ޒަމާނަށް އައި ބަދަލުތަކާއެކު ފަންޏު ބަރަބޯ އެކި ގޮތްގޮތަށް ހެދި ކަމުގައި ވީނަމަވެސް، އަޅުގަނޑު މި ހިއްސާކޮށްލަނީ އަޅުގަނޑުގެ އުފަން ރަށް، ލ.މާވަށުގައި ފަންޏު ބަރަބޯ ހަދާއުޅޭ ގޮތެވެ. ރާއްޖޭގެ ބައެއް ހިސާބުތަކުގެ މީހުން ފަންޏު ބަރަބޯ އާ ދާދި އެއްގޮތަށް ބަރަބޯ ހަލުވާ ނުވަތަ ބަރަބޮލު ހަލުވާ ކިޔާ ފޮނިކާ އެއްޗެއް ތައްޔާރުކުރެއެވެ.
ބޭނުންވާ ތަކެތި:
3 ޖޯޑު ބަރަބޯ (ކުދިކޮށް ކޮށާފައި)
1 ޖޯޑު ހަކުރު
ރާނބާ ފަތް
ތައްޔާރު ކުރާ ގޮތް:
އެންމެ ފުރަތަމަ ތެއްޔަކަށް ބަރަބޯތައް އަޅާލުމަށްފަހު އޭގެ ތެރެއަށް ހަކުރުކޮޅު އަޅާލާށެވެ. ދެން އެއަށް ރާނބާ ފަތް 4 އިންޗިހާ ވަރަށް ބުރިކޮށްފައި އަޅާލުމަށްފަހު، މަތި ޖަހައި މަޑު ގިނީގައި ރަނގަޅަށް ކައްކާލާށެވެ. އިރުކޮޅަކު ކައްކާލުމުން ބަރަބޯ ތަކުން ފެން ނިކުންނާނެއެވެ. ކައްކަމުން ދާއިރު ދޭތެރެ ދޭތެރެއިން ދޭފަތުން ހަލުވާލާށެވެ. އަދި މިގޮތަށް މަޑު ގިނީގައި ހަކުރު ގަނޑު ތަތްވަންދެން ކައްކާށެވެ. ނިމޭއިރު ބަރަބޯކޮޅު ހުންނާނީ ރަން މުށި ކުލައެއްގައެވެ.