ދިވެހީންގެ މެދުގައި މަގްބޫލް، ފަސޭހައިން ތައްޔާރުކޮށްލެވޭ ގެރިކިރު ބޯކިބަލަކީ، ރޯދަވިއްލާ ވަގުތަށާއި، ތަރާވީސް ގަޑިއަށާއި، ޢީދު ދުވަހު ހެނދުނު ސައި ބޯލަންވެސް ކަމުދާ، މީރު ފޮނި ބޯކިބަލެކެވެ.
ބޭނުންވާ ތަކެތި
- 1 ދަޅު ގެރިކިރު (ޑަބަލް ޕީޗް)
- 1 ޖޯޑު ފުށް (ފުރާނާފައި)
- 1 ސައިސަމުސާ ބޭކިންގް ޕައުޑާ
- 1 ސައިސަމްސާ ވެނީލާ އެސެންސް
- 3 ބިސް ( ކުދި ބިސް ނަމަ 4)
- 1 މޭޒުމަތީ ސަމްސާ ބަޓަރ (ފްރިޖުން ނަގާ ފިނިކަން ކެނޑެންދެން ބަހަށްޓާފައި)
- 1 ސައިސަމްސާ ބަޓަރ (ޓްރޭ ތެރޭ ހާކާލުމަށް)
ތައްޔާރުކުރާނެ ގޮތް
އެންމެ ފުރަތަމަ، ބޯކިބާ ފިހާ ޓްރޭ ތައްޔާރުކުރުމުގެ ގޮތުން، ޓްރޭގައި ބަޓަރުކޮޅު ހަކާލާށެވެ. އަދި އަވަން 180 ޑިގްރީއަށް 7 މިނެޓު ވަންދެން ހޫނުކޮށްލާށެވެ.
ދެން، ބޯތަށްޓެއްގައި، ބިސް ރަނގަޅަށް އެއްކޮށްލުމަށްފަހު، އޭގެ ތެރެއަށް ގެރިކިރު އަޅާ ރަނގަޅަށް ގިރާލާށެވެ.
އެއަށްފަހު، ބަޓަރާއެކު އަނެއްކާވެސް އެއްކޮށްލާށެވެ.
މި ތައްޔާރުކުރި މިކްސް ތެރެއަށް ފުށާއި ބޭކިންގް ޕައުޑާ އަޅާލާ، ރަނގަޅަށް އެއްވަންދެން ގިރާލުމަށްފަހު ވެނީލާ އެސެންސް އަޅާލާ ގިރާލާށެވެ.
އެއްކުރި ސާމާނު ޓްރޭ ތެރެއަށް އޮއްސާލުމަށްފަހު، ހޫނުކުރަން ޖެއްސި އަވަނުގައި 25 މިނެޓު ވަންދެން ބޯކިބާ މައްޗަށް ރަން މުށި ކުލަ އަރަންދެން ފިހެލާށެވެ.