މެންގޯ ސާގު ޖެލީ އަކީ ރޯދަމަހު ހޫނު ދުވަހެއްގައި ރޯދަ ވީއްލާ ވަގުތު ބޯލަން ވަރަށް ފުރިހަމަ އަދި އެހާމެ މީރު ބުއިމެކެވެ. މިއީ އެހާ ބުރަ މަސައްކަތް ނުކޮށް ވަރަށް ފަސޭހައިން ތައްޔާރު ކޮށްލެވޭނެ ބުއިމެކެވެ. ތިރީގައި އެވަނީ މި ބުއިން ތައްޔާރު ކޮށްލާނެ ގޮތުގެ ރެސިޕީއެކެވެ.
ބޭނުންވާ ތަކެތި :
2 އަނބު
ކްރީމް މިލްކް (2 މޭޒުމަތީ ސަމްސާ)
ޖެލީ ޕައުޑާ (މެންގޯ ފްލެވާ)
3 ޖޯޑު ފެން
3/1 ޖޯޑު ސާގު
1 ޖޯޑު އެވަޕޮރޭޓެޑް މިލްކް
ގެރި ކިރު (ފޮނިރަހަ ލައްވަން ބޭނުންވާ ވަރަކަށް)
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ އަނބުގެ ތޮށި މަށާލައި ކުދިކޮށް ކޮށާލުމަށްފަހު ކްރީމް މިލްކާއެކު މިކްސަރަށް އަޅައި ސްމޫތީއަށް ވަންދެން ގިރާލާށެވެ. އެއަށްފަހު ޖެލީގަނޑު ތައްޔާރު ކޮށްލުމަށް ތައްޓަކަށް ހޫނު ފެން އަޅައި ޖެލީ ޕައުޑާ އާއި އެކު ތައްޓެއްގައި އެއްކޮށްލާށެވެ. ރަނގަޅަށް އެކުވުމުން ފަސް ވަރަކަށް މިނެޓު ބަހައްޓާލުމަށްފަހު އިތުރު 15 މިނަޓަށް އައިސްއަލަމާރި އަށް ލާށެވެ. ޖެލީގަނޑު ތައްޔާރުވުމުން ކުދިކުދި ކިއުބްސް ގޮތަށް ފޮތި ޖަހާލަން ވާނެއެވެ.
ދެން، ތިން ޖޯޑު ފެން ތެއްޔަކަށް އަޅާލާށެވެ. ފެންފޮދު ހޫނުވެ ބޮކިޖަހަން ފެށުމުން ސާގުކޮޅު އެއަށް އަޅާލުމަށްފަހު 10 ވަރަކަށް މިނެޓު ވަންދެން ކައްކާލާށެވެ. ސާގުކޮޅު ކެކުމުން އޭގެ ފެންގަނޑު ނެގުމަށްފަހު ސާގުކޮޅު ވަކިކޮށް އަލުން އާދައިގެ ފެނުގައި ދޮވެލައި އަނެއްކާ އެ ފެންގަނޑު ވެސް ވަކި ކޮށްލާފައި ބަހައްޓާށެވެ.
ތައްޓެއްގައި އެވޮޕޮރޭޓެޑް މިލްކާއި ގެރިކިރު އެއްކޮށްލާށެވެ. އެއަށްފަހު ފުރަތަމަ މިކްސަރުގައި ތައްޔާރު ކޮށްލި ސްމޫތީ އިން އެތިކޮޅެއް ތައްޓަކަށް އަޅާލާށެވެ. ދެން އޭގެ މައްޗަށް ސާގު އަދި ޖެލީ ކޮޅެއް އަޅާލުމަށްފަހު އެވޮޕޮރޭޓެޑް މިލްކް އަދި ގެރިކިރު މިކްސް ތައްޓަށް އަޅާލާށެވެ. ފިނިކޮށްލުމުން އިތުރަށް މި ބުއިން މީރުވާނެއެވެ.