ހޭންޑް ބޯޅަ މުބާރާތުގެ ފައިނަލަށް 12އޭ އާއި 11ސީ

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ހަޔަރ ސެކަންޑަރީގެ އަންހެން ދަރިވަރުންނަށް ޚާއްސަކޮށްގެން “އިންޓަރ ކްލާސް ހޭންޑް ބޯލް” މުބާރާތް ކުރިއަށް ގެންގޮސްފައިވާއިރު މި މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ 12އޭ އަދި 11ސީ އެވެ. މި މުބާރާތުގެ މެޗުތައް ބޭއްވީ މިދިޔަ ހުކުރު އަދި ހޮނިހިރު ދުވަހު (1 މާރޗު، 2 މާރޗު) ހެންވޭރު ދަނޑުގައެވެ. ގްރޭޑް 11 އަދި 12ގެ ކޮންމެ ކްލާހެއް ވެސް އެ ގްރޭޑެއްގެ ކޮންމެ ކްލާހަކާއެކު ކުޅެފައިވާނެއެވެ. މި މުބާރާތުގައި މުޅިއެކު 30 މެޗް ކުޅެފައިވެއެވެ.

މުބާރާތުގެ މެޗްތައް ކުޅެނިމުނު އިރު، ދެން ބާކީ އޮންނާނީ ފައިނަލް މެޗެވެ. މިހާ ހިސާބަށް މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ގްރޭޑު 12އިން އެއްވަނައިގައި އުޅެނީ 12އޭ އެވެ. އަދި ދެވަނައިގައި 12ބީ، ތިންވަނައިގައި 12ޖީ އެވެ. ގްރޭޑް 11އިން އެންމެ ކުރީގައި 11ސީ އެވެ. އަދި އެއަށްފަހު ދެވަނައަށް 11އޭ އަދި ތިންވަނައިގައި 11ޖީ އެވެ. މި މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައި ވަނީ ގްރޭޑް 11 އާއި 12ގެ އެއްވަނައިގައި އޮތް ދެ ޓީމެވެ.

މި މުބާރާތް ވަރަށް ފޯރިގަދަ ކަމާއެކު ކުރިއަށްގެންގޮސް ނިންމާލައިފައިވާއިރު، މުބާރާތުގައި އެންމެ ގިނަ ގޯލް ޖަހައިފައިވަނީ 12އޭ ގެ ފާތިމަތު ޝާޔާ މުހައްމަދެވެ. އެއީ ޖުމުލަ 28 ގޯލެވެ. އަދި ދެވަނައަށް 13 ގޯލް އާއެކު 12އެޗް ގެ އާއިޝަތު ނަޒާހާ މުޚްތާރެވެ. ތިންވަނައިގައި 12 ގޯލް ޖަހައިގެން 11ސީ ގެ އާއިޝަތު ނާއިޝާއެވެ. މި މުބާރާތުގައި މުޅިއެކު 153 ގޯލް ދަރިވަރުން ޖަހައިފައިވެއެވެ.