މަތީސާނަވީ ފުޓުސަލް މުބާރާތުގެ ގްރޭޑް ޗެމްޕިއަންކަން 11ޖޭ އާއި 12ޑީ ހޯދައިފި.

23 ފެބްރުއަރީ 2024 ވީ ހުކުރު ދުވަހު ހެނދުނު 7 ޖެހިއިރު ފެށުނު އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ ހަޔަރ ސެކަންޑަރީ ފުޓްސެލް މުބާރާތް އިއްޔެވަނީ ނިމިފައެވެ. މި މުބާރާތް ކުޅެވިގެން ދިޔައީ ދެ ލީގަކަށް ބަހާލެވިގެންނެވެ. އެއީ ގްރޭޑް 11 ގެ ހުރިހާ ފިރިހެންކުލާހަކާއި ގްރޭޑް 12 ގެ ހުރިހާ ފިރިހެންކުލާހެއް ވާދަކުރާ ގޮތަށެވެ.

މި މުބާރާތުގެ ފަޚުރުވެރި އެއްވަނަ ހޯދައިފާ ވަނީ 11ޖޭ އާއި 12ޑީ އެވެ. މި ދެ ޓީމު ވެސް ގުރޭޑު ޗެމްޕިއަންކަން ހޯދައިފާ ވަނީ އެ ގުރޭޑެއް ގެ ހުރިހާ ޓީމަކާއި ވާދަކޮށް މޮޅުވެގެންނެވެ. އެގޮތުން، 4 މެޗު ކުޅެ ކޮންމެ ޓީމެއްވެސް ވަނީ 12 ޕޮއިންޓު ހޯދައިފައެވެ.

މުޅި މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހިކުޅުންތެރިޔަކަށް ހޮވެފައިވަނީ 12ޖީގެ މުހައްމަދު މާކިން އިބްރާހިމް އާއި 11ޖީގެ މުޒްދާން ހަސަނެވެ. މި ދެ ކުޅުންތެރިން ވެސް މުބާރާތުގައި ޖަހާފައިވަނީ 7 ގޯލެވެ.

މީގެއިތުރުން، މުޅި ހަޔަރ ސެކަންޑަރީ ފުޓްސެލް މުބާރަތުގެ ޗެމްޕިއަނެއް ހޮވުމަށް 11ޖޭ އާއި 12ޑީ ވާދަކުރާނެއެވެ. މި ފަހަރުގެ މި ފައިނަލް މެޗު ވެސް ފާއިތުވި އަހަރު ތަކޭ އެއްފަދައިން އޮންނާނީ މާލެއިން ބޭރު ރަށެއްގައެވެ. އަދި ފައިނަލް މެޗު ކުޅޭނޭ ރަށާއި ދުވަސް ކަނޑައަޅާނީ އަންނަ ހަފުތާގައި އޮންނަ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ ހަޔަރ ސެކަންޑަރީ ހޭންޑް ބޯޅަ މުބާރާތް ނިމުމުން ކަމަށް އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ ސީނިއަރ ލީޑިން ޓީޗަރު މުހައްމަދު ނަދީމް ވިދާޅުވިއެވެ.

މިއަހަރުގެ ފުޓްސަލް މުބާރާތަކީ މިހާތަނަށް އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގައި ބޭއްވުނު އެންމެ ކާމިޔާބު އެއް މުބާރާތެވެ. އެއީ މި މުބާރާތް އިންތިޒާމު ކުރެވިފައިވާ ގޮތުގެ ފުރިހަމަކަމާއި ދަރިވަރުންގެ މެދުގައި ފުޓްސަލް މުބާރާތް ކާމިޔާބު ކުރުމަށް އޮތް ވާދަވެރިކަމާއި ޖޯޝާއި ފޯރި ދައްކައިދީފައި ވާތީއެވެ. އެހެންކަމުން، މި ފުޓްސަލް މުބާރާތް މިހާ ފުރިކަމާއިއެކީ އިންތިޒާމު ކޮށްދެއްވި ކަމަށްޓަކައި އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ މެނޭޖްމެންޓަށާއި މަތީ ސާނަވީ ދަރިވަރުންގެ ކައުންސިލަށް ޝުކުރު އަދާކުރަމެވެ.