އަޙްމަދިއްޔާ މަތީސާނަވީ ދަރިވަރުން ހިންމަފުށްޓަށް ކުރި ދަތުރު

މިއީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ މަތީ ސާނަވީ ދަރިވަރުންގެ މެދުގައި ބޭއްވުނު ހޭންޑްބޯޅަ އަދި ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗްތައް ކުޅުމަށް، އެ ސްކޫލްގެ ދަރިވަރުންނާއި ޓީޗަރުން، ކ.ހިންމަފުށްޓަށް ކުރި ދަތުރުގެ ދަތުރުނާމާއެވެ. އަޅުގަނޑު (ޝުޢާޢު އިސްމާޢީލް ޝާން)ގެ އިތުރުން، މި ދަތުރުގައި ބައިވެރިވީ 146 ދަރިވަރުންނާއި، 19 ޓީޗަރުންނެވެ. 12 ޖުލައި 2024 ވީ ހުކުރު ދުވަހުގެ ހެނދުނު ގަޑިން 9.15 ގައި، ހުރިހާ ޓީޗަރުންނާއި، ދަރިވަރުން ހެންވޭރު އެމްޓީސީސީ ފެރީ ޓާމިނަލަށް ޖަމާވެ ތިއްބެވެ. ފޯރިގަދަ މެޗްތައް ބެލުމުގެ އިންތިޒާރުގައިި ތިބި ދަރިވަރުންގެ ހާޒިރީ ހަލުވިކަމާއެކު ޓީޗަރުން ނަންގަވަމުންގެންދެވިއިރު،ހުރިހާ ކުދިންގެ މޫނުމަތިންވެސް ފެންނަމުންދިޔައީ އުފާވެރިކަމުގެ ކުލަވަރެވެ.އެމްޓީސީސީ ގެ "އަލިވިލާ" ނަމަކަށް ކިޔުނު ޑަބަލްޑެކަރ ދޯންޏަށް ދަތުރުގެ ހުރިހާބައިވެރިން އަރައި ހަމަޖެހިލުމާއިއެކު  ދޯނި މާލެއިން ފުރީ ގާތްގަނޑަކަށް ހެނދުނު 9.30  ހާއިރެވެ.

 

ވިއްސާރައިގެ އަސަރު ކޮންމެވެސް ވަރަކަށް އުޑުމަތީގައި ހުރިނަމަވެސް، ދުވަހަކީ ވައިމަޑު ކަނޑުމަޑު ދުވަހެކެވެ. ދަތުރަށް ފުރިއިރު، އިރުގެ ރަން ދޯދިތައް ދިޔައީ  ވިއްސާރަވިލާތަކުގެ ތެރެއިން މަޑުމަޑުން  ފާޅުވަމުންނެވެ. މާސިންގާ ކަނޑުގެ ކުދި ރާޅުތައް ފަރިތަކަމާއި ހަލުވިކަމާއެކު ކަފަމުން ދިޔަ ދޯންޏަށް ޖެހެމުންދިޔަ މަޑުފިނި ވައިރޯޅިތައްވީ،  ދަތުރުވެރިންގެ ހިތްތަކަށް  ލިބުނު ތަސައްލީއަކަށެވެ. ދަރިވަރުންގެ ތެރެއިން އެއްބަޔަކު ލަވަބާޒީ ކުޅުމުގައި ފޯރިނަގަމުން ދިޔައިރު، އަނެއް ބަޔަކު ތިބީ ދަތުރުމަތީ ފެންނަމުން ދިޔަ މަންޒަރުތައް ހަނދާނަށްޓަކައި ކެމެރާތަކުގައި ރައްކާކުރަމުންނެވެ. ވަރުބަލިކަމެއް ފޫހިކަމެއްނެތި، ކުދިންގެ ޙާލަތު ގާތުން ބައްލަވަމުން ގެންދެވި ޓީޗަރުންވެސް ދަރިވަރުންނާއިއެކު މަޖާކޮށް ހެއްދެވިއެވެ. ހިންމަފުށީގެ ޗާލު މަލަމަތި ދޯނީގެ ދިރުނބާކޮޅުން ފެނުނީ ގަޑިއިރެއްހާ ފަހުންނެވެ.

 

 

ރަށަށް ލެފުމާއެކު، އަވަސްވެގަތީ އަޅުގަނޑުމެން ތިބެން ހަމަޖެހިފައިވާ ހިންމަފުށީ ސްކޫލަށް ދިއުމަށެވެ. މާލޭގެ ހަލަބޮލި މަގުތަކާއި ޚިލާފަށް މިރަށުގެ މަގުތަކުން ފެންނަނީ އަމާންކަމެވެ.ފެހިކަމެވެ.ހިތްގައިމުކަމެވެ. ފަސްވަރަކަށް މިނެޓުން ހިނގާލާފައި ސްކޫލަށްދެވުނެވެ. ސްކޫލަށް ވަދެވުމާއިއެކު މެންދުރުގެ ހޫނުގަޑީގައި ދަތުރުގެ ވަރުބަލިކަން ފިލުވާލުމަށްޓަކައި ގިނަ ކުދިން ދިޔައީ ފިނިކޮށްލުމަށްޓަކައި ކްލާސްރޫމްތަކުގެތެރެއަށެވެ. ހުކުރުގެ ވަގުތު ގާތްވުމާއިއެކު، ހުރިހާ ކުދިންވެސް ނަމާދަށް އަވަސްވުމަށް ވުޟޫކޮށް ތައްޔަރުވާންފެށިއެވެ. މެންދުރުނަމާދުގެ ބަންގި ގޮވުމާއިއެކު ފިރިހެން ކުދިން ހުކުރަށް ދިޔައިރު، އަންހެން ކުދިން ކްލާސްރޫމްތަކުގައި ޖަމާޢަތުގައި ނަމާދު ކުރަމުންދިޔައެވެ. ހުކުރުންފައިބަންވާއިރަށް މެންދުރު ކެއުމުގެ ކަންތައްތައް އިންތިޒާމުކުރެއްވުމުގައި ޓީޗަރުން އަވަދިނެތި އުޅުއްވިއެވެ. ނޫޑުލިސްއާއި ފްރައިޑް ރައިސް ހިމެނޭގޮތަށް ހުރި ޕާރުސަލްތައް ކުދިންގެ މެދުގައި ބަހާލެވުނެވެ. އޭރު ގަޑިން މެންދުރުން އަނބުރާ 1.30 ވީއިރު، ގިނަ ދަރިވަރުން ތިބީ ސްކޫލްގެ ގަސްތަކުގެ ފިނި ހިޔަލުގައި ޖަހާފައި ހުރި މޭޒުތަކުގައި މެންދުރުގެ ކެއުމަށް އިންސާފުކުރާށެވެ.

 

މެޗްތައް ފެށެން ހަމަޖެހިފައި އޮތީ މެންދުރުފަހު 3 ޖަހާއިރު ކަމަށް ވުމުން، މެންދުރުގެ ކެއުމަށްފަހު ލިބުނު ހުސްވަގުތުގައި މުނިފޫހިފިލުވުމަށްޓަކައި ދަރިވަރުން އެކި ކަންކަމުގައި މަޝްޣޫލުވެ އުޅުނެވެ. ބަސްބާޒީ، އިޝާރާތް، އަދި ލަވަބާޒީ އެއް ބައި ކުދިން ކުޅެމުން ދިޔައިރު، އަނެއްބައިކުދިން ތާސްބައި އަދި އުނޯގެ ގޭމްތައް ކުޅެމުންދިޔައެވެ. ލަވަ ޖެހުމަށްޓަކައި ބައެއް ކުދިން ގެނައި ސްޕީކަރުތަކުން ޖަހަމުންދިޔަ ޖޯޝުން ފުރިގެންވާ ލަވަތަކުގެ ސަބަބުން، މުޅި ސަރަހައްދުވަނީ އުފާވެރިކަމުގެ ކުލަވަރުން ކުލަޖައްސާލާފައެވެ.

 

މެންދުރުފަހު 3 ޖެހުމާއިއެކު  ހުރިހާ ޓީޗަރުންނާއި، ކުޅުންތެރިންނާއި، އަދި ތަރުހީބުދޭ ހުރިހާ ދަރިވަރުން ހިންމަފުށީ ޓާފް ދަނޑަށް އެއްވިއެވެ. ރެފްރީގެ ކަށިގަނޑާއެކު ހޭންޑްބޯޅަ މުބާރާތުގެ ފައިނަލް މެޗު ފެށިގެންދިޔައީ ނުހަނު ފޯރީގައެވެ. ދެ ޓީމުން ވަރުގަދަ އެޓޭކުތައް ދެމުން ގެންދިޔައިރު މެޗުގެ ފުރަތަމަ ގޯލް ޖެހީ 12އޭ ގެ ޢީނާލް ޢަލީއެވެ. އެޓީމާއި ދެކޮޅަށްކުޅުނު 11ސީ ގެ ކުޅުންތެރިންގެ ހަމަލާތައް މަތަކޮށް 6-0 ގެ ނަތީޖާއިކުން ހޭންޑްބޯޅަ މުބާރާތުގެ ފަޚުރުވެރި ޗެމްޕިއަންކަން ވިދިވިދިގެން ދެވަނަ ފަހަރަށް ހޯދާފައިވަނީ 12އޭ އިންނެވެ. އެޓީމަށް އިތުރު ލަނޑުތައް ޖަހައިދީފައިވަނީ ދީނާ ފަރުހާދެވެ.

ފުޓުބޯޅަ މެޗްވެސް ހަމަ އެހާމެ ފޯރިގަދައެވެ. އެއްފެންވަރެއްގައި ކުޅެމުންދިޔަ ދެ ޓީމުން ދެއްކި ކުޅަދާނަ ކުޅުމުން މެޗުބަލަން ތިބި ދަރިވަރުންނާއި ޓީޗަރުން ވެސް ތިބީ ނޭވާ ހިފަހައްޓާލައިގެންނެވެ. އެއް ޓީމުން ގޯލު ޖަހާއިރަށް، އަނެއް ޓީމުން ވެސް ގޯލެއް ޖަހައެވެ. އެގޮތުން، 11ޖޭ ގެ މުޒްދާން ޙަސަންއާއި، އާލިފް އަލީއާއި،  މުޙައްމަދު ރަފްޝާން އެ ޓީމަށް ގޯލްތައް ޖަހައިދިން ކުޅުންތެރިންގެ ތެރޭގައި ހިމެނެއެވެ. 6-8 ގެ ނަތީޖާއަކުން މި މުބާރާތުގެ ފަޚުރުވެރި އެއްވަނަ ހޯދި 12ޑީގެ ހިތްގައިމު ގޯލްތަކުގެ ތެރެއިން، އެ ޓީމުގެ ރަޒާން އިބްރާހީމް  މުޙައްމަދު ޖެހި 4 ލަނޑާއި، މުޙައްމަދު ޙޫދު އަޙްމަދުގެ 3 ލަނޑުވެސް ފާހަގަކޮށްލެވެއެވެ. މި ހެޓްރިކްތަކުގެ އިތުރަށް އެޓީމުގެ ގޯލްކީޕަރު މުޙައްމަދު މިއުރާޝް އަފްރާޙު ޖަހައިދިން ހިތްގައިމު ލަނޑަކީ ބެލުންތެރިން އާޝޯޚުކުރުވި، އަދި އެ ޓީމުގެ ކުޅުމަށް ލިބުނު އިތުރު ފުރިހަމަ ކަމެއްކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

މެޗްތައް ކުޅެ ނިިމުމާއެކު، އޮތީ ނަތީޖާ ފާޅުކުރުމެވެ. ފުޓުބޯޅަ މުބާރާތުުގެ ޓޮޕް ސްކޯރަރގެ މަޤާމް 11ޖޭގެ ދަރިވަރު،  މުޒްދާން ހޯދާފައިވާއިރު، ފައިނަލް މެޗްގެ މޭން އޮފް ދަ މެޗްގެ ދަރަޖަ ލިބިފައިވަނީ 12ޑީ ގެ ރަޒާންއަށެވެ.

ހޭންޑްބޯޅަ ޑިވިޝަންއަށް ބަލާލާއިރު، މުބާރާތުގެ ޓޮޕް ސްކޯރަރގެ މަޤާމް ލިބިފައިވަނީ 12އޭގެ ފާތުމަތު ޝާޔާއަށެވެ. އަދި ފައިނަލް މެޗްގެ ކުއީން އޮފް ދަ މެޗް ގެ މަޤާމް ދިފާއުކޮށްފައިވަނީ 12އޭގެ ދަރިވަރު އައިޝަތު އާލާ އަލީއެވެ. ރަނަރއަޕްއަށް ދިޔަ ޓީމްތަކާއި، ޗެމްޕިއަން ޓީމްތަކުގެ ކުޅުންތެރިންނަށް ތަށްޓާއި މެޑެލް ދިން ވަގުތު މުޅި ތަންވަނީ ދަރިވަރުންގެ ތަރުހީބުގެ އަޑުން ގުގުމާލާފައެވެ.

ފޯރިގަދަ ދެ މެޗަށްފަހު، ދަރިވަރުންނާއި ޓީޗަރުން މިސްރާބު ޖެހީ ބަނދަރާ ދިމާލަށެވެ. ދަތުރުގެ ސަބަބުން ވެފައިވާ ވަރުބަލިކަން އެންމެންގެ މޫނުމަތިން ފެނުނުނަމަވެސް، އޮއްސެމުންދިޔައިރުގެ ރަން ދޯދިތަކުން އުޑުމަތީ ކުރެހިފައިވާ ނަލަ ތަސްވީރުވީ އެވަރުބަލިކަން ހަނދާންނެތިދިއުމުގެ ސަބަބަކަށެވެ. އިރުއޮއްސި 6 ޖެހިއިރު ދޯނި ހިންމަފުށީ ނެރުން ނިކުމެ މާލެއަށް މިސްރާބު ޖެހުމާއި އެކު  މޮޅުވިޓީމުތަކުން ކާމިޔާބީގެ އުފަލުގައި ފޯރިނަގަމުންދިޔައެވެ. އެވަގުތު ޓީޗަރުން ދަރިވަރުންނަށް ޖޫހާއި ބިސްކޯދު  އަދި ފެން ބައްސަވަމުންގެންދެވިއެވެ.50  މިނެޓުގެ ދަތުރަކަށްފަހު، އެމްޓީސީސީ ފެރީޓަރމިނަލް އަށް ދޯނިލެފިއެވެ. މާލޭގެ ކާރޫބާރޫ ބޮޑު މާހައުލަށް އަނެއްކާވެސް އާދެވުނީއެވެ. ދޯނިން ފޭބުމާއިއެކު ހުރިހާކުދިންވެސް ބެލެނިވެރިންނާއިއެކު އަވަސްވެގަތީ ގެއަށްދާށެވެ.

 

ހަޤީގަތުގައިވެސް ތަފާތު ތަޖުރިބާއެއްކުރެވުނު މިދަތުރަކީ، އެކުވެރިންނާއި ޓީޗަރުންނާއި އޮތްގުޅުން އިތުރަށްބަދަހިވެގެންދިޔަ ހުރިހާގޮތަކުންވެސް އެހާމެ ފުރިހަމަ، ކާމިޔާބު ދަތުރެކެވެ.