ބުރާސްފަތި, 17 އޭޕްރިލް 2025

ރަހަފަތް: ހުނިގުޅަ

މިއީ ދިވެހީންގެ ތެރޭގައި ނުހަނު މަޝްހޫރު، ހަދާލަން އެހާމެ ފަސޭހަ، ނުލާހިކު މީރު ފޮނި ހެދިކާއެކެވެ. މީގެ ފޮނިމީރު ރަހައާއި ރީތި ކުލަތަކުން ހަމަގައިމުވެސް ރޯދަވީއްލުމުގެ ސުފުރާމަތީގެ ފަޅުފިލުވައިދޭނެއެވެ.

ބޭނުންވާނެ ތަކެތި

1 ޖޯޑު ހުނި
1 މޭޒުމަތީ ސަމުސާ ފުށް
½ ޖޯޑު ހަކުރު
3 އިންޗީގެ ރާނބާ ފަތް
2-3 ތިކި ކާކުލަ (ބޭނުން ކުލައެއް)

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ތެއްޔަކަށް ހަކުރާއި ރާނބާފަތާއި އެކު ހުނި އެޅުމަށްފަހު ހުއްޓާނުލާ ގިރަމުން މަޑުގިނީގައި ކައްކާށެވެ. ހުނިކޮޅު މަޑުވެ، ހަކުރުކޮޅު ރަނގަޅަށް ވިރި، ތަކެތި ތެލީގެ މެދަށް އެއްވެ، ތެލީގެ އަރިމަތީގައި ހިފުން ހުއްޓެންދެން މިގޮތަށް ކައްކާށެވެ. ރަނގަޅަށް ކެކުމުން ރާނބާފަތް ތެލިން ނެގުމަށްފަހު ފުށާއި ކާކުލަ ތެއްޔަށް އަޅާ އެއްކޮށްލާށެވެ. ފުށް މާ ގިނައިން އަޅައިފިނަމަ ގުޅަތައް ހަރުވާނެތީ ސަމުސަލުގެ ތެރޭގައި ފުންޏަކަށް ހުންނަ ގޮތަށް ފުށް ނެގުމުގެ ބަދަލުގައި ސަމުސަލުގެ އަރިމަތި ފަރާތާއި ގާތްގަނޑަކަށް އެއްވަރުވާ އުސްމިނެއްގެ ފުށް ބޭނުންކުރާށެވެ. ފުށާއި ކާކުލަ އެހެން ތަކެއްޗާއި ރަނގަޅަށް އެއްވުމުން އުނދުން ނިވާލުމަށްފަހު ތެލީގައި ހުރި އެއްޗެހި ކޮންޓެއިނަރަކަށް އަޅާށެވެ. ދެން ބޭނުން ސައިޒަކަށް ގުޅަ ވަށާލާށެވެ. ހިހޫވަންދެން މަޑުކޮށްފިނަމަ ފުށްގަނޑު ހަރުވެ، ގުޅަވަށަން އުނދަގޫވާނެތީ ފުށްގަނޑު ހޫނުކޮށް ހުއްޓާ ގުޅަވެށުމަށް ހަނދާންކުރާށެވެ.