ސްޓޫޑަންޓް ޖާނަލިޒަމް ޕްރޮގްރާމް މިއަހަރުވެސް ވަރަށް ކާމިޔާބުކަމާއެކު ނިންމާލައިފި.

މޯލްޑިވްސް މީޑިއާ ކައުންސިލުން އިންތިޒާމް ކޮށްގެން މިދިޔަ އަހަރުންފެށިގެން ބާއްވަމުން އަންނަ “ސްޓޫޑަންޓް ޖާނަލިޒަމް ޕްރޮގްރާމް” ވަރަށް ކާމިޔާބު ކަމާއެކު އިއްޔެ ނިންމާލައިފިއެވެ. މި ޕްރޮގްރާމްގެ އިއްޔެގެ ދަންފަޅިތައް ޚާއްޞަކުރީ  އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް ގްރޭޑް 11 ގެ ދަރިވަރުންނަށެވެ. މި ޕްރޮގްރާމްގައި އަޙްމަދިއްޔާގެ ގްރޭޑް 11ގެ ނޫސްވެރިކަމަށް ޝައުގުވެރިވާ ދަރިވަރުން ވަނީ  ބައިވެރިވެފައެވެ. ނޫސްވެރިކަމުގެ ދާއިރާ އާއި ގުޅޭ އެތައް މައުލޫމާތެއް މި ޕްރޮގްރާމުގައި ހިމެނިގެން ގޮސްފައިވާއިރު، މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގައެވެ.

ނޫސްވެރިކަމުގެ އެކި ބައިތަކަށް މި ޕްރޮގްރާމްގައި އަލިއަޅުވާލައިފައި ވާއިރު، މި ޕްރޮގްރާމް ވެގެން ދިޔައީ ދަރިވަރުންނަށް ނޫސްވެރިކަމަށް ލޯހުޅުވާލަދެވުނު މަޢުލޫމާތު ސެޝަން ތަކަކަށެވެ. އެގޮތުން ނޫސް ލިޔާނެ ގޮތާއި، ޚަބަރު ދެނެގަނެ އެއަށް މީހުން ޝައުގުވެރިވާނެ ގޮތްތައް ކިޔައި ދެވުނެވެ. ހަމައެއާއެކު، އިންޓަވިއު ކުރާނެ ގޮތާއި، އެތިކަލް ރިޕޯޓިންގެ މުހިންމުކަމަށް ވަނީ އަލިއަޅުވާލާފައެވެ. މީގެ އިތުރުން ފޮޓޯ ޖާނަލިޒަމްގައި ބޭނުންކޮށް އުޅޭ އުކުޅުތައް އަމަލީ ގޮތުން ބޭނުންކުރުމުގެ ފުރުސަތު ދަރިވަރުންނަށް ލިބިގެންދިޔައެވެ.

މި ސެޝަންތައް ނަންގަވާގާދެއްވާފައިވަނީ ނޫސްވެރިކަމުގެ ދާއިރާގައި ނަންވިދާލައިފައިވާ ހުނަރުވެރި، ތަޖުރިބާކާރު ނޫސްވެރިންނެވެ. އެގޮތުން، މި ޕްރޮގްރާމުގައި ބައިވެރިވި ހުރިހާ ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެވޯޑް ވިނިން ޖާނަލިސްޓް، މުހައްމަދު ނާސިހެވެ.
ނިމިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުގެ ސްޓޫޑަންޓު ޖާނަލިޒަމް ޕްރޮގްރާމް ވެސް ވަރަށް ކާމިޔާބު ކަމާއެކު ނިންމާލެވިފައިވާއިރު، އެމް. އެމް. ސީ. އިން މައުލޫމާތު ދެއްވާ ގޮތުގައި މި ދަރިވަރުންނަަށް ނޫސްވެރިކަން އަމަލީ ގޮތުން ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ހުރިހާ ދަރިވަރުންނަށް ހުޅުވާލައިގެން މި އަހަރު ޖާނަލިޒަމް އާއި ގުޅޭ މުބާރާތްތަކެއް އިންތިޒާމް ކުރަމުންދާކަމަށް އެމް. އެމް. ސީ. ގެ ޗެއާ ވަނީ ވިދާޅުވެފައެވެ.

އަޙްމަދިއްޔާ ގްރޭޑް 9 ގެ ދަރިވަރުންނަށްވެސް މި މަހުގެ ތެރޭގައި މިފަދަ ޕްރޮގްރާމެއް ހިންގުމަށް މިހާރުވަނީ ހަމަޖެހިފައެވެ.