އެ ހަނދާން

ހުޅަނގު މޫސުމުގެ ހަޅަޖަހައި ހުޅިލާ ނަގަމުން ދިޔަ ކަނޑުގެ ރާޅުތައް ބަނޑު ދަމާލާފައިވަނީ ދަތުރުވެރިންނަށް މަގު އަލިކޮށްދިނުމަށް ކަމަށްވެސް ވެދާނެއެވެ. ދުވަހަކު ވިއްސާރަ ވިލާ ހުރި އުޑެއްހެންވެސް ހިއެއް ނުވެއެވެ. މޫސުމީ ބަހާރެއް އައިސްފައިވާ ހިތްގައިމު ދުވަހެކެވެ. ޖެހުމުން ދިޔަ ތެތްފިނި ވައިރޯޅިތައް އުނޭޒާގެ ދޮންމޫނުގައި ބީހެމުން ދިޔަނަމަވެސް އޭނާ އިނީ ފުން ޚިޔާލަކަށް ގެއްލިފައެވެ. އޭނާގެ ޚިޔާލަށް އަންނަނީ މީގެ 7  އަހަރު ކުރިން ހިނގާ ދިޔަ ހާދިސާއެވެ.

އުނޭޒާއާއި އޭނާގެ ފިރިމީހާ މުސްޠަފާގެ ކައިވެންޏަށް 1 އަހަރު ވީފަހުން އެދެމީހުންނަށް ލޯބި ލޯބި އަންހެން ކުއްޖެއް ލިބުނެވެ. ނަމަވެސް އެދެމަފިރިން ކުއްޖަކު ހޯދާކަށް ބޭނުމެއް ނުވެއެވެ. ކުއްޖަކު ހޯދަން ބޭނުން ނުވެފައި ތިއްބައި އެދެމީހުންނަށް ކުއްޖަކު ލިބުމުން އެދެމަފިރިންގެ ދެމެދުގައި ވަރަށް ގިނަ މައްސަލަތައް ދިމާވާން ފެށިއެވެ. މުސްޠަފާ އުނޭޒާ އަކަށް އަޅައެއް ނުލައެވެ. ގޭގައި ހޭދަކުރާ ވަގުތު މަދުވާން ފެށިއެވެ. އުނޭޒާ ހީކުރަނީ އެ ހުރިހާ ކަމެއް ދިމާވަނީ އެދެމީހުންނަށް ލިބުނު ލޯބި ލޯބި އަހުޝާގެ ސަބަބުން ކަމަށެވެ.

މިކަމާހުރެ އުނޭޒާ އޭނާގެ އަމިއްލަ ބަނޑުން ވިހެއި ދަރިފުޅަށް ނަފުރަތު ކުރަން ފެށިއެވެ. އޭނާ ބޭނުންވާ ހުރިހާ ވެސް އެއްޗަކީ މުސްޠަފާގެ ސަމާލުކަމެވެ. އޭނާ އެކުއްޖާ ގެންގުޅޭކަށްވެސް ބޭނުމެއް ނުވެއެވެ. އަހުޝާ ފެނިފައި މީހަކު ލޯބިންވެސް މަރުވާވަރު ވާނެއެވެ. ފަން ފަން އިސްތަށިގަނޑަކާއި ދިގު ދިގު އެސްފިޔަތަކެއް ލިބިފައިވާ ކުއްޖެކެވެ. މިކުޑަ ކުޑަ އަހުޝާގެ ކުށަކީ ވަކި ކޮބާހެއްޔެވެ؟

އަހުޝާއާއި ދޭތެރޭގައި އުނޭޒާ ކަންތައް ކުރަން ހިތުލައިގެން ހުރީ ދުވަހަކުވެސް މީހަކު ހީކުރާނެ ގޮތަކަށް ނޫނެވެ. އުނޭޒާ ހުރީ މުސްޠަފާގެ ސަމާލުކަން ހޯދުމަށްޓަކައި ކޮންމެ ކަމެއްކުރަންވެސް ތައްޔާރަށެވެ. އޭނާގެ ހިތުގައި ލޯތްބާއި ކުލުނެއް ނެތެވެ. އެއްވެސް އިންސާނިއްޔަތު ކަމެއްވެސް ނެތެވެ. އުނޭޒާ ރާވަމުން އެގެންދަނީ ކުޑަކުޑަ އަހުޝާ މިދުނިޔެއިން ވަކިކޮށްލާނެ ގޮތަކާއި މެދުއެވެ. މިއިން އެއްވެސްކަމެއް މުސްޠަފާއަކަށް ނޭނގެއެވެ. އުނޭޒާ އެ ހުރިހާ ކަމެއްވެސް ރާވަމުން ގެންދިޔައީ ވަރަށް ސިއްރުންނެވެ. ނަމަވެސް މިހުރިހާ ކަމެއް ދެނެވޮޑިގެންވާ ފަރާތެއް ވާނެކަމާމެދު ޝައްކެއް ނެތެވެ.

ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ.  އެންމެންވެސް ވަނީ ނިދާ ހަރުދަނޑިވެފައެވެ. އުނޭޒާ އިންތިޒާރު ކުރަމުން ދިޔަ ވަގުތު އައިސް ޖެހިއްޖެއެވެ. އޭނާ މަޑު މަޑުން އެނދުން ތެދުވެއްޖެއެވެ. މުސްޠަފާ ހޭލަފާނެތީއެވެ. ވީހާވެސް މަޑު މަޑުން އަޑެއް ބަޑެއް ނުލައްވާ ގޮސް އަހުޝާގެ އެނދު ކައިރީގައި ހުއްޓިއްޖެއެވެ. އަދި އަހުޝާ ނަގައިގެން ގެއިން ނުކުމެ ރަށުގެ ވަލާ ދިމާއަށް ހިނގައިގަތެވެ. މިހާ ދަންވަރުގެ ވަގުތަކަށްވުމުން ރަށުތެރެއިން އެއްވެސް މީހަކު ނުފެނެއެވެ. އުނޭޒާ އަހުޝާ ގޮވައިގެން ގޮސް އެ ކުޑަކުޑަ ކުއްޖާ އެތަނުގައި ބާއްވާފައި ގެއަށް އައިސް ނިދަން އޮށޯތްއިރު ހިތުގައި ރަހުމުގެ ކަންފުޅެއްވެސް ނެތެވެ.

ދުވާލުގެ ވަގުތެވެ. އެ ދެމަފިރިން ހޭލިއިރު އަހުޝާ ނެތުމުން މުސްޠަފާ އުނޭޒާއަށް ސުވާލު ކުރަން ފެށިއެވެ. އުނޭޒާގެ މަކަރު ވަރަށް ގަދައެވެ. ރޯންފަށާފައި މުސްޠަފާގެ ގައިގާ އޮޅުލައިގަތެވެ. އަދި ވަރަށް ހިތާމައާއިއެކު މީހަކު އަހުޝާ ވަގަށްނެގީކަމަށް ބުނެ މުސްޠަފާއަށް ހަގީގަތް އޮޅުވައިލިއެވެ. މުސްޠަފާ މިކަންތައް ޕޮލިހަށް އަންގަން އުޅުމުން އުނޭޒާ ވަގުތުން އެކަމަށް ދެކޮޅު ހެދިއެވެ. އަދި މާލެ ބަދަލުވާން އެދުނެވެ. މުސްޠަފާ ހީކުރީ އެކަމުގެ ހިތާމާގައި ، އެ ޚިޔާލު ތަކާއި ދުރުވާންވެގެން އުނޭޒާ މާލެ ބަދަލުވާން އެދުނީ ކަމަށެވެ.

އަހުޝާ ގެއްލުނުތާ 5 އަހަރު ފަހެވެ. އެދެމަފިރިންގެ ދިރިއުޅުމަށް ބަދަލުތައް އަންނަށް ފެށިއެވެ. އެދެމަފިރިން ދަރިއަކު ހޯދަން ބޭނުންވިއެވެ. އެހެންކަމުން ދަރިއަކު ހޯދަން ވަރަށް މަސައްކަތް ކޮށްފިއެވެ. ނަމަވެސް އެ ނިއުމަތް ހޯދުމުގައި ނާކާމިޔާބުވިއެވެ. މިހެންވުމުގެ ސަބަބުން އެދެމަފިރިން ޑޮކްޓަރުގެ ލަފާ ހޯދަން ބޭނުންވިއެވެ. ޑޮކްޓަރަށް ދެއްކުމުން ، ޑޮކްޓަރުދިން ޚަބަރަކީ ހިތާމައިން ދެމީހުންގެ ހިތް ކުދި ކުދި ކޮށްލި ޚަބަރެކެވެ.  ދެން ދުވަހަކުސް އުނޭޒާއަކަށް ދަރިއަކު ނުލިބޭނެއެވެ. އުނޭޒާގެ ހިތް ފަޅައިގެން ދިޔަކަހަލައެވެ. އަހުޝާގެ މަތިން ހަނދާވާން ފެށިއެވެ. އޭނާއަށް ކުރެވުނު ކަންތަކާއިމެދު ދެރަވެ ހިތާމަކުރަން ފެށިއެވެ. އޭނާއަށް ރޮވެން ފެށިއެވެ. އަޑުން އަޑުނަގާފައެވެ. ގިސްލަ ގިސްލާފައެވެ. އޭނާއަށް ލިބުނު ހަމައެކަނި ދަރިފުޅާއިމެދު ކަންތައް ކުރެވުނު ގޮތް ހިތަށް އަރާފައެވެ. އެގޮތަށް ކަންތައް ނުކުރެވުނު ނަމައޭ އޭނާގެ ހިތަށް އެރިއެވެ.

މަސްތަކެއްފަހުން އެދެމަފިރިން ނިންމީ ޔަތީމުޚާނާއަކަށް ގޮސް އެތަނުން ކުއްޖަކު ބަލައިބޮޑު ކުރާށެވެ. އުނޭޒާއާއި މުސްޠަފާ މިކަމަށް ވަރަށް ތައްޔާރުވެގެން ޔަތީމުޚާނާއަށް ދިޔައެވެ. އެތާނގައި އެކި އުމުރުގެ ކުދިން ދިރިއުޅެއެވެ. އަޅާލާނެ މީހަކުނެތިފައިވާ ކުޑަކުޑަ ތުއްތު ކުދިންވެސް ތިއްބެވެ. އުނޭޒާގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ އެތާނގައި އެކަނިމާ އެކަނި މަޑު މަޑުން އިން ކުއްޖާއަށެވެ. ދިގުދިގު ފަން އިސްތަށިގަނޑަކާއި ރީތި އެސްފިޔަތަކެއް ލިބިފައިވާ އުމުރުން ފަސްވަރަކަށް އަހަރުގެ އެ އަންހެންކުއްޖައާއިމެދު ފުރަތަމަ ނަޒަރުންވެސް އުނޭޒާގެ ހިތުގައި ޚާއްޞަ ކުލުނެއް އުފެދިގެން ދިޔައެވެ. އަދި އެކުއްޖާ އެދެމީހުންގެ ދަރިއެއްގެ ގޮތުގައި އިޚްތިޔާރު ކުރުމަށް ނިންމައިފިއެވެ.

އެދެމަފިރިން އެކުއްޖާ އެޑޮޕްޓް ކުރިއެވެ. އަދި ވަރަށް އުފަލުން ގެއަށް ގެންދިޔައެވެ. އެކުއްޖާގެ ނަމަކީ ޝުހާ ކަމަށް ޔަތީމުޚާނާގައި ތިބި މީހުން ބުންޏެވެ. އެކުއްޖާ ފެނުމުން އުނޭޒާގެ ހިތަށް ސިފަވަނީ އަހުޝާގެ މައުސޫމު މޫނެވެ. އަހުޝާއާއި އެހާމެ ވައްތަރެވެ. ބައެއް ފަހަރު އެއީ އޭނާގެ އަސްލު ދަރިފުޅު ބާވައޭވެސް ހިތަށް އަރައެވެ. ނަމަވެސް އެހެނެއް ނުވާނެއެއް ނޫންހެއްޔެވެ؟ އުނޭޒާ އަހުޝާ އެއްލާލީ އޭނާގެ އަމިއްލަ އަތުންނެވެ. މިހުރިހާ ޚިޔާލުތަކެއް އެއްފަރާތް ކޮށްލާފައި ޝުހާއާއި އެކީ މަޖާ ދުވަސްތަކެއް ހޭދަކުރަން ފެށިއެވެ.

ދުވަސްތައް ފާއިތުވަމުން ދެއެވެ މި ކުޑަކުޑަ އާއިލާ ވަރަށް އުފަލުގައި ދުވަސްތައް ހޭދަކުރަމުން ގެންދިޔައެވެ. އެދެމަފިރިން ޝުހާ ދެކެ އިންތިހާއަށް ލޯބިވެއެވެ. މާމަލުގެ ފިޔަތައް ފަދައިން މިގޮތުގައި ރޭދުވާތައްނިމެމުން ދިޔައެވެ.

ހެނދުނުވަގުތެވެ. އުނޭޒާ ޝުހާގެ ބޮލުގައި ވަރަށް ލޯބިން ފުނާ އަޅުވައިދޭން އިނެވެ. އެވަގުތު އުނޭޒާއަށް ފެނުނު އެއްޗަކުން މޭގަނޑު އަނގަޔަށް އައިކަހަލައެވެ. ޝުހާގެ ކޮނޑުގައި އިން އުފަންލަފެއް ފެނިފައެވެ. އެއީ އޭނާގެ ބަނޑުން ވިހެއި އޭނާގެ އަމިއްލަ ދަރިފުޅު ކޮނޑުގައިވެސް އިން ކަހަލަ އުފަން ލަފެކެވެ. އެ އުފަން ލައްވެސް އިނީ ހަމައެއްތަނަކުއެވެ. އުނޭޒާއަށް އެއީ އޭނާގެ އަސްލު ދަރިފުޅު ކަމަށް ޔަގީންވާން ފެށިއެވެ. ހަމަވަގުތުން ދަރިފުޅާއޭ ކިޔާފައި ޝުހާގެ ގައިގައި އޮޅުލައިގަނެވުނެވެ. ލޮލުން ކަރުނަތައް އޮހޮރެންފެށިއެވެ. ޝުހާގެ ނަން އޭނަގެ އަސްލުނަމަށް ބަދަލުކުރިއެވެ. އަހުޝާ އެއްލާލީ އޭނާގެ އަމިއްލަ އަތުންނެވެ. އޭނާ ދިރިހުރުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެއެވެ. މިކަމުގެ ފަހަތުގައި ސިއްރުތަކެއް ވާކަން ޔަގީނެވެ. އެ ސިއްރުތައް ހޯދުމަށް އުނޭޒާ ބޭނުންވިއެވެ. އަދި އަހުޝާ ދިރި އެހުރީ ކިހިނަކުންކަން ހޯދަން ބޭނުންވިއެވެ.

މިކަމުގެ ސިއްރުތައް ހޯދުމަށްޓަކައި އުނޭޒާ އަހުޝާ ގެނައި ޔަތީމުޚާނާއަށް ދިޔައެވެ. އަދި އެތާނގައި ތިބި މީހުންނާއި ސުވާލު ކުރަންފެށިއެވެ. ނަމަވެސް އެތަނުން އެއްވެސް މީހަކަށް އަހުޝާގެ ހަގީގަތެއް ނޭނގެއެވެ. ގޮތްހުސްވެފައިވާ އުނޭޒާ އެންމެ ފަހުން ޔަތީމުޚާނާގެ ވެރިފަރާތާއި ބައްދަލުކުރަން ނިންމިއެވެ. އެމީހާގެ ގާތަށް ގޮސް އަހުޝާ ޔަތީމުޚާނާއަށް ގެނައީ ކާކުކަމާއި އަހުޝާގެ ހަގީގަތް ކިޔައިދިނުމަށް އެދުނެވެ. އެމީހާ ބުނީ އަހުޝާއަކީ އެތަނުގައި މަސައްކަތްކުރާ މީހަކު ހޯދައިގެން ގެނައި ކުއްޖެއް ކަމުގައެވެ. ނަމަވެސް އެމަސައްކަތު މީހާ މިހާރު އެތަނުގައި ވަޒީފާ އަދާނުކުރާކަމަށް ބުންޏެވެ.

އުނޭޒާ ބޭނުންވީ އެ މަސައްކަތުމީހާއާއި ވާހަކަދައްކައިގެން އެ ހުރިހާ ކަމެއް އޮޅުންފިލުވާށެވެ. ނަމަވެސް އެމީހާ އުޅެނީ  ކޮންތާކު ކަމެއްވެސް އުނޭޒާ އަކަށް ނޭނގެއެވެ. ވަރަށް ގިނަ މީހުންނާއި ވާހަކަ ދައްކާ ހަދައިގެން ވަރަށް މަސައްކަތުން އެމީހާގެ ގެ ހޯދިއެވެ. އެގެއަށް ގޮސް ދޮރުގައި ޓަކި ޖެހުމުން އެއްވެސް މީހެއްގެ ހިލަމެއް ނުވިއެވެ. ގަޑިއެއްހާއިރު ވަންދެން އުނޭޒާ އެގޭ ދޮރުމަތީގައި މަޑުކުރިއެވެ. އެއްވެސް ޚަބަރެއް ނުވުމުން އުނޭޒާ ގަސްތުކުރީ އެނބުރި ގެޔަށް ދިޔުމަށެވެ. ގެއަށް ދިއުމަށްޓަކައި ހިނގައިގަތްތަނާ ޒުވާން ފިރިހެނަކު އެގޭ ދޮރާށިން އެތެރެއަށް ވަންނަތަން ފެނުނެވެ. އުނޭޒާ އެ ޒުވާން ފިރިހެނާއާއި ދިމާއަށް ހިނގައިގަތެވެ. ގޮސް އޭނާއާ ވާހަކަ ދައްކަން ފެށިއެވެ. އައިޝާ އަހުމަދު ކިޔާ މީހަކު ހޯދަނީކަމަށް ބުންޏެވެ. މިހެން ބުނުމުން އެޒުވާން ފިރިހެނާ އެއީ އޭނާގެ މަންމަ ކަމަށް ބުނެ މި ވަގުތު އޭނާގެ މަންމަވަނީ ވަރަށް ބޮޑަށް ބަލިވެގެން ހޮސްޕިޓަލުގައި ކަމަށް ބުންޏެވެ.

އުނޭޒާ ނިންމީ ހޮސްޕިޓަލަށް ޒިޔާރަތް ކޮށް، އައިޝާ އަހުމަދާއި ވާހަކަ ދައްކާލާށެވެ. އެޒުވާން ފިރިހެނާ އުނޭޒާ ގޮވައިގެން އޭނާގެ މަންމައާއި ބައްދަލުކޮށްދޭން ގެންދިޔައެވެ. ހޮސްޕިޓަލުގައި ވަކިން ހުރި ކޮޓަރިއަކަށް އެޒުވާނާ ގޮސް ވަނެވެ. އުނޭޒާވެސް އޭނާގެ ފަހަތުން ވަނެވެ. އެ ކޮޓަރީގައި ވަރަށް ބަލިހާލުގައި އަންހެނަކު އެނދުމަތި ކޮށްފައި އޮތެވެ. އުމުރުން ގާތްގަނޑަކަށް ފަންސާހަކަށް އަހަރުގެ މީހެކެވެ. އުނޭޒާ އެ އަންހެން މީހާގެ ގާތުގައި އެއީ ކާކުން ބުނެދިނެވެ. އަދި ވީގޮތް ކިޔައިދިނުމަށް އެދުނެވެ. އެ މީހާ ވީގޮތް ކިޔައިދޭން ފެށިއެވެ. ވަރަށް އުނދަގުލުންނެވެ.

އުނޭޒާ އަހުޝާ އެއްލައިލި ރެއެވެ. އެރޭގެ ފަތިހުގެ ވަގުތުގައި އައިޝާ ދަރުހޮވަން ގޮސްގެން އުޅެނިކޮށް ވަލުތެރެއިން ކުއްޖަކު ރޯ އަޑަށް އެދިމާއަށް ހިނގައިގަތެވެ. އޭނާއަށް އެކުޑަ ކުޑަ އަހުޝާ ރޯ މަންޒަރު ފެނި ހިތް ފަޅައިގެން ދިޔަ ކަހަލައެވެ. ވަގުތުން އެކުއްޖާ ނަގައިގެން ގެއަށް ގެންދިއައެވެ. މިފަދަ ރަހުމްކުޑަ ކަމެއް ކުރާނީ ކާކުބާއޭ އޭނާގެ ހިތަށް އެރިއެވެ.

އައިޝާ އޭނާގެ އަމިއްލަ ދަރިއެއްހެން އަހުޝާ ގެންގުޅެންފެށިއެވެ. އަހުޝާ އަށް ބޭނުންވާ ހުރިހާ އެއްޗެއް ހޯދައިދީ ކާންދީ ގެންގުޅުނީ އައިޝާއެވެ. މިގޮތުގައި ދުވަސްތައް ފާއިތުވަމުން ގޮސް އައިޝާ ކެންސަރު ބަލީގެ ޝިކާރަ އަކަށްވިއެވެ. އަދި އޭނާ ދިރިއުޅެމުން އެގެންދަނީ އޭނާގެ ހަޔާތުގެ އެންމެ ފަހު ދުވަސްތައް ކަމަށް ޑޮކްޓަރު ބުނުއްވިއެވެ. އައިޝާ ކަންބޮޑުވާން ފެށީ އަހުޝާއަށް ވާނެ ގޮތަކާ ދޭތެރޭގައެވެ. އައިޝާ ނެތުމުން އެ ކުޑަކުޑަ އަހުޝާ ބަލާނީ ވަކި ކާކުހެއްޔެވެ؟ ހަދާނެ ގޮތް ހުސްވިއެވެ. ފިކުރު ބޮޑުވާންފެށިއެވެ. އައިޝާ އަހުޝާގެ އަސްލު މަންމައާއި ބައްޕަ ހޯދަން މަސައްކަތްކުރިއެވެ. ނަމަވެސް އަހުޝާގެ މައިންބަފައިންގެ އެއްވެސް ޚަބަރެއްނުވިއެވެ. އައިޝާއަށް މަޖުބޫރުވީ އަހުޝާ ޔަތީމުޚާނާއަށް ގެންދިޔުމަށެވެ. ނަމަވެސް ހިތާ ދެކޮޅަށެވެ.

މިހުރިހާ ވާހަކަތަކެއް އަޑު އިވިފައި އުނޭޒާގެ ހިތް ކުދިކުދި ވިއެވެ. ހީވީ ފައި ދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ. އޭނާއަށް ކުރެވުނެ ކުށާއިމެދު ދެރަވިއެވެ. އުނޭޒާގެ ދެލޯބޮޑުވީ އޭނާގެ ފޯނު ފެނިފައެވެ. އެހުރިހާ ވާހަކައެއް ދެއްކި އިރު އޭނާއަށް އިނދެވުނީ މުސްޠަފާއަށް ގުޅައިގެންނެވެ. ވަގުތުން ފޯނު ކަނޑާލިއެވެ. އަދި މުސްޠަފާ ބުނާނެ އެއްޗަކާއި، ހަދާނެގޮތަކާއިމެދު ވިސްނި ބިރުވެރިކަން އިހްސާސްކުރެވެން ފެށިއެވެ. އޭނާ އަވަހަށް އެތަނުން ނުކުތެވެ. ހޮސްޕިޓަލުން ނިކުތްތަނާހެން ކުރިމަތީގައި ހުރީ މުސްޠަފާއެވެ. އޭނާ ހުރީ ވަރަށް ރުޅިއައިސްފައެވެ. ކުރިއަށްވުރެ ބޮޑަށް ދެރަވެފައި ހުރިހެންވެސް ހީވެއެވެ.

މުސްޠަފާ އުނޭޒާ ގޮވައިގެން ގެއަށްދިޔައެވެ. އަދި ކޮޓަރިއަށް ވަދެ ހުރިހާވާހަކައެއް ތެދުތެދަށް ކިޔައިދިނުމަށް ބުންޏެވެ. އުނޭޒާއަށް ހުރީ ރޮވިފައެވެ. އޭނާ މުސްޠަފާއާއި ވަކިވާކަށް ބޭނުމެއް ނުވެއެވެ. ހުރިހާ ވާހަކައެއް ތެދުތެދަށް އޭނާ މުސްޠަފާއަށް ކިޔައިދޭން ފެށިއެވެ. ރޮއެރޮއެ ފައެވެ. އުނޭޒާ އޭނާގެ ހިތުގައި އެކަހަލަ އެއްވެސް ނަފުރަތެއް މިހާރު ނެތްކަމަށް މުސްޠަފާ ގާތުގައި ބުންޏެވެ. މުސްޠަފާވެސް ހުރީ ފެންކަޅިވެފައެވެ. އޭނާގެ އަނބިމީހާ އެކަހަލަ ވިޔާނުދާ ކަމެއް ކޮށްފާނެކަމަކަށް އޭނާ ހީވެސް ނުކުރެއެވެ. މުސްޠަފާ އުނޭޒާ ވަރިކުރިއެވެ. އެކަހަލަ އިންސާނިއްޔަތުކަމެއްނެތް  މީހަކާއިއެކީ އުޅޭކަށް މުސްޠަފާ ބޭނުމެއްނުވިއެވެ. މުސްޠަފާ އަހުޝާ ގޮވައިގެން އެގެއިން ނުކުމެގެން ހިނގައްޖެއެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް 3 އަހަރުވެއްޖެއެވެ. އުނޭޒާއަކީ އެކަނިވެރިއެކެވެ. މުސްޠަފާ އޭނާ ވަރިކޮށްފައި ދިޔަފަހުން އެހެން މީހަކާއި ކައިވެންޏެއް ނުކުރެއެވެ. އަހުޝާއާއި މުސްޠަފާގެ ޚަބަރެއްނުވެއެވެ. މިކަމާ އުނޭޒާ ވަރަށް ހިތާމަކުރެއެވެ. އޭނާ އެންމެ ދެރަވަނީ އޭނާގެ ލޯބިވާ ދަރިފުޅު ނުފެންނާތީއެވެ. އުނޭޒާ މިހާރު މަސައްކަތް ކުރަނީ ޔަތީމުޚާނާގައެވެ. އޭނާ ކުރީގައި އުޅުނު ގޮތަށް އުޅޭކަށް ބޭނުމެއް ނުވެއެވެ. އޭނާ މަސައްކަތް ކުރަމުން އެގެންދަނީ ރަނގަޅު ދިރިއުޅުމެއް އުޅެވޭތޯއެވެ.

މިއަދަކީ އަހުޝާއަށް 8 އަހަރުފުރޭ ދުވަހެވެ. މުސްޠަފާ އަހުޝާ ގޮވައިގެން ޔަތީމުޚާނާއަށް ދިޔައެވެ. އެތާގައި ތިބޭކުދިންނަށް ހަދިޔާ ބެހުމުގެ ގޮތުންނެވެ. އުނޭޒާއަށް އެއްލިކަޅިން ފެނުނީ އޭނާގެ ލޯބިވާ ދަރިފުޅު އަހުޝާއާއި މުސްޠަފާއެވެ. އަހުޝާ އައިސް އުނޭޒާގެ ގާތުގައި މަންމާއޭކިޔައި ބައްދާލިއެވެ. އުނޭޒާއަށް ރޮވެން ފެށިއެވެ. ދަރިފުޅު އުނގަށްލައިގެން ބޮސްދޭން ފެށިއެވެ. މި މަންޒަރު މުސްޠަފާއަށް ފެނިފައި ހިތުގައި ސުވާލުތަކެއް އުފެދެން ފެށިއެވެ. އެއީ ހަމަ  އުނޭޒާ ބާވައޭ ހިތަށް އެރިއެވެ. އުނޭޒާ އުޅުމަށް އައިސްފައި ހުރި ބަދަލުތައް ފެނިފައެވެ. އޭނާ މިހާރު ކުޑަކުދިންދެކެވާ ލޯބި ފެނިފައެވެ. އުނޭޒާއަށް އިތުބާރުކުރަންވީ ބާވައޭ ނުވަތަ ނޫންބާވައޭ މުސްޠަފާގެ ހިތަށް އަރަން ފެށިއެވެ.

މުސްޠަފާއަށް އެކަނިމާއެކަނި 8އަހަރުގެ ކުޑަކުއްޖަކު ގެންގުޅެން ވަރަށް އުނދަގުލެވެ. އަހުޝާއަށްވެސް މަންމައެއްގެ ލޯބި ބޭނުންވާނެކަން މުސްޠަފާއަށް ވިސްނެންފެށިއެވެ. މުސްޠަފާ އުނޭޒާއާއި ވާހަކަ ދައްކަން ނިންމިއެވެ. އެދުވަހު މުސްތަފާ ގެއަށް ދިއައީ އުނޭޒާގެ ނަންބަރާއި އޭނާގެ އެޑްރެސް ހޯދައިގެންނެވެ.

މުސްޠަފާ އުނޭޒާއާއި ބައްދަލު ކުރަން އެގެއަށް ދިޔައެވެ. އުނޭޒާގެ ގޭގެ ދޮރުމަތީގައި މުސްޠަފާ ހުރުމުން އުނޭޒާ ދިޔައީ ސިހިގެންނެވެ. މުސްޠަފާ އެގެއަށް އައީ ކީކުރަން ބާވައޭ އުނޭޒާގެ ހިތަށް އެރިއެވެ. މުސްޠަފާ އުނޭޒާ ގާތުގައި އެމީހުންގެ ދަރިފުޅަށްޓަކައި އަލުން ކައިވެނިކުރުމަށް ބޭނުންވާ ވާހަކަ ބުންޏެވެ. އުނޭޒާގެ ކޯތާފަތްމަތިން ކަރުނަތައް އޮހޮރެންފެށިއެވެ. އުފަލާއި ހިތާމައިންގޮސް އުނޭޒާއަށް މުސްޠަފާގެ ގައިގައި އޮޅުލައިގަނެވުނެވެ. ދެމީހުން އަލުން ކައިވެނިކޮށް އެދެމީހުންގެ ދަރިފުޅާއިއެކު އާދިރިއުޅުމެއް ފަށަން ނިންމިއެވެ.

މުސްޠަފާއާއި އުނޭޒާގެ ކައިވެނި މިފަހަރު ކުރެވުނީ ވަރަށް ކުލަގަދަކޮށެވެ. ހީވަނީ އަލަތު ކާވެނީގެ ހަފްލާއެއް ހެންނެވެ. ދެމަފިރިންނާއި އަދި އެދެމީހުންގެ ލޯބިވާ ދަރިފުޅު އެއްގެއަކަށް ބަދަލުވެ، ކުރިން އޮތް ގާތްކަމާއި ލޯބި އަލުން ބަދަހިކުރިއެވެ. އަހުޝާ މިހާރު ހުންނަނީ ވަރަށް އުފަލުންނެވެ. އޭނާގެ އަސްލު މަންމައާއި ބައްޕަ ގުޅުނީމައެވެ. އަދި އެދެމަފިރިންނާއިއެކު ދިރިއުޅުން ކުރިއަށް ގެންދިޔައެވެ.

އުފާވެރިކަމުގެ ދުވަސްތައް ހޭދަކުރަމުން ދަނިކޮށް އުނޭޒާ ވަރަށް ބޮޑަށް ބަލިވެއްޖެއެވެ. މިގޮތަށް ބަލީގައި އުޅޭތާ ދެތިން ދުވަސް ފަހުން މުސްޠަފާ ނިންމީ އުނޭޒާ ގޮވައިގެން ޑޮކްޓަރަށް ދައްކަން ދިޔުމަށެވެ. ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރު ދެއްވި ޚަބަރަކީ އެދެމީހުންގެ އުފާވެރި ދިރިއުޅުން އިތުރަށް އުޖާލާކުރުވި ޚަބަރެކެވެ. ޑޮކްޓަރ އުނޭޒާއަށް ދަރިއަކު ނުލިބޭނޭ ކަމަށް ބުނެފައި އޮއްވައި އުނޭޒާ އެއްމާބަނޑު ދެކުދިންނަށް ބަލިވެއިނީއެވެ. މިޚަބަރުވީ އެދެމަފިރިންނަށް ގަބޫލުކުރަންވެސް ދަތިވިޚަބަރަކަށެވެ. ނަމަވެސް ﷲގެ ކުޅަދުންވަންތަކަން މާބޮޑެވެ.

ކުއްލިއަކަށް އުނޭޒާ ސިހިގެން ދިޔައީ އޭނާގެ 3 ދަރިން ދުވެފައި އައިސް މަންމާއޭ ކިޔައި ގޮވާލި އަޑަށެވެ. މާޒީގެ ޚިޔާލުތަކުން އޭނާއަށް ނިކުމެވުނީ ހަމަ އެހިނދުގައެވެ. އެހުރިހާކަމެއް ހިނގިތާ އެތަކެއް އަހަރު ފާއިތުވީއިރުވެސް އަދިވެސް އޭނާއަށް ކުރެވުނު ކަންތަކާއި މެދު ހިތާމަ ކުރެއެވެ. އެހަނދާންތައް އޭނާގެ ހިތުގައި ނުފިލާ ހުރެއެވެ. ނަމަވެސް މިހާރު އުނޭޒާއަކީ ރީތި އަންހެން ކުއްޖަކާއި ލޯބިލޯބި އެއްމާބަނޑު ދެ ފިރިހެން ކުދިންގެ މަންމައެކެވެ. އުނޭޒާގެ އުއްމީދަކީ  އޭނާގެ އާއިލާ އުފަލުގައި ބޭތިއްބުމެވެ. އެދެމަފިރިން އެކުގައި އަތުގުޅާލައިގެން އެ މަސައްކަތް ކުރަނީ  ދަރިންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައި ދިނުމަށެވެ. މިއީ ދުނިޔޭގައިވާ އެންމެ އުފާވެރި އާއިލާއޭވެސް ބުނެވިދާނެއެވެ. 5 މެންބަރުން ހިމެނޭ މި ކުޑަކުޑަ އާއިލާއަކީ އެކަކު އަނެކަކުދެކެ އިންތިހާއަށް ލޯބިވާ، އަޅާލާ  ބައެކެވެ. މިދެމަފިރިންގެ އުފާވެރި ކަމަކީ މި ލޯބިލޯބި ތިން ކުދިންނެވެ. އާއިލާއެއްގެ މުހިއްމުކަން އުނޭޒާއަށް ވިސްނުނީތީ އޭނާ ހެއްދެވި ފަރާތަށް ޝުކުރުކޮށް ޙަމްދު ކުރެއެވެ.         (ނިމުނީ)

 

އެޑިޓަރުގެ ނޯޓް:

މި ވާހަކައަކީ، 2018 ވަނަ އަހަރު ގައުމީ ވާހަކަ ލިޔުމުގެ މުބާރާތަށް ފޮނުވާފައިވާ ވާހަކައެކެވެ. އެލީޝާ ޢަލީ ޝަމީމް އޭރު ކިޔަވަމުން ދިޔައީ  އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް 10 އޭ ގައެވެ.