ރަހަފަތް: ކަދުރު ކޭކު

ކަދުރަކީ ރަމަޟާން މަހު ސުފުރާތަކުން އެންމެ އާއްމުކޮށް ފެންނަ އެއްޗަށް ވިޔަސް މީ ކުދިންގެ މެދުގައި މަޤުބޫލް އެއްޗެއް ނޫނެވެ. ނަމަވެސް ކަދުރު ބޭނުންކޮށްލައިގެން ކޭކެއް ފިހެލައިފިނަމަ ގިނަ ކުދިން ކާހިތްވާނެއެވެ.

ބޭނުންވާ ތަކެތި :

250 ގުރާމު ހަކުރު

250 ގުރާމު ފުށް

250 ގުރާމު ކަދުރު ( އޮށް ނަގާފައި ، ކޮށާފައި )

2 މޭޒުމަތީސަމުސާ މާޖިރީން

1 މޭޒުމަތީސަމުސާ ބޭކިން ޕައުޑަރު

80 ގުރާމު މޭބިސްކަދުރު (ކުދިކޮށް ކޮށާފައި)

80 ގުރާމު ކަނަމަދު (ކުދިކޮށް ކޮށާފައި)

ބައި ޖޯޑު ކިރު (ލެކްނޯ މިލްކް)

2 ކުކުޅު ބިސް

2 ސައިސަމުސާ ވެނީލާ އެސެންސް

ތައްޔާރު ކުރާނެ ގޮތް

ބޭކިން ޕައުޑަރާއި ފުށް އެއްކޮށްގެން ފުރާނާފައި ވަކިން ބަހައްޓާލާށެވެ. އެހެން ތަށްޓެއްގައި މާޖިރީނާއި، ހަކުރާއި، ކުކުޅުބިސް އެއްކޮށް ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު އޭގެ ތެރެއަށް ފުށް އަޅާލާށެވެ. ފުށް އަޅާނީ މަދުމަދުން ގޮސް ހުރިހާ ފުށް ހުސްވަންދެންނެވެ. ދެން ކިރުފޮދު އެޅާލާށެވެ. ފުށާއި ކިރު އަޅާއިރު ވެސް މަޑުމަޑުން ގިރަމުންގެންދާށެވެ. ފުށްގަނޑު ތެރެއަށް ވެނީލާ އެސެންސު އެޅުމަށް ފަހު، ކަދުރާއި، ކަނަމަދާއި، މޭބިސްކަދުރު އަޅާލާށެވެ. ރަނގަޅަށް ގިރާލާފައި، ޓްރޭއަކަށް އަޅާލާފައި ފިހެލާށެވެ.