ޗިޕްސްމޯ ޕުޑިން އަކީ ތައްޔާރުކޮށްލަން ފަސޭހަ، އަނގަޔަށް މީރު ފޮނިކާއެއްޗެކެވެ. މިއީ އާއިލާގައި ތިބި ކުޑަ ކުދިންނާއެކު ވަގުތު ހޭދަކޮށްލުމުގެ ގޮތުން، އެކުދިންނާއެކު ތައްޔާރު ކޮށްލެވިދާނެ ފަސޭހަ ރެސިޕީއެކެވެ.
ބޭނުންވާތަކެތި:
1 ނެސްލޭ ކްރީމް ދަޅު (ކުޑަ)
1 ގެރިކިރު ދަޅު
3 މޭޒުމަތީ ސަމްސާ ކޮކޯ ޕައުޑަރު
1 ޖޯޑު ކިރު
1 ޕެކެޓް ޗިޕްސްމޯ
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ނެސްލޭ ކްރީމް ކޮޅު ގިރާލާށެވެ. އަދި އޭގެ ތެރެއަށް ގެރިކިރު އަޅާލައި، އެ ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު، ކޮކޯ ޕައުޑަރު އަޅާލައި، ގުޅަ ނުހުންނަ ވަރަށް ގިރާށެވެ. އަދި މި ކްރީމްގަނޑު 3-2 މިނެޓު ވަންދެން އާދައިގެ ސްޕީޑެއްގައި އެއްކުރާށެވެ. މިހާ ހިސާބުން ކްރީމްގަނޑު ތައްޔާރުކޮށް ނިމުނީއެވެ.
ދެން އެއަށްފަހު ބޮޑު ޓްރޭ އެއްގައި ކްރީމްގަނޑު ހާކާލާށެވެ. އަދި އޭގެ މައްޗަށް ކިރުން ފޯކޮށްފައިވާ ޗިޕްސްމޯ ބިސްކޯދު ފަށަލައެއް އަތުރާލާށެވެ. ދެން އޭގެ މައްޗަށް އަނެއްކާވެސް ކްރީމް އަޅާނީއެވެ. ޓްރޭ ފުރެންދެން މިގޮތަށް އެއްބަޔަށްފަހު އަނެއްބައި އަތުރާލާށެވެ. އަދި ނިންމާލުމަށްފަހު ޓްރޭ ރީތިކޮށްލުމުގެ ގޮތުން މައްޗަށް ޗިޕްސްމޯ ބިސްކޯދު ހިމުންކޮށްފައި އަޅާލާށެވެ. ނުވަތަ މީގެ ބަދަލުގައި އެމީހަކު ގަޔާވާ ޒާތެއްގެ ބަދަނެއް ނުވަތަ ހިމުން ޗޮކުލެޓު ވެސް ބޭނުންކުރެވިދާނެއެވެ. ކެއުމުގެ ކުރިން 5-4 ގަޑިއިރު ވަންދެން ފްރިޖުގައި ޗިޕްސްމޯ ޕުޑިން ފިނިކޮށްލާށެވެ.