ޤައުމިއްޔަތުގެ މުހިންމުކަން

މިނިވަންކަމަކީ ކޮންމެ މީހަކުވެސް ބޭނުންވާނެ ކަމެކެވެ. މިނިވަންކަމަކީ ކޮންމެ މީހެއްގެވެސް ޙައްޤެކެވެ. ހަމަ އެފަދައިން ކޮންމެމީހަކުވެސް އެމީހެއްގެ ޤައުމުގައި މިނިވަންކަން އޮންނަން ބޭނުންވެއެވެ. ޤައުމެއްގައި މިނިވަންކަން އޮންނާނީ ނުވަތަ މިނިވަންކަން ދެމެހެއްޓޭނީ އެ ޤައުމެއްގެ ފަރުދުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙު އާލާ ކުރެވިގެންނެވެ. ޤައުމިއްޔަތަކީ ޤައުމީ ވަންތަކަމެވެ. ޤައުމެއްގައި ޤައުމިއްޔަތުގެ ރޫޙޫނެތްނަމަ އެޤައުމެއް އަޅުވެތިކޮށްލުމަކީ މާ އުނދަގޫކަމަކަށް ނުވާނެކަން ޔަޤީނެވެ.

ދިވެހި ޤައުމިއްޔަތު ބިނާވެފައިމިވަނީ މައިގަނޑު ހަތަރު ރުކުނެއްގެ މައްޗަށެވެ. އެއީ މާތްވެގެންވާ އިސްލާމް ދީނާއި، އުފަން ޤައުމުގެ އަމިއްލަ މާދަރީބަސް ކަމުގައިވާ ދިވެހި ބަހާއި، ދިވެހިންގެ ސަޤާފަތާއި ކާބަފައިން ހޯއްދަވާ ދެއްވާފައިވާ މިނިވަންކަމާއި، މި ގައުމުގެ ބިމާ،ކަނޑާ،ޖައްވާ،ރައްޔިތުންގެ މައްޗަށެވެ. މި ހަތަރު ބަޔަކީވެސް އެއްލެޔަކުން ގުޅިފައިވާ ހަތަރުބައެވެ. މިއިން ބަޔަކަށް ލޮޅުމެއް އަރައިފިނަމަ އޭގެ އަސަރު ދެންހުރި ބައިތަކަށް ކުރާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

ދިވެހި ރާއްޖޭގެ ދިގު ތާރީޚަށް ނަޒަރު ހިންގާލާއިރު ދިވެހި ރާއްޖޭގެ ރައްޔިތުންނަކީ އެތައް ފަހަރެއްގެ މަތިން މިނިވަންކަން ގެއްލި އަޅުވެތިކަމުގެ ހިތި ތަޖުރިބާ ކުރަން ޖެހުނު ބައެކެވެ. މި ގޮތުން ޕޯޗުގީޒުންގެ އަނިޔާވެރި 15 އަހަރާއި 6 މަސް ދުވަސް އަދި މަލާބާރީންގެ އަނިޔާވެރި 3 މަހާއި 20 ދުވަސް ފާހަގަކޮށްލެވެއެވެ. މިއިން ކޮންމެ ފަހަރަކުވެސް ރާއްޖެ އަޅުވެތިވުމަށް މެދުވެރިވި މައިގަނޑު ސަބަބަކީ ދިވެހިންގެ މެދުގައި ޤައުމީ ވަންތަކަން ނެތުމެވެ. އަދި ރާއްޖޭގެ ވެރިކަމަށް ދަހިވެފައި ތިބި ބައެއްގެ ސަބަބުންކަން ޔަޤީނެވެ. މިގޮތުން ސުލްތާން ކަޅު މުހަންމަދަކީ ރާއްޖެއަށް ޕޯޗުގީޒުން އެރުވި ޚާއިނެކެވެ. އަދި މީގެ އިތުރުންވެސް ރާއްޖެ އަޅުވެތިވެ، މިނިވަންކަން ގެއްލިދިޔަ ފަހަރުތަކުގައި އިސްކޮށް އުޅުނީ ޤައުމިއްޔަތުގެ ކަންފުޅެއްވެސް ނެތް، އަމިއްލަ ޤައުމަށް ޣައްދާރުވެފައިވާ ދިވެހި ޚާއިނުންކަމާ މެދު ދިވެހި ރައްޔިތުން ޝައްކެއް ނުކުރާނެއެވެ.

ޕޯޗުގީޒުންނާއި މަލާބާރީންގެ އަޅުވެތިކަމުގައި ދިވެހިންނަށް ލިބެމުން ދިޔައީ ސިއްޙީ، ޖިސްމާނީ އަދި ނަފްސާނީ ގެއްލުންތަކެވެ. މާލީ ގޮތުންނާއި އިގްތިޞާދީ ގޮތުން ދިވެހިންނަށް ލިބެމުން ދިޔައީ ފޫނުބެއްދޭ ވަރުގެބޮޑަތި ގެއްލުންތަކެކެވެ. ދިވެހިންވަނީ އެބައިމީހުންގެ އަނިޔާވެރިކަމުގެ މަޅީގައި ބެދި ދިވެހިން ތިބީ ވަރަށް ވެސް ނިކަމެތި ޙާލެއްގައެވެ. ޕޯޗުގީޒުންނާއި މަލާބާރީން ދިވެހީންނަށް އެތައް ގޯނާއެއްކޮށް އެތައް އަނިޔާ ތަކެއް ވަނީ ދީފައެވެ. މީގެ އިތުރުން ދިވެހީންނަށް ވަނީ ގަދަކަމުން އިސްލާމްދީން ދޫކޮށް ނަޞާރާ ދީނަށް ވަނުމަށްބާރު އަޅާފައެވެ. އަދި އަންހެނުންގެ ޢިއްފަތްތެރިކަން ވަނީ ނަގާލާފައެވެ.

މިއިން ކޮންމެ ފަހަރަކުވެސް މި ދިވެހި ރާއްޖެ މިނިވަންވީ ދިވެހިންގެ ބުރަ އަދި ހިތްވަރު ގަދަ މަސައްކަތުން ކަމާމެދު ދިވެހީން ޝައްކެއް ނުކުރާނެއެވެ. ދިވެހީން އަޅުވެތިކަމުން މިނިވަންކަމުގެ ބަނދަރަކާ ހަމައަށް ގެންގޮސްދެއްވީ ދިވެހީން ގެ ތެރެއިން އުފެދިގެން އައި ހިތްވަރުގަދަ، ޤައުމު ދެކެ ލޯބިވާ، ޤައުމީ ބަޠަލުންކަން ޔަޤީނެވެ. މިގޮތުން ޕޯޗުގީޒުންގެ އަތް ދަށުން ދިވެހި ރާއްޖެ ސަލާމަތް ކޮށްދެއްވީ ތިލަދުންމަތީ އުތީމަށް އުފަން މަޝްހޫރު ތިން ބެއިން ކަމުގައިވާ މުޙަންމަދު ތަކުރުފާނު، ޢަލީ ތަކުރުފާނު އަދި ޙަސަން ތަކުރުފާނެވެ. މިތިން ބެއިންގެ އިތުރުންވެސް މި ކަމުގައި އިތުރު ބައެއްގެ ޙިއްސާ އޮންނާނެކަން ކަށަވަރެވެ. އެގޮތުން ދަންޑަހެލު، ހަސަން ހާޖީ އަދި އަލީ ހާޖީ ފާހަގަ ކޮށްލެވެއެވެ.

ތިލަދުންމަތީ އުތީމުގެ މި ތިން ބެއިންގެ ގަދަ ހިތްވަރުން މިއަދުގެ ދަރީން ހިތްވަރު ލިބިގަންނަންޖެހެއެވެ. އެގޮތުން މިއަދުގެ ދަރީންގެ ހިތްތަކުގައި ޤައުމީ ރޫޙު އާލާކުރަންވަނީ ޖެހިފައެވެ. މި ދީބުގައި ޤައުމިއްޔަތު އިތުރަށް ފުޅާކުރަން ވަނީ ޖެހިފައެވެ. ޤައުމުގެ ދަރީންނަކީ ޤައުމަށް ތެދުވެރި، ވަފާތެރި ބަޔަކަށް ހަދަން މިވަނީ ޖެހިފައެވެ. ހިތާމަހުރި ކަމަކީ މި ކަންތަކަށް ދޭންޖެހޭ ވަރަށް ސަމާލުކަން ނުދެވުމެވެ. ޤައުމުގެ އިޖްތިމާޢީ ފޭރާން ވީދިގެން ދިއުމުގެ މައިގަނޑު ސަބަބަކީވެސް ހަމަ މިއީއެވެ. މިއީ އަދުގެ ޙަޤީގަތެވެ

މަލާބާރީންގެ އަނިޔާވެރި ދުވަސްތަކަށް ބަލާލާއިރު، އެފަހަރުވެސް ދިވެހިން ތަޖުރިބާ ކުރަމުން ދިޔައީ ނިކަމެތިކަމެވެ. އެ ފަހަރުވެސް ދިވެހިންގެ މިނިވަންކަން ގެއްލިދިޔައީ ދިވެހިންގެ ތެރެއިން ވެރިކަމަށް ދަހިވެފައި ތިބި ބަޔަކު އަޑީގައި ތިބިގެންކަމީ ދިވެހިންނަށް އޮޅޭނެކަމެއް ނޫނެވެ. މި އަނިޔާވެރި އަޅުވެތިކަމުގައި ދިވެހީންގެ ގެތައް ރޯކޮށް، ދިވެހިންގެ ހަރު މުދާ ލޫޓުވުން ފަދަ ކަންތައް ދިޔައީ ކުރަމުންނެވެ.

މި އަނިޔާވެރިކަމުން މި ދިވެހި ރާއްޖެ ސަލާމަތް ކުރުމަށްޓަކައި ހިތްވަރުގަދަ ފަހުލަވާނުންތަކެއް މަސައްކަތް ފެށިއެވެ. މި މަސައްކަތުގައި އިސްކޮށް އުޅުއްވީ ނަން މަޝްހޫރު ސުލްތާން ޣާޒީ ޙަސަން ޢިއްޒުއްދީން ( ޙަސަން މަނިކުފާނު ) އެވެ. މި ބޭފުޅުންގެ ތޫނު ވިސްނުންފުޅު ބޭނުން ކުރައްވާ، މަލާބާރީން ޤައުމުން ފަހާލަން ތައްޔާރުކުރެއްވީ ވަރަށްވެސް ރަނގަޅު ތަދުބީރުކުރުމެކެވެ. އެއީ މެންދަމު އަވަހަށް މުނާޖާ ދެންނެވުމަށް ފަހު  މަލާބާރީން ނިދަން ދިއުމުން އެމީހުންގެ ހަތިޔާރުތައް ނަގައި ކުއްލި ޙަމަލާއެއް ދިނުމަށެވެ. މި ރޭވުންގަނޑު ވަރަށް ވެސް ކާމިޔާބެވެ. މާތް ﷲގެ ތަނަވަސް ރަޙުމަތްފުޅުން ދިވެހި ޤައުމަށް އެފަހަރުވެސް ނަޞްރު މިންވަރުކުރެއްވީއެވެ.

އަޅުގަނޑުމެން މިނިވަންކަމާ ޤައުމިއްޔަތުގެ ވާހަކަ ދައްކަވާއިރު، މި އަހަރަކީ ދިވެހިންނަށް އިނގެރޭސީންގެ އަތްދަށުން ފުރިހަމަ މިނިވަންކަމެއް ލިބުނުތާ ފަންސާސް ދެވަނަ އަހަރު ފުރޭ މުނާޞަބާ ފާހަގަކުރާ އަހަރެވެ. މީ އުފާވެރި މުނާސަބާއެވެ. މި މިނިވަންކަން އަޅުގަނޑުމެންނަށް ގެނެސްދެއްވީ ކުރީގެ ރައީސް އަލްމަރްޙޫމް އަލްފާޟިލް އިބްރާހިމް ނާޞިރެވެ. ދިވެހި ރާއްޖެއަކީ މިނިވަން ޤައުމެއްގެ ގޮތުގައި ދުނިޔޭގެ އެހެން ޤައުމުތަކުން ވެސް ދެކެން ފެށީ ދިވެހި ރާއްޖެއަކީ ފުރިހަމަ މިނިވަން ޤައުމެއްގެ ގޮތުގައި ކަމަށް އިނގެރޭސި ވިލާތާއި، ދިވެހި ރާއްޖެ ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރި ފަހުންކަން ފާހަގަ ކޮށްލެވެ އެވެ.

ޤައުމީ ލީޑަރުންނާއި މިނިވަންކަމުގެ ވާހަކަ ދައްކަނީ ހަމަ އެކަނި ދިވެހި ރާއްޖެއަކު ނޫނެވެ. ދުނިޔޭގެ އެހެން ކަންކޮޅުތަކުގައި ވެސް މީ ދެކެވޭ ވާހަކައެވެ. ދުނިޔޭގެ ފެންވަރުގެ ޤައުމީ ލީޑަރުންވެސް އެބަ ތިއްބެވިއެވެ. މިގޮތުން މޮހަންޑަސް ކަރަމްޗަންދް ގާނދީ، ނެލްސަން މަންޑޭލާ ފަދަ ނަމޫނާ މިސާލުތައް ބައިވަރެވެ. މިފަދަ މިސާލުތަކުން މިސާލު ލިބިގަނެ، ޤައުމަށް ޚިދުމަތް ކުރުމަށް ފޫގަޅާލަމާ ހިންގަވާށެވެ. އަޅުގަނޑުގެ ދުޢާއަކީ ދިވެހި ޤައުމުގައި ހަމަޖެހުމާ، ސުލްޙަ މަސަލަސްކަން ދެމި އޮތުމެވެ. އަދި ޤައުމުދެކެ ލޯބިވާ ޤައުމީ ވަންތަ ދަރިންތަކެއް ބިނާ ވެގެން ދިއުމެވެ.

އާމީން.

 

އެޑިޓަރުގެ ނޯޓް:

މި މަޒުމޫނަކީ، 2017 ވަނަ އަހަރު ގައުމީ މަޒުމޫނު ލިޔުމުގެ މުބާރާތަށް ފޮނުވާފައިވާ މަޒުމޫނެކެވެ. އިސްމާޢީލް ރަޒީން ޢިމްރާން އޭރު ކިޔަވަމުން ދިޔައީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް 9 އެޗް ގައެވެ. އޭނާ މިހާރު ކިޔަވަމުންދަނީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް 12 އެލް ގައެވެ.