުގުވެރިކަމާއެކުގައެވެ.

ތުނިކޮށް ވެހެމުންދިޔަ ވާރެއަށް ބެލުމެއްނެތި ދަރިވަރުންނަށް މަސައްކަތްތައް ބަހާލައި ފޯރިއާއި ޖޯޝުގައި މަސައްކަތްކުރަމުން ދިޔައީ އަވަހަށް ނިންމައިލުމުގެ ބޭނުމުގައެވެ. ކޮންމެއަކަސް 11 ޖެހިއިރު އަޅުގަނޑުމެން ތިބީ ކޭމްޕް ސައިޓުގައި ހުރި ގަހެއްގެ ނިވަލުގައި ބަސްބާޒީ ކުޅޭށެވެ. މުދައްރިސުން ވެސް ވެފައިވާ ވަރުބަލިކަމަށް ލުޔެއް ލިބޭތޯ ގޮނޑިތައް ވަށްކޮށްލައިގެން އެކި ވާހަކަތައް ދައްކަމުން ދިޔައެވެ. މިސްކިތުން އިއްވާލި މެންދުރު ނަމާދުގެ ބަންގިއާއެކު ހުރިހާ ދަރިވަރުން ވެސް ނަމާދުކުރުމަށް އަވަސްވެގަތެވެ.  އަންހެން ދަރިވަރުން ކޭމްޕްސައިޓުގައެވެ. ފިރިހެން ދަރިވަރުން ފިރިހެން މުދައްރިސުންނާ އެކު މިސްކިތުގައެވެ.

ގަޑިން މެންދުރުފަހު 1.15 ވީއިރު މެންދުރުގެ ކެއުން ހުރީ ތައްޔާރުކޮށްފައެވެ. އާއްމުކޮށް ހުކުރުދުވަހު މެންދުރުގެ ސުފުރާ އިން ފެންނަ ކާތަކެއްޗާއި މިތަނުގައި ތައްޔާރުކޮށްފައިވާ ތަފާތު ބާވަތްތަކުގެ ކާނާ އާއި މާބޮޑު ފަރަގެއް ނެތެވެ. ހޫނު ފްރައިޑް ރައިސް އާއި ނޫޑުލިސް އަދި ޑެވިލް ޗިކެންގެ އިތުރުން ތެލުލިމަހާއި މުގުރިހަ ފަދަ ތަކެތީގެ މީރުވަހުން މުޅި ކާގެ ވަނީ އެއްވަސް ކުރުވާފައެވެ. ތަނަށް ވަނުމާއިއެކު ފުރުޓް ކަސްޓަޑްގެ މީރުވަހުން ބަނޑުހައި ހޫނުކަން އިތުރު ވިކަހަލައެވެ. މެންދުރު ކައި އަވަދިވެގެން ހުރިހާ ދަރިވަރުން ވެސް ތައްޔާރުވަމުން ދިޔައީ ދެވަނަ މަސައްކަތްކުރުމަށް ރަށުގެ ކުޅިފާޗަސް ބިމަށް ދިޔުމަށެވެ.

ގާތްގަނޑަކަށް ފަނަރަ މިނެޓުގެ ތެރޭގައި އެ ސަރަހައްދަށް ދެވުނުއިރު ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި ބޯގަންވިލާގެ ނަލަ މާތަކުން އިތުރު ހިތް ފަސޭހަކަމެއް ގެނުވިއެވެ.ފިލާވަޅަށް ބޭނުންވާ މަޢުލޫމާތު ހޯދުމުގައި އިތުރު ފޯރިއެއްލައި، އެއް ޓީމެއްގެ ސިފައިގައި މަސައްކަތްކުރުން ވެގެންދިޔައީ ގަޑިއެއްހާއިރު ތެރޭ މަސައްކަތް އެއްކޮށް ނިންމައިލުމުގެ އަސްލަށެވެ. ގަޑީގެ ކަށި ގޮސް 3 ގައި ހުއްޓުނުއިރު ދަރިވަރުން ވަނީ ހުރާއަށް ގެންދިޔަ ސާމާނުތައް ބަންދުކޮށް އެނބުރި މާލެއަށް އައުމަށް އަމާޒުހިފާފައެވެ. މުދައްރިސުންގެ އިރުޝާދާއި އެއްގޮތަށް ބަނދަރަށް ދިޔުމަށް މިސްރާބު ޖެހިއިރު ހިތުގައި މޮޅިވެރިކަމުގެ ސާލެއް ވަނީ ފެތުރިފައެވެ. ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެ ރަށް ވަނީ ހިތުގެ ހާއްސަ ގަދަރެއް ހޯދާފައިއެވެ. ފަހުގެ ވާދަޢުގެ ސަލާމްކޮށް ރަށުން ފުރީ ހަވީރު 4 ޖެހިއިރުއެވެ.

ހުރާ ގެ ބަނދަރުން ފެރީ ފުރުމާއި އެކު ދަރިވަރުން އެ ދަރިވަރުންނަށް ޚާއްސަކޮށްފައިވާ ގޮނޑިތަކުގައި އިށީނދެ ހަމަޖެހިލަފިއެވެ. ކަނޑުގައި ހީވަނީ ސަތަރި އަޅާލާފައި އޮތްހެންނެވެ. އެހާވެސް ކަނޑު މަޑެވެ. މުދައްރިސުން އަވަދިނެތި އުޅުނީ ޖޫސް ޕެކެޓާއި ބިސްކޯދު ބެހުމުގައެވެ.މާލޭގެ ބަނދަރުގައި ހަސަންދަރި އާއި ފިލޯށި އައްސައިބާރުކޮށްލި އިރު ގަޑިން ހަވީރު 5 ޖެހީއެވެ. އެތައް ގިނަ އާ ތަޖުރިބާއެއްކުރެވި، އާ އެތައް ފިލާވަޅެއް ދަސްވެ، ހިތްހަމަޖެހުމާއި އުފާވެރިކަން އިންތިހާއަށް އިޙްސާސްކުރެވުނު އަމާން ދަތުރެއް ކުރެވުމުން އެކަމަށް ހަމްދު ކުރީ ޝުކުރުވެރި ހިތަކާއިގެންނެވެ.