ދިވެހި ބަހާއި ސުކޫލު ދަރިވަރުން

ދިވެހި ބަހަކީ އަޅުގަނޑުމެންގެ ގައުމިއްޔަތުގެ މުހިއްމު ބަހާއެކެވެ. ގައުމިއްޔަތުގެ ރޫހަކީ ދިވެހި ބަހެވެ. އެއީ އަޅުގަނޑުމެންގެ މިނިވަންކަމާއި އެއްބައިވަންތަކަން ރައްކާތެރިކޮށްދޭ ވަރުގަދަ ހަތިޔާރެކެވެ. ދިވެހި ގައުމުގެ ފަޚުރުވެރި ވިންދަކީ އެއީއެވެ. އަމިއްލަ މާދަރީ ބަހެއްގެ ނިޢުމަތް އަޅުގަނޑުމެންނަށް ލިބިފައި ވީނަމަވެސް، އެ ނިޢުމަތަށް ޝުކުރުވެރި ނުވެވޭކަމީ ހިތާމައެކެވެ. އަމިއްލަ މާދަރީ ބަސް ދޫކޮށް ފަރަންޖީ ބަހަކަށް އިސްކަންދިނުމަކީ ދިވެހިންގެ ތެރޭގައި ޢާއްމުކަމެކެވެ. މިކަމުން އަރައިގަނެ އަޅުގަނޑުމެންގެ ދިވެހިބަސް ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ޓަކައި ސްކޫލުތަކުގެ ދައުރު ވަރަށް ބޮޑެވެ. އެހެންކަމުން މި ލިޔުމުގައި އަލިއަޅުވައިލާނީ ދިވެހިބަހަށް ސްކޫލް ދަރިވަރުން ޝައުގުވެރި ކުރުވުމަށް ކުރެވިދާނެ ކަންތައްތަކަށެވެ.

ތުއްތު އިރުއްސުރެ ދަރިން ޢާއްމުކޮށް ބޭނުންކުރާ ބަހަކީ ދިވެހި ބަހަށް ހެދުމަކީ ބަހަށް އޮންނަ ލޯބި އިތުރުކުރެވިދާނެ ގޮތެކެވެ. އެގޮތުން ޕްރީސްކޫލު ދައުރުން ފަށައިގެން އެކުދިންނާ މުޢާމަލާތްކުރާ ބަހަކީ ދިވެހި ބަހަށް ހެދުމަކީ މުހިއްމުކަމެކެވެ. އެހެނީ، ކައްޗަށް އެޅި ބިންގަލެއް ކެއްޗާއި ހަމައަށް ނެގިޔަސް ހުންނާނީ ކައްޗަށެވެ. ވީއިރު އެކުދިން ތުއްތު އިރު ވަރުގަދަ ބިންގަލެއް އަޅައިދެންވާނެއެވެ. ނަމަވެސް ހިތާމައަކީ ހަތަރުކަށިމަތި ދިވެހިންގެ ދަރިންނަށް ވެސް ދިވެހިބަހުން ފަރިތަކަމާއެކު ވާހަކަދައްކަން ނޭނގޭކަމެވެ. ތުއްތު އިރުއްސުރެ ދަރިންނާއިނގެރޭސި ބަހުން ވާހަކަދެއްކުމުގެ ސަބަބުން ދިވެހިބަހުން ވާހަކަދެއްކުމަކީ ލަދުވެތި، މަލާމާތް ރައްދުވާ ކަމަކަށްވަނީ ވެފައެވެ. އެހެންކަމުން ސްކޫލު އުމުރުގައި އާއްމުކޮށް ވާހަކަދައްކައި، އަދި ލިޔެއުޅޭ ބަހަކީ ދިވެހިބަސްކަމަށް ވާންވާނެއެވެ.

ގޭމު ކުޅުމާއި، ކާޓޫނު ބެލުންފަދަ ކަންކަމަކީ މިއަދު ސްކޫލު ދަރިވަރުންގެ ދިރިއުޅުމުގެ މުހިއްމުބައެއް ކަމުގައި ވެފައިވާއިރު، އެ އެއްޗެއްސަކީ ފަރަންޖީ ބަހުން އުފައްދާފައިވާ އެއްޗެއްސެވެ. ދިވެހިބަހަށް ޚިދުމަތް ކުރައްވާ ޚިދުމަތްތެރިންނަށް ދޭންޖެހޭ ހައްގު ގަދަރު ދިނުމާއެކު ވެސް ފާހަގަކޮށްލަން ޖެހޭ ހިތި ހަގީގަތަކީ ދިވެހި ބަހުން އުފައްދާފައިވާ ތަކެތި މަދުކަމެވެ. ކުރިއަރަމުން އަންނަ ޓެކުނޮލޮޖީއާ ދިވެހިބަސް އަދާހަމަ ނުވާކަމެވެ. ނަމަވެސް، ކުދިން ޝައުގުވެރިވާނެ ގިނަ މަސައްކަތްތަކެއް ކުރެވިއްޖެނަމަ، އެކުދިންގެ ސަމާލުކަން ދިވެހިބަހަށް ދޭން މަޖުބޫރުވާނެއެވެ. އެހެނީ މަސްދުވާނީ ފެން އޮތް ތާނގައެވެ. އެހެންކަމުން ކުދިން ދިވެހިބަހަށް ޝައުގުވެރިކުރުވުމަށް ޓަކައި ދިވެހި އުފެއްދުންތަކުގެ ދައުރު ބޮޑެވެ.

ސްކޫލު ދަރިވަރުން ދިވެހިބަހަށް ޝައުގުވެރިކުރުވުމަށް ޓަކައި ދިވެހިބަހުން އެކުދިންނަށް ލިބޭ ފުރުސަތުތައް އިތުުރުކުރަންޖެހޭނެއެވެ. ދެ އީދު ދެ ދުވަސް އަންނަހެން ދިވެހިބަހާ ގުޅޭ ދުވަސްތަކެއް ވެސް އަންނާނެއެވެ. އެދުވަސް ފާހަގަ ކުރުމަށް ޓަކައި މާދަރީ ބަހުގެ ދުވަހުގެ ޖަލްސާއެއް ބޭއްވުމަށްފަހު އަދަބީ ހަފްތާއެއް ބޭއްވުމަކުން އެކަމުން އެންމެ އެދެވޭ ނަތީޖާއެއް ނުނުކުންނާނެއެވެ. ކޮވިޑުގެ ހަސްހާސް ދަނޑިވަޅުގައިވެސް އިނގެރޭސި ބަހުން ލިޔުންތައް ލިޔެގެން ތަފާތު އެކި މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދިޔައެވެ. ދިވެހިބަހަކީ ބައިނަލްއަގްވާމީ ފެންވަރުގައި ބޭނުންކުރާ ބަހަކަށް ނުވިޔަސް މި ދިވެހި މުޖުތަމައަށް ހާއްސަކޮށްގެން ހުޅުވާލާ ފުރުސަތުތައް އިތުރުކުރުމަކީ ބަހަށް އޮންނަ ޝައުގުވެރިކަމާއި ލޯބި އިތުރުކުރެވޭނެ ގޮތެކެވެ.

އަޅުގަނޑުމެންގެ މާދަރީބަސް މިފަދަ ނާޒުކު ހާލެއްގައި ވާއިރު، މިއީ ކޮންމެ ދިވެހި ދަރިއަކުވެސް ވިސްނާ ފިކުރު ކުރަންޖެހޭ ކަމެކެވެ. މިއަދުގެ ކިޔަވާކުދިންނަކީ މާދަމާ މި ލޮބުވެތި ދިވެހިބަހާއި ގައުމުގެ ދިފާއުގައި ތެދުވަން ތިބި ދަރިންނަށް ވާއިރު، އެކުދިންގެ ހިތުގައި ބަހަށް އޮތް ލޯބި އިތުރުކުރަންޖެހެއެވެ. ދިވެހިބަހުގެ ކުރިމަގު އޮތީ ދިވެހި ކިޔަވާ ކުދިންގެ އަތްމަތީގައެވެ. ކާބަފައިން އަޅުގަނޑުމެންނަށް ހާވާލުކުރި އަމާނާތް އަންނަންއޮތް ޖީލުތަކާ ހަމައަށް ވާސިލްކޮށްދިނުމަކީ ކޮންމެ ދިވެއްސެއްގެ ގައުމީ ވާޖިބެކެވެ. ނަމަވެސް މި ގައުމީ ވާޖިބު އަދާކުރެވެނީ ކިހާމިންވަރަކަށްތޯއެވެ؟ މިއީ ކާބަފައިންނަށް ހައްގު މިންވަރުތޯއެވެ؟