ބުރާސްފަތި, 17 އޭޕްރިލް 2025

މިއަހަރުގެ މަތީ ސާނަވީ އިންޓަރ ކްލާސް ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތުގެ ފައިނަލުގައި ގްރޭޑް-12 ގެ ދެ ޓީމު ރަން އަކުރުން ވިދާލައިފި!

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ކުޅިވަރު ޖަމްޢިއްޔާ އާއި ސްކޫލްގެ މެނޭޖްމެންޓުން އިންތިޒާމް ކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އިންޓަރ ކްލާސް ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތުގެ ފައިނަލް މެޗްތައް ފޯރިއާއިއެކު މިދިޔަ ހުކުރު ދުވަހު ކ.ހިންމަފުށީގައި ބާއްވައިފިއެވެ.

ކޮންމެ އަހަރަކުވެސް މިމުބާރާތުގެ ފައިނަލް މެޗްތައް މާލެއިން ބޭރުގައި ކުޅެވިގެންދާ މި ފޯރިގަދަ "ކުޅިވަރުގެ ޢީދު" ގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ ލީގު އުސޫލުން މިދިޔަ ފެބްރުވަރީ މަހުގެ 23 އިން މާރިޗު މަހުގެ 2 ގެ ނިޔަލަށެވެ.

މިއަހަރުގެ މުބާރާތުގެ ފުޓްސަލް ޑިވިޝަނުގެ ފައިނަލުގައި ބައްދަލުކުރީ 11-ޖޭ ގެ ކުލާހާއި މިފަހަރުގެ ފަޙުރުވެރި ޗެމްޕިއަން 12-ޑީ ގެ ކްލާހެވެ. މިފަހަރުގެ މުބާރާތުގެ ހޭންޑްބޯލް ޑިވިޝަނުގެ ފައިނަލުގައި 11-ސީ ގެ ކްލާހާއި 12-އޭ ގެ ކްލާސް ބައްދަލު ކުރިއިރު 11-ސީ ގެ ޓީމަށްވަނީ މުޅި މުބާރާތުގެ ރަނިކަންކުރާ 12-އޭ ގެ ޓީމް މޮޅުވިޔަނުދީ ހިފެހެއްޓުމަށް ނުކުޅެދިފައެވެ.

މުބާރާތުގެ ފުޓްސަލް ޑިވިޝަންގެ ފައިނަލް މެޗް ވެގެންދިއައީ މިހާތަނަށް މި މުބާރާތުގެ ތާރީޚުގައިވެސް އެންމެ ފޯރިގަދަވި ފައިނަލް މެޗަށެވެ. 6-8 ގެ ނަތީޖާ އަކުން ވަރުގަދަ 11-ޖޭ ގެ ފަޚުލަވާނުން ސިއްސުވާލި 12-ޑީ ގެ ޓީމުގެ ފަޚުރުވެރި ބަދަވީން ކަމުގައިވާ ރަޒާން އިބްރާހީމް މުޙައްމަދާއި އެ ޓީމްގެ މުޙަންމަދު ޙޫދު އަޙްމަދުގެ ފަރާތުން މި މެޗްގައިވަނީ މޮޅު ކުޅުމެއްދައްކާ، މުޅި ދަނޑު ސިއްސުވާލާފައެވެ. މެޗްގައި 12-ޑީ ގެ ރަޒާން، މޮޅު ހެޓްރިކެއް ހަދައި ޖުމްލަ 4 ގޯލު ކާމިޔާބު ކުރިއިރު އެޓީމުގެ ޙޫދު ވަނީ ފުލުފުލުގައި 3 ގޯލުޖަހައި އޭނާގެ ހެޓްރިކް ކާމިޔާބު ކޮށްފައެވެ. އަދި ފާހަގަކޮށްލެވޭ ގޮތުގައި 12-ޑީ ގެ ގޯލްކީޕަރު މުޙައްމަދު މިޢުރާޝް އަފަަރާހުގެ ފަަރާތުން ފެނުނު ހިތްގައިމު ގޯލުވެސް ވެގެންދިޔައީ މެޗު ބަލަން ތިބި ސަޕޯޓަރުންނާއި އެންމެހާ މެޗް އޮފިޝަލުން ހައިރާންކޮށްލި ގޯލަކަށެވެ. މެޗްގައި 11-ޖޭ ގެ ގޯލުތައް ކާމިޔާބު ކޮށްދިނީ އެޓީމުގެ ހުނަރުވެރި ކުޅުންތެރިން ކަމުގައިވާ މުޒްދާން ޙަސަންއާއި، މުޙައްމަދު ރަފްޝާންގެ އިތުރުން އެޓީމްގެ އާލިފް އަލީއެވެ. މުބާރާތުގެ ފުޓްސަލް ޑިވިޝަންގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަޤާމު 11-ޖޭ ގެ މުޒްދާން ދިފާޢު ކުރިއިރު، ފައިނަލް މެޗްގެ ކިންގް އޮފް ދަ މެޗް ގެ މަޤާމު ހޯދީ 12-ޑީ ގެ ރަޒާން އެވެ.

މުބާރާތުގެ ހޭންޑްބޯލް ޑިވިޝަންގެ ފައިނަލުގައި 12-އޭ ގެ ޓީމުން ވަނީ ފުރިހަމަ އިތުބާރާއިއެކު 0-6 ގެ ނަތީޖާއަކުން 11-ސީ ގ ޓީމު ސިއްސުވާލައި، މުބާރާތުގެ ޗެމްޕިއަންކަން ވިދިވިދިގެން ދެވަނަ ފަހަރަށް ކާމިޔާބުކޮށްފައެވެ. މެޗްގައި 12-އޭ ގެ ގޯލްކީޕަރު އައިޝަތު އާލާ އަލީގެ ހިތްގައިމު މޮޅު ކުޅުމެއް ފެނިގެން ދިޔައިރު އޭނާ ވަނީ 11-ސީ ގެ ޓީމުން 12-އޭ ގެ ގޯލަށް އަމާޒުކޮށް ފޮނުވާލި ގިނަ ހަމަލާތަކެއް ދިފާޢު ކޮށްދީ، މެޗް ނިމުމާއި ހަމައަށް ކްލީން ޝީޓެއް ދަމަހައްޓާފައެވެ. ފައިނަލް މެޗްގެ ކުއީން އޮފް ފަ މެޗް ގެ ޝަރަފު ހޯދި އާލާ އަކީ ރާއްޖޭގެ ޒުވާން ޤައުމީ ހޭންޑްބޯލް ޓީމުގައި ހިމެނޭ ހުނަރުވެރި ކުޅުންތެރި އެކެވެ. މެޗްގައި 12-އޭ ގެ ލަނޑުތައް ޖަހައިދިނީ އެ ޓީމްގެ ދީނާ ފަރުހާދާއި އީނާލް ޢަލީއެވެ. މެޗްގައި ދީނާ ހެޓްރިކަކާއިއެކު ޖުމްލަ 5 ގޯލު ޖެހިއިރު، އެ ޓީމުގެ އީނާލް ވަނީ މުހިންމު ގޯލެއް ކާމިޔާބު ކޮށްދީފައެވެ. މުބާރާތުގެ ހޭންޑްބޯލް ޑިވިޝަންގެ އެންމެ ގިނަ ގޯލް ކާމިޔާބުކުރި ކުޅުންތެރިޔާގެ މަޤާމު 12-އޭ ގެ ފާތިމަތު ޝާޔާ ހޯދިއިރު، އޭނާއަކީ ވެސް ރާއްޖޭގެ ޒުވާން ޤައުމީ ހޭންޑްބޯލް ޓީމުގައި މުހިންމު ދައުރެއް އަދާކުރާ ތަޖުރިބާކާރު ކުޅުންތެރިއެކެވެ.