މިއީ އާންމުކޮށް ރަމަޟާން މަހު ދިވެހިންގެ ސުފުރާމަތިން ފެންނަ އަނގަޔަށް މީރު، ހަދާލަން ފަސޭހަފޮނި އެއްޗެކެވެ.
ބޭނުންވާ ތަކެތި:
- 1 ޕެކެޓު މާރީ ބިސްކޯދު
- 1 ދަޅު ގެރި ކިރު
- 1 ސައިސަމުސާ ވެނީލާ އެސެންސް
- ¼ ޖޯޑު ބަޓަރ
- ½ ޖޯޑު ކޮކޯ ޕައުޑަރ
- ކޮށާފައި ހުރި ކެޝޫ ނަޓްކޮޅެއް (މުށެއް)
ހަދާނެ ގޮތް:
- އެންމެ ފުރަތަމަ މާރީ ބިސްކޯދުތައް ފުނޑު ފުނޑުކޮށްލާށެވެ.
- ދެން. ކުޑަ ތެއްޔެއްގައި މަޑު ގިނީގައި ބަޓަރ ދިޔާކޮށްލަން އުދާށެވެ.
- ބަޓަރ ދިޔާވުމުން އޭގެ ތެރެއަށް ގެރިކިރު ދަޅު އަދި ވެނީލާ އެސެންސް އަޅާފައި ހާކަމުން ގެންދާށެވެ.
- އެއަށްފަހު އޭގެ ތެރެއަށް ކޮކޯ ޕައުޑަރ ކޮޅު އަޅާލާފައި އެއްކުރަމުން ގެންދާށެވެ.
- މި މިކްސް 2-3 މިނެޓު ކައްކާލާފައި އުނދުން ނިއްވާލާށެވެ.
- ފުނޑުކޮށްފައި ހުރި މާރީ ބިސްކޯދުތައް ރީތިކޮށް ޓްރޭގައި އަތުރާލުމަށްފަހު އޭގެ މައްޗަށް ތައްޔާރުކުރި މިކްސް އަޅާލާށެވެ.
- ދެން އޭގެ މައްޗަށް ކެޝޫ ނަޓްކޮޅު އަޅާލާށެވެ.
- އަދި ފަޖް ހިހޫ ވީމަ ފްރިޖަށްލާފައި ކެއުމުގެ ކުރިން ފިނި ކޮށްލާށެވެ.